މަދީނާ
މަދީނާ އަކީ ސަޢޫދީ ޢަރަބިއްޔާގެ ރަށެކެވެ. މައްކާ ފަދައިން މުސްލިމުންގެ ގާތުގައި މުޤައްދަސް ތަނެކެވެ.
މަދީނާއަކީ ވެސް ސައުދީ އަރަބިއްޔާގައިވާ މުސްލިމުންގެ މުގައްދަސް ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. މަދީނާ އޮންނަނީ ކަނޑުގެ ސަތަހައަށް ވުރެ 600މީޓަރު އުހުގައެވެ.
- މަދީނާއަށް އިސްލާމްދީން ވާސިލްވީ ކީރިތި ރަސޫލާގެ ދުވަސްވަރު މުޞްޢަބު ބިން ޢުމައިރު އިސްލާމީ ފުރަތަމަ ސަފީރުގެ ގޮތުގައި މަދީނާއަށް ވަޑައިގަތް މަދީނާގެ އަހުލުވެރިންނަށް އިސްލާމްދީނަށް ވަނުމަށް ގޮވާލުމުންނެވެ. އެހިނދު މަދީނާގެ ވަރަށް ގިނަބަޔަކު އިސްލާމްދީން ޚިޔާރުކުރި އެވެ.
- ކީރިތި ރަސޫލާގެ އަމުރު ފުޅަށް މީލާދީން 622 ވަނަ އަހަރު ވަރަށް ގިނަ ޞަޙާބީން މަދީނާއަށް ހިޖުރަ ކުރެއްވިއެވެ. އެއީ މުޝްރިކުންގެ އުދަގޫތަކާއި، އަނިޔާތަކުގެ ސަބަބުން މައްކާގައި މުސްލިމުންނަށް އުޅެން ދަތިވުމުންނެވެ. އޭގެ 10ދުވަސް ފަހުން ކީރިތި ރަސޫލާ މައްކާ ދޫކުރައްވައި މަދީނާއަށް ހިޖުރަކުރެއްވި އެވެ. އެއީ މީލާދީން 622ވަނަ އަހަރުގެ ޖުލައި މަހުގެ 2 ދުވަހުއެވެ. ކީރިތި ރަސޫލާ ފުރަތަމަ މަޑުކޮށްލެއްވީ މަދީނާގެ ރަށްބޭރުގައި އޮންނަ އަވަށެއްކަމުގައިވާ ޤުބާއު ގައެވެ. ޤުބާއު ގައި 5ދުވަހު މަޑުކޮށްލެއްވުމަށް ފަހު މަދީނާގެ މީހުންއުޅޭ ހިސާބަށް ވަޑައިގަތެވެ. މަދީނާގެ އަހުލުވެރިންގެ ފަރާތުން ވަރަށް ހޫނު ތަރުހީބެއް ކީރިތި ރަސޫލާއަށް އެދުވަހު ލިބިވަޑައިގެންނެވިއެވެ. މަދީނާގައި ކީރިތި ރަސޫލާ މަޑުކޮށްލެއްވީ އަބީ އައްޔޫބުލް އަންޞާރީގެ ގެކޮޅުގައެވެ.
- ކީރިތި ރަސޫލާގެ ދުވަސްވަރު ހިގި ބައެއް ހަގުރާމަ ތަކުގެ ތެރެއިން ބަދުރު، އުޙުދު، އަދި ޚަންދަޤު ހަގުރާމަ ފަދަ ހަގުރާމަ ތަކަށް މުސްލިމުންގެ ލަޝްކަރު ނިކުމެފައިވަނީ މަދީނާއިންނެވެ.
- 4ޚަލީފާއިންގެ ޚަލީފާ ކަމުގެ ދުވަސްވަރު އިސްލާމީ ދައުލަތުގެ ވެރިކަން ހިންގީ މަދީނާގައެވެ. ނަމަވެސް އުމަވީ ދައުލަތް އުފެދުމަށް ފަހު މުޢާވިޔަތު ބިން އަބީ ސުފްޔާން އިސްލާމީ ޚިލާފަތު ޝާމުކަރަ އަށް ބަދަލު ކުރެއްވިއެވެ.
- މަދީނާގައިވާ މަސްޖިދުއް ނަބަވީ އަށް ވަނީ އިސްލާމީ އެކި ދައުލަތްތަކުގެ ވެރިކަމުގައި ތަފާތު ބަދަލުތައް އައިސްފައެވެ. މިގޮތުން އުމަވީ ދައުލަތުގެ ޚަލީފާ ވަލީދު ބިން ޢަބުދުލް މަލިކްގެ ވެރިކަމުގައި ހިޖުރައިން 91 ވަނަ އަހަރު މަސްޖިދުއް ނަބަވީ ބޮޑުކުރެވިފައި ވެއެވެ. އެފަހަރު ދެކުނުފަރާތަށް 83މީޓަރު، އުތުރު ފަރާތަށް 67.5މީޓަރު އަދި އިރުމައްޗާއި ހުޅަގު ފަރާތުންކުރެ ކޮންމެ ފަރާތަކަށް 100މީޓަރު އިތުރު ކުރެވުނެވެ.
