Jump to content

ވިލާ ގުރޫޕް

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ވިލާ އަކީ ދިވެހިރާއްޖޭގައި އެތަކެއް ދާއިރާތަކެއްގައި ހަރަކާތްތެރިވާ ކުންފުންޏެއްގެ ބްރޭންޑް ނުވަތަ ޓްރޭޑް ނަމެކެވެ. ވިލާ ގެ އަޞްލަކީ ވިލާ ގުރޫޕް އެވެ. ނުވަތަ ވިލާ ގުރޫޕްގެ މައި ކުންފުނި ކަމުގައިވާ ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އެވެ. މިއީ ދިވެހިރާއްޖޭގައި އުފެދިފައިވާ ކުންފުނިތަކުގެ ތެރެއިން އަމިއްލަ ފަރުދުންގެ އެންމެ ބޮޑު އަދި އެންމެ ބިޔަ ކުންފުނި ތަކުގެ ތެރޭގައި ގުނާލެވޭނެ ކުންފުންޏެކެވެ. ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އުފެއްދީ ވިލާގެ ދަށުން ހިންގާ ހުރިހާ ކުންފުނިތަކެއްގެ ވެސް ވެރިފަރާތް ކަމުގައިވާ އަލްފާޟިލް ޤާސިމް އިބްރާހީމް އެވެ. މިކުންފުނި އުފައްދާފައިވަނީ 1986 ވަނަ އަހަރު އެވެ. އޭރު މިކުންފުނި އުފެދިގެންއައީ ބޮޑެތި ބޯޓުފަހަރުގައި ރާއްޖެއިން ބޭރުން ރާއްޖެއަށް މުދާއެތެރެކުރުމަށާއި، ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވުމަށެވެ.

1988 ވަނަ އަހަރު ވިލާ ގުރޫޕުގެ ފަރާތުން ފަތުރުވެރިކަމުގެ ވިޔަފާރީގެ ތެރެއަށް ވަނެވެ. އެއަށްފަހު މިހާރު ވިލާ ގުރޫޕުގެ ދަށުން ހިންގާ ތަފާތު 5 ރިސޯޓް ރާއްޖޭގައި އެބައޮތެވެ. މި5 ރިސޯޓްގައި ޖުމްލަ 1002 ކޮޓަރި 2008 އެދާއެކު ގާއިމް ކުރެވިފައި ވެއެވެ.


  • ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އުފެއްދުން - 1986
  • ވިލާގެ ފުރަތަމަ ރިސޯޓް ފަން އައިލޭންޑް ހުޅުވުން 1988
  • ހޮލިޑޭ އައިލޭންޑް ހުޅުވުން - 1994
  • ޕަރަޑައިސް އައިލޭންޑް ހުޅުވުން - 1994
  • ސަން އައިލޭންޑް ހުޅުވުން 1998
  • ރޯޔަލް އައިލޭންޑް ހުޅުވުން 2001
  • މަސްވެރިކަމުގެ ދާއިރާއަށް ވަނުން - 2002
  • ތެޔޮ، ކަރާސީނު، ޕެޓްރޯލް ރައްކާކުރާނޭ ފާރމެއް އުފެއްދުން - 2004
  • ބޭރުން ގެންނަ ސިމެންތި ކޮތަޅުގައި ބަންދުކުރާނޭ ފެކްޓަރީއެއް އުފެއްދުން - 2004
  • ވިލާ ޓީވީ އިފްތިތާހުކުރުން - 5 ސެޕްޓެމްބަރު 2008

ހަރަކާތްތެރިވާ ދާއިރާތައް

[އުނިއިތުރު ގެންނަވާ]

ވިލާ ގުރޫޕް އަކީ ދިވެހިރާއްޖޭގައި ތަފާތު އެތަކެއް ދާއިރާތަކެއްގައި ހަރަކާތްތެރިވާ ގުރޫޕެކެވެ. އެގޮތުން ހަރަކާތްތެރިވާ ދާއިރާތަކާއި އެދާއިރާތަކުން ހަރަކާތްތެރިވާ ގޮތް ތިރީގައި މިވަނީ އެވެ.

