Jump to content

މުޙައްމަދު މުޢިއްޒު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
މުޙައްމަދު މުޢިއްޒު
މުޙައްމަދު މުޢިއްޒު، 2023
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ
މަޤާމާ ހަވާލުވެވަޑައިގަތީ
17 ނޮވެންބަރު 2023
ނައިބު ރައީސްޙުސައިން މުޙައްމަދު ލަޠީފް
ފަހުން ވަޑައިގަތީ
މާލެސިޓީގެ މޭޔަރު
މަޤާމުގައި
17 މޭ 2021  17 ނޮވެންބަރު 2023
ކުރިން ހުންނެވީސިފާ މުޙައްމަދު
ފަހުން ވަޑައިގަތީ
އާދަމް އާޒިމް
މިނިސްޓަރ އޮފް ހައުސިންގ އެންޑް އިފްރާސްޓްރަކްޗަރ
މަޤާމުގައި
21 މޭ 2012  17 ނޮވެންބަރު 2023
ރައީސްޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު
ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް
ކުރިން ހުންނެވީހަމަ މުޙައްމަދު މުޢިއްޒު
ފަހުން ވަޑައިގަތީ
މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަމަންޓް
މަޤާމުގައި
19 ފެބުރުވަރީ 2012  21 މޭ 2012
ކުރިން ހުންނެވީމުޙައްމަދު އަސްލަމް
ފަހުން ވަޑައިގަތީ
އުފަންވީ (1978-06-15) 15 ޖޫން 1978 (48 އަހަރު )
މާލެ، ދިވެހިރާއްޖެ
ސިޔާސީ ޕާޓީޕީޕަލްސް ނޭޝަނަލް ކޮންގްރެސް (2023އިން ފެށިގެން)
އެހެނިހެން ސިޔާސީ
ގުޅުންތައް
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (2018 - 2023)
މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (2014 - 2018)
ޢަދާލަތު ޕާޓީ (2010 - 2014)
އަނބި ނުވަތަ ފިރިސާޖިދާ މުޙައްމަދު
ދަރިން3
މައިންބަފައިންބައްޕާފުޅު: ފަޟީލަތުއްޝައިޚު ޙުސައިން ޢަބްދުއްރަޙްމާން
މަންމާފުޅު: ޙުސްނާ އާދަމް
ތަޢުލީމްމަޖީދިއްޔާ ސްކޫލް
މަތީތަޢުލީމުޔުނިވަރސިޓީ އޮފް ލަންޑަން
ޔުނިވަރސިޓީ އޮފް ލީޑްސް
އިނާމުތައްމަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު - 2013
ސޮއި

ތަޢާރަފު

ޑރ. މުޙައްމަދު މުޢިއްޒު (އިނގިރޭސި: Mohamed_Muizzu) އަކީ ދިވެހިރާއްޖޭގެ 8ވަނަ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި އެއީ ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަތްވަނަ ރައީސުލްޖުމްހޫރިއްޔާއެވެ. ޑރ. މުޙައްމަދު މުޢިއްޒު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1978 ޖޫން 15 ގައެވެ. އެ މަނިކުފާނުގެ ބައްޕާފުޅަކީ ފަޟީލަތުއްޝައިޚު ޙުސައިން ޢަބްދުއްރަޙްމާނެވެ. މަންމާފުޅަކީ ޙުސްނާ އާދަމެވެ. ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުންނަކީ ސާޖިދާ މުޙައްމަދެވެ. އެ ދެމަފިރިކަނބަލުންނަށް ތިން ކުދީން ލިބިވަޑައިގެންފައިވެއެވެ.

