ޝީޢީ މަޛްހަބު
|
ޝީޢީ މަޛްހަބުގައި އަލްއިމާމިއްޔާ - އަލް އިޘްނާ ޢަޝަރިއްޔާގެ ގޮތުގައި ފާހަނގަ ކުރެވިފައިވަނީ ކީރިތި ރަސޫލާ އަށްފަހު ޚަލީފާކަން ހައްޤުވެގެންވަނީ ޢަލީގެފާނަށް ކަމަށާއި އަބޫބަކުރުގެފާނާއި، ޢުމަރުގެފާނު އަދި އުޘްމާންގެފާނު ޚަލީފާކަމަށް އިސްކުރެވިފައިވަނީ ނުހައްޤުންކަން ޤަބޫލުކުރާ އަޤީދާއެއްގައި ހިފަހައްޓައިގެން ތިބި އިސްލާމްދީނަށް ނިސްބަތް ކުރެވޭ ޖަމާއަތެކެވެ. މިއީ أهل السنة والجماعة އަށްފަހު އެންމެ ބޮޑު ޖަމާޢަތެވެ. މިބައިމީހުންނަށް އމާމިއްޔާއިންނޭ ކިޔެނީ އިސްލާމީ އުއްމަތުގެ އިމާމަތު ނުވަތަ ވެރިކަން އެމީހުންނަށް ޚާއްޞަކުރާތީއެވެ. އަދި އެއީ އާލުބައިތުންގެ 12 އިމާމުންގެ މައްޗަށް އެކުލެވިގެންވާ ޖަމާޢަތެއްކަމަށް ބުނާތީއެވެ. މުސްތަދްރަކްއަލްސަހީހައިނީގައިވާ ހަދީޘެއްގައި ވެއެވެ. "ތިމަންކަލޭގެފާނުގެ އަހުލުބައިތުންގެ މިސާލަކީ ނޫހުގެފާނުގެ ނަވުގެ މިސާލެވެ. އެނަވަށް އަރައިފި މީހަކު ސަލާމަތް ވެއްޖެއެވެ. އެއާ ދުރުވެއްޖެ މީހަކު ހަލާކު ވެއްޖެއެވެ."
ޝީޢީ މަޛްހަބުގެ ގަބޫލުކުރާ މީހުންނަކީ ޝީޔާ ނުވަތަ ޝީއީނނެވެ. ޝީޢީން ނަކީ މުސްލިމް އާބާދީގެ 10 ނުވަތަ 13 އިންސައްތައެވެ. މީގެ ތެރެއިން 80 އެއްހައި އިންސައްތަ ދިރިއުޅެނީ މައިގަނޑު 4 ގައުމެއްގައެވެ. އެއީ އިރާން، އިރާގް، ޕާކިސްތާން އަދި އިންޑިޔާ އެވެ. ޝިޢާ މަޛްހަބުގެ އެންމެ ބޮޑު ޖަމާއަތަކީ އަލް އިސްނާ އަޝަރިއްޔާ އެވެ.
ޝީޢީ މުސްލިމުންގެ އަގީދާ ބިނާވެފައިވަނީ ކީރިތި ޤުރުއާނާއި، ރަސޫލާގެ ހަދީސް (ޝީއީން ލިޔެފައިވާ) ގެ އިތުރުން ބައެއް މުގައްދަސް ފޮތްތަކުގެ މައްޗަށެވެ. ޝިޢާ ގަބޫލުކުރާގޮތުގައި މުޙައްމަދުގެފާނަށް ފަހު އިސްލާމީ ހަލީފާކަމަށް މާތް ﷲ ހިޔާރުކުރައްވާފައިވަނީ ޢަލީގެފާނެވެ. އަދި ޢަލީގެފާނަކީ ޝީޢީންގެ ފުރަތަމަ އިމާމެވެ. މީގެ އިތުރުން އިމާމްކަން ނަގުލުވާނީ ރާސޫލުﷲ ގެ ދަރިކޮޅުން (އަހުލު ބައިތުން) ރޫހާނީ އަދި ސިޔާސީ ބާރުތައް ލިބިފައިވާ މީހުންނަށެވެ. ޝިޢާމުސްލިމުންގެ އެތައް ޖަމާއަތެއް ވެއެވެ. ނަމަވެސް މި ޖަމާއަތްތައް މައިގަނޑު 3 ޖަމާއަތަކަށް ބަހާލެވެ.އެވެ. އެއީ އިސްނާ އަޝަރިއްޔާ، އިސްމާއިލީ، އަދި ޒައިދީ އެވެ. އިސްނާ އަޝަރިއްޔާ އަކީ އެންމެ ބޮޑު އަދި އެންމެ ނުފޫޒުގަދަ ޖަމާއަތެވެ.
