ބާބިލްގެ އެލިފައިވާ ބަގީޗާ ( ހެންގިންގ ގާރޑްން )

ވިކިޕީޑިއާ އިންވިކިޕީޑިއާ
ކުރެހުންތެރިއެއްގެ ކުރެހުމަކުން ބާބިލްގެ ބަގިޗާތައް: މިމަންޒަރުގެ ފަހަތުން ބާބިލްގެ ޓަވަރުވެސް ފެންނަން ހުރެއެވެ.

އެލިފައިވާ ބަގީޗާ ނުވަތަ ހެންގިންގ ގާރޑްންގެ ނަމުން ނަންދެވިފައިވާ މިބަގީޗާއަކީ ވެސް ދުނިޔޭގެ ޒަމާންވީ އަޖައިބުތަކުގެ ތެރޭގައި ގުނާލެވޭ ތަނެކެވެ. މިބަގީޗާ އޮތް ކަމަށް ބެލެވެނީ އިރާގުގެ ބަޣުދާދުގެ 50 ކިލޯ މީޓަރު ދެކުނުން ފުރާތު ކޯރުގެ އައްސޭރީގައެވެ.

މީގެ 4 ހާސް ވަރަކަށް އަހަރު ކުރިން ދުނިޔޭގައި އޮތް އެންމެ ބާރުގަދަ ރަސްކަމުގެ ވެރިރަށެއް ކަމުގައި ކަނޑައެޅިފައި ވަނީ އިރާގުގެ ބާބިލް އެވެ. އާޝޫރީން އަތުން ބަލިވެ، ބާބިލް އާޝޫރީންގެ ދަށަށް ދިއުމުން، ބާބިލްގެ ދެކުނުގެ ހިސާބުގެ ވެރިޔާ ފާރިސީންގެ ވެރިޔާއާއި އެއްބައިވެ، ދެބައިމީހުން ގުޅިގެން އާޝޫރީން ބަލި ކުރެއްވި އެވެ. އެއަށްފަހު ބާބިލްގެ ވެރިއަކަށް ބާބިލްގެ ދެކުނުގެ ވެރިއަކަށް ހުންނެވި ނަބޯޕޮލަސާރު އިސްކުރެވުނެވެ. އެއަށްފަހު ދެން ބާބިލްގެ ވެރިއަކަށް އިސްކުރެވުނީ އޭނާގެ ދަރިކަލުން ނަބޫޚަޛު ނަޞްރު2 އެކެވެ. އޭނާގެ ވެރިކަމުގައި ބާބިލްގެ ހިމާޔަތަށް އެރަށުގެ ވަށައިގެން ބޮޑު ފާރެއް ބިނާކުރެވުނެވެ. އަދި ފުރާތު ކޯރު ހުރަސް ކުރުމަށްޓަކައި ބޮޑު ފާލަމެއް ބިނާކުރެއްވި އެވެ. އަދި ރަސްކަން ހިންގުމަށް ބޮޑު ބިޔަ ވަރުގަދަ ގަނޑުވަރެއް ބިނާކުރެއްވި އެވެ. ނަބޫޚަޛު ނަޞްރުގެ ވެރިކަން ޢީސާގެ ފާނުގެ 605 އަހަރު ކުރިން ފެށިގެން 43 އަހަރަށް ދެމިއޮތެވެ.

ކުރިން ބުނެވުނު ގަނޑުވަރުގެ ކައިރީގައި ފުރާތު ކޯރުގެ އައްސޭރި ފަށުގައި ނަބޫޚަޛު ނަޞްރު2 ބާބިލްގެ މަޝްހޫރު ހެންގިންގ ގާރޑްން ބިނާކުރެއްވި އެވެ. ބަގީޗާއެއްގެ ނަން ދީފައިވީ ނަމަވެސް މިއީ ބަގީޗާއި ޢިމާރާތްތައް ހިމެނޭ ގޮތަށް ގަނޑުވަރެއްގެ ސިފަޔަށް ބިނާކުރެވުނު ތަނެކެވެ.


