ޤަދީމީ ޒަމާނުގެ ދުނިޔޭގެ 7 އަޖައިބު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޤަދީމީ ޒަމާނުގެ ދުނިޔޭގެ 7 އަޖައިބު އަކީ ދުނިޔޭގެ 7 އަޖައިބުގެ ގޮތުގައި ޒަމާނުއްސުރެ ބެލެވެމުން އައިސްފައިވާ ތަންތަނެވެ.

ދުނިޔޭގެ 7 އަޖައިބު[އުނިއިތުރު ގެންނަވާ]

ޖީޒާގެ ޕިރަމިޑް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޖީޒާގެ ޕިރަމިޑް

މިޞްރުގެ ވެރިރަށް ގާހިރާގެ ހުޅަގު ދެކުނަށް އޮންނަ ޖީޒާގައިވާ ބޮޑު 3 ޕިރަމިޑްގެ ތެރެއިން އެންމެ ބޮޑު ޕިރަމިޑަކީ ގަދީމީ ޒަމާނުގެ ދުނިޔޭގެ 7 އަޖައިބުގެ ތެރެއިން މިހާތަނަށް މުޅިން ސަލާމަތުން ފެންނަން ހުރި ހަމައެކަނި އަޖައިބު ކަމުގައިވަނީ ބެލެވިފައެވެ. މިޕިރަމިޑަށް ދެވިފައިވާ ނަމަކީ ޚޫފޫ ޕިރަމިޑް އެވެ. މިޕިރަމިޑް ފިޔަވައި ދެން ހުރި ޕިރަމިޑްތަކަކީ ޚަފްރީ އަދި މެންކޫރީގެ ނަމުން ނަންދެވިފައިވާ ޕިރަމިޑް ތަކެވެ.ޕިރަމިޑްތައް ހުރި ހިސާބަކީ ގަދީމީ ޖީޒާގެ ރަށްފުށުން 8 ކިލޯ މީޓަރު ބޭރު އެވެ. ގާހިރާ ގެ ސިޓީ ސެންޓަރ ނުވަތަ ވުސްތުލް ބަލަދު އޭ ކިޔޭ ހިސާބުން ޕިރަމިޑް ތައް ހުންނަ ހިސާބާއި ދެމެދު 25 ކިލޯ މީޓަރު ހުރެއެވެ.

ބާބިލްގެ އެލިފައިވާ ބަގީޗާ ( ހެންގިންގ ގާރޑްން )[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ބާބިލްގެ އެލިފައިވާ ބަގީޗާ ( ހެންގިންގ ގާރޑްން )

މީގެ 4 ހާސް ވަރަކަށް އަހަރު ކުރިން ދުނިޔޭގައި އޮތް އެންމެ ބާރުގަދަ ރަސްކަމުގެ ވެރިރަށެއް ކަމުގައި ކަނޑައެޅިފައި ވަނީ އިރާގުގެ ބާބިލް އެވެ. އާޝޫރީން އަތުން ބަލިވެ، ބާބިލް އާޝޫރީންގެ ދަށަށް ދިއުމުން، ބާބިލްގެ ދެކުނުގެ ހިސާބުގެ ވެރިޔާ ފާރިސީންގެ ވެރިޔާއާއި އެއްބައިވެ، ދެބައިމީހުން ގުޅިގެން އާޝޫރީން ބަލި ކުރެއްވި އެވެ. އެއަށްފަހު ބާބިލްގެ ވެރިއަކަށް ބާބިލްގެ ދެކުނުގެ ވެރިއަކަށް ހުންނެވި ނަބޯޕޮލަސާރު އިސްކުރެވުނެވެ. އެއަށްފަހު ދެން ބާބިލްގެ ވެރިއަކަށް އިސްކުރެވުނީ އޭނާގެ ދަރިކަލުން ނަބޫޚަޛު ނަޞްރު2 އެކެވެ. އޭނާގެ ވެރިކަމުގައި ބާބިލްގެ ހިމާޔަތަށް އެރަށުގެ ވަށައިގެން ބޮޑު ފާރެއް ބިނާކުރެވުނެވެ. އަދި ފުރާތު ކޯރު ހުރަސް ކުރުމަށްޓަކައި ބޮޑު ފާލަމެއް ބިނާކުރެއްވި އެވެ. އަދި ރަސްކަން ހިންގުމަށް ބޮޑު ބިޔަ ވަރުގަދަ ގަނޑުވަރެއް ބިނާކުރެއްވި އެވެ. ނަބޫޚަޛު ނަޞްރުގެ ވެރިކަން ޢީސާގެ ފާނުގެ 605 އަހަރު ކުރިން ފެށިގެން 43 އަހަރަށް ދެމިއޮތެވެ.

