Jump to content

އެލެގްސެންޑްރިޔާގެ ލައިޓް ހައުސް

ވިކިޕީޑިއާ އިންވިކިޕީޑިއާ
ލައިޓް ހައުސް ހުރިގޮތް ދައްކައިދޭ ޚިޔާލީ ކުރެހުމެއް

އެލެގްސެންޑްރިޔާގެ ލައިޓް ހައުސް އަކީ މީލާގެ ކުރިން 3 ވަނަ ގަރުނުގައި ބިނާކުރެވުނު ތަނެކެވެ. އިސްކަންދަރިއްޔާގެ އަލިގެ' ، ނުވަތަ އިސްކަންދަރިއްޔާގެ ބައްތި ގެ ނަމުން މަޝްހޫރުވެފައިވާ މިތަނަކީ ދުނިޔޭގެ ގަދީމީ ޒަމާނުގެ 7 އަޖައިބު ތަކުގެ ތެރޭގައި ގުނާލެވޭ ތަނެކެވެ. މިތަން ހުންނަނީ މިޞްރުގެ އުތުރުން މެދުތެރޭ ކަނޑުގެ އައްސޭރި ފަށުގައި އޮންނަ އިސްކަންދަރިއްޔާގެ އައްސޭރީގައެވެ. ފުރަތަމަ މިތަން ބޭނުންކުރެވުނީ އިސްކަންދަރިއްޔާގެ ބަދަރު ފާހަގަ ކުރާ ނިޝާނެއްގެ ގޮތުގައެވެ. ނުވަތަ ލޭންޑް މާރކެއްގެ ގޮތުގައެވެ.

އިސްކަންދަރިއްޔާ[އުނިއިތުރު ގެންނަވާ]

މެސެޑޯނިއަން ދަރިކޮޅު ރަސްކަލުން އެލެގްޒެންޑަރ ޛި ގްރޭޓް މީލާދީގެ 332 އަހަރު ކުރިން މިޞްރަށް ވަޑައިގެން މިޞްރުގެ އުތުރުގައި މެދުތެރޭ ކަނޑުގެ އައްސޭރި ފަށަށް ވާގޮތަށް އޮންނަ އިސްކަންދަރިއްޔާ ބިނާކުރެއްވި އެވެ. އިސްކަންދަރިއްޔާ މިނަންދެވުނީ އެލެގްޒެންޑަރ ޛި ގްރޭޓްގެ ނަމާއި ގުޅުވައިގެންނެވެ. އިސްކަންދަރިއްޔާއަކީ މިޞްރުގައި މެދުތެރޭ ކަނޑަށް ވާގޮތަށް އޮންނަ މައި ބަދަރު ކަމުގައި އޭރު ބެލެވުނެވެ. އަދި އިސްކަންދަރިއްޔާ ވެފައިވަނީ ގްރީކުންގެ ޙަޟާރަތުގައި ވެސް ވަރަށް ފާހަގަކޮށްލެވޭ މުހިއްމު ޝަހަރަކަށެވެ. މެސެޑޯނިއަން ދަރިކޮޅު ރަސްކަލުން އެލެގްޒެންޑަރ ޛި ގްރޭޓް މީލާދީގެ 332 އަހަރު ކުރިން މިޞްރަށް ވަޑައިގެން މިޞްރުގެ އުތުރުގައި މެދުތެރޭ ކަނޑުގެ އައްސޭރި ފަށަށް ވާގޮތަށް އޮންނަ އިސްކަންދަރިއްޔާ ބިނާކުރެއްވި އެވެ. އިސްކަންދަރިއްޔާ މިނަންދެވުނީ އެލެގްޒެންޑަރ ޛި ގްރޭޓްގެ ނަމާއި ގުޅުވައިގެންނެވެ. އިސްކަންދަރިއްޔާއަކީ މިޞްރުގައި މެދުތެރޭ ކަނޑަށް ވާގޮތަށް އޮންނަ މައި ބަދަރު ކަމުގައި އޭރު ބެލެވުނެވެ. އަދި އިސްކަންދަރިއްޔާ ވެފައިވަނީ ގްރީކުންގެ ޙަޟާރަތުގައި ވެސް ވަރަށް ފާހަގަކޮށްލެވޭ މުހިއްމު ޝަހަރަކަށެވެ.

