ޙަދީޘް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ސިލްސިލާ މަޒުމޫނުތަކުގެ ތެރެއިން

އިސްލާމް


ޢަޤީދާ

 • ތައުހީދް
މުޙައްމަދުގެފާނު • ރަސޫލުންނާއި ނަބީން

ރުކުންތައް

ޝަހާދަތް • ނަމާދު
ރޯދަ • ޒަކާތް • ޙައްޖު

އަސްލުތައް އަދި ޝަރީޢާ

ޤުރުއާން • ސުންނަތް • ޙަދީޘް
ފިޤުހު • ޝަރީޢާ • ކަލާމް • ތަޞައްވުފް

ތާރީޚް އަދި ލީޑަރުން

ޘަޤާފަތް އަދިމުޖުތަމަޢު

ކިޔެވުން • ހައިވާނުން • ފަންނުވެރިކަން
ކަލަންޑަރު • ކުޑަކުދިން
ޤައުމުތައް • ޢީދު
މިސްކިތް • ފަލްސަފާ
ޢުލޫމް • އަންހެނުން
ސިޔާސަތު • ދަޢުވާ

އިސްލާމި ނެރު
 v  d  e 

ޙަދީޘަކީ މުޙައްމަދުގެފާނުގެ ބަސްފުޅުތަކާއި ޢަމަލުފުޅުތަކާއި އިތުރު އެކަލޭގެފާނު އިޤުރާރުވެވަޑައިގަންނަވާފައި ވާ ކަންކަމާއި (އެބަހީ: އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި އެކަލޭގެފާނުގެ ޞަޙާބީންގެ ތެރެއިން ބޭފުޅެއް އެކަލޭގެފާނުގެ ޙާޒިރުގައި ނުވަތަ ޣައިރު ޙާޒިރުގައި ކުރައްވާފައިވާ ކަންތަކާއި، އަދި އެކަލޭގެފާނަށް އެ ކަމުގެ ޚަބަރު ލިބިވަޑައިގެންފައި ވާ ކަންކަމުގެ ތެރެއިން އެ ކަމަކަށް އިންކާރު ނުކުރައްވާ ކަންކަމެވެ.) އެކަލޭގެފާނުގެ ސިފަފުޅުތަކެވެ. އޭގެ ތެރޭގައި އެކަލޭގެފާނުގެ އަޚްލާޤީ ސިފަފުޅުތަކާއި ޒާތީ ސިފަފުޅުތައް ވެސް ޙަދީޘް ޢިލްމުވެރީން ހިމަނުއްވައެވެ.

ޙަދީޘްގެ ބާވަތްތައް[އުނިއިތުރު ގެންނަވާ]

ހަދީޘް އައިސްފައިވާ މަގުތަކުގެ ޢަދަދުގެ ގޮތުން ޙަދީޘް ބެހޭ ބައިތައް[އުނިއިތުރު ގެންނަވާ]

ހަދީޘް އަހަރެމެންނާ ހަމައަށް ފޯރުމުގެ ގޮތުން ދެ ބަޔަކަށް ބެހިގެންވެއެވެ.

މުތަވާތިރު ޙަދީޘް[އުނިއިތުރު ގެންނަވާ]

المتواتر މިލަފުޒު ނެގިފައިވަނީ التّواتر އިންނެވެ. މާނައަކީ އެކަތި އަނެކައްޗާއި ގުޅިގެންދާގޮތަށް، ފަސްފަހަތުން އައުމެވެ. ޙަދީޘު އިލްމުވެރިންގެ އަރިހުގައި، المتواتر ގެ މާނައަކީ "އާދަކާދައިގެ މަތިން ދޮގެއްގެ މައްޗަށް އިއްތިފާޤުވުން މުސްތަޙީލުވާހާ ގިނަ އަދަދެއްގެ ރާވީން ރިވާކުރުމެވެ."