ޒިއުސް ގެ ބުދު[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޒިއުސް ގެ ބުދު

އިހު ޒަމާނުގައި ގްރީކް މީހުންގެ ހިތްތަކުގައި އެމީހުންގެ ރަސްކަލެއް ކަމުގައިވާ ކްރޯނޯސްގެ ދަރިކަލުން ޒިއުސް އަށް ވަރަށް ޚާއްޞަ މަގާމެއް ދެވިފައި ވެއެވެ. އެމީހުންގެ ހިތްތަކުގައި ޒިއުސް އަށްވަނީ ކަލާންގެ އެއްގެ މަގާމް ދެވިފައެވެ. އެގޮތުން ގްރީކްގެ އިރު އުތުރުގައި އޮންނަ އޮލިމްޕަސް ފަރުބަދައިގައި ދިރިއުޅޭނެ ތަނެއް ހެދިއެވެ. އަދި ގްރީކްގެ ދެކުނުގައިވާ ޕީލޮޕޮނީސަސް އޭ ކިޔޭ ރަށުގައިވާ އޮލިމްޕަސް އޭ ކިޔޭ އަވަށް އަޅުކަން ކުރާނޭ ފައްޅިއެއް އަޅާނެ ތަނެއްގެ ގޮތުގައި ހަމަޖެއްސުނެވެ. ރޯމަނުން ޒިއުސް އަށް ޖުޕިޓަރުގެ ނަމުން ވެސް މުޚާތަބު ކޮށްފައި ވެއެވެ. އޮލިމްޕަސް ނުވަތަ އޮލިމްޕިއާ އޮންނަނީ ގްރީކްގެ ވެރިރަށް އެތެންސްގެ ހުޅަގުން 150 ކިލޯ މީޓަރު ދުރުމިނުގައެވެ

އާޓިމިސް ފައްޅި[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އާޓިމިސް ފައްޅި

ގަދީމީ ޒަމާނުގެ ދުނިޔޭގެ 7 އަޖައިބުގެ ތެރެއިން އަޖައިބެއްގެ ގޮތުގައި ބެލެވުނު އާޓިމިސް ފައްޅި ހުންނަނީ ތުރުކީގެ އެފީސޫސް އޭ ކިޔޭ ގަދީމީ ރަށުގައެވެ. މިރަށް އޮންނަނީ ތުރުކީގެ އިޒްމީރުގެ 50 ކިލޯ މީޓަރު ދެކުނުން އޮންނަ ސެލޫކު އޭ ކިޔޭ އަވަށުގެ ކައިރީގައެވެ. މިފައްޅީގެ ބިންގާ އެޅިފައިވަނީ ޢީސާގެ ފާނުގެ 7 ގަރުނު ކުރިންކަމަށް ވެއެވެ. އަދި ބިނާކުރަން ފެށުނީ ޢީސާގެ ފާނުގެ 550 އަހަރު ކުރިންނެވެ. މިހާރު އެފީސޫސް އަށް ކިޔައި އުޅޭ ނަމަކީ އާޔާ ސަލޫކް އެވެ.

މައުސޯލަސް ގެ ޒިޔާރަތް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: މައުސޯލަސް ގެ ޒިޔާރަތް

މައުސޯލިއަމްގެ މާނައަކީ މީހުން ވަޅުލުމަށް ބިމުން މައްޗަށް އުސްކޮށް ހަދައިފައި ހުންނަ މަޤްބަރާ ނުވަތަ ޒިޔާރަތެވެ. އިގިރޭސި ބަހަށް މިބަސް ނެގިފައިވަނީ މިމައުސޯލިއަމް އަށް ނިސްބަތް ކޮށެވެ. މައުސޯލިއަމްގެ ގޮތުގައި މަޝްހޫރު ވެފައިވަނީ ތުރުކީގެ ހަލިކަރްނަސަސް ގައިވާ މައުސޯލަސް ރަސްގެފާނުގެ ޒިޔާރަތެވެ. މިމަގްބަރާ މަޝްހޫރު ވެފައިވަނީ ހަލިކަރްނަސަސްގެ މައުސޯލިއަމްގެ ގޮތުގައެވެ. މިއަދު ހަލިކަރްނަސަސް އަށް ކިޔަނީ ބޮޑްރަމް އެވެ. މިރަށް އޮންނަނީ ތުރުކީގެ ހުޅަގު ދެކުނުގައިވާ އީގަން ކޯރުގެ އައްސޭރީގައެވެ.

