ވިކްޓޯރިއާ ފޯލް
ވިކްޓޯރިއާ ފޯލް | |
އޮންނަ ތަން | Livingstone, Zambia Victoria Falls, Zimbabwe |
---|---|
Coordinates | 17°55′28″S 25°51′24″E / 17.92444°S 25.85667°E |
އުސްމިން | 108 metres (360 ft) |
Number of drops | 1 |
އެވްރެޖް ފްލޯ ރޭޓް | 1088 m³/s (38,430 cu ft/s) |
ދައުރުވާ ފެނުގެ އަސްލު | Zambezi River |
ވިކްޓޯރިއާ ވޯޓަރ ފޯލް އަކީ ދުނިޔޭގައިވާ އެންމެ މަޝްހޫރު އެއް ވޯޓަރ ފޯލް އެވެ. މި ވޯޓަރ ފޯލް އޮންނަނީ ޒެމްބިއާ އަދި ޒިމްބާބުވޭގެ ބޯޑަރުގައި އޮންނަ ޒެމްބްޒީ ކޯރުގައެވެ. މިވޯޓަރ ފޯލްގެ އުސްމިނުގައި 128 މީޓަރު އަދި ފުޅާ މިނުގައި 1 މޭލު ހުރެއެވެ.
1855 ވަނަ އަހަރު ސްކޮޓް ލޭންޑްގެ ޑޭވިޑް ލިވިންގ ސްޓޯން މިވޯޓަރ ފޯލް އަށް ޒިޔާރަތް ކުރުމަށް ފަހު ކްއީން ވިކްޓޯރިއާގެ ނަމާއި ގުޅުވައިގެން މިވޯޓަރ ފޯލް އަށް ނަންދިނެވެ. އެހިސާބު ގަނޑުގެ މީހުން މިވޯޓަރ ފޯލް އަށް ކިޔަނީ މޮސިއުއާ ތުންޔާ އެވެ. މާނައަކީ ގުގުރި އުފައްދާ ދުން މިއެވެ.
ޒެމްބްޒީ ކޯރު ހުރަސްކޮށް ހަދާފައިވާ 5 ބްރިޖްގެ ތެރެއިން އެއް ބްރިޖް ހަދާފައިވަނީ މި ވޯޓަރ ފޯލް ހިމެނޭ ސަރަހައްދުގައެވެ. ރޭލު ދަތުރުކުރާނޭ މަގެއްގެ ގޮތުގައި މިބްރިޖް ހަދާ ނިންމާފައިވަނީ 1905 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. 250 މީޓަރުގެ ދިގު މިބްރިޖް ހަދާފައިވަނީ 125 މީޓަރު އުހުގައެވެ. މިއަދު މިބްރިޖް އެހީގައި ވިކްޓޯރިއާ ޓައުން، ލިވިންގ ސްޓޯން، ބްލަވާޔޯ އަދި ލަސްކާ އަށް ރޭލުގައި ވާޞިލް ވެވިދާނެ އެވެ.
ވިކްޓޯރިއާ ވޯޓަރ ފޯލް އިން ފެންތައް ފައިބަމުންދާއިރު އުފެދޭ ދުންފިނި، އަދި ސްޕްރޭ 1000 ފޫޓް މައްޗަށް އަރައިގެންދާ ކަމަށް ވެއެވެ. އަދި 50 ކިލޯ މީޓަރު ދުރުންވެސް މި ދުންފިނި ފެންނާނޭ ކަމަށް ލަފާކުރެވެއެވެ.
ވެޓް ސީޒަން ނުވަތަ ތެތް މޫސުން ގައި 500 މިލިއަން ލިޓަރަށްވުރެ ގިނަ ފެން މިނިޓަކު ވޯޓަރ ފޯލް އިން ފައިބާކަމަށް ވެއެވެ. 1958 ވަނަ އަހަރު ޒެމްބްޒީ ކޯރުގެ ފެންގަނޑު ބޮޑުވުމުގެ ސަބަބުން މިނިޓަކު 770 މިލިއަން ލިޓަރަށްވުރެ ގިނަފެން ފޭބިކަމަށް ވެއެވެ. މިވޯޓަރ ފޯލް އިން ފައިބާފެން ވާޞިލްވަނީ ހަނި ވާދީ އަކަށެވެ.
ކުރިން ބުނެވުނު ބްރިޖް ހެދުނު ފަހުން ވިކްޓޯރިއާ ވޯޓަރ ފޯލް އަށް ޒިޔާރަތް ކުރާ މީހުންގެ ޢަދަދު ވަނީ އެތައް ގުނައެއް އިތުރުވެގެން ގޮސްފައެވެ. 1960 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން މިތަނަށް ޒިޔާރަތްކުރާ މީހުންގެ ޢަދަދު މަދުވެގެން ދިޔައެވެ. އެއީ އެދުވަސްވަރު ޒިމްބާބުވޭގެ ގެރިންލާއިންގެ ސަބަބުން ފަތުރުވެރިންނަށް ތަފާތު ނުރައްކާތަކާއި ކުރިމަތިވާތީއެވެ.
ވިކްޓޯރިއާ ވޯޓަރ ފޯލް އަކީ ދެ ނޭޝަނަލް ޕާރކެއްގެ ބައެއްގެ ގޮތުގައި ބެލެވޭ ތަނެކެވެ. އެއީ ޒެމްބިއާގެ މޮސިއުއާ ތުންޔާ ނޭޝަނަލް ޕާރކް އަދި ޒިމްބާބުވޭގެ ވިކްޓޯރިއާ ފޯލް ނޭޝަނަލް ޕާރކް އެވެ. ޒެމްބިއާގެ މޮސިއުއާ ތުންޔާ ނޭޝަނަލް ޕާރކް ގެ ބޮޑުމިނުގައި 66 އަކަ ކިލޯ މީޓަރު ހުރެއެވެ. އަދި ޒިމްބާބުވޭގެ ވިކްޓޯރިއާ ފޯލް ނޭޝަނަލް ޕާރކް ގެ ބޮޑުމިނުގައި 23 އަކަ ކިލޯ މީޓަރު ހުރެއެވެ. މިޕާރކް ތަކުގައި ޒަރާފާ، ކަނޑުގެރި، އެތް އަދި ބަފަލޯ ފަދަ ތަފާތު ބާވަތްތަކުގެ ޖަނަވާރުތައް ވެއެވެ. ޒެމްބިއާގައި އޮތް ހަމައެކަނި ހުދު ދެ ރައިނޯ އޮތީ ޒެމްބިއާގެ މޮސިއުއާ ތުންޔާ ނޭޝަނަލް ޕާރކް ގައެވެ.