މުތަވާތިރު ޙަދީޘްގެ ތަޢުރީފް[އުނިއިތުރު ގެންނަވާ]

ބަހުގެ ގޮތުން ”މުތަވާތިރު“ އަކީ ”ތަވާތަރަ“ މި ކަލިމައިގެ އިސްމު ފާޢިލެއެވެ. އޭގެ މާނައަކީ ތަތާބަޢައެވެ. އެބަހީ: އެކަތި އަނެކައްޗާއި ގުޅިގެން ފަސްފަހަތުން އައުމެވެ. ޙަދީޘް ޢިލްމުވެރިންގެ އިސްޠިލާޙުގައި މުތަވާތިރު ހަދީޘް އަކީ ގިނަ ޢަދަދެއްގެ ރާވީން އާދަކާދައިގެ މަތިން ދޮގެއްގެ މައްޗަށް އިއްތިފާޤުވުން މުސްތަޙީލުވާގޮތަށް ރިވާކުރައްވާފައިވާ ޙަދީޘެވެ.

މުތަވާތިރު ޙަދީޘްގެ ޝަރުޠުތައް[އުނިއިތުރު ގެންނަވާ]
  • ގިނަޢަދަދެއް ރާވީން ޙަދީޘު ރިވާކޮށްފައިވުން، ( މީގައި އެންމެ މަދު މިންވަރަކީ ކިހާވަރެއްކަމާމެދު ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވެފައިވެއެވެ. އިޚުތިޔާރު ކުރެވޭ ގޮތަކީ މަދުވެގެން 10 (ދިހަ) ރާވީން ރިވާކޮށްފައި ވުމެވެ.)
  • މިފަދަ ގިނަ ރާވީން ސަނަދުގެ ކޮންމެ ޠަބަޤާއެއްގައިވެސް އެކުލެވިގެންވުން.
  • އާދަކާދަ ނިޔާކުރާ ގޮތުން ދޮގެއްގެ މައްޗަށް އިއްތިފާޤުވުން މުސްތަހީލުވާ ގޮތުގެމަތިން ރިވާވެގެންވުން. (އެއީ މިސާލަކަށް ތަފާތު ރަށްރަށުގެ ތަފާތު ދަރިކޮޅުގެ ނުވަތަ ޤަބީލާ ތަކުގެ ބައަކުކަމުގައި ވުންފަދަ ގޮތަކަށެވެ.)
  • އެބައިމީހުން ރިވާކުރާ ހަދީޘު އެމީހުނަށް އެނގިފައިވުމާއި ޙިއްސުގެމަށްޗަށް އިޢުތިމާދު ވެފައި އޮތުން. (އެއީ އަޑުއައްސަވައިގެން ނުވަތަ ދެކެލައްވައިގެންނެވެ.)
މުތަވާތިރު ޙަދީޘު ބެހިގެންވާ ބައިތައް[އުނިއިތުރު ގެންނަވާ]
المتواتز اللفظي[އުނިއިތުރު ގެންނަވާ]

އެއީ އޭގެ ލަފުޒާއި މާނަވެސް މުތަވާތިރު ވުމެވެ. މިސާލު "من كذب علىّ متعمداً فاليتبوأ مقعده من النار" މާނައަކީ "ތިމަންކަލޭގަފާނުގެ މައްޗަށް ގަސްތުގައި ދޮގެއް ހަދައިފި މީހާ ފަހެ އެމީހާގެ ޖާގަ ނަރަކައިން ލިބިގަންނަ ހުއްޓެވެ." ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމުގެ އަރިހުން 70 އަށް ވުރެ ގިނަ ޞަހާބީން މި ޙަދީޘް ހަމަ މި ލަފުޡުން ރިވާ ކުރައްވާފައި ވެއެވެ.

