މައުސޯލަސް ގެ ޒިޔާރަތް

ވިކިޕީޑިއާ އިންވިކިޕީޑިއާ

މައުސޯލިއަމްގެ މާނައަކީ މީހުން ވަޅުލުމަށް ބިމުން މައްޗަށް އުސްކޮށް ހަދައިފައި ހުންނަ މަޤްބަރާ ނުވަތަ ޒިޔާރަތެވެ. އިގިރޭސި ބަހަށް މިބަސް ނެގިފައިވަނީ މިމައުސޯލިއަމް އަށް ނިސްބަތް ކޮށެވެ. މައުސޯލިއަމްގެ ގޮތުގައި މަޝްހޫރު ވެފައިވަނީ ތުރުކީގެ ހަލިކަރްނަސަސް ގައިވާ މައުސޯލަސް ރަސްގެފާނުގެ ޒިޔާރަތެވެ. މިމަގްބަރާ މަޝްހޫރު ވެފައިވަނީ ހަލިކަރްނަސަސްގެ މައުސޯލިއަމްގެ ގޮތުގައެވެ. މިއަދު ހަލިކަރްނަސަސް އަށް ކިޔަނީ ބޮޑްރަމް އެވެ. މިރަށް އޮންނަނީ ތުރުކީގެ ހުޅަގު ދެކުނުގައިވާ އީގަން ކޯރުގެ އައްސޭރީގައެވެ.

މައުސޯލަސް އަކީ މީލާދީގެ ކުރިން 377ން 353 ވަނަ އަހަރާއި ހަމައަށް ތުރުކީގެ ބައެއް ކަމުގައިވާ ކާރިޔާގައި ވެރިކަން ކުރެެއްވި ރަސްކަލެކެވެ. އޭނާގެ ވެރިކަމުގައި ކާރިޔާއިން ހަލިކަރްނަސަސްއަށް ވެރިކަން ބަދަލު ކުރެވުނެވެ. މައުސޯލަސް އަށް ވެރިކަން ލިބުނީ ބައްޕާފުޅު ހީކަޓޮމްނަސް އަވަހާރަވުމުންނެވެ.

މައުސޯލަސް ގެ ޒިޔާރަތް.

މީލާދީގެ ކުރިން 353 ވަނަ އަހަރު މައުސޯލަސް ރަސްގެފާނު އަވަހާރަވުމުން އޭނާގެ އަބިކަނބަލުން ރާނީ އާޓިމީސިއާ މައުސޯލަސް ނިޔާވުމުގެ ހިތާމައިގައި ޒިޔާރަތެއް އެޅުމަށް ކަނޑައެޅިއެވެ. މިގޮތުން ޒިޔާރަތް ހަދައި ނިމުނީ މައުސޯލަސް ނިޔާވިތާ 3 އަހަރު ފަހުންނެވެ. އެއީ މީލާދީގެ ކުރިން 350 ވަނަ އަހަރު އެވެ. ޒިޔާރަތް ހަދައި ނިމުމުގެ ކުރިން ރާނީ އާޓިމީސިއާ ވަނީ އަވަހާރަވެފައެވެ.

މިޒިޔާރަތް ހެދުމަށްޓަކައި އާޓިމީސިއާ ގްރީސް އަށް މީހުން ފޮނުވައިގެން އެތަނުން މަޝްހޫރު ފަންނުވެރިން ގެނައެވެ. އެގޮތުން ޒިޔާރަތް ހެދުމުގައި އިސްރޯލެއް އަދާކުރީ ސްކޯޕަސް އެވެ. އެހީތެރިންގެ ގޮތުގައި އުޅުނު އެކަމުގެ ފަންނާނުންގެ ތެރޭގައި ބްރެކްސިސް، ލިއޯކަރޭޒް، އަދި ޓިމޯތިއަސް ފަދަ ފަންނުވެރިން ހިމެނެއެވެ.

