އާޓިމިސް ފައްޅި

ވިކިޕީޑިއާ އިންވިކިޕީޑިއާ

Coordinates: 37°56′59″N 27°21′50″E / 37.94972°N 27.36389°E / 37.94972; 27.36389


ތުރުކީގެ އެފީސޫސް ގައި ހުންނަ އާޓިމިސް ފައްޅި


އާޓިމިސް ފައްޅި ހުންނަ ތަން[އުނިއިތުރު ގެންނަވާ]

ގަދީމީ ޒަމާނުގެ ދުނިޔޭގެ 7 އަޖައިބުގެ ތެރެއިން އަޖައިބެއްގެ ގޮތުގައި ބެލެވުނު އާޓިމިސް ފައްޅި ހުންނަނީ ތުރުކީގެ އެފީސޫސް އޭ ކިޔޭ ގަދީމީ ރަށުގައެވެ. މިރަށް އޮންނަނީ ތުރުކީގެ އިޒްމީރުގެ 50 ކިލޯ މީޓަރު ދެކުނުން އޮންނަ ސެލޫކު އޭ ކިޔޭ އަވަށުގެ ކައިރީގައެވެ. މިފައްޅީގެ ބިންގާ އެޅިފައިވަނީ ޢީސާގެ ފާނުގެ 7 ގަރުނު ކުރިންކަމަށް ވެއެވެ. އަދި ބިނާކުރަން ފެށުނީ ޢީސާގެ ފާނުގެ 550 އަހަރު ކުރިންނެވެ. މިހާރު އެފީސޫސް އަށް ކިޔައި އުޅޭ ނަމަކީ އާޔާ ސަލޫކް އެވެ.

އާޓިމިސް ފައްޅީގައި ރަން ވަންލޯ އިން ހަދާފައިވާ ބުދުތައް ވެއެވެ. މިބުދުތައް ހަދައިފައިވަނީ އެދުވަސްވަރު ބުދު ހެދުމަށް މަޝްހޫރު މީހުންނެވެ. އޭގެ ތެރޭގައި ފީޑިއާސް، ކްރެޒިލަސް، ފްރެޑްމޮން، އަދި ޕޮލިކް ލީޓަސް ފަދަ މީހުން ހިމެނެއެވެ.

އެއްދުވަސް ވަރެއްގައި މިފައްޅި ދީނީ ކަންތައްތަކުގައި ބޭނުން ކުރުމުގެ އިތުރުން ބާޒާރެއްގެ ގޮތުގައި ވެސް ބޭނުން ކޮށްފައި ވެއެވެ. ދުވަސްތަކެއް ވަންދެން މިފައްޅި އަށް ޒިޔާރަތް ކޮށްފައިވަނީ ފަތުރުވެރިންނާއި، ރަސްރަސްކަލުން، ވިޔަފާރި ވެރިންނާއި، މުއްސަދިން، އަދި ފަންނީ ޢިލްމު ވެރިންނެވެ. ދާދި ފަހުން ފައްޅި ހުރި ހިސާބު ކޮނެގެން ވަނީ ތަފާތު އާޘާރީ ތަކެތި ފެނިފައެވެ. އޭގެ ތެރޭގައި ރަނާއި އެތުދަތް ބޭނުންކޮށްގެން ހަދާފައިވާ އާޓިމިސްގެ ބުދަކާއި، ކަންފަތުގައި ލާ މުދި، އަތުގައި އަޅާ އުޅާ، އަދި ކަރުގައި އަޅާ ހާރު، ފަށް ފަދަ ތަކެތި ފެނިފައި ވެއެވެ.


އާޓިމިސް ފައްޅި ނިސްބަތްވާ ފަރާތް[އުނިއިތުރު ގެންނަވާ]

ބުނެވޭ ގޮތުގައި އާޓިމިސް އަކީ އިހު ޒަމާނުގައި އެފީސޫސް މީހުން ބިމުގެ ކަލާންގެ ގޮތުގައި ގަބޫލު ކުރި އަންހެނެކެވެ. އެހެން ކަމުން އެފީސޫސްގެ އަހުލުވެރިންގެ މެދުގައި އާޓިމިސް އަށް ދެވިފައިވާ ގަދަރުގެ މަތިވެރިކަމުން އޭނާ އަށް ފައްޅި އަށް ބިނާކުރެއްވި އެވެ. އަދި މިފައްޅި ދުނިޔޭގެ ނިސްބަތުން މަޝްހޫރު ބުދު ފައްޅި އަކަށް ވެގެން ދިޔައެވެ.

