Jump to content

އިސްލާމްދީނުގެ ރުކުންތައް

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

އިސްލާމްދީނުގެ ރުކުންތައް

ﷲ ފިޔަވާ ޙައްގުގެގޮތުގައި އަޅުކަންވެވޭ އިލާހަކު ނުވާކަމަށް ހެކިވުމާއި، މުޙައްމަދުގެފާނީ އެކަލާންގެ ރަސޫލާކަމަށް ހެކިވުން

ނަމާދު ޤާއިމްކުރުން ނަމާދަކީ އިސްލާމްދީނުގެ ދެވަނަ ރުކުނެވެ. ނަމާދަކީ، ބާލިޣުވެ، ބުއްދި ސަލާމަތުންހުރި، ކޮންމެ މުކައްލަފެއްގެ މައްޗަށް ރެއާ ދުވާލު ފަސްފަހަރު ކަނޑަ އެޅިގެންވާ ވަގުތު ތަކެއްގައި ކުރުން ފަރުޟު ވެވިގެންވާ އަޅުކަމެކެވެ. ނަމާދަށް އިންކާރު ކުރާ ޙާލު، ނަމާދު އަޅައިފިނަމަ، އެމީހާ އިސްލާމްދީނުގެ ދާއިރާއިން ބޭރުވާހުއްޓެވެ. ނަމާދަކީ އިސްލާމްދީނުގެ ތަނބެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. رَأْسُ الْأًمْرِ الْإِسْلاَمُ وَعَمُوْدُهُ الصَّلاَةُ وَذُرْوَةُ سَنَامِهِ اَلْجِهَادُ فِى سَبِيْلِ اللّهِ. (رواه الطبراني) މާނައީ: ކޮންމެ ކަމެއްގެ އަސްލަކީ އިސްލާމް ދީނެވެ. އެދީނުގެ ތަނބަކީ ނަމާދެވެ. އަދި އެދީނުގެ އެންމެ އުސް ކުރިބޯއްޓަކީ ﷲގެ މަގުގައި ޖިހާދު ކުރުމެވެ. ނަމާދަކީ ޞިއްޙަތު ސަލާމަތުން ހުންނަޙާލުގަޔާއި ބަލިޙާލުގައިވެސް ކުރަންޖެހޭ އަޅުކަމެކެވެ. މުޤީމު ޙާލުގައި ކުރަން ޖެހޭފަދައިން ދަތުމަތީގައިވެސް ކުރަންޖެހޭ އަޅުކަމެކެވެ. އަމާންޙާލަތުގައި ކުރަންޖެހޭ ފަދައިން ބިރުވެރިކަމުން ފުރިފައިވާ ހަނގުރާމައިގެ މައިދާނުގައިވެސް ކުރަންޖެހޭ އަޅުކަމެކެވެ. އަދި ނަމާދު އެނަމާދުގެ ވަގުތުން ފަސްކުރުމަކީވެސް ހުއްދަވެގެންވާ ކަމެއްނޫނެވެ. ޤިޔާމަތްދުވަހު އަޅާގެ ހިސާބު އެންމެފުރަތަމަ ބެއްލެވޭނީ ނަމާދުންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. أَوَّلُ مَايُحَاسَبُ بِهِ الْعَبْدُ يَوْمَ الْقِيَامَةِ الصَّلَاة فَإِنْ صَلُحَتْ صَلُحَ سَائِرُ عَمَلِهِ وَإِنْ فَسُدَتْ فَسُدَ سَائِرُ عَمَلِهِ) (الترمذي وحسّنه الألباني) މާނައީ: ޤިޔާމަތްދުވަހު އަޅާއާމެދު އެންމެފުރަތަމަ ޙިސާބު ބެއްލެވޭނީ ނަމާދާ މެދުގައެވެ. އެކަންރަނގަޅުވެ ޞާލިޙުވެއްޖެނަމަ، އެހެންޢަމަލުތައްވެސް ރަނގަޅުވެ ޞާލިޙު ވެދާހުއްޓެވެ. އެކަންފާސިދުވެއްޖެނަމަ އޭނާގެ އެހެން ޢަމަލުތައްވެސް ފާސިދުވެދާނެވެ. ނަމާދު ކުރާއިރު ހުންނަންޖެހެނީ ވަރައްމަޑު މޮޅި ކަމާއި ޚުޝޫޢަތްތެރި ކަމާއެކުގައެވެ. މިގޮތުގައި ނަމާދު ކުރާމީހުންނާ ބެހޭގޮތުން ވާރިދުވެފައިވާއާޔަތެއްގެ މާނައިގައިިވެއެވެ. މާނައީ: މުއުމިނުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެތިބޭ މީހުންނެވެ.