ނަމުގެ އަސްލު
[އުނިއިތުރު ގެންނަވާ]ޝިޢާ މި ލަފުޒުގެ މާނައަކީ ތަބާ ވުމެވެ. ކުރިން ކިޔެމުން އައި "ޝިޢާ ޢަލީ" (ޢަލީގެފާނަށް ތަބާވީ މީހުން) ކުރުކޮށްލާފައި މިހެން ކިޔަން ފެށުނީއެވެ.
މަޛްހަބުތައް
[އުނިއިތުރު ގެންނަވާ]ޒައިދިއްޔާ
[އުނިއިތުރު ގެންނަވާ]ޒައިދިއްޔާ މިއީ ޒައިދުގެފާނުގެ އިމާމްކަން ގަބޫލުކުރި ޝީޢީންނަށް ކިޔޭނަމެކެވެ. މިއާ ހިލާފަށް އިޘްނާއަޝަރީންނާއި ޢިސްމާޢީލީން ޤަބޫލުކުރާ ގޮތުގައި އިމާމް ޒައިނުލް އާބިދީންގެ ފަހުން އިމާމްކަން ލިބިވަޑައިގަތީ އިމާމް ބާގިރުގެފާނަށެވެ. ޒައިދީން ފާހަގަކުރެވެނީ މެދުމިނުގެ އގީދާއެއް ޝީޢީ މަ ގެންގުޅޭ ޒްހަބެއްގެ ގޮތުގައެވެ. މިމަޒްހަބަށް ތަބާވާމީހުން ދިރިއުޅެނީ ޔަމަން އަދި ސައުދި އަރަބިއްޔާގައެވެ. މީގެ އިތުރުން ކުރީގައި ގިނަ އަދަދެއްގެ އަލީގެފާނުގެ ދަރިކޮޅަށް ނިސްބަތްވާ މީހުންނަކީ ވެސް ޒައިދީންނެވެ.
ޢިސްމާއީލިއްޔާ
[އުނިއިތުރު ގެންނަވާ]އިސްމާއިލީންނަކީ އިމާމް ޖައުފަރުންޞާދިޤުގެ ފަހުން އިމާމްކަން ނުވަތަ އިމާމަތުކަން ހައްގުވެގެންވަނީ އެކަލޭގެފާނުގެ ދޮށީ ދަރިކަލުން އިސްމާއީލްއަށް ކަމަށް ގަބޫލުކުރާ ޝީޢީންނެވެ. މައީ ޝީޢީންގެ ދެވަނައަށް އެންމެ ބޮޑު ފިރުޤާ ވެސްމެއެވެ. އިސްމާއިލީންނަށް ބާޠިނީންނޭ ވެސް ކިޔެއެވެ. އެއީ އެމީހުން ގަބޫލުކުރާ ގޮތުގައި ދީނުގެ ކޮންމެ ކަމެއްގައި ވެސް ފާޅުވެގެންވާ ހަގީގަތަކާ ފޮރުވިގެންވާ ހަގީގަތްތަކެއްވެއެވެ. މީގެ އިތުރުން އެބައިމީހުން ގަބޫލުކުރާ ގޮތުގައި ޤިޔާމަތާ ޖެހެންދެން އިމާމަތުކަން ދެމިގެންވެއެވެ އަދި އިމާމަކާނުލައި ދުނިޔެ އެންމެ ހިނދުކޮޅަކު ވެސް ނުހުންނާނެއެވެ. އިސްމާއީލީންނަކީ 10 ވަނަ ޤަރުނުން ފެށިގެން 12 ވަނަ ޤަރުނުގެ ނިޔަލަށް ޝީޢީންގެ އެންމެ ބޮޑު ޖަމާއަތެވެ.
