ޑރ. ޢަލީ ޒާހިރު
ޑރ. ޢަލީ ޒާހިރު | |
|---|---|
ޑރ. ޢަލީ ޒާހިރު | |
| ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރު | |
މަޤާމާ ހަވާލުވެވަޑައިގަތީ 19 ނޮވެންބަރު 2023 | |
| ރައީސް | މުޙައްމަދު މުޢިއްޒު |
| ކުރިން ހުންނެވީ | އިބްރާހީމް ޒަކަރިއްޔާ މޫސާ |
| ފަހުން ވަޑައިގަތީ | |
| އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ މެންބަރު | |
މަޤާމާ ހަވާލުވެވަޑައިގަތީ 17 އޭޕްރީލް 2024 | |
| މަތީތަޢުލީމު | އިސްލާމިކް ޔުނިވަރސިޓީ އޮފް މަދީނާ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ |
| އިނާމުތައް | އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ދީނަށް ޚިދުމަތް ކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން؛ ދީނީ ރޮނގުން ޚިދުމަތް ކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު - 2022 |
ޑރ. ޢަލީ ޒާހިރަކީ ނ. މަނަދޫއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.
ޑރ. ޢަލީ ޒާހިރު ބެޗްލަރސް ޑިގުރީ ޙާޞިލުކުރެއްވީ ސަޢޫދީ ޢަރަބިއްޔާގެ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީން އިސްލާމް ދީނާއި ޙަދީޘް ޢިލްމުގެ ދާއިރާއިންނެވެ. މާސްޓާރސް ޑިގުރީ ޙާޞިލުކުރެއްވީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީންނެވެ. ޕީއެޗްޑީ ޙާޞިލުކުރެއްވީ އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހެރިޓޭޖް (ފިޤްހު އެންޑް އުޞޫލުލްފިޤްހު) ގެ ދާއިރާއިން މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީންނެވެ.
ޑރ. ޢަލީ ޒާހިރު ވަނީ އަލްމަދްރަސަތުލްޢަރަބިއްޔަތުލްއިސްލާމިއްޔާގައި ކިޔަަވައިދެއްވައިފައެވެ. އަދި 2009ވަނަ އަހަރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ގުޅިވަޑައިގެން ކިޔަވައިދެއްވަން ފެއްޓެވިއެވެ. މީގެއިތުރުން ޑރ. ޢަލީ ޒާހިރު ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާގެ ލޯގެ ޑީންކަމާއި އެސިސްޓަންޓް ޕްރޮފެސަރުކަން ކުރައްވައިފައެވެ. ޑރ. ޢަލީ ޒާހިރު މިހާރު ހުންނެވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރުގެ މަޤާމުގައެވެ. އަދި އެ މަނިކުފާނަކީ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ މެންބަރެއް ވެސް މެއެވެ.
ޑރ. ޢަލީ ޒާހިރަކީ، ދީނީ ރޮނގުން ޢާންމުން ހޭލުންތެރިކުރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަަވާ ބޭފުޅެކެވެ. މި ގޮތުން، ދީނީ ދަރުސްތަކާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ކައުންސިލްތަކާ ގުޅިގެން ރަށްރަށަށް ވަޑައިގެންވެސް ދީނީ ވާރކްޝޮޕްތަކާއި ފޯރަމްތައް ހިންގަވަމުން ގެންދަވައެވެ. އަދި ޓީވީއާއި ރޭޑިއޯ ޕުރޮގުރާމުތައް އުފައްދަވައި ހުށަހަޅުއްވައިދެއްވަމުން ގެންދަވައެވެ.