ލައިޓް ހައުސް

ލައިޓް ހައުސް ބިނާކުރުން[އުނިއިތުރު ގެންނަވާ]

މީލާދީގެ 323 ގެ ކުރިން އެލެގްޒެންޑަރ ޛި ގްރޭޓް އަވަހާރަވުމުން މިޞްރުގެ ވެރިކަމަށް އިސްވީ އެލެގްޒެންޑަރގެ ދުވަސްވަރު ކޮމާންޑަރަކަށް ހުންނެވި ޕީޓޮލޮމީ ސޯޓަރ އެވެ. އިސްކަންދަރިއްޔާގެ ލައިޓް ހައުސް ( އަލި ކުރާގެ / އަލިކުރާ ބައްތި ) ބިނާކުރަން ފެށުނީ މިޞްރުގެ ވެރިކަމުގައި ޕީޓޮލޮމީ ސޯޓަރ ހުންނެވި ދުވަސްވަރު އެވެ. އެއީ މީލާދީގެ 290 އަހަރު ކުރިންނެވެ. ލައިޓް ހައުސް ބިނާކޮށް ނިމުނީ ކުރިން ބުނި ރަސްކަލުން އަވަހާރަވި ފަހުންނެވެ. އެއީ ލައިޓް ހައުސް ބިނާކުރަން ފެށިތާ 20 އަހަރު ފަހުންނެވެ. އާދެ މީލާގެ 270 އަހަރު ކުރިންނެވެ. އަދި މިއީ ދުނިޔޭގައި އެންމެ ފުރަތަމަ ބިނާކުރެވުނު ލައިޓް ހައުސް ކަމުގައި ބުނެވެއެވެ. އެދުވަސްވަރު މިޞްރުގައި ހުރި ޕިރަމިޑް ނެގުމަށްފަހު ދުނިޔޭގައި ހުރި އެންމެ އުސްތަނެއްގެ ގޮތުގައި ބެލެވިފައިވަނީ ވެސް ލައިޓް ހައުސް އެވެ.


ލައިޓް ހައުސް ފަރުމާކުރުން[އުނިއިތުރު ގެންނަވާ]

ލައިޓް ހައުސް ބިނާކުރެވުނީ ހުދު ކުލައިގެ ސަންގުމަރުމަރު ހިލައިންނެވެ. މިތަން މަޝްހޫރު ވެފައިވަނީ ފާރޫސް މުންނާރުގެ ނަމުންނެވެ. ފާރޫސް އަކީ ލައިޓް ހައުސް ހުރި އަވަށް ނުވަތަ ހިސާބު ގަނޑަށް ކިޔައި އުޅުނު ނަމެވެ. ލައިޓް ހައުސް ފަރުމާ ކޮށްފައިވަނީ ސޮސް ޓްރޭޓީސް އޭ ކިޔޭ ފަންނު ވެރިއެކެވެ. އޭނާ އެތަން ފަރުމާކޮށް ހެދި އިރު ބިންގާ އެޅުމަށް ހެދި ފަށަލައިގައި އޭނާގެ ނަން ބިންވަޅު ކަނޑައި ލިޔުމަށް އެދުނެވެ. ނަމަވެސް އޭރު ވެރިއަކަށް ހުންނެވި ޕީޓޮލޮމީ 2 އެކަމާއި އިދިކޮޅު ހެއްދެވި އެވެ. ފަހުން ސޮސް ޓްރޭޓީސް އޭނާގެ ނަންލިޔެ، އޭގެ މަތިން ޕްލާސްޓަރު އަޅައި، ޕްލާސްޓަރުގެ މަތީގައި ޕީޓޮލޮމީގެ ނަން ލިޔުނެވެ. ޒަމާންތަކެއް ފަހުން ޕްލާސްޓަރު ގަނޑު ނެއްޓިގެން ދިއުމުން ދެން ފެންނަށް ހުރީ ސޮސް ޓްރޭޓީސް ގެ ނަމެވެ.


ލައިޓް ހައުސްގެ އޮނިގަނޑު[އުނިއިތުރު ގެންނަވާ]

ލައިޓް ހައުސްގެ އުސްމިނުގައި 440 ފޫޓް ހުރެއެވެ. އޭގެ ތިރި ނުވަތަ ފެށޭ ހިސާބު އިންނަނީ ހަތަރެސްކަން ހަމަކޮށެވެ. ދެން ޖެހިގެން އޭގެ މައްޗަށް އިންނަ ބައި ހުރީ އޮކްޓަގަން( އަށް ކަނަށްވާގޮތަށް ) އެއްގެ ސިފަޔަށް ކަމަށް ބުނެވެއެވެ. އެންމެ މަތި ހުންނަނީ ވަށްކޮށެވެ. ތާރީޚީ ޢިލްމުވެރިން ވިދާޅުވާގޮތުން ލައިޓް ހައުސް ބިނާކޮށްފައިހުރީ މަތިމައްޗަށް ގުޅައިފައި ހުރި ބުރުޒު ތަކެއްގެ ސިފަޔަށެވެ. އަދި އެގޮތަށް 4 ބުރުޒު ހުރިކަމަށް ބުނެވެއެވެ. އަދި މިގޮތަށް ބިނާކޮށްފައި އިންނަ ކޮންމެ ބުރެޒެއް ވެސް އޭގެ ދަށަށް އިންނަ ބުރުޒަށްވުރެ ކުޑަކަމަށް ވެއެވެ. ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ދުނިޔޭގެ އެންމެ އުސް ތަނުގެ ގޮތުގައި މިތަން ފާހަގަ ކުރެވިފައި ވެއެވެ.

