އުތުރުގެ އަލިތައް

ވިކިޕީޑިއާ އިންވިކިޕީޑިއާ

މިއީ ދުނިޔޭގެ ދެކޮޅު (އުތުުރު ބިތް އަދި ދެކުނު ބިތް) ހިމެނޭ ހިސާބުން ރޭގަނޑު އުޑުމަތިން ފާހަގަވާ އަލިގަނޑެކެވެ. ނުވަތަ ޕޯލާރ ޒޯން އިން ބައެއް ފަހަރު ރޭގަނޑު ފެންނަ އަލިގަނޑެކެވެ. މިސަބަބަށްޓަކައި އަރޯރާ ޕޯލާރިސް މިއަލިތަކަށް ނިސްބަތްކޮށް ކިޔައި އުޅެއެވެ. ދުނިޔޭގެ އުތުރު ބިތުން ފެންނަ މިވައްތަރުގެ އަލިތަކަށް އަރޯރާ ބޮރެއާލިސް، އަދި ދެކުނު ބިތުން ފެންނަ އަލިތަކަށް އަރޯރާ އޮސްޓްރާލިސް އޭ ކިޔައި އުޅެއެވެ.

ޢާންމު ގޮތެއްގައި އުތުރުގެ އަލިތަކޭ ކިޔަނީ އުތުރު ބިތުން ފެންނަ ނުވަތަ ފާޅުވާ މިވައްތަރުގެ އަލިތަކަށް ނިސްބަތް ކޮށެވެ. އަރޯރާ ބޮރެއާލިސްގެ ނަންދެވިފައިވަނީ އިހުޒަމާނުގައި ގްރީކުންގެ ފަތިހުގެ ކަލާންގެ އަރޯރާ، އަދި ގްރީކު ބަހުން އުތުރުން ޖެހޭ ވަޔަށް ކިޔައި އުޅޭ ބޮރެއާލިސް އާއި ގުޅުވައިގެންނެވެ. ގްރީކުންގެ މެދުގައި އުތުރުން ޖެހޭ ވައިގެ ކަލާންގެ އަށް ވެސް ކިޔަނީ ބޮރެއާލިސް އެވެ.

މިއަލިތައް ޢާންމުގޮތެއްގައި އުތުރު ފަރާތުގެ އުދަރެހުން ފާޅުވަނީ މަޑު ރަތްކުލައެއްގައެވެ. އަރޯރާ ބޮރެއާލިސް އޭ ކިޔޭ އަލިތައް ޢާންމު ގޮތެއްގައި ފާޅުވަނީ ސެޕްޓެމްބަރުން އޮކްޓޯބަރަށް އަދި މާރޗުން އޭޕްރީލް މަހުގެ ނިޔަލަށެވެ. ނޯރވޭގެ އުތުރުގެ ސަރަހައްދުން މިއަލިތައް އެންމެ ސާފުކޮށް ފެންނަށް ހުންނަނީ އޮކްޓޯބަރު، މާރޗް އަދި އޭޕްރީލް މަހުގެ ތެރޭގައެވެ.

އާދަޔާ ޚިލާފަށް އިރުގެ ހަރަކާތްތައް މަތިވެފައިވާނަމަ ނޯރވޭގެ އެންޑިނެސް އަށް އުޑުމަތި ސާފު އަދިރި ކޮންމެ ރެއަކު ފެނެއެވެ. އެމެރިކާގެ އެލަސްކާ އަށް ކޮންމެ މަހަކު 5-10 ފަހަރާއި ދެމެދުގެ މިންވަރަކަށް ފެނެއެވެ. ނޯރވޭގެ އޮސްލޯ އަށް މަހަކު 3 ރޭ ފެނެއެވެ. އެމެރިކާ އަދި ކެނެޑާ ގުޅުވައިދޭ ބޯޑަރު އޮންނަ ހިސާބަށް އަހަރަކު 2-4 ފަހަރު ފެނެއެވެ. މެކްސިކޯ އަދި މެދުތެރޭ ކަނޑުގެ ގައުމުތަކަށް ކޮންމެ 100 އަހަރަކުން 1 ފަހަރު ފެނުމަކީ އެކަށީގެންވާ ކަމެއްކަމަށް ސައިންސްވެރިން ބުނެއެވެ.

