ދުނިޔޭގެ ގުދުރަތީ 7 އަޖައިބު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ދުނިޔޭގެ ގުދުރަތީ 7 އަޖައިބު ގެ ގޮތުގައި ބެލެވެނީ ގުދުރަތީ ގޮތުން ދުނިޔޭގައި އުފެދިފައިވާ ތަންތަނުގެ ތެރެއިން ހޮވާލެވޭ ތަންތަނެވެ.

އަޖައިބުތައް[އުނިއިތުރު ގެންނަވާ]

އެވަރެސްޓް ފަރުބަދަ[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އެވަރެސްޓް ފަރުބަދަ

ބުނެވޭ ގޮތުގައި ދުނިޔޭގައިވާ އެންމެ އުސް ހިސާބަކީ އެވަރެސްޓް ފަރުބަދަ ހިމެނޭ ހިސާބެވެ. އަދި މިއީ ދުނިޔޭގައިވާ އެންމެ އުސް ފަރުބަދަ ވެސް މެއެވެ. އޭގެ އުސްމިނުގައި 8848 މީޓަރު ހުރެއެވެ. މި ފަރުބަދަ އޮންނަނީ ނޭޕާލް އަދި ޗައިނާ ވަކިކޮށްދޭ ބޯޑަރު ގައެވެ. އެވަރެސްޓް ފަރުބަދަ އަށް ނޭޕާލްގައި ކިޔަނީ ސަގަރްމަތާ އެވެ. މާނައަކީ އުޑުގެ ނިއްކުރި އެވެ. މިނަން ކިޔުނީ 1960ގެ އަހަރު ތަކުގެ ތެރޭގައި ނޭޕާލް ބަހުން ފަރުބަދަ އަށް މުޚާޠަބު ކުރާނޭ ނަމެއް އުފެދިފައި ނެތުމުންނެވެ. އެންމެ ކުރީ ޒަމާނުގައި މިފަރުބަދައަށް ދޭވް ގިރީ އޭ ކިޔާފައި ވެއެވެ. މާނައަކީ މުޤައްދަސް ފަރުބަދަ އެވެ.

ގްރޭޓް ބެރިއަރ ރީފް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ގްރޭޓް ބެރިއަރ ރީފް

ގްރޭޓް ބެރިއަރ ރީފް ޔޫރަޕްގެ މީހުންގެ މެދުގައި މަގުބޫލު ވެގެން އައީ 11 ޖޫން 1770 ގައި ކެޕްޓަން ޖޭމްސް ކޫކް މިފަރަށް ޒިޔާރަތްކޮށް ބެލުމަށް ފަހުގައެވެ. އޮސްޓްރޭލިޔާގެ އަސްލު ރަށްވެހިންނަށް މީގެ އެތަކެއް ހާސް އަހަރު ކުރިން ވެސް މިފަރު އެގިފައިވާކަމަށް ބުނެވެއެވެ. މިހާރު ފަރުން ފެންނަށް ހުރި މުރަކައިގެ ބައިތައް ހުރީ މީގެ 18000 އަހަރު ކުރިން އުފެދިފައި ހުރި ޕްލެޓް ފޯމެއްގެ މަތީގައި ކަމަށް ބުނެވެއެވެ.

ގްރޭޓް ބެރިއަރ ރީފް ގައި ތަފާތު 30 ބާވަތުގެ ބޮޑު މަސް، މިޔަރު ފަދަ ތަކެތި އުޅޭކަމަށް މިހާތަނަށް ރިކޯޑް ކުރެވިފައި ވެއެވެ. އޭގެ ތެރޭގައި ޑްވާރފް މިންކީ ވޭލް، އިންޑޯ ޕެސިފިކް ހަމްޕެކް ޑޮލްފިން، އަދި ހަމްޕެކް ވޭލް ހިމެނެއެވެ. އަދި ގިނަ އަދަދަކަށް ޑޫގޮންގ ވެސް އުޅޭކަމަށްވަނީ ފާހަގަ ކުރެވިފައެވެ. ތަފާތު 6 ވައްތަރެއްގެ ވެލާ އުޅެއެވެ. އޭގެތެރޭގައި ގްރީން ސީ ޓާޓްލް، ލެދަރ ބެކް ޓާޓްލް، ހޯކްސް ބިލް ޓާޓްލް، ލޮގަހެޑް ސީ ޓާޓްލް، ފްލެޓް ބެކް ޓާޓްލް، އަދި އޮލިވް ރިޑްލޭ ޓާޓްލް ހިމެނެއެވެ.