އިމާމިއްޔާ
[އުނިއިތުރު ގެންނަވާ]އިމާމިއްޔާ ނުވަތަ އަޘްނާއަޝަރިއްޔާ މިއާ އެންމެ ގިނަ ބަޔަކު ތަބާވާ ޝީޢީ މަޒްހަބެވެ. އަދި ޝީޢީ މިލަފްޒު ބޭނުން ކުރެވެނީ ވެސް މިމަޒްހަބަށް ނިސްބަތްކޮށެވެ.އަރާން، އިރާގް، އަޒަރްބައިޖާން، ބަހްރައިން އަދި ލުބުނާނުގެ މުސްލިމުންގެ ތެރޭގައި އެންމެ ގިނައީ ޢިޘްނާޢަޝަރީ ޝީޢީންނެވެ.
އިމާމް
[އުނިއިތުރު ގެންނަވާ]ޢަލީ އިހްތިޔާރު ކުރުން
[އުނިއިތުރު ގެންނަވާ]ޝިޢާއިން ގަބޫލުކުރާ ގޮތުގައި ރަސޫލުން އިހްތިޔާރުކުރަނީ މާތްﷲ އެވެ. ހަމަ އެފަދައިން އިމާމުން އަދި ހަލީފާއިންނަކީވެސް ﷲ ހިޔާރުކުރައްވާ ބައެކެވެ. އެގޮތުން މުހައްމަދުގެފާނަށް ފަހު މުސްލިމުންގެ ވެރިކަމަށް (ޚަލީފާ) ހިޔާރުކުރައްވާފައިވާ ފަރާތަކީ ޢަލީ އެވެ. އަދި ﷲގެ އަމުރުފުޅާ އެކު ރަސޫލާވެސް އެގޮތަށް ނިންމަވާފައިވާކަމަށް އެމީހުން ގަބޫލުކުރެއެވެ.
އަލީ އަކީ މުހައްމަދުގެ ދެބެންގެދެދަރި ކޮއްކޮ އެވެ. އަދި މުހައްމަދުގެ އަންހެން ދަރި ފާތިމާއާ ކައިވެނި ކުރުމުން އަލީ އަކީ މުހައްމަދުގެ ދަނބިދަރިއެވެ. އަލީ އަކީ ސުންނި ޖަމާއަތުގެ ހަތަރުވަނަ ހަލީފާއެވެ.
ހައްޖަތުލް ވަދާއުގައި މުހައްމަދުގެފާނު، ހުރިހައިމުސްލިމުން ފެންގަނޑެއްގެ ކައިރިއަށް އެއްކުރައްވައި، ތަގްރީރް ކުރެއްވިއެވެ. މި ތަގުރީރުގައި މުހައްމަދު ހަދީޘް ކުރެއްވިއެވެ ތިމަންކަލޭގެފާނު އެއެއްޗެއްގެ މައްޗަށް ވެރި ކޮންމެ އެއްޗެއްގެ ވެރިއަކީ އަލީއެވެ. މިއީ މަޝްހޫރު ގަދީރުހުމްގެ ހާދިސާއެވެ. ޝީއީން ގަބޫލުކުރާ ގޮތުގައި މުހައްމަދުގެފާނަށް ފަހު ވެރިކަން ވާރުތަވާނެ ފަރާތަކީ ޢަލީގެފާނު ކަމުގައި އެ ތަގުރީރުގައި ހަދީސްކުރެއްވިއެވެ. އެއީ ހިޖުރައިން 10 ވަނަ އަހަރު ޛުލްހައްޖު 18 ވަނަ ދުވަހެވެ.
ޢަލީގެ ހިލާފަތު
[އުނިއިތުރު ގެންނަވާ]މީލާދީން 632 ވަނަ އަހަރު، މުޙައްމަދުގެފާނު ސުވަރުގެ ވަޑައިގަތުމުން ފަސްދާނުލުމުގެ މަސައްކަތުގައި ޢަލީގެފާނު އުޅުއްވަނިކޮށް، އަބޫބަކުރުގެފާނާއި، އުމަރުގެފާނާއި، އަބޫ އުބައިދާ އިބުނު ޖައްރާ މަދީނާގެ ލީޑަރުންނާ ބައްދަލްކޮށް އަބޫބަކުރުގެފާނު ޚަލީފާކަމަށް އައްޔަން ކުރިއެވެ. މުސްލިމުންގެ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި، މި ނިންމުމަށް ޢަލީގެފާނާއި އާއިލާއިން ރުހުން ދިނެވެ. އަދި މީލާދީން 657 ވަނަ އަހަރު ޚަލީފާ އުޘްމާން ޝަހީދުކޮށްލެވުމުން ޢަލީގެފާނަށް ޚަލީފާކަން ހަވާލުކުރެވުނެވެ. ޢަލީގެފާނުގެ ޚިލާފަތުގެ ވެރިރަށަކި ކޫފާ އެވެ.