ރޯޑެޒްގެ ކޮލޯސަސް ބުދު[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ރޯޑެޒްގެ ކޮލޯސަސް ބުދު

ރޯޑެޒް އަކީ ގްރީސް ގައި އީޖަން ކަނޑުގެ އިރު ދެކުނަށް މެދުތެރޭ ކަނޑުގެ އައްސޭރި ފަށުގައި އޮންނަ ރަށްތަކުގެ ތެރެއިން ހޮވާލެވޭ ބޮޑު ރަށެކެވެ. މިރަށާއި ތުރުކީގެ އައްސޭރި ފަށާއި ދެމެދު ހުންނަނީ 12 މޭލުގެ ދުރުމިނެވެ. މިހިސާބުގެ އެހެން ރަށްތަކާ އަޅާ ބަލާއިރު ރޯޑެޒް އަކީ ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ ރަށެކެވެ. މިރަށް އާރާސްތު ކުރެވިފައިވަނީ މީލާދީގެ ކުރިން 408 ވަނަ އަހަރު އެވެ. އަދި މިރަށަކީ އެޒަމާނުގައި ވިޔަފާރީގެ މަރުކަޒެއްގެ ގޮތުގައި ފާހަގަ ކުރެވޭ ރަށެކެވެ.

ރޯޑެޒް އަކީ ގްރީކުން، ރޯމަނުން، އިޓަލީން، ފާރިސީން، އަދި އަރަބިންގެ އަތްދަށުގައި އޮވެފައިވާ ރަށެކެވެ. ކޮލޯސަސް އޭ ކިޔުނު ބުދު ހުރީ މިރަށަށް ވަންނަ ބަނދަރުގެ ނެރުމަތީގައެވެ. ބުދުގެ ދެފައި ހަރު ކުރެވިފައިވަނީ ނެރުގެ ދެފަރާތުގައި ބުދު ހަރުކުރުމަށް ތައްޔާރު ކުރެވުނު ދުވާރުގެ މަތީގައެވެ. އެހެން ކަމުން ރޯޑެޒްގެ ބަނދަރަށް ވަންނަ ބޯޓް ފަހަރުތައް ބަނދަރަށް ވަދެގެންދާނީ ކޮލޯސަސް ބުދުގެ ދަށުންނެވެ.

އެލެގްސެންޑްރިޔާގެ ލައިޓް ހައުސް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އެލެގްސެންޑްރިޔާގެ ލައިޓް ހައުސް

އެލެގްސެންޑްރިޔާގެ ލައިޓް ހައުސް އަކީ މީލާގެ ކުރިން 3 ވަނަ ގަރުނުގައި ބިނާކުރެވުނު ތަނެކެވެ. އިސްކަންދަރިއްޔާގެ އަލިގެ' ، ނުވަތަ އިސްކަންދަރިއްޔާގެ ބައްތި ގެ ނަމުން މަޝްހޫރުވެފައިވާ މިތަނަކީ ދުނިޔޭގެ ގަދީމީ ޒަމާނުގެ 7 އަޖައިބު ތަކުގެ ތެރޭގައި ގުނާލެވޭ ތަނެކެވެ. މިތަން ހުންނަނީ މިޞްރުގެ އުތުރުން މެދުތެރޭ ކަނޑުގެ އައްސޭރި ފަށުގައި އޮންނަ އިސްކަންދަރިއްޔާގެ އައްސޭރީގައެވެ. ފުރަތަމަ މިތަން ބޭނުންކުރެވުނީ އިސްކަންދަރިއްޔާގެ ބަދަރު ފާހަގަ ކުރާ ނިޝާނެއްގެ ގޮތުގައެވެ. ނުވަތަ ލޭންޑް މާރކެއްގެ ގޮތުގައެވެ.