ޤަދީމީ ޒަމާނުގެ ދުނިޔޭގެ 7 އަޖައިބު
ޖީޒާގެ ބޮޑު ޕިރަމިޑް
ބާބިލްގެ އެލިފައިވާ ބަގީޗާ ( ހެންގިންގ ގާރޑްން )
ޒިއުސްގެ ބޮޑު ބުދު
އާޓިމީސް ފައްޅި
މައުސޯލަސް ގެ ޒިޔާރަތް
ރޯޑެޒްގެ ކޮލޯސަސް ބުދު
އެލެގްސެންޑްރިޔާގެ ލައިޓް ހައުސް


އާޓިމިސް ފައްޅި ބިނާކުރުން[އުނިއިތުރު ގެންނަވާ]

އާޓިމިސް ފައްޅި ބިނާކުރެވިފައިވަނީ ތަފާތު ފަހަރުތަކުގެ މަތީންނެވެ. މިގޮތުން ފުރަތަމަ ބިނާކުރަން ފެށުނީ މީލާދީން 6 ވަނަ ގަރުނުގެ ކުރިންނެވެ. އެފަހަރު ފައްޅި އިމާރާތް ކުރުމުގެ މަސައްކަތް ކޮށްފައިވަނީ ޢިމާރާތް ކުރުމުގެ ފަންނުގައި ހޮވާލެވޭ މީހެއްކަމަށްވާ ޝީރުޝިފްރޯން އަދި އޭނާގެ ފިރިހެންދަރި މީޓަޖީންސް ގުޅިގެންނެވެ. އެއަށްފަހު ލީޑިއާގެ ރަސްކަލުން ކްރޯސޯސް ވަނީ ފައްޅި އިތުރަށް ބިނާކުރުމުގެ މަސައްކަތް ކޮށްފައެވެ. ބުނެވޭގޮތުގައި އެއްކޮށް ފައްޅި ބިނާކޮށް ނިންމުމަށް 120 އަހަރު ހޭދަވި އެވެ.

އީސާގެ ފާނުގެ ކުރިން 356 ވަނަ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހު އެފީސޫސްގެ މީހެއް ކަމުގައިވާ ހީރޯ ސްޓްރާޓޫސް މިފައްޅި އަންދާލި އެވެ. އޭނާގެ ބޭނުމަކީ އެކަމުގެ ސަބަބުން އޭނާގެ ނަން މަޝްހޫރު ކުރުން ކަމަށް ވެއެވެ. އެއަށްފަހު އަލުން ފައްޅި ބިނާކުރުމުގެ މަސައްކަތް ފެށުނެވެ.

އަލުން ފައްޅި ބިނާކޮށް ނިމުނީ ޢީސާގެ ފާނުގެ 323 އަހަރު ކުރިންނެވެ. އެފަހަރު ބިނާކޮށް ނިމުނު އިރު ދިގުމިނުގައި 425 ފޫޓް އަދި ފުޅާ މިނުގައި 225 ފޫޓް ހުއްޓެވެ. ފައްޅީގައި ސަންގު މަރުމަރު ހިލައިން ހަދާފައިވާ 127 ތަނބު ހުރެއެވެ. މިއިން ކޮންމެ ތަނބެއްގެ އުސްމިނުގައި 60 ފޫޓް ހުރެއެވެ. ތަނބުތައް ނޫން ފައްޅީގެ އެހެން ބައިތައް ހެދިފައިވަނީ ރަނާއި، ރިހިން ޖަރީ ކުރެވިފައިވާ ކަޅުކުލައިގެ ހިލައިންނެވެ. ފައްޅީގައި އެތެރޭގައި ރަން ވަންލޯ އިން ތައްޔާރުކޮށްފައިވާ 4 ބުދު ވެއެވެ.

އެލެގްޒެންޑަރ ދިގްރޭޓް ވެފައިވަނީ ފައްޅި ދެކެ ވަރަށް ހިތްޕުޅާވި ބޭފުޅަކަށެވެ. އެލެގްޒެންޑަރ އުފަންވެ ވަޑައިގަތީ ކުރިން ބުނެވުނު ފައްޅި އަންދާލި ރޭގައެވެ. ދެވަނަ ފަހަރަށް ފައްޅި ބިނާކުރުމަށް އެލެގްޒެންޑަރ ވަރަށް ބޮޑެތި އެހީތައް ވެދީފައި ވެއެވެ. އެސަބާބައި ހުރެ ފައްޅީގައި އެލެގްޒެންޑަރގެ ނަން ލިޔުމަށް އެފީސޫސްގެ އަހުލުވެރިން އެދުނެވެ. ނަމަވެސް އެލެގްޒެންޑަރ އެކަމާއި އިދިކޮޅު ހެއްދެވި އެވެ.