ގްރޭންޑް ކެންޔަން[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ގްރޭންޑް ކެންޔަން

ގްރޭންޑް ކެންޔަން އަކީ އެމެރިކާގެ އުތުރު އެރިޒޯނާގެ ކޮލޮރާޑޯ ކޯރުގައި ދެފަރާތުން ފަރުބަދަތައް ހުރެފައި މެދުން ހަނިކޮށް އޮންނަ ފުން ވާދީ އެކެވެ. ނުވަތަ އުސް ފަރުބަދަ ތަކުގެ މެދުން ތިރީގައި އުފެދިފައި އޮންނަ ކޯރުގެ ބައެކެވެ. ކެންޔަންގެ މާނައަކީ ފެން އޮންނަ ފުން ވަޅުގަނޑު އެވެ. މިވާދީގެ ބޮޑު ބައި އޮންނަނީ އެރިޒޯނާގެ ގްރޭންޑް ކެންޔަން ނޭޝަނަލް ޕާރކްގެ ތެރޭގައެވެ. މިއީ އެމެރިކާގައި އެންމެ ކުރިން ހެދުނު ޕާރކް ތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ. ގްރޭންޑް ކެންޔަން ހިމެނޭ ހިސާބުގައި އެންމެ ފުރަތަމަ އުޅުނު ކަމަށް ހެކިދެނީ ޕޫބްލޯ ދަރިކޮޅު ނުވަތަ ގަބީލާގެ މީހުންނެވެ. މިގަބީލާގެ މީހުން އެހިސާބުގައި އުޅުނު ކަމަށްވަނީ 13ވަނަ ގަރުނުގެ ތެރޭގައެވެ. މިއަދު މިހިސާބުގައި ގާތްގަނޑަކަށް 200 ވަރަކަށް ގަބީލާގެ މީހުން އުޅޭކަމަށް ވެއެވެ. އޭގެ ތެރޭގައި ހަވާސް ޕާއީ، ހުވަލާ ޕާއީ، ޕައިޔުޓިސް، ޑިނޭހް، އަދި ސިނައުގާ އޭ ކިޔޭ ގަބީލާތަކުގެ މީހުން ހިމެނެއެވެ.

ވިކްޓޯރިއާ ފޯލް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ވިކްޓޯރިއާ ފޯލް

ޒެމްބްޒީ ކޯރު ހުރަސްކޮށް ހަދާފައިވާ 5 ބްރިޖްގެ ތެރެއިން އެއް ބްރިޖް ހަދާފައިވަނީ މި ވޯޓަރ ފޯލް ހިމެނޭ ސަރަހައްދުގައެވެ. ރޭލު ދަތުރުކުރާނޭ މަގެއްގެ ގޮތުގައި މިބްރިޖް ހަދާ ނިންމާފައިވަނީ 1905 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. 250 މީޓަރުގެ ދިގު މިބްރިޖް ހަދާފައިވަނީ 125 މީޓަރު އުހުގައެވެ. މިއަދު މިބްރިޖް އެހީގައި ވިކްޓޯރިއާ ޓައުން، ލިވިންގ ސްޓޯން، ބްލަވާޔޯ އަދި ލަސްކާ އަށް ރޭލުގައި ވާޞިލް ވެވިދާނެ އެވެ.