ތަޢުލީމު ޙާޞިލުކުރެއްވުން

ޑރ. މުޙައްމަދު މުޢިއްޒު ތަޢުލީމު ޙާޞިލުކުރެއްވީ ދިވެހިރާއްޖޭގެ އެންމެ ދުވަސްވީ ސްކޫލް ކަމަށްވާ މަޖީދިއްޔާ ސްކޫލުންނެވެ. ބެޗްލަރސް ޑިގުރީއާއި މާސްޓަރސް ޑިގުރީ ޙާޞިލުކުރެއްވީ ސްޓްރަކްޗަރަލް އިންޖިނިއަރިންގގެ ދާއިރާއިން ޔުނިވަރސިޓީ އޮފް ލަންޑަނުންނެވެ. ޕީއެޗްޑީ ޙާޞިލުކުރެއްވީ ސިވިލް އިންޖިނިއަރިންގގެ ދާއިރާއިން 2009ވަނަ އަހަރު އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ލީޑްސްގައެވެ.

ޚިދުމަތް

ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ސަރުކާރަށް ޚިދުމަތްކުރައްވަން ފެށްޓެވީ 1998ވަނަ އަހަރުގެ މާރިޗު މަހުގައެވެ. އަދާކުރެއްވި ފުރަތަމަ ވަޒީފާއަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވަރކްސްގެ ޕްލޭނިންގ ޓެކްނީޝަން ޓްރޭނީއެއްގެ މަޤާމެވެ. ސަރުކާރަށް ޚިދުމަތްކުރެއްވުމުގެ އިތުރުން، ރާއްޖޭގެ އަމިއްލަ ބައެއް ކުންފުނިތަކުގައި ވެސް އިސް މަޤާމުތަކެއްގައި ޚިދުމަތްކުރެއްވިއެވެ. އަދި ސިޔާސީ ބައެއް ޕާޓީތަކުގެ އިސް މަޤާމުތައް ވެސް ފުރުއްވައިފައިވެއެވެ.

ސިޔާސީ ދާއިރާގައި

ޑރ. މުޢިއްޒުގެ ސިޔާސީ ޙަޔާތް ފެށުނީ 2012ވަނަ އަހަރު އެވެ. ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ސަރުކާރުގެ ހައުސިން އެންޑް އެންވަޔަރަމަންޓް މިނިސްޓަރުކަމަށް ޑރ. މުޢިއްޒު ޢައްޔަންކުރެއްވިއެވެ. އޭރު ޑރ. މުޢިއްޒަކީ ޢަދާލަތު ޕާޓީގެ މެންބަރެކެވެ. އަދި އޭގެ ފަހުން 2013ވަނަ އަހަރު އުފެދުނު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައި މިނިސްޓަރ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމު އަދާކުރެއްއެވެ. އޭރު ޑރ. މުޢިއްޒު ހުންނެވީ މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) ގެ މެންބަރެއްގެ ގޮތުގައެވެ. އެމްޑީއޭ އަކީ 2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ކޯލިޝަން ބައިވެރިއެކެވެ.

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދައުރުގައި ޑރ. މުޢިއްޒުގެ ބެއްލެވުމުގެ ދަށުން ބޮޑެތި ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދެވިއެވެ. އޭގެ ތެރޭގައި ރަސްފަންނު ތަރައްޤީކުރުމާއި، ސަލްޓަން ޕާކާއި ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ހިމެނެއެވެ. އަދި ރަށްރަށުގެ ބަނދަރު ތަރައްޤީކުރުމާއި، ޕާކްތަކާއި މިސްކިތްތައް ބިނާކުރުން ހިމެނެއެވެ. އަދި މާލޭގެ މަގު ހެދުމުގެ ގިނަ މަސައްކަތްތަކެއް ކުރެވުނެވެ.ހަމައެހެންމެ އެ ދައުރުގައި ހިންގުނު ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢު، ސިނަމާލެ ބުރިޖުގެ މަސައްކަތް ކުރިއަށް ދިޔައީ ޑރ. މުޢިއްޒުގެ ޚާއްޞަ ބެއްލެވުމުގެ ދަށުންނެވެ.