المتواتر المعنوي[އުނިއިތުރު ގެންނަވާ]

އެއީ ހަމައެކަނި މާނަ އެއްގޮތް ޙަދީޘުތަކެވެ. އެއީ ލަފުޒު ފިޔަވައި ޙަދީޘެއްގެ މާނަ މުތަވާތިރު ވުމެވެ. މިސާލަކަށް: ދުޢާ ކުރުމުގައި ދެއަތް އުފުލުމާއި ބެހޭ ޙަދިޘުތަކެވެ. ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމުގެ އަރިހުން ގާތްގަނޑަކަށް އެފަދަ 100 (ސަތޭކަ) ޙަދީޘު ރިވާވެފައިވެއެވެ. އެއިން ކޮންމެ ޙަދީޘެއްގައި އެކަލޭގެފާނު ދުޢާކުރައްވާއިރު ދެއްތަޕުޅު އުފުއްލަވާކަމަށް އައިސްފައި ވެއެވެ. އެހެންނަމަވެސް އެއީ ތަފާތު މަޤާމުތަކުގައެވެ. މިއިން ކޮންމެ ޙަދީޘެއް ވަކިން ބަލާއިރު އެއިން ކޮންމެ ޙަދީޘަކީ މުތަވާތިރު ޙަދީޘެއް ނޫނެވެ. އެހެންނަމަވެސް އެތަފާތު މައްސަލަތަކުން ނެގޭ އެއްގޮތް ޙުކުމް (ދުޢާކުރާ އިރު ދެއަތް އުފުލުން) އެއީ ތަވާތުރުގެ ދަރަޖައިގައިވާ ޙުކުމެކެވެ.

މުތަވާތިރު ޙަދީޘްގެ ޙުކުމް[އުނިއިތުރު ގެންނަވާ]

މުތަވާތިރު ޙަދީޘަކީ މީހަކަށް ކަމެއްފެނިގެން، އެ ފެނުނު ކަންތައް އޭނާގެ އަމިއްލަ ނަފުސަށް ޤަބޫލުކުރެވޭ ކަމެކޭ އެއްފަދައިން ޔަޤީންކަމާ އެކު ޤަބޫލުކުރަންޖެހޭ ޙަދީޘެވެ.

މުތަވާތިރު ޙަދީޘައް ޚާއްޞަކޮށް ލިއުއްވާފައިވާ ބައެއްފޮތްތައް[އުނިއިތުރު ގެންނަވާ]
  • الأزهار المتناثرة في الأخبار المتواترة – الإمام السيوطي
  • قطف الأزهار - الإمام السيوطي

އާޙާދު ޙަދީޘް[އުނިއިތުރު ގެންނަވާ]

الآحاد އަކީ أحد ގެ ގިނަގޮތެވެ. މާނައަކީ އެކެކެވެ. ޙަދީޘު ޢިލްމުގައި آحاد އަކީ މުތަވާތިރު ޙަދީޘުގެ ޝަރުޠުތައް ފުރިހަމަ ނުވާ ކޮންމެ ޙަދީޘެކެވެ.

އާޙާދު ޙަދީޘުގެ ޙުކުމް[އުނިއިތުރު ގެންނަވާ]

އާޙާދު ޙަދީޘުން ލިއްބައިދެނީ ނަޡަރީ ޢިލްމެވެ. އެއީ ތަހުގީގުކޮށް ބެލުމާއި ދަލީލުތަކުގެ މައްޗަށް ހުއްޓިފައިވާ ޢިލްމެވެ. މިގޮތުން ތަހުގީގުކޮށް ބަލާހޯދުމަށްފަހު އެ ޙަދީޘަކީ މަޤުބޫލު ޙަދީޘެއްކަން ސާބިތުވެއްޖެނަމަ އެ ޙަދީޘަކަށް ޢަމަލުކުރުން ވާޖިބުވާނެއެވެ.

