ޗިސްމޭގެ ކެންސަރު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޗިސްމޭގެ ކެންސަރު (އިނގިރޭސި ބަހުން: Pancreatic cancer)އަކީ ޗިސްމޭ ގައި ކެންސަރު ގެ ޓިއުމަރު އުފެދުމެވެ. އެމެރިކާ ފަދަ ގައުމުތަކުގައި ކޮންމެ އަހަރަކު އެތަކެއް ބަޔަކު ޗިސްމޭގެ ކެންސަރު ޖެހިގެން ދުނިޔެއިން ނެތިދެއެވެ. ޗިސްމޭ އަކީ މައިދާ، ކުޑަގޮހޮރު އަދި ފުރަމޭ މި 3 ގުނަވަނުގެ މެދުގައި އޮންނަ ގުނަވަނެކެވެ. ޗިސްމޭގެ މަސައްކަތަކީ ކާނާ ހަޖަމުކުރުމަށް ބޭނުންވާ ބައެއް އެންޒައިމްތައް އުފައްދައިދީ ކުޑަ ގޮހޮރުގެ ތެރެއަށް ފޮނުވައި ދިނުމެވެ. ޗިސްމޭއިން އުފައްދައިދޭ އެންޒައިމްތަކުގެ ތެރެއިން އެންމެ ޚާއްޞަ އެންޒައިމަކީ ހަކުރުގެ މާއްދާ ހަޖަމުކުރުމަށް އުފައްދައިދޭ އިންސިއުލިން އެވެ. ޗިސްމޭގައި ގިނައިން ކެންސަރު އުފެދެނީ އުމުރުން ދުވަސްވުމުންނެވެ.

ސަބަބު[އުނިއިތުރު ގެންނަވާ]

ވަކި ޚާއްޞަ ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ.

އަލާމާތްތައް[އުނިއިތުރު ގެންނަވާ]

  • ބަނޑުގައި ރިހުން : ބަނޑުގެ މަތީބައިގައި މެދުން ރިހުމާއި، ބައެއް ފަހަރު ބުރިކަށި ފަރާތުގައި ވެސް މިރިހުން ހުރުން. މިގޮތުން ރިހުން ހުންނާނީ ބަނޑުގެ މެދުން މަތީގައެވެ. މިރިހުން ކުރިޔަށް ލެނބިލުމުން ފިލައިދާނެއެވެ. އަދި މިރިހުމުގެ އަސަރު ބުރަކަށީގައި ވެސް ހުންނާނެ އެވެ.
  • ބަރުދަން ލުއިވުން
  • ކާހިތްކެނޑުން
  • ބަލީގެ ފަހު މަރުހަލާގައި ޖޯންޑިސްޖެހުން
  • އިންސިއުލިން ގަވާޢިދުން އުފައްދައި ނުދިނުމުގެ ސަބަބުން ހަކުރުބަލި ޖެހޭގޮތްވުން
  • ބަނޑުދިޔާވުމާ ނަޖިހުގެ ވަސްނުބައިވުން
  • މޭނުބައިކުރުން އަދި ހޮނޑުލުން

ބައެއް މީހުން ޗިސްމޭއަށް ކެންސަރުޖެހި ބަލީގެ އެއްވެސް އަލާމާތެއް ނުފެނި ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ކެންސަރުގެ އަސަރު ފޯރައެވެ. ޗިސްމޭއަށް ކެންސަރު ޖެހިފައިވާކަން ގިނަފަހަރަށް އެނގެނީ އެހެން ގުނަވަނަކަށް ކެންސަރު ފެތުރި އެކަމާބެހޭގޮތުން ހޯދާ ހޯދުންތަކުގެ ތެރޭގައެވެ.

ފުރުޞަތު ބޮޑު މީހުން[އުނިއިތުރު ގެންނަވާ]

ޗިސްމޭގެ ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑީ:-

  • އުމުރުން 60 އަހަރުން މަތީގެ މީހުން
  • ފިރިހެނުންނަށް
  • ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް
  • ރަތް މަސް ކެއުމުގައި ގިނައިން ހިމެނުން
  • ތަރުކާރީ މޭވާ ފަދަ ބާވަތްތައް ކެއުމުގައި ނުހިމެނުން
  • ފަލަ ބަލި
  • ހަކުރު ބަލި
  • ދާއިމީ ސިފައެއްގައި ޗިސްމޭ ދުޅަވުން
  • ހިރުގަނޑު ދުޅަވުން

ފަރުވާ[އުނިއިތުރު ގެންނަވާ]

  • އޮޕަރޭޝަން ކުރުން
  • ރޭޑިއޭޝަން ދިނުން
  • ކީމޯތެރަޕީ ދިނުން

ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ.

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ކެންސަރު ދެނެގަންނާނީ ކިހިނެއް؟ - މުހައްމަދު އިސްމާޢީލްފުޅު، މއ.މާފުނަ - 2005