ބުރުޒުގެ އެންމެ މަތީގައި ލޯތައްޓެއް ފަދަ އެއްޗެއްގައި އަބަދުވެސް އަލިފާން ރޯކޮށް ދިއްލާފައި ހުރެއެވެ. މެދުތެރޭ ކަނޑުން 35 މޭލު ދުރުން ދަތުރުކުރަމުންދާ ބޯޓް ފަހަރަށް ވެސް މިތާގެ އަލިކަން ފެންނަ ކަމަށް ވެއެވެ. ބައެއް ލިޔުން ތަކުގައި 100 މޭލު ދުރަށް އަލި ފެންނަ ކަމުގައި ލިޔެފައި ވެއެވެ. ހަމަމިހެން އެންމެ މަތީގައި ބޮޑު ލޯގަނޑެއް ބެހެއްޓިފައި ހުންނަ ކަމަށް ވެއެވެ. ބައެއް ތާރީޚީ ޢިލްމުވެރިން ދެކެލައްވާގޮތުގައި އެލޯގަނޑުގެ އެހީގައި ޤަސްޠަންޠީނިއްޔާ، ކުޑަ އޭޝިޔާ އޭ ކިޔޭ ސަރަހައްދާއި، އަދި މެދުތެރޭ ކަނޑުގެ އިރުމަތީގައިވާ ހިސާބުގައި ހިގާ ކަންތައްތައް ބަލާލެވިދާނެ އެވެ.

ލައިޓް ހައުސް އިން ފޮނުވި އަލިކަން މެދުތެރޭ ކަނޑުން ދަތުރުކުރި އުޅަނދު ފަހަރަށާއި، އިސްކަންދަރިއްޔާ ގެ ބަނދަރަށް ވަތް އުޅަނދު ފަހަރަށް 1500 އަހަރުވަންދެން ލިބިލިބި ހުއްޓެވެ. ރޭގަނޑުވުމުން މަތީގައި ރޯކޮށްފައި ހުންނަ އަލިފާން ގަނޑުގެ އެހީގައި ބަނދަރު ފާހަގަ ކުރުމަށް، ދުވާލު ވުމުން މަތީގައި ބެހެއްޓިފައިވާ ލޯގަނޑަށް އިރުގެ އަލި އެޅުމުން އުފެދޭ ދޯދިން ބަނދަރު ފާހަގަކުރުމަށް ލައިޓް ހައުސް ބޭނުން ކުރެވުނެވެ.

ޢަރަބިންގެ އަތްދަށަށް މިޞްރު ދިއުމަށްފަހު މިޞްރުގެ ވެރިކަން އިސްކަންދަރިއްޔާ އިން ގާހިރާ(ކައިރޯ) އަށް ބަދަލު ކުރެވުނެވެ. އެދުވަސްވަރު ލައިޓް ހައުސް މަތީގައި ބަހައްޓާފައި ހުރި ލޯގަނޑު ތަޅައިގެން ދިއުމުން އޭގެފަހުން އެފަދަ ލޯގަނޑެއް ބަހައްޓާފައެއް ނުވެއެވެ.

ޤަދީމީ ޒަމާނުގެ ދުނިޔޭގެ 7 އަޖައިބު
ޖީޒާގެ ބޮޑު ޕިރަމިޑް
ބާބިލްގެ އެލިފައިވާ ބަގީޗާ ( ހެންގިންގ ގާރޑްން )
ޒިއުސްގެ ބޮޑު ބުދު
އާޓިމީސް ފައްޅި
މައުސޯލަސް ގެ ޒިޔާރަތް
ރޯޑެޒްގެ ކޮލޯސަސް ބުދު
އެލެގްސެންޑްރިޔާގެ ލައިޓް ހައުސް


މީލާދީން 1166 ވަނަ އަހަރު އަބުލް ޙައްޖާޖު އަލް އަންދަލުސީ އޭ ކިޔޭ ޢަރަބި ދަތުރުވެރިޔަކު ލައިޓް ހައުސް އަށް ޒިޔާރަތް ކުރި އެވެ. އޭނާ ހާމަކޮށްފައިވާ ގޮތުން ލައިޓް ހައުސް ވަނީ ބިންގާގެ ގޮތުގައި އެޅި ފަށަލަ ނުވަތަ ބައި ނުލައި މައްޗަށް 3 ބައި އިންނަ ގޮތަށް ބިނާކުރެވިފައެވެެ.