ޢަލީގެފާނުގެ ޚިލާފަތުގައި މުސްލިމުންގެ މެދުގައި ދެކޮލުވެރިކަން އުފެދި، ޚިލާފަތާ ދެކޮޅަށް ހަނގުރާމަ ކުރެވުނެވެ. މިކަމުގެ ސަބަބުން ޢަލީގެފާނަށް، ވެރިކަން ހިންގުމުގައި ތަފާތު ދަތިތަކާ ދިމާވެ، ގޮންޖެހުންތައް ކުރިމަތިވިއެވެ. މި ދެކޮޅުވެރިކަމުގެ ތެރެއިން މުސްލިމުންގެ "ފުރަތަމަ ފިތުނަ" ފެށުނެވެ. މިއީ މުސްލިމުންގެ މެދުގައި ހިނގި ފުރަތަމަ ދާހިލީ ހަނގުރާމަ އެވެ. މި ފިތުނަ ފެށުނީ ކަލީފާ އުޘްމާން ޝަހީދުކުރުމާ ހިސާބުންނެވެ. އުޘްމާނުގެފާނުގެ ގަތުލަށް ޢަލީގެފާނުގެ މައްޗަށް، އޭނާގެ ދެކޮޅުވެރިން ތުހުމަތުކުރިއެވެ. މި ފިތުނަ ބޮޑުވެ އެންމެފަހުން ޢަލީގެފާނު ނަމާދުގެ ސަޖިދާގައި އޮންނަވަނިކޮށް ޝަހީދުކޮށްލެވުނެވެ. މިކަން ހިނގީ މީލާދީން 661 ގައެވެ. ޢަލީގެފާނަށް ފަހު ވެރިކަމަށް އައީ މުޢާވިޔަތު އެވެ.
އިމާމް ހަސަން އިބްން އަލީ
[އުނިއިތުރު ގެންނަވާ]ޢަލީގެފާނު އަވަހާރަވުމާ ގުޅިގެން ކޫފާގެ ވެރިކަމާ ހަވާލުވީ ޢަލީގެފާނުގެ ދޮށީ ދަރިކަލުން ޙަސަން އެވެ. ނަމަވެސް މުއާވިތުގެ ލަޝްކަރާ ދެމެދު ހިނގި ހަމަނުޖެހުންތަކަށް ފަހު، މުސްލިމުންގެ މެދުގައި ސުލްހަ ގާއިމްކުރުމުގެ މަގްސަދުގައި، ޙަސަންގެފާނު ވެރިކަމުން ދުރަށް ޖެހިވަޑައިގެން، ޝަރުތުތަކަކާ އެކު މުއާވިޔަތާ ވެރިކަން ހަވާލުކުރެއްވިއެވެ. އެއީ
- ޢަލީގެފާނަށް ނިސްބަތްކޮށް ބަދު ދުއާ ކުރުން ހުއްޓާލުން
- ރައްޔިތުންގެ އަތުން ނެގޭ ވާރު، މުއާވިޔަތުގެ އަމިއްލަ ކަމަކަށް ހަރަދު ނުކުރުން.
- ސުލްހަ ގާއިމްކުރުމާއި، ޙަސަންގެފާނަށް ތަބާވީ މީހުންނަށް ރައްކާތެރިކަމާއި ހައްގުތައް ހޯދައިދިނުން.
- މުއާވިޔަތު، އަމީރުލް މޫމިނީންގެ ލަގަބް ބޭނުން ނުކުރުން.
- މުއާވިތަށް ފަހު ވެރިކަން ވާރުތަވާ ފަރާތެއް ކަނޑައެޅުމުގެ ބާރު މުއާވިޔަތަށް ނެތުން.