ޤަދީމީ ޒަމާނުގެ ދުނިޔޭގެ 7 އަޖައިބު
ޖީޒާގެ ބޮޑު ޕިރަމިޑް
ބާބިލްގެ އެލިފައިވާ ބަގީޗާ ( ހެންގިންގ ގާރޑްން )
ޒިއުސްގެ ބޮޑު ބުދު
އާޓިމީސް ފައްޅި
މައުސޯލަސް ގެ ޒިޔާރަތް
ރޯޑެޒްގެ ކޮލޯސަސް ބުދު
އެލެގްސެންޑްރިޔާގެ ލައިޓް ހައުސް

ބުނެވޭގޮތުގައި ހެންގިންގ ގާރޑްން ބިނާކުރެވުނީ ނަބޫޚަޛު ނަޞްރު2 އޭނާގެ އަނބިކަނބަލުން އެމީޓިސް ހިތްޕުޅު ހަމަޖައްސަވައި ދެއްވުމަށް ދިިރިއުޅުއްވާނެ ތަނެއްގެ ގޮތުގައެވެ. އެމީޓިސް ދިރިއުޅެ ބޮޑުވީ ގަސްތަކާއި ފަރުބަދަތައް ހިމެނޭ ހިސާބެއްގައި ކަމަށްވުމާއި އެކު ނަބޫޚަޛު އާއި ކައިވެނި ކުރެއްވުމަށްފަހު ވެސް އެފަދަ ދިރިއުޅުމަށް ލޯބި ކުރެއްވި އެވެ. ބައެއް ލިޔުންތަކުގައި ހެންގިންގ ގާރޑްން ބިނާކުރެއްވީ އާޝޫރީންގެ ރާނީއެއްކަމުގައިވާ ސަމީރަމިސް ކަމަށް ލިޔެފައި ވެއެވެ.

ހެންގިންޑް ގާރޑްންގެ އުސްމިނުގައި 80 ފޫޓް ހުރެއެވެ. ދިގުމިނާއި ފުޅާ މިނުގައި 400 ފޫޓް ހުރެއެވެ. އަދި ވަށައިގެން ރައްކަލަކަށް ބިނާކުރެވިފައިވާ ފާރުގެ ބޯމިނުގައި 23 ފޫޓް ހުރެއެވެ. އަދި މިބުނި ފާރުގެ އުސްމިނުގައި 320 ފޫޓް ހުރެއެވެ. ދިގުމިނުގައި 56 މޭލް ހުރެއެވެ. ޢިމާރާތްތަކުގެ އެއްބައި އަނެއްބަޔާއި ގުޅާލެވިފައިވަނީ ސަންގު މަރުމަރު ހިލައިން ހެދިފައިވާ ސިނޑިތަކަކުންނެވެ. އެތެރެއިން ތިމަރަ ޖަހައިގެން ހިލައިން ހަދާފައިވާ ފެންގަނޑުތައް މާގަސް ހެއްދުމަށް ތައްޔާރު ކުރެވިފައި ވެއެވެ.

ޢިމާރާތުގެ އެންމެ މަތީ ޓެރަސް ގައި ތިރިއަށް ފެން ފޮނުވުމަށް ތަނެއް ތައްޔާރުކޮށްފައި ހުރެއެވެ. މިތަނުން ފޮނުވާ ފެނުން ތިރީގައިވާ ހައްދައިފައިވާ ބަގީޗާތަކަށް ފެން ލިބޭނޭގޮތް ހަދާފައި ވެއެވެ. ބުނެވޭގޮތުގައި ޓެރަސް މައްޗަށް ފެން ގެންދެވެނީ ފުރާތު ކޯރުންނެވެ. އަދި ފެން މައްޗަށް ފޮނުވެނީ ޗޭނު ޕަމްޕުގެ އެހީގައި ކަމަށް ވެއެވެ.

އަދި އިތުރަށް ބައްލަވާލައްވާ[އުނިއިތުރު ގެންނަވާ]


އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]