ފައިލު:Uthur.jpg
އުތުރުގެ އަލިތައް.

ބުނެވޭގޮތުގައި މިއަލިތައް އުފެދެނީ ވަކި މިންވަރެއްގެ ބާރު ނުވަތަ ހަކަތަ އުފައްދައިދޭ އިލެކްޓްރޯން ތަކެއްގެ ސަބަބުންނެވެ. ނުވަތަ 1500-1000 ޥޯޓާއި ދެމެދުގެ ބާރު މިނުގައި ދައުރުވާ އިލެކްޓްރޯއިން އުފައްދައިދޭ ހަކަތައިންނެވެ. އަލިތައް އުފެދެނީ 150-80 ކިލޯ މީޓަރު އުހުގައި ޖައްވުގެ ތެރޭގައި މި އިލެކްޓްރޯންތަކާއި ޖައްވުގެ ތެރޭގައި ހިމެނޭ ވައިގެ ޒައްރާތަކާއި ޖެހި ފުށު އަރާގޮތް ވުމުންނެވެ. ބައެއް ފަހަރު މިއަލިތައް ފެންނަނީ އުޑުމަތީގައި އިރުން ހުޅަގަށް ދަމާލެވިފައިވާ ފަރުދާތަކެއްގެ ސިފައިގައެވެ. އަނެއް ބައި ފަހަރު ވަށްބުރެން ހެން ނުވަތަ ވިއްސާރަ ދުންޏެއްހެން ވެސް ފާޅު ވެއެވެ.

ބައެއް ތިއަރީތައް ބުނާގޮތުން މިއަލިތައް އުފެދިގެން އަންނަނީ އިރުން ފޮނުވާ ނުވަތަ ބޭރުކުރާ ސޯލާރ ޕާޓިކްލް ތަކުންނެވެ. ފަޒާގެ ތެރޭގައި ހުންނަ މިޕާރޓިކްލް ތައް ޕްލާޒްމާ ކްލައުޑްގެ ގޮތުގައި ސިކުންތަކު 1000-300 ކިލޯ މީޓަރާއި ދެމެދުގެ ބާރު މިނުގައި ފަޒާގެ ތެރޭގައި ދައުރުވެއެވެ. އެހެން ނަމަވެސް މިޕްލާޒްމާ ކްލައުޑްތައް އަހަރެމެންގެ ބިމާއި ހަމައަށް ވާޞިލްވުމަށް 3-2 ދުވަސް ނަގައެވެ. ބިމާއި ކައިރިވުމުން ބިމުގައި ހުންނަ ދަގައްފާނީ ބާރުގެ އެހީގައި ދުނިޔޭގެ ދެކޮޅަށް މިބުނި ކްލައުޑްތައް ގެންދެއެވެ.

ފަޒާގެ ތެރޭގައި ދުނިޔޭގެ ދެކޮޅުގައި މިބުނި ސޯލާރ ޕާޓިކްލް ތައް ޖަމާވުމުން ޖައްވުގެ ތެރޭގައި ހިމެނޭ ވައިގެ ޒައްރާތަކާއި، ޖެހި ފުށުއަރައި ހަކަތައެއް އުފައްދައެވެ. އަދި އަރޯރާ ނުވަތަ އަލިގަނޑުތައް އުފެދިގެން ދެއެވެ.

މީލާދީން 1741 ގައި ހިއޯޓަސް އަދި ސެލްޒިއަސް މިއަލިތަކުގެ ތެރޭގައި އިލެކްޓްރިކް ކަރަންޓް ހުންނަކަން ހޯދިއެވެ. އުތުރުގެ އަލިތަކަށް އޭގެ ސައިންޓިފިކް ނަން އަރޯރާ ބޮރެއާލިސް އެންމެ ފުރަތަމަ ދިނީ އިޓަލީގެ އިލްމުވެރިއެއް ކަމުގައިވާ ގެލީލިއޯ ގެލީލީ އެވެ. މިއަލިގަނޑު ބެލުމަށް އަލިގަނޑު ފާޅުވާ ހިސާބަށް ކޮންމެ އަހަރަކު ވެސް އެތައް ހާސް ބަޔަކު ޒިޔާރަތް ކުރެއެވެ.