އާޙާދު ޙަދީޘު ބެހިގެންވާ ބައިތައް:[އުނިއިތުރު ގެންނަވާ]

އާޙާދު ޙަދީޘް އައިސްފައިވާ ގޮތްތަކާއި ރާވީންގެ ޢަދަދުގެ ގޮތުން ބަލާއިރު އާޙާދު ޙަދީޘު ތިންބަޔަކަށް ބެހެއެވެ. އެއީ؛

  • المشهور (މަޝްހޫރު ޙަދީޘް)
  • العزيز (ޢަޒީޒު ޙަދީޘް)
  • الغريب (ޣަރީބު ޙަދީޘް)
އާޙާދު ޙަދީޘަކީ ޢަޤީދާއާއި ޙުކުމްތަކުގައި ޙުއްޖަތެއްތަ؟[އުނިއިތުރު ގެންނަވާ]

ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިންގެ އަރިހުގައި ޙުކުމުގައި މުތަވާތިރު ޙަދީޘާއި އާޙާދު ޙަދީޘަކީ ޙުއްޖަތެކެވެ. އަދި އެ ދެ ވައްތަރު ޙަދީޘް ޢަޤީދާގެ މައްސަލަތަކުގައްޔާއި އަޙްކާމުގެ މައްސަލަތަކުގައި ފަރަޤު ނުކުރައްވައެވެ. ނަމަވެސް ބައެއް ފިރުޤާތަކުގެ މީހުން އާޙާދު ޙަދީޘްތައް ރައްދުކުރެއެވެ. ނުވަތަ ޢަޤީދާގެ މަސްއަލަތަކުގައި މިފަދަ ޙަދީޘްތައް ނުނަގައި ފިޤުހުގައި މިހަދީޘްތައް ނަގައެވެ. މިފަދަ ފިރުޤާތަކުގެ މީހުންގެ މިމަގުއޮޅުމުގެ ސަބަބުން ދީނުގެ މުހިއްމު މަސްއަލަތަކާގުޅޭ ވަރަށް ގިނަ ޙަދީޘްތައް ޤަބޫލުނުކޮށް ރައްދުކުރެއެވެ. ނަތީޖާއަކަށްވީ ދީނުގެ ތެރެއަށް އަމިއްލަ ގޮތްތައް ވަދެ މަގުއޮޅިގެން ދިޔުމެވެ.

ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިން މުތަވާތިރުކޮށް ނުވަތަ އާޙާދުކޮށްނަމަވެސް ޞައްޙަ ޙަދީޘެއް ނަމަ އެއީ އެބައިމީހުންގެ އަރިހުގައި ޙުއްޖަތެކެވެ. އަދި ޢަޤީދާގެ މައްސަލަތަކުގައިވެސް އަދި ފިޤުހީ މަސްއަލަތަކުގައިވެސް އެއީ ޙުއްޖަތެކެވެ.

ޤުރުއާނާއި ސުންނަތުންނާއި ޞަޙާބީންގެ ޢަމަލުފުޅުތަކުންނާއި ޢިލްމުވެރިންގެ އިޖުމާޢުން ދަލީލު ލިބޭގޮތުގައި އާޙާދު ޚަބަރު ޤަބޫލުކުރުމާއި އެއަށް ޢަމަލުކުރުން ވާޖިބުވެގެންވެއެވެ.

ޤުރުއާނުގެ ދަލީލުތައް:

1. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((وَمَا كَانَ الْمُؤْمِنُونَ لِيَنفِرُوا كَافَّةً فَلَوْلا نَفَرَ مِنْ كُلِّ فِرْقَةٍ مِنْهُمْ طَائِفَةٌ لِيَتَفَقَّهُوا فِي الدِّينِ وَلِيُنذِرُوا قَوْمَهُمْ إِذَا رَجَعُوا إِلَيْهِمْ لَعَلَّهُمْ يَحْذَرُونَ)) التوبة: 122 މާނައީ: “އަދި އެންމެން އެކުގައި ހަނގުރާމަޔަށް ނުކުތުމެއް، މުއުމިނުންނަކަށް ނެތެވެ. ފަހެ، އެބައިމީހުންގެ ތެރެއިން ކޮންމެ ބައިގަނޑަކުން ބަޔަކު ހަނގުރާމަޔަށް ނުކުތްނަމަ ކިހާރަނގަޅުހޭ؟ (އެއީ) އެބައިމީހުން (އެބަހީ: ނުގޮސްތިބި މީހުން) ދީން އުނގެނި ދަސްކުރުމަށެވެ. އަދި އެބައިމީހުންގެ ޤައުމުގެމީހުން (އެބަހީ: ހަނގުރާމަޔަށް ނުކުތް މީހުން) އެބައިމީހުންގެ ގާތަށް އެނބުރި އަތުވެއްޖެހިނދު، އެބައިމީހުންނަށް އިންޒާރުކުރުމަށްޓަކައެވެ. (އެއީ) އެބައިމީހުން ބިރުވެތިވެ، ރައްކާތެރިވުމަށްޓަކައެވެ.”

މިއާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އެވަނީ މުއުމިނުންނަށް ދީން އުނގެނުމަށް ބާރުއަޅުއްވާފައެވެ. އަދި އެކަމުގެ އަހައްމިއްޔަތުކަން ބަޔާންކުރައްވާފައެވެ. ޢަރަބިބަހުގައި "طَائِفَةٌ" އެކަކުން ފެށިގެންގޮސް އެއަށްވުރެ ގިނަމީހުންނަށް ބޭނުންކޮށް އުޅެއެވެ. އިމާމް އަލްބުޚާރީ ވިދާޅުވެފައިވެއެވެ. “ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ((وَإِنْ طَائِفَتَانِ مِنْ الْمُؤْمِنِينَ اقْتَتَلُوا فَأَصْلِحُوا بَيْنَهُمَا)) މިއާޔަތުގައި طَائِفَةٌ އެންމެ މީހަކަށްވެސް ނިސްބަތްކުރައްވާފައެވެ.” (އާޔަތުގެ މާނައީ: “މުއުމިނުންގެ ދެބަޔަކު ތަޅައިފޮޅައިގެންފިނަމަ، ފަހެ، އެ ދެބައިމީހުންގެ ދެމެދު ތިޔަބައިމީހުން ޞުލްޙަކުރާށެވެ!” الحجرات: 9)[2]

އެހެންކަމުން، މަތީގައިވާ އާޔަތުން ދޭހަކޮށްދެނީ އެކަކު އައިސް ޤައުމަށް އިންޒާރުދިނަސް، އެމީހާގެ ބަސްއަހައި ޢަމަލުކުރަންޖެހޭނެކަމެވެ.

2. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((يَا أَيُّهَا الَّذِينَ آمَنُوا إِنْ جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا)) الحجرات: 6 މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެގާތަށް ފާސިޤަކު ޚަބަރަކާއިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދުބަލައި، ޙަޤީޤަތް ހޯދާށެވެ!”

މިއާޔަތުން އެނގޭގޮތުގައި ޢަދުލުވެރިއަކު ޚަބަރަކާއިގެން އަތުވެއްޖެނަމަ، އެ ޚަބަރު ޤަބޫލުކުރަން އަންގަވާފައި އެވަނީއެވެ. އިބްނުލް ޤައްޔިމު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “މިކަމުން ދަލީލުކުރަނީ (ޢަދުލުވެރި) އެކަކުގެ ޚަބަރު ކަނޑައެޅިގެން ޤަބޫލުކުރަންޖެހޭނެކަމެވެ. އަދި އެމީހާގެ އެވާހަކައިގެ ދޮގުތެދު ބަލަންނުޖެހޭނެކަމެވެ…”[3]

ސުންނަތުގެ ދަލީލުތައް:    

1. އަބްދުﷲ ބުން މަސްޢޫދު ރަޟިޔަﷲ ޢަންހު ކިބައިން ރިވާވެފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((نَضَّرَ اللَّهُ امْرَأً سَمِعَ مِنَّا حَدِيثًا فَحَفِظَهُ حَتَّى يُبَلِّغَهُ))[4] މާނައީ: “ތިމަންމެން ކިބައިން ޙަދީޘެއް އަޑުއަހައި، އެ ޙަދީޘް އެހެންމީހަކަށް ފޯރުކޮށްދީފުމަށްދާންދެން އެޙަދީޘް ހިތުދަސްކުރާމީހާ ﷲ އަލިކުރައްވާށިއެވެ.”