16 ގަރުނުގެ މުއްދަތަށް ޒިޔާރަތަށް ގެއްލުމެއް ނުލިބި ސަލާމަތުން ހުރިއެވެ. 14 ވަނަ ގަރުނުގެ ކުރީކޮޅު އައި ބިންހެލުމަށްފަހު ޒިޔާރަތް މަޑުމަޑުން ހަލާކުވަމުން ދިޔައެވެ. 15 ވަނަ ގަރުނުގެ ކުރީކޮޅު މޯލްޓާގެ އެސްޓީ ޖޯންގެ އަސްވާރުން ހަލިކަރްނަސަސް އަށް ވަދެގަނެ، އެތާގައި ބިޔަ ކޯއްޓޭއެއް ބިނާކުރިއެވެ. މީލާދީން 1494 ވަނަ އަހަރު އެކޯއްޓޭ އިތުރަށް ވަރުގަދަ ކުރުމަށް ބޭނުންވުމުން މައުސޯލިއަމް އިން ހިލަތައް ނައްޓައިގެން ބޭނުން ކުރެވުނެވެ. މީލާދީން 1522 ވަނަ އަހަރާއި ހަމައަށް އައިއިރު މިޒިޔާރަތުގައި ހުރި ހުރިހާ ހިލައެއް ވަނީ ނަގައިގެން މިބުނި ކޯއްޓޭ ވަރުގަދަ ކުރުމަށް ބޭނުން ކުރެވިފައެވެ.

މިއަދުވެސް ބޮޑްރަމްގައި މިބުނި ކޯއްޓޭ އެބަހުރިމެއެވެ. އެކޯއްޓޭގެ ފާރުގައި ހުރި އޮމާން ހިލަތަކާއި، ސަންގުމަރުމަރު ހިލަތަކަކީ ކުރިން މައުސޯލިއަމް ގައި ހުރި ތަކެއްޗެވެ. މިޒިޔާރަތުން ހިމާޔަތް ކުރެވުނު ބައެއް ބުދު ފަދަތަކެތި އިގިރޭސި ވިލާތުގެ ދާރުލް އާޘާރުގައި ބެހެއްޓިފައި ވެއެވެ.

މުޅި ޒިޔާރަތުގެ އުސްމިނުގައި 45 މީޓަރު ހުރެއެވެ. އެބައި ބެހިފައިވަނީ އަންނަނިވި ގޮތަށެވެ. އެންމެ ތިރީގައިވާ ޕޯޑިއަމްގެ އުސްމިނުގައި 20 މީޓަރު ވެއެވެ. އަދި އެއާ ވިދިގެން އިންނަ ތަބުތައް ލާފައިވާ ބައިގެ އުސްމިނުގައި 12 މީޓަރު ހުރެއެވެ. އޭގެ މައްޗަށް އިންނަ ޕިރަމިޑްގެ އުސްމިނަކީ 7 މީޓަރު އެވެ. އަދި ޕިރަމިޑްގެ މަތީގައި ބެހެއްޓިފައި ހުންނަ ބުދުގެ އުސްމިނުގައި 6 މީޓަރު ހުރެއެވެ. ޕޯޑިއަމްގެ ތިރިން ބިންމަތިން މިން ނަގާއިރު ފުޅާމިނުގައި 30 މީޓަރު އަދި ދިގުމިނުގައި 40 މީޓަރު ހުރެއެވެ.

ޤަދީމީ ޒަމާނުގެ ދުނިޔޭގެ 7 އަޖައިބު
ޖީޒާގެ ބޮޑު ޕިރަމިޑް
ބާބިލްގެ އެލިފައިވާ ބަގީޗާ ( ހެންގިންގ ގާރޑްން )
ޒިއުސްގެ ބޮޑު ބުދު
އާޓިމީސް ފައްޅި
މައުސޯލަސް ގެ ޒިޔާރަތް
ރޯޑެޒްގެ ކޮލޯސަސް ބުދު
އެލެގްސެންޑްރިޔާގެ ލައިޓް ހައުސް


ތަނބުތައް ހިމެނޭ ބައިގައި މުޅި ޖުމްލަ 36 ތަބު ހުރެއެވެ. ޕިރަމިޑް އިންނަނީ ސިނޑި ބަރިއެއް ހެން ހަދާފައެވެ. ޕޯޑިއަމްގެ އަރިމަތި ހުންނަނީ ބުދުކުރަހައިގެން ޒީނަތް ކުރެވިފައެވެ. ސަންދޯން ބެހެއްޓިފައި ހުންނަނީ ޕޯޑިއަމް ގެ އެތެރޭގައެވެ. ހުދު އަލަބަސްޓާ އިން ތައްޔާރު ކުރެވިފައިވާ ސަންދޯން ހުންނަނީ ރަނުން ޖަޒީކުރެވިފައެވެ. މިއަދު މައުސޯލަސް ހުރި ތާގައި ފެންނަން ހުރީ ހަމައެކަނި އޭގެ ބިންގަލެވެ.