ފަތުރުވެރިކަމުގެ ދާއިރާ

[އުނިއިތުރު ގެންނަވާ]

ވިލާ ގުރޫޕްގެ މައި ކުންފުނި ކަމުގައިވާ ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ގެ ފަރާތުން ދިވެހިރާއްޖޭގައި ތަފާތު 5 ރިސޯޓެއް ހިންގައެވެ. މީގެ އިތުރުން މި 5 ރިސޯޓް ހިންގުމަށްޓަކައި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާނެ ކުޑަ ދެކުންފުނި އުފައްދާފައިވެއެވެ. އެއީ ވިލާ ޓްރެވަލް އެންޑް ޓުއާރސް ޕްރައިވެޓް ލިމިޓެޑް، އަދި ޕަރަޑައިސް ހޮލިޑޭ ޕްރައިވެޓް ލިމިޓެޑް އެވެ.

މަސްވެރިކަމުގެ ދާއިރާ

[އުނިއިތުރު ގެންނަވާ]

މަސްވެރިކަމުގެ ދާއިރާއަށް ވިލާ ގުރޫޕު ވަދެފައިވަނީ 2001 ވަނަ އަހަރު ސަރުކާރުގެ ފަރާތުން މަސްވެރިކަން ކުރުމަށް ސަރަހައްދުތައް އަމިއްލަ ފަރާތްތަކަށް ހުޅުވާލުމާއި ގުޅިގެންނެވެ. އެގޮތުން މަސްވެރިން ބާނާ މަސްކިރުމަށްޓަކައި ވިލާ ގުރޫޕުގެ މަސްކިރާ ބޯޓު ފަހަރު އަދި ހަރަކާތްތެރިވަނީ ރާއްޖޭ ބަހާފައިވާ 4 ސަރަހައްދުގެ ތެރެއިން އެންމެ ސަރަހައްދެއްގައެވެ. ވިލާ ގުރޫޕްގެ ފަރާތުން މިހާރު ދަނީ މަސް ބަންދުކޮށް ރައްކާކުރާނޭ ފެކްޓަރީ އެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.

ބޯޓު ދަތުރުކުރުމާއި، ދަތުރުފަތުރު ކުރުމުގެ ދާއިރާ

[އުނިއިތުރު ގެންނަވާ]

ވިލާ ގުރޫޕްގެ މިލްކިއްޔާތުގައި 28 ސްޕީޑް ލޯންޗާއި، 60 އިންޖީނު އެޅި ދޯނި އޮވެއެވެ. ފަތުރުވެރިން ފަތުރުވެރި ރަށްތަކަށް ވައިގެ މަގުން އުފުލުމަށް ދިވެހިރާއްޖޭގެ އެތެރޭގެ އުދުހުން ތަކުގައި ހަރަކާތްތެރިވާ މައި ދެކުންފުނީގެ ތެރެއިން އެއްކުންފުނި ކަމުގައިވާ ޓްރާންސް މޯލްޑިވިއަން އެއާރވޭސް ގެ 50 އިންސައްތަ ވިލާ ގުރޫޕްގެ ފަރާތުން ޙިއްޞާ ކުރެއެވެ.

ވިލާ ގުރޫޕްގެ ފަރާތުން އދ. މާމިގިލީގައި އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ބޯޓް ފަހަރު ޖެއްސުމަށްޓަކައި ވިލާ އެއާޕޯޓްގެ ނަމުގައި އެއާޕޯޓެއް މިހާރު ދަނީ ހަދަމުންނެވެ.

އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ

[އުނިއިތުރު ގެންނަވާ]

އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގައި ހަރަކާތްތެރިވުމަށް ވިލާ ގުރޫޕުގެ ފަރާތުން ވަނީ ވިލާ ޓެކްނޮލޮޖީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފައްދާފައެވެ. މިކުންފުނީގެ ފަރާތުން، އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާ ކުރިއަރުވައި ދިވެހިރާއްޖޭގައި އެދާއިރާ މާކެޓް ކުރުމަށް މަސައްކަތް ކުރެއެވެ. އަދި އިންފޮމޭޝަން ޓެކްނޮލޮޖީއާއި، ކޮމިއުނިކޭޝަން، އަދި އިލެކްޓްރޯނިކްސް އުފެއްދުންތައް ރާއްޖޭގައި މާކެޓްކުރެއެވެ. މީގެ އިތުރުން ޑޭޓާ ނެޓްވޯކްތައް ފަރުމާކޮށް ގުޅައި ހަދައިދިނުމުގެ މަސައްކަތް މިކުންފުނީގެ ފަރާތުން ކޮށްދެއެވެ. މިހާރު ވިލާ ކޮލެޖްގައި ފެކަލްޓީ އޮފް ކޮމްޕިއުޓިންގ އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ ގެ ނަމުގައި އެދާއިރާއިން މީހުން ބިނާކުރުމަށް ޚާއްޞަ ފެކަލްޓީ އެއް ގާއިމްކޮށްފައި ވެއެވެ.