އަދި މިއަށް ފަހު ޙަސަންގެފާނު މަދީނާއަށް ބަދަލުވެލެއްވި އެވެ. އަދި ހިޖުރައިން 50 ވަނަ އަހަރު، އަނބިކަނބަލުން ޒަހަރު ދީގެން ޙަސަންގެފާނު އަވަހާރަކޮށްލިއެވެ. މިކަން ކޮށްފައިވަނީ މުއާވިޔަތު ގެ ރޭވުމަކުން، އޭނާގެ ދަރި ޔަޒީދު އަށް ވެރިކަން ހޯދައިދިނުމުގެ ބޭނުމުގައެވެ.
ހުސައިން އިބްން އަލީ
[އުނިއިތުރު ގެންނަވާ]ޙުސައިންގެފާނަކީ ޢަލީގެފާނުގެ ހަގު ދަރިކަލުންނެވެ. މުއާވިޔަތުގެ ވެރިކަން އަތުލައްވައި މުސްލިމުންގެ މައްޗަށް ވެރިކަން ކުރެއްވުމަށް ޙުސައިންގެފާނު ދެކޮޅުހެއްދެވިއެވެ. ނަމަވެސް 680މ ގައި މުއާވިޔަތު އަވަހާރަވެ، ޚަލީފާކަން އޭނާގެ ދަރިކަލުން ޒައިދަށް ހަވާލުކުރެވުނެވެ. އަދި ޒައިދަށް ބައިއަތު ހިފުމަށް ޙުސައިންގެފާނުގެ އަރިހުން އެދުނެވެ. އެހެންނަމަވެސް، ޒައިދަށް ވެރިކަން ހަވާލުކުރުމަކީ ކުރިން ވެވިފައިވާ ސުލްހައިގެ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށް ވާތީ، ޙުސައިންގެފާނު ޒައިދަށް ބައިއަތު ހިއްޕެވުމަށް ދެކޮލު ހެއްދެވިއެވެ. އަދި ކޫފާގެ ވެރިކަމަށް ޙުސައިންގެފާނު ވަޑައިގަތުމަކީ އެތައް މުސްލިމުންނެއްގެ އެދުމަކަށް ވާތީ، އެކަލޭގެފާނުގެ އާއިލާ އާއި ތަބާވީ މީހުން ގޮވައިގެން ކޫފާއަށް ދަތުރު ފެއްޓެވިއެވެ. ނަމަވެސް މި ދަތުރުމަތީގައި، ކަރުބަލާ (މިހާރުގެ އިރާގް) އިން ޔަޒީދުގެ ލަޝްކަރު ބައްދަލްކޮށް ޙުސައިންގެފާނާއި، އާއިލާއާއި ތަބާވީ މީހުންގެ ތެރެއިން 72 މީހުން ޝަހީދުކޮށްލިއެވެ.
ޝިޢާ މުސްލުމުން ގަބޫލުކުރަނީ ޙުސައިންގެފާނަކީ ޝަހިދެއް ކަމަށާއި މުސްލިމުންގެ އިމާމް ކަމުގައެވެ. ޙުސައިންގެފާނު ޝަހީދުކޮށްލެވުނު ހަނގުރާމަ، ކަރުބަލާ ހަނގުރާމަ އަކީ ސުންނީ މުސްލިމުންނާއި ޝީޢީ މުސްލިމުން ބައިކޮށްލެވުނު ހާދިސާއެވެ. އަދި މިދުވަސް ޝީޢީ މުސްލިުމުންގެ ތެރޭގައި އާޝޫރާ ދުވަސް ގޮތުގައި ކޮންމެ އަހަރަކު ފާހަގަ ކުރެވެއެވެ.
އަހްލުބައިތުންގެ އިމާމްކަން
[އުނިއިތުރު ގެންނަވާ]އެންމެ ފަހުގެ އިމާމް
[އުނިއިތުރު ގެންނަވާ]މަޝްހޫރު ޝަޚްޞިއްޔަތުން
[އުނިއިތުރު ގެންނަވާ]ޝީޢާ މަޛްހަބުގެ އިމާމިއްޔާގައި 12 އިމާމުން ކަނޑައަޅާފައިވެއެވެ. އެއިމާމުން ތަރުތީބުން އައިސްފައިވާގޮތާއި މެދު އެބައިމީހުންނަށް ދީފައިވާ ލަޤަބު މިވަނީއެވެ.