މިޙަދީޘަކީ ޢަޤީދާއާއި އަޙްކާމް ޝާމިލުވެގެންވާ ޙަދީޘެކެވެ.

2. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޤައުމުތަކަށް އިސްލާމްދީން ބަޔާންކޮށްދެއްވުމަށްޓަކައި އެއްބޭކަލަކު ފޮނުއްވާފައިވުމާއި، ޙުކުމްތައް އަންގަވާދެއްވުމަށް އެންމެ ބޭކަލަކު އެކި ޤަބީލަތަކަށާއި ރަށްރަށަށް ފޮނުވާފައިވުމެވެ. މިގޮތުން ޙައްޖުގެ އަމީރެއްގޮތުގައި އަބޫބަކުރުގެފާނު ފޮނުއްވުމާއި، ޤާޟީއެއްގެ ގޮތުގައި ޢަލީގެފާނު ޔަމަނަށް ފޮނުއްވުމާއި، ދާޢީއެއްގެގޮތުގައާއި ޞަދަޤާތްނަންގަވާ ބޭކަލެއްގެގޮތުގައި މުޢާޛުގެފާނު ޔަމަނަށް ފޮނުއްވުމާއި، މުޞްޢަބު ބުން ޢުމައިރު މަދީނާއަށް ފޮނުއްވުމާއި، ރާ ޙަރާމްކުރެވުނުކަން އިޢުލާންކުރެއްވުމަށް އެންގެވުން ހިމެނެއެވެ. މިއިން ކޮންމެ ކަމެއްގައި ރަސޫލާ އައްޔަނުކުރައްވާފައިވަނީ އެންމެ ބޭކަލެކެވެ.

ޞަޙާބީ ބޭކަލުންގެ ޢަމަލުފުޅުތައް:

ޞަޙާބީބޭކަލުންގެ ޢަމަލުފުޅުތަކަށް ބަލާލައިފިކަމުގައި ވާނަމަ، އެތައް ޙާދިޘާތަކަކުން ދަލީލު ލިބެނީ އެބޭކަލުން އެންމެ ބޭކަލެއްގެ ބަސްފުޅަށް ޢަމަލުކުރައްވާފައިވާތަނެވެ. މިގޮތުން، ޢަބްދުﷲ ބުން ޢުމަރުގެ ކިބައިން ރިވާވެފައިވާ ޙަދީޘެއްގައިވެއެވެ. މީސްތަކުން ޤުބާގައި ފަތިސްނަމާދުކުރަނިކޮށް، އައިމީހަކު އައިސް ޤިބުލަ ކަޢުބަތުﷲ ގެފުޅަށް ބަދަލުކުރެވުނުވާހަކަ ބުނުމާއެކު، ކަޢުބަތުﷲ ގެފުޅަށް ކުރިމަތިލިޔެވެ. އެހިނދު މީސްތަކުން ތިބީ ޝާމްކަރައަށް ކުރިމަތިލައިގެންނެވެ.

ހަމައެފަދައިން، ވާރުތަމުދަލުން މާމައަށް ލިބެންޖެހޭ މިންވަރުގައި މުޣީރަތު ބުން ޝުޢުބާއާއި މުޙައްމަދު ބުން މަސްލަމާ ރަޟިޔަﷲ ޢަންހުމާގެ ބަސްފުޅަށް އަބޫބަކުރުގެފާނު ޢަމަލުކުރެއްވިއެވެ. އަދި މަޖޫސީންއަތުން ޖިޒުޔަނެގުމުގައި ޢަބްދުއްރަޙްމާން ބުން ޢައުފް ރަޟިޔަﷲ ޢަންހުގެ ބަސްފުޅަށް ޢުމަރުގެފާނު ޢަމަލުފުޅުކުރެއްވިއެވެ.