ވިޔަފާރީގެ ދާއިރާ

[އުނިއިތުރު ގެންނަވާ]

ވިލާ ގުރޫޕުގެ ފަރާތުން ތަފާތު ބާވަތްތަކުގެ މުދާ ރާއްޖެއަށް އެތެރެކޮށް ވިއްކައި ހަދައެވެ. އާންމުކޮށް އެތެރެކުރާ ބާވަތްތަކުގެ ތެރޭގައި އިލެކްޓްރޯނިކް ސާމާނު، ސިމެންތި، ލަކުނޑި، ތެޔޮ، ޕެޓްރޯލް، އަޑީތެޔޮ، ވަޑާމުގެ ސާމާނު، އަދި ގޭތެރޭގައި ބޭނުންކުރާ ތަފާތު ބާވަތްބާވަތުގެ މެޝިން ފަދަ ތަކެއްޗާއި އަދި މިނޫން ބާވަތްތަކުގެ މުދާ ވެސް ހިމެނެއެވެ. މީގެ އިތުރުން ވިލާގެ ފަރާތުން ވަނީ އަންނަނިވި ކަންތައްތައް ތިލަފުށީގައި ގާއިމްކޮށްފައެވެ.

  • ފިއުލް ފާރމް:
  • ގޭސް ބަންދުކުރާ ތަން:
  • ސިމެންތި ބަންދުކުރާ ކާރުޚާނާ:

ޓްރެވަލް އެންޑް ޓްއާރސް

[އުނިއިތުރު ގެންނަވާ]

ވިލާ ޓްރެވަލް އެންޑް ޓްއާރސް އަކީ އެކި ގައުމުތަކަށް ޒިޔާރަތްކުރާ މީހުންނަށް ޓިކެޓް ނަގައިދީ، ބޭރު ގައުމުތަކަށް ލާރި ފޮނުވައިދިނުން ފަދަ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުންޏެކެވެ. ވިލާ ޓްރެވަލް އެންޑް ޓްއާރސް އަކީ މެލޭޝިއަން އެއާރލައިންސް އަދި ކުވައިތު އެއާރވޭސް ގެ ޕެސެންޖަރ ސޭލް އެޖެންޓް އެވެ. އަދި ލައުޑާ އެއާރ ގެ ޖެނެރަލް ސޭލް އެޖެންޓް އެވެ. މީގެ އިތުރުން ކުވައިތު އެއާރވޭސް،އުޒުބަކިސްތާން އެއާރލައިން، އެއާރ އިޓާލިއާ، ޔޫރޯ ފްލައިގެ ކާގޯ ސޭލް އެޖެންޓަކީ ވެސް ވިލާ ޓްރެވަލް އެންޑް ޓްއާރސް އެވެ. ވެސްޓަން ޔޫނިއަން މަނީ ޓްރާންސްފަރ ގެ ނަމުގައި ބޭރުގައުމުތަކަށް ލާރި ފޮނުވުމުގެ ޚިދުމަތް ރާއްޖޭގައި ދެނީވެސް ވިލާ ގުރޫޕުގެ ފަރާތުންނެވެ. އަދި ސްރީލަންކާގެ ހެޓަން ނޭޝަނަލް ބޭންކް ގެ ކްރެޑިޓް ކާޑް ރާއްޖޭގައި ހައްދައިދިނުމުގެ މަސައްކަތް ވެސް ވިލާ ގުރޫޕުން ފޯރުކޮށްދެއެވެ.

އިންސާނީ ވަޞީލަތުގެ ދާއިރާ

[އުނިއިތުރު ގެންނަވާ]

އިންސާނީ ވަޞީލަތްތައް ތަރައްގީ ކުރުމުގެ ބޭނުމުގައި ވިލާއިން ވަނީ ވިލާ ފައުންޑޭޝަން ގެ ނަމުގައި ޗެރިޓީ އޯގަނައިޒޭޝަން އެއް ގާއިމުކޮށްފައެވެ. އަދި މީގެ އިތުރުން ވިލާ ކޮލެޖް ގެ ނަމުގައި ކޮލެޖެއް ވެސް ވަނީ ގާއިމްކޮށްދީފައެވެ.


ވިލާ ގުރޫޕް ޙިއްޞާވާ ކުންފުނިތަކާއި ތަންތަން

[އުނިއިތުރު ގެންނަވާ]