މީލާދީން 262 ވަނަ އަހަރު ގޫތީން އެފީސޫސް އަށް އަރައިގަތުމަށްފަހު ދެވަނަ ފަހަރަށް ވެސް ފައްޅި ހަލާކު ކޮށްލި އެވެ. އެއަށްފަހު މިފައްޅި އަލުން ބިނާކޮށްފައެއް ނުވެއެވެ. އެއީ މީލާދީން 4 ވަނަ ގަރުނުގެ ތެރޭގައި އެފީސޫސްގެ އަހުލުވެރިން މަސީޙީ ދީން އިޚްތިޔާރުކޮށް އެދީނަށް ވަދެފައިވާތީ އެވެ. އެފަހަރު ފައްޅި ހަލާކުވެ ނެތިދިއުމަށްފަހު އެހިސާބު އެއްކޮށް ފަސްއަޅައި ފޮރުވާލެވުނެވެ.

ނަމަވެސް 19 ވަނަ ގަރުނުގެ ތެރޭގައި އެހިސާބު އަލުން ކޮނެވިފައި ވެއެވެ. މިގޮތުން 1863 ވަނަ އަހަރު އިގިރޭސި ވިލާތުގެ ދާރުލް އާޘާރުގެ ފަރާތުން ޖޯން ޓާޓްލް ވޫޑް ކިޔާ ޢިލްމު ވެރިޔަކު އާޓިމިސް ފައްޅި ހުރި ހިސާބު ކޮނެ ދިރާސާ ކުރުމަށް ފޮނުވުނެވެ. 6 އަހަރު ވަންދެން ޓާޓްލްގެ ޓީމް ކުރި މަސައްކަތުން އެއްވެސް ނިޝާނެއް ފެނިފައިވާ ނުވާކަމަށް ބުނެވެއެވެ. ނަމަވެސް 1869 ވަނަ އަހަރު ކޮންނަމުން ދަނިކޮށް ބިމުގެ 20 ފޫޓް އަޑިން ފައްޅީގެ ތަޅުންގަނޑުގެ ބައިތައް ވަނީ ފެނިފައެވެ. އަދި ބައެއް ކަހަލަ އާޘާރީ ތަކެއްޗާއި ބުދުގެ ބައިތައް ވެސް ފެނިފައި ވެއެވެ. މިތަކެތި ވަނީ ނަގައިގެން އިގިރޭސި ވިލާތުގެ ދާރުލް އާޘާރަށް ގެންދެވިފައެވެ.

1904 ވަނަ އަހަރު އިގިރޭސި ވިލާތުގެ ދާރުލް އާޘާރުގެ ފަރާތުން ޑީޖީ ހޮގްރާތު އެސަރަހައްދު ކޮނެ ދިރާސާ ކުރުމަށް ފޮނުވުނެވެ. ހޮގްރާތުގެ ހޯދުންތަކަށްފަހު ތަފާތު 5 ފައްޅިއެއް މަތިމައްޗަށް އެތާގައި ބިނާކޮށްފައިވާ ކަމުގެ ހެކިތައް ވަނީ ލިބިފައެވެ.


އާޓިމިސް ފައްޅީގެ އަދުގެ ޙާލަތު[އުނިއިތުރު ގެންނަވާ]

މިއަދު މިފައްޅީގެ ނިޝާނަކަށް ފެންނަން ހުރީ އިގިރޭސި ވިލާތުގެ ދާރުލް އާޘާރުގައި ބެހެއްޓިފައިވާ މިފައްޅީގެ ބައެއް ތަނބުތަކެވެ. އަދި އެތަން ކޮނުމަށްފަހު ފެނުނު ތަނބެއް އހިސާބަށް ޒިޔާރަތް ކުރާ މީހުންނަށް ދެއްކުމަށް އެހިސާބުގައި ކޮޅަށްނެގި ބެހެއްޓިފައި ވެއެވެ. އެއީ ކޮންމެ ވެސް ދުވަސްވަރެއްގައި އެހިސާބުގައި މަޝްހޫރު ފައްޅިއެއް ހުރިކަން އެންގުމަށްޓަކައި ކުރެވުނު ކަމެއްކަމަށް ވެއެވެ.

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]