ސިކުނޑީގެ ދުލިފަށް ދުޅަވުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ސިކުނޑީގެ ދުލިފަށް ދުޅަވުން(އިނގިރޭސި ބަހުން: Meningitis) އަކީ ސިކުނޑި އަދި ސްޕައިނަލް ކޯޑް ގެ ވަށައިގެންވާ ލެވިފައިވާ ދުލިފަށް ދުޅަވުމެވެ. ވައިރަސް، ފަންގަސް، ބެކްޓީރިޔާ އަދި ޕަރަސައިޓް ގެ ސަބަބުން ވެސް މިބަލި ޖެހެއެވެ. ނަމަވެސް އެންމެ ނުރައްކާތެރިވަނީ ބެކްޓީރިޔާގެ ސަބަބުން ސިކުނޑީގެ ދުލިފަށް ދުޅަވުން ކުރިމަތިވެފައިވާނަމަ އެވެ.

ސިކުނޑީގެ ދުލިފަށް ދުޅަވުން ކުރިމަތި ކުރުވާ ބެކްޓީރިޔާ ތަކުގެ ތެރޭގައި މެނިންގޮކޮކަސް ( ނިސީރިއާ މެނިންޖިޓިޑިސް)، އިންފުލުއެންޒާ ބެސިލަސް (ހިމޮފިލަސް އިންފުލުއެންޒާ)، ނިއުމޮކޮކަސް، ސްޓްރެޕްޓޮކޮކަސް، އަދި ސްޓެފައިލޮކޮކަސް ފަދަ ބެކްޓީރިޔާ ތައް ހިމެނެއެވެ. ހަށިގަނޑުގެ އެކި ހިސާބުތަކުގައި އުފެދޭ އިންފެކްޝަންގެ އަސަރު ލޭގެ ޒަރީޢާއިން ސިކުނޑީގެ ދުލިފަށް އާއި ހަމައަށް ވާޞިލްވެ، ސިކުނޑީގެ ވަށައިގެންވާ ދުލިފަށް އާއި، ސިކުނޑިއާއި ދެމެދުގައި ހުންނަ ދިޔައިގެ ތެރޭގައި ދޮސް އަށަގަނެ، ސިކުނޑީގެ ވަށައިގެންވާ ދުލިފަށް ދުޅަވުން މެދުވެރި ކުރުވައެވެ. މިސާލަކަށް ސިކުނޑިއާއި ކައިރީގައިވާ ތަނެއް ކަމުގައިވާ ކަންފަތުގެ މެދުބައި ، އަދި ނޭފަތުގެ ވަށައިގެންވާ ވައިކޮތަޅު ފަދަ ތަނެއްގައި އިންފެކްޝަން އަށަގަނެއްޖެ ނަމަ ފަސޭހަ ކަމާއެކު އިންފެކްޝަން ސިކުނޑިއާއި ހަމައަށް ވާޞިލްވެއެވެ. އަދި ސިކުނޑީގެ ދުލިފަށް ދުޅަވުން ކުރިމަތި ކުރުވައެވެ.

ސިކުނޑީގެ ދުލިފަށް ދުޅަވުމުން ކުރިމަތިވެދާނެ އުދަގޫތަކުގެ ތެރޭގައި، ހުންއައުން، ބޮލުގައި ރިހުން، ހޮނޑުލުން، ކާހިތްނުވުން، އަދި ކަރުގެ މަސްތައް ހަރުއެރުން ނުވަތަ ކަދުރާ ގުޅަކެއުން ފަދަ ކަންތައްތައް ހިމެނެއެވެ.

ބެކްޓީރިޔާ ގެ ސަބަބުން ސިކުނޑީގެ ދުލިފަށް ދުޅަވުން ކުރިމަތިވުމުން ފެނިދާނެ އުދަގޫތަކުގެ ތެރޭގައި، ފިޓްޖެހުން، ބީރުވުން، ލޯއަދިރިވުން، ވާގިނެތުން، ފަދަ ކަންތައްތައް ހިމެނެއެވެ.