ޑރ. ޢަލީ ޒާހިރަކީ، ޢާއިލީ މައްސަލަތަކުގައްޔާއި، އަމިއްލަ މައްސަލަތަކުގައި، އިސްލާމިކް ކައުންސެލިންގގެ ޚިދުމަތް ފޯރުކޮށްދެއްވަމުން ގެންދަވާ، ޢާންމު ފަރުދުންގެ އެދުމުން ގޭގެއަށް ވަޑައިގެން ވެސް ދީނީ މަޢުލޫމާތު ފޯރުކޮށްދެއްވައި ސުވާލުތަކަށް ޖަވާބު ދެއްވާ ބޭފުޅެކެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށްގެން ދީނީ މަޢުލޫމާތު ފެތުރުއްވުމާއި، ދީނީ ސުވާލުތަކަށް ޖަވާބު ދެއްވުމާއި، ވެބްސައިޓްތަކާއި، އޮންލައިން މަޖައްލާތަކުގައި ދީނީ މަޒުމޫނު ލިޔުއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. "މުސްލިމުންގެ ގުޅުން" ޖަމްޢިއްޔާއާ ގުޅިގެން މާލޭގެ ބައެއް މިސްކިތްތަކުގައި، ޙަދީޘް ކުލާސްތަކާއި، ތަފްސީރު ކުލާސްތައް ނަންގަވައިދެއްވާ ބޭފުޅެއް ވެސް މެއެވެ. މީގެއިތުރުން، 2019 އިން ފެށިގެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން ދީނީގޮތުން ޚިލާފު އުފެދޭ މައްސަލަތަކުގައި ދީނީ ރައުޔު ހިއްސާ ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޢަލީ ޒާހިރު ވަނީ، "ތުއްތު ކުދީންގެ ނަމާދު" ފޮތް މުރާޖަޢާ ކުރައްވައިފައެވެ.
ޑރ. ޢަލީ ޒާހިރު ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ހިންގާ އިމާމުކަމުގެ ޑިޕްްލޮމާ ކޯހާއި، އިމާމުކަމުގެ ޑިގްރީ ކޯހުގައި ޢަޤީދާ މޮޑިއުލް، ޕާޓްޓައިމް ލެކްޗަރަރއެއްގެ ގޮތުން ކިޔަވައިދެއްވައިފައެވެ. އަދި ޢުޔޫން އިންސްޓިޓިއުޓްގެ ޑީންގެ ގޮތުގައި ހުންނަވައިގެން އެ އިންސްޓިޓިއުޓްގެ ދަރިވަރުންނަށް 2021ވަނަ އަހަރުން ފެށިގެން، އިސްލާމް ދީނާ ގުޅޭ މައިގަނޑު އަސާސްތަކާއި، އިސްލާމިކް ސްޓަޑީޒް ކިޔަވައިދެއްވައިފައިވެއެވެ.
ޝަރުޢީ ޢިލްމުގެ ދާއިރާއާ ގުޅުންހުރި ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ވަރަށް ގިނަ ވާރކްޝޮޕްތަކާއި، ސެމިނަރުތަކާއި، ސިމްޕޯޒިއަމްތަކުގައި ޑރ. ޢަލީ ޒާހިރު ބައިވެރިވެވަޑައިގެން، ތަފާތު މައުޟޫޢުތަކަށް ޢިލްމީ ކަރުދާސްތައް ހުށަހަޅުއްވައިފައިވެއެވެ.
ޑރ. ޢަލީ ޒާހިރަކީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޝަރީޢާ ކޮމިޓީގެ ޗެއަރމަންކަމާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޒަކާތުގެ ކަންކަމާ ބެހޭ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީގެ މެންބަރުކަމާއި، އެޗްޑީއެފްސީ އަމްނާގެ ޝަރީޢާ ކޮމިޓީ މެންބަރުކަން ވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި އަމާނާ ތަކާފުލް މޯލްޑިވްސްގެ ޝަރީޢާ ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވައިފައިވެއެވެ.
ޑރ. ޢަލީ ޒާހިރު ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކައުންސިލްގެ މެންބަރުކަމާއި، އެކެޑަމިކް ސެނެޓްގެ މެންބަރުކަމާއި، ހަޔަރ ޑިގްރީޒް ކޮމިޓީގެ މެންބަރުކަމާއި، ޕްރޮމޯޝަން ބޯޑުގެ މެންބަރުކަމާއި، ކޮމިޓީ އޮން ކޯސަސްގެ މެންބަރުކަން ވެސް ކުރައްވައިފައެވެ.
ޑރ. ޢަލީ ޒާހިރަށް 2022ވަނަ އަހަރު ވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހިތްވަރުދިނުމުގެ ޤައުމީ އިނާމު އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ދީނަށް ޚިދުމަތް ކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން؛ ދީނީ ރޮނގުން ޚިދުމަތް ކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން ލިބިވަޑައިގެންފައެވެ.