ޢިލްމުވެރިންގެ އިޖުމާޢު:

ޢަދުލުވެރި އެކެއްގެ ޚަބަރަށް ޢަމަލުކުރުމާމެދު ޞަޙާބީން އިޖުމާޢުވެވޑައިގެންފައިވާކަމަށް އަލްޤާޟީ އަބޫ ޔަޢުލާ ނަޤުލުކުރައްވާފައިވެއެވެ.[5]

އައްޝާފިޢީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “(ޢަދުލުވެރި) އެކެއްގެ ޚަބަރުގެ ތެދުދޮގު ބެލުމާމެދު އިޚްތިލާފުވެފައިވާކަމެއް މުސްލިމުންގެ ފިޤުހުވެރިންގެ އަރިހުން އައިސްފައެއްނުވެއެވެ.”[6]

އިބްނު ޢަބްދުލްބައްރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ތިމަންނައަށް އެނގިފައިވާގޮތުން، ހުރިހާ ކަންކޮޅެއްގައިވާ ފިޤުހާއި އަޘަރުގެ އަހުލުވެރިން އިޖުމާޢުވެވަޑައިގެންފައި ވާގޮތުގައި ޢަދުލުވެރި އެކެއްގެ ޚަބަރު ޤަބޫލުވެވިގެންވެއެވެ. އަދި އެ ޚަބަރަށް ޢަމަލުކުރުމަކީ ވާޖިބެކެވެ.”[7]

މި ދަލީލުތަކަށް ބިނާކޮށް، ޢަޤީދާގެ މައްސަލަތަކުގައި އާޙާދު ޙަދީޘް ޤަބޫލުނުކުރެވޭނެޔޭ ބުނުމަކީ އަލަށް އުފައްދަފައިވާ ބިދުޢަ ބަހެކެވެ. ދީނުގައި އެ ބަހަށް އެއްވެސް އަޞްލެއް ނުވެއެވެ. ސަލަފުއްޞާލިޙުންގެ ތެރެއިން އެއްވެސް ބޭކަލަކު އެފަދައިން ވިދާޅުވެފައެއް ނުވެއެވެ. އަދި އެއިގެ ތެރެއިން އެއްވެސް ބޭކަލެއްގެ ކިބައިން އެފަދަ ބަސްފުޅެއް ނަޤުލުވެގެންވެސް ނުވެއެވެ.

ޙަދީޘުގެ މަތުނު ނިސްބަތްވާ ފަރާތުގެ ގޮތުން ބެހޭ ބައިތައް[އުނިއިތުރު ގެންނަވާ]

ޤުދުސީ ޙަދީޘް[އުނިއިތުރު ގެންނަވާ]

މަރްފޫޢު[އުނިއިތުރު ގެންނަވާ]

މައުޤޫފު[އުނިއިތުރު ގެންނަވާ]

މަޤްޠޫޢު[އުނިއިތުރު ގެންނަވާ]

ޙަދީޘް ޞައްޙަވުމާއި ނުވުމުގެ ގޮތުން ބެހޭ ބައިތައް[އުނިއިތުރު ގެންނަވާ]

ޞަޙީޙު[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޞައްޙަޙަދީޘު
ޞަޙީޙު ޙަދީޘުގެ ޝަރުޠުތައް[އުނިއިތުރު ގެންނަވާ]
  1. އިސްނާދުގައި އެއްވެސް މެދުކެނޑުމެއް ނެތި ގުޅިފައި ވުން.
  2. ރާވީންނަކީ ޢަދުލުވެރީން ކަމުގައި ވުން
  3. ރާވީންގެ ޙަދީޘް ދަސްކޮށް ރައްކާކުރުމުގެ ސިފަ ފުރިހަމަވުން
  4. ޙަދީޘް ޝާއްޛުވެގެން ނުވުން
  5. ޙަދީޘަށް އުނިކަމެއް އަންނަ ފަދަ ފޮރުވުފައިވާ ޢިއްލަތެއް (ބަލިކަމެއް) އޭގައި ނުވުން.
ޞަޙީޙު ޙަދީޘް ބެހޭ ބައިތައް[އުނިއިތުރު ގެންނަވާ]