ޒަކާތް ދިނުން ޒަކާތަކީ އިސްލާމްދީނުގެ ފަސްރުކުނުގެ ތެރެއިން އެއް ރުކުނެވެ. ހިޖުރައިން ދެވަނަ އަހަރު ޒަކާތް ފަރްޟު ކުރައްވައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ: ) خُذْ مِنْ أَمْوَالِهِمْ صَدَقَةً تُطَهِّرْهُمْ وَتُزَكِّيْهِمْ بِهَا ( މާނައީ: “ފާފަތަކުން ޠާހިރުކޮށްފަނިވި ޒަކާތެއް އެބައިމީހުންގެ މުދަލުން ކަލޭގެފާނު ނަންގަވާށެވެ!” ކީރިތި ޤުރްއާނުގައި ނަމާދާގުޅިގެން ޒަކާތުގެ ޛިކުރު ވަރަށްގިނަފަހަރު އައިސްފައި ވެއެވެ. ޒަކާތްނެރުމަކީ ތަނަވަސްކަމުގެ އަހްލުވެރިންގެމައްޗަށް މާތްﷲ ފަރްޟު ކުރައްވާފައިވާ ކަމެކެވެ. ނަމާދުކުރުމާއި، ރޯދަހިފުމާއި، ޙައްޖުވުމާއި، މިރުކުންތައް އަދާކުރަންޖެހޭފަދައިން، ޒަކާތްވެސް އަދާކުރަންޖެހޭނެއެވެ. ފުރިހަމަ މުސްލިމަކަށް ވެވޭނީ މިރުކުންވެސް، އަދާކުރަން އޮންނަގޮތަށް އަދާކޮށްގެންނެވެ.


ރަމަޟާން މަހު ރޯދަ ހިފުން ރޯދައިގެ ތަޢުރީފް: ޢަރަބިބަހުގައި ރޯދައިގެ ތަޢުރީފް: ހިފަހެއްޓުމެވެ. ނުވަތަ ދުރުވުމެވެ. ޝަރުޢީގޮތުން ރޯދައަކީ: ރޯދައަށްހުރުމުގެ ނިޔަތްގަނެ ފަޖުރުގެ އަލިކަން ފާޅުވީންސުރެ އިރު އޮއްސިއްޖައުމަށް ދަންދެން، ކެއިން ބުއިމުންނާއި، ޖިންސީއެދުން ފުއްދުމުން އެއްކިބާވެގެން ހުރުމެވެ. ރޯދައިގެ ބާވަތްތައް: ރޯދަބެހިގެންވަނީ ދެ ބަޔަކަށެވެ. 1. ފަރުޟު ރޯދަ: ފަރުޟު ރޯދަ ބެހެނީ ތިންބަޔަކަށެވެ. އެއީ: ރަމަޟާންމަހުގެ ރޯދަ، ކައްފާރާގެ ރޯދަ، އަދި ނަދުރު ރޯދައެވެ. ފަރުޟު ރޯދައަކީ ތިމާއަށް ހިފުން ވާޖިބުވާ ރޯދައެވެ. އަދި ޝަރުއީ އުޛުރަކާއި ނުލައި މިއިން ރޯދައެއް ދޫކޮށްލައިފިނަމަ ފާފަވެރިވާނެއެވެ. 2. ސުންނަތް ރޯދަ: ސުންނަތް ރޯދަބެހެނީ ތިންބަޔަކަށެވެ.

           އަހަރަކު އެއްފަހަރު ހިފާ ރޯދަ: އެއީ ޝައްވާލު މަހުގެ ހަ ރޯދަ، ޢަރަފާތު ދުވަހުގެ ރޯދަ، ޢާޝޫރާ ދުވަހުގެ ރޯދައެވެ.
           ކޮންމެ މަހަކު އެއްފަހަރު ހިފާ ރޯދަ: އެއީ ކޮންމެ މަހެއްގެ 13،14،15 އެވެ.
           ކޮންމެ ހަފްތާއަކު އެއްފަހަރު ހިފާ ރޯދަ: އެއީ ހޯމަދުވަހާއި ބުރާސްފަތިދުވަހެވެ.