މައްޗަށް އިންނަ 3 ބައިން ފުރަތަމަ ބައި އިންނަނީ ހަތަރެސް ކަނަށް ވާގޮތަށެވެ. މިބައިގެ އުސްމިނުގައި 55.9 ފޫޓް ހުރެއެވެ. ދެވަނަ ބައި އިންނަނީ އަށްކަނަށް ވާގޮތަށެވެ. މާނައަކީ އަށްކަނާއި އަށް ފަރާތް އިންނަ ގޮތަށެވެ. މިއިން ކޮންމެ ފަރާތެއްގެ ދިގުމިނުގައި 18.30 މީޓަރު ހުރެއެވެ. އަދި މިބައިގެ އުސްމިނުގައި 27.45 ފޫޓް ހުރެއެވެ. ބިންގާގެ ގޮތުގައި އަޅާފައިވާ ބަޔާއެކު މުޅި ލައިޓް ހައުސްގެ އުސްމިނުގައި 117 މީޓަރު ހުރެއެވެ.

މީލާދީން 956 ވަނަ އަހަރު އިސްކަންދަރިއްޔާ އަށް އައި ބިންހެލުމެއްގައި ކޮންމެ ވެސް ވަރަކަށް ލައިޓް ހައުސް އަށް ގެއްލުން ލިބިފައި ވެއެވެ. އެއަށްފަހު މީލާދީން 1303، އަދި 1323 ގައި އައި ދެބިން ހެލުމެއްގައި ލައިޓް ހައުސް ވަރަށް ބޮޑަށް ހަލާކުވެގެން ދިޔައެވެ. އެއްކޮށް ލައިޓް ހައުސް ހަލާކުވެގެން ދިޔައީ 1326 ވަަނަ އަހަރުގައި ކަމަށް ބައެއް ލިޔުންތަކުގައި ވެއެވެ.


ލައިޓް ހައުސް ހުރިތަން މިއަދު އޮތްގޮތް[އުނިއިތުރު ގެންނަވާ]

ލައިޓް ހައުސް ހުރި ތާގައިބިނާކޮށްފައިވާ ގައިތުބޭ ކޯއްޓޭ

މީލާދީން 1480 ވަނަ އަހަރު މަމާލިކުންގެ ރަސްކަލެއް ކަމުގައިވާ ޤައިޠުބޭ މިޞްރުގެ ވެރިކަމުގައި ހުންނެވި ދުވަސްވަރު އިސްކަންދަރިއްޔާގެ ސަލާމަތަށްޓަކައި އެތާގެ ބާރު ގަދަ ކުރެއްވުމުގެ ގޮތުން ލައިޓް ހައުސް ހުރިތާގައި ބޮޑު ކޯއްޓޭއެއް ބިނާކުރެއްވި އެވެ. މިކޯއްޓޭ ބިނާކުރެއްވީ ލައިޓް ހައުސް ހަލާކުވުމުން އެތާގައި ހުރި ގާތަކާއި ސަންގުމަރުމަރު ހިލަތައް ބޭނުންކޮށްގެންނެވެ. މިއަދު މިބުނި ކޯއްޓޭ މަޝްހޫރު ވެފައިވަނީ ޤައިޠުބޭ ކޯއްޓޭގެ ނަމުންނެވެ. އިސްކަންދަރިއްޔާ އަށްދާ ގިނަ ފަތުރުވެރިންގެ މަންޒިލަކަށް މިކޯއްޓޭ ވަނީ ވެފައެވެ.

ފަހުގެ ހޯދުންތައް[އުނިއިތުރު ގެންނަވާ]

އިސްކަންދަރިއްޔާގެ އިރުމަތީ ބަނދަރުގެ އަޑިން 1994 ޑައިވަރުން ތަކެއް ވަނީ އިސްކަންދަރިއްޔާގެ އަލިކުރާގެ ހަލާކުވެގެން ދިޔައިރު ފައިބައިގެން ދިޔަ ކަމަށް ބެލެވޭ ބައިތަކެއް ހޯދާފައެވެ. މީގެ އިތުރުން އެހިސާބުގަނޑުގެ ސެޓެލައިޓް ފޮޓޯ ތަކުން ވެސް އެފަދަ ބައިތައް ކަމަށް ބެލެވޭ ތަކެތި ފެނިފައި ވެއެވެ.

އަދިވެސް ބައްލަވާ ލައްވާ[އުނިއިތުރު ގެންނަވާ]