2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ފަހު، ޑރ. މުޢިއްޒު އެމްޑީއޭއިން ވަކިވެވަޑައިގެން ޕީޕީއެމާ ގުޅިވަޑައިގަތެވެ. އަދި 2019ވަނަ އަހަރު އެ ޕާޓީގެ ނާއިބު ރައީސްގެ މަޤާމަށް އިންތިޚާބުވެވަޑައިގަތެވެ.

ވެރިކަންކުރާ މާލެ ސިޓީގެ ރައްޔިތުންގެ ސީދާ ވޯޓަކުން، މާލެ ސިޓީއަށް އިންތިޚާބުކުރި ފުރަތަމަ މޭޔަރަކީ ޑރ. މުޙައްމަދު މުޢިއްޒެވެ. 17 މޭ 2021 އިން 17 ނޮވެންބަރު 2023 އަށް މާލެސިޓީގެ މޭޔަރުކަމުގައި އެ މަނިކުފާނު ހޭދަކުރެއްވި 2 އަހަރާއި 6 މަސްދުވަހުގެ ތެރޭގައި މާލެ ސިޓީ ފެހިކޮށް ޗާލުކޮށް، ރައްޔިތުން އެދޭ އަމާޒަށް ހެޔޮ ބަދަލުތަކެއް ގެނަސްދެއްވުމުގައި ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވައިފައެވެ. އަދި މޭޔަރުކަމުގައި ހުންނަވައިގެން ސީދާ ރައްޔިތުންގެ ގޭގެއަށް ސިލްސިލާކޮށް ޒިޔާރަތްކުރައްވައި، ޙާލު ބައްލަވައި، އެކި ކަންކަމުގައި ސީދާ ރައްޔިތުންނާ މަޝްވަރާކުރެއްވުމުގައި އެމަނިކުފާނު ވަނީ ނަމޫނާ ދައްކަވައިފައެވެ. ލާމަރުކަޒީ ނިޒާމު ނަގަހައްޓައި ކައުންސިލްތައް ބާރުވެރިކުރުވުމަށް އެމަނިކުފާނުގެ މޭޔަރުކަމުގައި ވަނީ އަޑުއުފުއްލަވައި ވަކާލާތު ކުރައްވައިފައެވެ.

2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ކުރިމަތިވީ އިރު، ޕީޕީއެމްގެ ރައީސަކަށް ހުންނެވި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހުންނެވީ ޖަލުގައެވެ. އަދި ޕީޕީއެމްގެ ފަރާތުން ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ޙަވާލުކުރި ނަމަވެސް އިންތިޚާބުގައި ވާދަކުރެވޭނެ ފުރުޞަތު ނެތުމުން، ޕީޕީއެމް ކޯލިޝަންގައި ދެން ހިމެނޭ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޓޭޓަކަށް ޑރ. މުޢިއްޒު ނޮމިނޭޓްކުރިއެވެ. ރަނިންގމޭޓެއްގެ ގޮތުގައި ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ އޭރުގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފެވެ. 2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 46.06 އިންސައްތަ ވޯޓު ޑރ. މުޢިއްޒު ހޯއްދެވިއެވެއެވެ. އަދި އިންތިޚާބުގެ ދެވަނަ ބުރުގައި އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ވާދަކުރައްވައި 54.04 އިންސައްތަ ވޯޓުން ޑރ. މުޢިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވިއެވެ.

ރިޔާސީ ދައުރު

ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ޤާނޫނީ ހުވާކުރެއްވީ 2023 ނޮވެންބަރު 17ވީ ހުކުރު ދުވަހު ޖުމްހޫރީ މައިދާނުގައި ބޭއްވި ހުވާކުރުމުގެ ދަރުބާރުގައެވެ. ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ އޭރުގެ އުއްތަމަ ފަނޑިޔާރު ޗީފް ޖަސްޓިސް (ރިޓަޔަރޑް) އަޙްމަދު މުޢުތަޞިމް ޢަދުނާން (ނޢޢވ) އެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ނާއިބު ރައީސަކީ ޙުސައިން މުޙައްމަދު ލަޠީފެވެ.