ރޯދައިގެ ޙުކުމް: ރޯދައަކީ މާތްﷲ ސުބުޙާނަހޫ ވަތާޢާލާ މުސްލިމުންގެ މައްޗައް ފަރުޟު ކުރައްވާފައިވާ އަޅުކަމެކެވެ. އަދި ކަނޑައެޅިގެން ރޯދައަށް އިންކާރު ކޮށްފި މީހަކު ދީނުން ބޭރުވާނެއެވެ. އެމީހެއްގެ މައްޗައް ވާޖިބުވެގެންވަނީ ތަޢުބާވެ މާތްﷲގެ މަގަށް ރުޖޫޢަވުމެވެ. ރޯދަ ފަރުޟުކުރެއްވުމުގެ ދަލީލު: ޤުރުއާނުން: މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. ” كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِيْنَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُوْنَ” (سورة البقرة: 183) މާނައީ: އޭ އީމާން ވެއްޖެ މީސްތަކުންނެވެ. ތިޔަބައި މީހުންގެ ކުރީގެ މީހުންނަށް ފަރުޟު ކުރެއްވުނު ފަދައިން، ތިޔަބައި މީހުންގެ މައްޗައް ރޯދަ ފަރުޟު ކުރެވިއްޖެއެވެ. އެއީ ތިޔަބައި މީހުން ތަޤްވާވެރިވޭތޯއެވެ. ސުންނަތުން: ކީރިތި ރަސޫލާz ޙަދީޘް ކުރައްވާފައިވެއެވެ. ” بُنِيَ الإِسْلاَمُ عَلَى خَمْسٍ شَهَادَةُ أَنْ لاَ إِلَـهَ إِلاَّ اللَّهُ وَأَنَّ مُحَمَّدًا رَسُوْلَ اللَّهِ وَإِقَامِ الصَّلاَةِ وَإِيْتَاءِ الزَّكَاةِ وَصَوْمِ رَمَضَانَ وَحِـجُّ الْبَيْتِ “(رواه البخاري ومسلم) މާނައީ : “އިސްލާމްދީން ބިނާވެފައި ވަނީ ފަސް ކަމެއްގެ މައްޗަށެވެ. މާތްﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވާ ކަމަށް ހެކިވުމާއި މުޙައްމަދުގެފާނީ އެކަލާނގެ ރަސޫލާ ކަމަށް ހެކިވުމެވެ. ނަމާދު ޤާއިމް ކުރުމާއި، ޒަކާތްދިނުމާއި، ރަމަޟާންމަހު ރޯދަހިފުމާއި އަދި ޙައްޖުވުމެވެ.” އިޖްމާޢުން: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުންފެށިގެން މިއަދާ ހަމައަށް ހުރިހާ ޢިލްމުވެރިން އެއްބަސްވެވަޑައިގަންފައިވަނީ ރަމަޟާންމަހު ރޯދަ ހިފުމަކީ ކޮންމެ މުކައްލަފެއްގެ މައްޗައް ފަރުޟު ކަމެއްގެ ގޮތުގައެވެ. މިކަމާމެދު އެއްވެސް ޢިލްމުވެރިއަކު ޚިލާފްވެވަޑައެއް ނުގަންނަވައެވެ. ރޯދަ ފަރުޟު ކުރެއްވުނީ ހިޖްރައިން ދެވަނަ އަހަރުއެވެ.


ކުޅަދާނަކަން ލިބިގެންވާ މީހާ ﷲ ގެ ޙުރުމަތްތެރިވެގެންވާ ގެފުޅަށް ޙައްޖުވުން حج އަކީ އެންމެމާތް އަޅުކަމުގެތެރެއިންހިމެނޭ، އަދި الله އާ ކުއްތަންވުމުގެގޮތުން އަދާ ކުރެވޭ މަތިވެރިއަޅުކަމެކެވެ.އެއީ އިސްލާމްދީނުގެ ރުކުންތަކުގެތެރެއިން އެއްރުކުނެވެ. ކުޅަދާނަވެގެންވާމީހާ އުމުރުންއެއްފަހަރު حج ނުވެ އޭނާގެ އިސްލާމްކަން ފުރިހަމައެއްނުވާނެއެވެ. އަޅުކަމަކީ الله އަށް ކުއްތަންވުމުގެގޮތުން ކުރެވޭ ކަމެކެވެ. އެހެންކަމާއެކު އަޅުކަން صح ވާނީ ދެސިފައެއް އެކުލެވިގެންނެވެ. ފުރަތަމައީ: އެކަމުގައި إخلاص ތެރިވުމެވެ. ނިޔަތް ސީދާވުމެވެ. الله ގެރުއްސެވުމާއި آخرة ގެ ثواب އަށްއެދުމެވެ. ކަންދެއްކުމާއި ދުންޔަވީ އެދުންތަކުން ސަލާމަތްވެގެންވުމެވެ. ދެވަނައީ: އެކަމުގައި މާތް ނަބިއްޔާ صلى الله عليه وسلم އާ تبع ވުމެވެ.އެކަލޭގެފާނު އެކަންކުރެއްވިގޮތްބަލައި ، އެޔާއެއްގޮތަށް ކުރުމެވެ. މިކަންވެވޭނީ ކީރިތިރަސޫލާގެ ސުންނަތް އެނގިގެންނެވެ. ޢަރަބި ބަހުގައި ޙައްޖެވެ ކިޔަނީ ވަކިތަނެއް ގަސްދުކޮށްގެން ދިއުމަށެވެ. ޝަރުޢުގައި ޙައްޖަކީ ވަކިދުވަސްވަރެއްގައި، ވަކިގޮތްތަކެއްގެ މަތީން، އަދާކުރެވޭ އަޅުކަމެއް އަދާކުރުމަށްޓަކައި، ކަޢުބަތުއްﷲ ގެފުޅުގެ އަރިހަށްގޮސް ގެފުޅުވަށައިގެން ޠަވާފުކުރުމާއި ޞަފާފަރުބަދައާއި މަރްވާ ފަރުބަދައާއި ދެމެދު ސަޢުޔުކުރުމާއި ޙައްޖުމަހުގެ 9 ވަނަދުވަހު ޢަރަފާތު ބިމުގައި މަޑުކުރުމާއި ޙައްޖުމަހުގެ 9ވަނަ ދުވަހުގެ ރޭ މުޛްދަލިފާގައި ރޭކުރުން ހިމެނޭ އަޅުކަމެކެވެ.