- ޢައްބާސީ ދައުލަތުގެ ދުވަސްވަރު ޚަލީފާ މަހުދީގެ ވެރިކަމުގައި އުތުރުފަރާތަށް 27.5މީޓަރު އިތުރު ކުރެވުނެވެ.
- ހިޖުރައިން 654ވަނަ އަހަރު މަސްޖިދުއް ނަބަވީގައި އަލިފާނުގެ ހާދިސާއެއް ހިގާފައިވެއެވެ. ބުނެވޭގޮތުގައި އެފަހަރުގެ މިސްކިތުގެ ވަރަށް ބޮޑުބައެއް އަދައިގެން ގޮސްފައިވެއެވެ.
- މިޞްރުގެ ވެރިކަމަށް އައްޡާހިރު ބައިބަރަސް އިސްވުމަށް ފަހު މިސްރުންނާއި އިސްލާމީ ދުނިޔެއިން ފަންނީ މީހުން މަސްޖިދުއްނަބަވީ މަރާމާތުކޮށް އަލުން ބިނާކުރުމަށް ފޮނުއްވިއެވެ.
- ހިޖުރައިން 886ވަނަ އަހަރުވެސް މަސްޖިދުއްނަބަވީ ގައި ހުޅުރޯވެ، މިންބަރާއި، ބައެއް ފޮތްތަކާއި މުސްހަފުތައް އަދައިގެން ގޮސްފައިވެއެވެ.
- ހިޖުރައިން 888ވަނަ އަހަރު މިސްރުގެ ވެރިއަކަށް ހުންނެވި ޤައިތުބާއީ އަލްއަމީރު ސަންގަރު އަލް ޖަމާލީ މަދީނާއަށް ފަންނީ މީހުންނާއި، ތަކެއްޗާއި އެކު މަސްޖިދުއް ނަބަވީ މަރާމާތުކުރުމަށް ފޮނުއްވެވިއެވެ. އެފަހަރު ކީރިތި ރަސޫލާގެ ކޮޓަރިކޮޅުގެ މަތީގައި ފުރަތަމަ ފަހަރަށް ގުއްބު ހެދުނެވެ. އެފަހަރު ބޮޑުކޮށް ނިމުނު އިރު މިސްކިތުގެ ބޮޑުމިނުގައި 9010 އަކަމީޓަރު ހުއްޓެވެ.
- އުޘްމާނީ ޚިލާފަތުގައި ވެސް މަސްޖިދުއް ނަބަވީ ބޮޑުކުރެވިފައިވެއެވެ. އެފަހަރު އިތުރުކުރެވުނު ބަޔާއި އޭރު މިސްކިތުގެ ބޮޑުމިނުގައި 10303 އަކަމީޓަރު ހުއްޓެވެ.
- ހިޖުރައިން 1370ވަނަ އަހަރުގެ ޝައްވާލު މަހުގައި އޭރުގެ ސައޫދީ ރަސްކަމުގައި ހުންނެވި ޢަބުދުލް ޢަޒީޒު އާލް ސުޢޫދު ގެ ވެރިކަމުގައި މަސްޖިދުއް ނަބަވީ ބޮޑުކުރުމުގެ މަސައްކަތް ކުރެވުނެވެ. އެފަހަރު 12271މީޓަރުގެ ބޮޑުމިން މަސްޖިދުއް ނަބަވީ އަށް އިތުރުކުރެވުނެވެ.
- ހިޖުރައިން 1406 ވަނަ އަހަރު ފަހުދު ބިން އަބުދުލް ޢަޒީޒު އާލް ސުޢޫދުުގެ ވެރިކަމުގައި މަސްޖިދުއް ނަބަވީ އަށް 000،82 އަކަމީޓަރުގެ ބޮޑުމިން އިތުރު ކުރެވުނެވެ.
މަދީނާގައިވާ މުހިއްމު އާޘާރުތައް:
1- ޤުބާ މިސްކިތް
މިއީ ކީރިތި ރަސޫލާ އެންމެ ފުރަތަމަ ބިނާކުރެއްވި މިސްކިތެވެ. މިމިސްކިތް ބިނާކުރެއްވީ ކީރިތި ރަސޫލާ މައްކާ ދޫކުރައްވައި މަދީނާއަށް ހިޖުރަކުރެއްވި މަގުމަތީގައި ޤުބާގައި މަޑުކޮށްލި ދުވަސްތަކުގެ ތެރޭގައެވެ.
2- މަސްޖިދުއް ނަބަވީ
މަސްޖިދުއް ނަބަވީ ބިނާކުރެއްވީ ކީރިތި ރަސޫލާއެވެ. ކީރިތި ރަސޫލާގެ އިތުރުން އަބޫބަކުރުގެ ފާނުއާއި ، ޢުމަރުގެ ފާނު ފަސްދާނުފުޅު ވެޑުވިފައިވަނީ މިމިސްކިތުގެ ތެރޭގައެވެ.
3- ބަޤީޢު
މިއީ ވަރަށް ގިނަ އަޞްޙާބީން ފަސްދާނު ލެވިފައިވާ ތަނެކެވެ.