ވިލާ ހޮޓެލް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ވިލާ ހޮޓެލް އަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހޮޓެލް ސިލްސިލާ އެކެވެ. ވިލާ ހޮޓެލްގެ ގޮތުގައި ދިވެހި ރާއްޖޭގައި ތަފާތު 5 ރިސޯޓެއް ވިލާ ގުރޫޕުގެ ފަރާތުން ހިންގައެވެ. ފަތުރުވެރިކަމުގެ ވިޔަފާރީގެ ތެރެއަށް ވިލާ ގުރޫޕުގެ ފަރާތުން ވަދެފައިވަނީ 1986 ވަނަ އަހަރު އެވެ. ނަމަވެސް ވިލާ ގުރޫޕްގެ ފުރަތަމަ ރިސޯޓް ފަން އައިލޭންޑް ހުޅުވާފައިވަނީ 1988 ވަނަ އަހަރު އެވެ.


ފަން އައިލޭންޑް ރިސޯޓް[އުނިއިތުރު ގެންނަވާ]

ވިލާ ގުރޫޕުގެ ފުރަތަމަ ރިސޯޓް ފަން އައިލޭންޑް ހުޅުވާފައި ވަނީ 1988 ވަނަ އަހަރު އެވެ.3.9 މިލިއަން ރުފިޔާގެ އަގުހުރި 100 ކޮޓަރި އެކުލެވޭ 3 ތަރީގެ ރިސޯޓް ފަން އައިލޭންޑް އަކީ ފަތުރުވެރިކަމުގެ ދާއިރާގައި ވިލާގުރޫޕުން އުފެއްދި ރަންބިސްއަޅާ ފުރަތަމަ ކުކުޅު ކަމުގައި ވަނީވެފައެވެ. ފަން އައިލޭންޑް ހަދާފައިވަނީ މާލެ އަތޮޅު ދެކުނު ބުރީގައި އޮންނަ ބޮޑުފިނޮޅު ގައެވެ. ދިވެހިރާއްޖެ ރައީސް ދެއްވާ ހަޔަސްޓް އޮކިއުޕަންސީ ރޭޓް ދެފަހަރު ފަން އައިލޭންޑް އިން ޙާޞިލްކޮށްފައި ވެއެވެ.


ހޮލިޑޭ އައިލޭންޑް ރިސޯޓް[އުނިއިތުރު ގެންނަވާ]

ވިލާ ގުރޫޕުގެ ދެވަނަ ރިސޯޓް ހޮލިޑޭ އައިލޭންޑް ހުޅުވާފައި ވަނީ 1994 ވަނަ އަހަރު އެވެ. ހޮލިޑޭ އައިލޭންޑް ހަދާފައިވަނީ އަރިއަތޮޅު ދެކުނު ބުރީގައި އޮންނަ ދިއްފުށީގައެވެ. ހޮލިޑޭ އައިލޭންޑް އަކީ 142 ކޮޓަރި ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ 4 ތަރީގެ ހޮޓަލެކެވެ.


ޕަރަޑައިސް އައިލޭންޑް ރިސޯޓް[އުނިއިތުރު ގެންނަވާ]

ވިލާ ގުރޫޕުގެ ތިންވަނަ ރިސޯޓް ޕަރަޑައިސް އައިލޭންޑް ހުޅުވާފައި ވަނީ 1994 ވަނަ އަހަރު އެވެ. ޕަރަޑައިސް އައިލޭންޑް ހެދުމުގެ މަސައްކަތް ވިލާ ގުރޫޕުން ކުރަމުން ގެންދިޔައީ ހޮލިޑޭ އައިލޭންޑް އާއި ދާދި އެކުއެކީގައި ކަހަލަ ގޮތަކަށެވެ. މިހާރު 206 ކޮޓަރި ހުރި ޕަރަޑައިސް އައިލޭންޑް ރިސޯޓް 1994 ވަނަ އަހަރު ހުޅުވުނު އިރު ހުރީ 140 ކޮޓަރި އެވެ. އެއަށްފަހު މިހާރު ހުރި އަދަދަށް ކޮޓަރިތައް އިތުރުކޮށްފައިވަނީ 1996 ވަނަ އަހަރުގެ ތެރޭގައެވެ. 5 ތަރީގެ މިރިސޯޓަކީ މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރައިގެން ސްޕީޑް ލޯންޗެއްގައި އެންމެ 15 މިނިޓް ތެރޭގައި ދެވޭހާ ކައިރީގައި އޮތް ރިސޯޓެކެވެ.


ސަން އައިލޭންޑް ރިސޯޓް[އުނިއިތުރު ގެންނަވާ]

ވިލާ ގުރޫޕުގެ ހަތަރުވަނަ ރިސޯޓް ސަން އައިލޭންޑް ހުޅުވާފައި ވަނީ 1998 ވަނަ އަހަރު އެވެ. ސަން އައިލޭންޑް ހަދާފައިވަނީ އަރިއަތޮޅު ދެކުނު ބުރީގައި އޮންނަ ނަލަގުރައިދޫ ގައެވެ. 5 ތަރީގެ މިރިސޯޓްގައި 250 ކޮޓަރި ހިމެނެއެވެ. އޭގެ ތެރޭގައި 4 ޕްރެޒިޑެންޝަލް ސުއިޓް އަދި 64 މޫދު ކޮޓަރި ހިމެނެއެވެ. 2000 ވަނަ އަަހަރު ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ފެހި ރިސޯޓްގެ ޝަރަފް ސަންއައިލޭންޑް އަށް ލިބިފައި ވެއެވެ.


ރޯޔަލް އައިލޭންޑް ރިސޯޓް[އުނިއިތުރު ގެންނަވާ]

ވިލާ ގުރޫޕުގެ ފަސްވަނަ ރިސޯޓް ރޯޔަލް އައިލޭންޑް ހުޅުވާފައި ވަނީ 2001 ވަނަ އަހަރު ގެ މާރޗް މަހުގެ ތެރޭގައެވެ. ބ. އަތޮޅު ހޮރުބަދޫގައި ހަދާފައިވާ މިރިސޯޓަކީ 5 ތަރީގެ ހޮޓަލެކެވެ. މިރިސޯޓްގައި 150 މޫދު ކޮޓަރި ހިމެނެއެވެ. އޭގެ ތެރޭގައި 2 ޕްރެޒިޑެންޝަލް ސުއިޓް ހިމެނެއެވެ. 22 މިލިއަން ރުފިޔާގެ ބަޖެޓަކުން ހަދާފައިވާ މިރިސޯޓަކީ މަތީ ފެންވަރުގެ ފަތުރުވެރިންނަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ ރިސޯޓެކެވެ.