ގްރޭޓް ބެރިއަރ ރީފް

ވިކިޕީޑިއާ އިންވިކިޕީޑިއާ

މިއީ ދުނިޔޭގައި އޮތް މުރަކައިން އުފެދިފައިވާ އެންމެ ބޮޑު ފަރެވެ. މިފަރު އޮންނަނީ އިރު އުތުރު އޮސްޓްރޭލިޔާގެ ކްއީންސްލޭންޑްގެ އައްސޭރި ފަށުގައެވެ. މިފަރުގެ ދިގުމިނުގައި 2600 ކިލޯ މީޓަރު ހުރެއެވެ. މިފަރު އެކުލެވިގެންވަނީ ވަކިވަކި 3000 ފަރާއި 900 ރަށުގެ މައްޗަށެވެ.

ގްރޭޓް ބެރިއަރ ރީފް.

ގްރޭޓް ބެރިއަރ ރީފް ޔޫރަޕްގެ މީހުންގެ މެދުގައި މަގުބޫލު ވެގެން އައީ 11 ޖޫން 1770 ގައި ކެޕްޓަން ޖޭމްސް ކޫކް މިފަރަށް ޒިޔާރަތްކޮށް ބެލުމަށް ފަހުގައެވެ. އޮސްޓްރޭލިޔާގެ އަސްލު ރަށްވެހިންނަށް މީގެ އެތަކެއް ހާސް އަހަރު ކުރިން ވެސް މިފަރު އެގިފައިވާކަމަށް ބުނެވެއެވެ. މިހާރު ފަރުން ފެންނަށް ހުރި މުރަކައިގެ ބައިތައް ހުރީ މީގެ 18000 އަހަރު ކުރިން އުފެދިފައި ހުރި ޕްލެޓް ފޯމެއްގެ މަތީގައި ކަމަށް ބުނެވެއެވެ.

ގްރޭޓް ބެރިއަރ ރީފް ގައި ތަފާތު 30 ބާވަތުގެ ބޮޑު މަސް، މިޔަރު ފަދަ ތަކެތި އުޅޭކަމަށް މިހާތަނަށް ރިކޯޑް ކުރެވިފައި ވެއެވެ. އޭގެ ތެރޭގައި ޑްވާރފް މިންކީ ވޭލް، އިންޑޯ ޕެސިފިކް ހަމްޕެކް ޑޮލްފިން، އަދި ހަމްޕެކް ވޭލް ހިމެނެއެވެ. އަދި ގިނަ އަދަދަކަށް ޑޫގޮންގ ވެސް އުޅޭކަމަށްވަނީ ފާހަގަ ކުރެވިފައެވެ. ތަފާތު 6 ވައްތަރެއްގެ ވެލާ އުޅެއެވެ. އޭގެތެރޭގައި ގްރީން ސީ ޓާޓްލް، ލެދަރ ބެކް ޓާޓްލް، ހޯކްސް ބިލް ޓާޓްލް، ލޮގަހެޑް ސީ ޓާޓްލް، ފްލެޓް ބެކް ޓާޓްލް، އަދި އޮލިވް ރިޑްލޭ ޓާޓްލް ހިމެނެއެވެ.


ގްރޭޓް ބެރިއަރ ރީފް ހިމެނޭ ހިސާބުގައި 200 އަށްވުރެ ގިނަ ބާވަތްތަކުގެ ދޫނި ވެސް ދިރިއުޅެއެވެ. އޭގެ ތެރޭގައި ބައެއް ބާވަތުގެ ބާޒު، ހޯރަ އަދި ރާބޮދި ފަދަ ދޫނިތައް ހިމެނެއެވެ. 5000 ބާވަތުގެ ބޮލި، ފިނިހަކަ، ގާހަކަ، ފަދަ ތަކެތި އުޅޭކަމަށް ވަނީ ރިކޯޑް ކުރެވިފައެވެ. އޭގެ ތެރޭގައި ކޯނެއްގެ ސިފަޔަށް ހުންނަ ފިނިހަކަ އަދި އާދަޔާ ޚިލާފަށް ބޮޑެތި ގާހަކަ ހިމެނެއެވެ. 14 ބާވަތުގެ ކަނޑު ހަރުފަ އުޅޭއިރު 1500 ބާވަތުގެ މަސް އުޅޭ ކަމަށް ވެއެވެ. 400 ބާވަތުގެ ގާ ހުންނަ އިރު، 15 ވައްތަރުގެ މޫދު ވިނަ، އަދި 500 ވައްތަރުގެ ސީވީޑް ފެނިފައި ވެއެވެ.

ދުނިޔެ ހޫނުވުމުގެ މައްސަލައަކީ ގްރޭޓް ބެރިއަރ ރީފްގެ ދިރުމަށް އަސަރު ކުރާނޭ ކަމެއްކަމަށް ސައިންސްވެރިން މިހާރު ވެސް ދަނީ އިންޒާރު ދެމުންނެވެ. ދުނިޔެ ހޫނުވުމުން މުރަކަތަކަށް އޭގެ އަސަރުކޮށް މުރަކަތަކުގެ ހަގީގީ ކުލަ ގެއްލި ހުދު ކުލައަށް މުރަކަތަކުގެ ކުލަ ބަދަލު ވެގެން ދެއެވެ. މާބޮޑަށް ހޫނު ކަންމަތީ މުރަކަތައް ދެމިހުރެއްޖެނަމަ މަހެއްހާ ދުވަހުގެ ތެރޭގައި މުރަކަތައް މަރުވެ ދިއުމަކީ ގާތްކަމެކެވެ.

ގްރޭޓް ބެރިއަރ ރީފް ހިމެނޭ ހިސާބުގައި މަސްވެރިކަން ކުރުން އޮންނަނީ ކްއީންސް ލޭންޑްގެ ގާނޫނީ އިދާރާތަކުން ކޮންޓްރޯލް ކޮށްފައެވެ. ގާތް ގަނޑަކަށް 2000 އެއްހާ މަސްވެރިން މިހިސާބުގައި އަބަދު ވެސް މަސްވެރިކަން ކުރެއެވެ. ބޯޓް ތަކުން ބޭރުކުރާ ވިހަ މާއްދާތަކުންނާއި، މަސްވެރިންގެ ޢަމަލުތަކުގެ ސަބަބުން މަދުން ނަމަވެސް ފަރަށް ގެއްލުން ލިބެމުންދާ ކަމަށް ވަނީ ފާހަގަވެފައެވެ. އަހަރަކު މިފަރު ބަލަންދާ މީހުންގެ އަދަދު 2 މިލިއަނަށް އަރައެވެ. އަދި މިތަނުން ލިބޭ އާމްދަނީ 4 ބިލިއަން އޮސްޓްރޭލިއަން ޑޮލަރަށް އަރައެވެ.

އަދި އިތުރަށް ބައްލަވާލައްވާ[އުނިއިތުރު ގެންނަވާ]

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]

18°17′10″S 147°42′00″E / 18.28611°S 147.70000°E / -18.28611; 147.70000