ރިއޯޑީ ޖެނެއިރޯގެ ބަދަރު[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ރިއޯޑީ ޖެނެއިރޯގެ ބަދަރު

މީލާދީން 16 ވަނަ ގަރުނު ފެށުނު ތަނާހެން ޕޯޗްގީޒުގެ ދަތުރުވެރިން ބްރެޒީލް އަށް ދަތުރުކޮށްފައި ވެއެވެ. މިގޮތުން 1 ޖެނުއަރީ 1502 ގައި ބްރެޒިލްގައި ފަރުބަދަތައް ވަށައިގެން ލެވިފައިވާ ހަނިމަގަކުން ވަދެވެން އޮންނަ އައްސޭރިއަކަށް ވާޞިލް ވިއެވެ. މިބުނި މަގުން ވަންނަ އިރު 20 މޭލުގެ ދިގުމިނަށް ދެމިފައިވާ ފެންގަނޑެއް ވެއެވެ. އަދި އެމީހުން މިހިސާބަށް ޖެނުއަރީ ފުރަތަމަ ދުވަހުގެ ކޯރު މިނަމުން ނަންދިނެވެ.

ޕަރިކްޓީން އަލިފާން ފަރުބަދަ[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޕަރިކްޓީން އަލިފާން ފަރުބަދަ

ޕަރިކްޓީން އަލިފާން ފަރުބަދަ އަކީ މެކްސިކޯގެ މީކޯކަން ސިޓީގައި އިންނަ އަލިފާން ފަރުބަދަ އެކެވެ. މިފަރުބަދަ އިންނަނީ ވެރިރަށް މެކްސިކޯ ސިޓީގެ ހުޅަގުން 200 މޭލުގެ ދުރުމިނުގައެވެ. މިފަރުބަދަ ހިމެނޭ ހިސާބު ގަނޑުގެ މީހުން ވާހަކަ ދައްކާ ޓެރަސްކަން ބަހުން ޕަރިކްޓީން ގެ މާނައަކީ އަނެއް ފަރާތުގައި އެވެ. މިފަރުބަދަ ހިމެނޭ އަވަށަށްވެސް ކިޔަނީ ހަމަ ޕަރިކްޓީން އެވެ. ފަރުބަދަ ފުރަތަމަ ގޮވާން ފަށައިފައިވަނީ 20 ފެބުރުއަރީ 1943 ގައެވެ. ފަރުބަދަ ގޮވާ މަންޒަރު ފުރަތަމަ ފެނިފައިވަނީ އެހިސާބު ގަނޑުގެ ދަނޑުވެރިއެއް ކަމުގައިވާ ޑިއޮނިސޯ ޕްލީޑޯ އަށެވެ. ފަރުބަދަ ގޮވަން ފެށުމުގެ 3 ހަފްތާކުރިން އެހިސާބު ގަނޑުގެ މީހުންނަށް ގުގުރި ޖަހާ އަޑާއި ވައްތަރުގެ އަޑުތަކެއް އިވުނު ކަމަށް ބުނެވެއެވެ.

އުތުރުގެ އަލިތައް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އުތުރުގެ އަލިތައް

މިއީ ދުނިޔޭގެ ދެކޮޅު (އުތުުރު ބިތް އަދި ދެކުނު ބިތް) ހިމެނޭ ހިސާބުން ރޭގަނޑު އުޑުމަތިން ފާހަގަވާ އަލިގަނޑެކެވެ. ނުވަތަ ޕޯލާރ ޒޯން އިން ބައެއް ފަހަރު ރޭގަނޑު ފެންނަ އަލިގަނޑެކެވެ. މިސަބަބަށްޓަކައި އަރޯރާ ޕޯލާރިސް މިއަލިތަކަށް ނިސްބަތްކޮށް ކިޔައި އުޅެއެވެ. ދުނިޔޭގެ އުތުރު ބިތުން ފެންނަ މިވައްތަރުގެ އަލިތަކަށް އަރޯރާ ބޮރެއާލިސް، އަދި ދެކުނު ބިތުން ފެންނަ އަލިތަކަށް އަރޯރާ އޮސްޓްރާލިސް އޭ ކިޔައި އުޅެއެވެ.