ޙަސަން[އުނިއިތުރު ގެންނަވާ]

ޙަސަން ޙަދީޘް ބެހޭ ބައިތައް[އުނިއިތުރު ގެންނަވާ]

ޟަޢީފު[އުނިއިތުރު ގެންނަވާ]

ޙަދީޘުގެ ސަނަދުގައި ވާ މެދުކެނޑުމެއްގެ ސަބަބުން ޟަޢީފުވާ ޙަދީޘް[އުނިއިތުރު ގެންނަވާ]
ޙަދީޘުގެ ރާވީއެއްގެ ބަލިކަމުން ޟަޢީފުވާ ޙަދީޘް[އުނިއިތުރު ގެންނަވާ]
ޙަދީޘުގައި ފޮތުވިފައިވާ ބަލިކަމެއްގެ ސަބަބުން ޟަޢީފުވާ ޙަދީޘް[އުނިއިތުރު ގެންނަވާ]
އެހެން ރިވާޔަތްތަކާ ޚިލާފުވުމުގެ ސަބަބުން ޟަޢީފުވާ ޙަދީޘް[އުނިއިތުރު ގެންނަވާ]

ޙަދީޘުގެ ޙުއްޖިއްޔަތު[އުނިއިތުރު ގެންނަވާ]

ކީރިތި ރަސޫލާ ﷺ ގެ ސުންނަތަކީ ޝަރީޢަތުގެ ބައެއް ކަމުގައި ހުރިހާ މުސްލިމުން އިއްތިފާޤުވެއެވެ. ކީރިތި ރަސޫލާ ﷺ ގެ ސުންނަތަކީ އިސްލާމީ ޝަރީޢަތުގެ މަސްދަރުތަކުގެ ތެރެއިން ދެވަނަ މަސްދަރެވެ. ކީރިތި ޤުރުއާނުން މިކަމުގެ ހެކި ލިބެއެވެ.

ޙަދީޘް ރައްކާކުރެވިގެން އައި ގޮތުގެ ތާރީޚް[އުނިއިތުރު ގެންނަވާ]

ބައެއް މަޝްހޫރު ޙަދީޘް ފޮތްތައް[އުނިއިތުރު ގެންނަވާ]

ގުޅުންހުރި ބައެއް ލިޔުންތައް[އުނިއިތުރު ގެންނަވާ]

  1. http://dhisalafiyyah.net/article/10503
  2. (صحيح البخاري: كتاب أخبار الآحاد: 8/132)
  3. (مختصر الصوائق المرسلة: 2/394).
  4. (رواه أحمد: 4157)
  5. (انظر: العدة: 3/865)
  6. (الرسالة: ص. 197)
  7. (التمهيد: 1/2)

މި މަޒުމޫނަކީ މުޅިން ފުރިހަމަ ވެފައިވާ މަޒުމޫނެއް ނޫނެވެ. މި މަޒުމޫނު ފުރިހަމަ ކޮށްދެއްވަން ބޭނުންފުޅު ނަމަ އިނގިރޭސި ވިކިޕީޑިއާ ގައި މި ޢުންވާނުގެ ދަށުން ލިޔެވިފައިވާ މަޒުމޫނު ބައްލަވައިގެން ތަރުޖަމާގެ ނުނިމި އޮތް ބައި ފުރިހަމަކޮށް ދެއްވާށެވެ. ކަނާތްފަރާތުގެ އަރިމަތީގައިވާ ފާލަންތަކުން އިނގިރޭސި ބަހުން އޮތް މަޒުމޫނަށް ވަޑައިގެންނެވޭނެއެވެ.