ދިވެހި ކިޔަވާކުދިންގެ ޖަމިއްޔާ މިސްރު

ވިކިޕީޑިއާ އިންވިކިޕީޑިއާ

އެވޭލާ ޒަމާނުއްސުރެ މިޞްރު ބެލެވިފައިވަނީ ދިވެހީންގެ ވަރަށް މުހިންމު ތަޢުލީމީ ޤިބުލައެއްކަމުގައެވެ. އެހެންކަމުން މަދުނޫން ޢަދަދަކަށް އަބަދުވެސް މިޞްރުގައި ދިވެހި ކުދިން ތަޢުލީމް ޙާސިލްކުރަމުންދެއެވެ. މިޞްރުގައި އޮންނަ، ދިވެހީންގެ މި ކުޑަކުޑަ ޖަމާޢަތް ތަމްސީލުކޮށްދޭ ޖަމްޢިއްޔާއެއް ހެދުމަށް ޚިޔާލުކުރެވި އެކަމަށް އެންމެ ފުރަތަމަ ޢަމަލީ ސިފައެއް ގެނެވުނީ 1966 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 1 ވަނަ ދުވަހުއެވެ. އެއަށްފަހު 1967 ވަނައަހަރު ފެބްރުއަރީ މަހުގެ 22 ވަނަދުވަހު މިސްރުގެ އިޖްތިމާޢީ ކަންތައްތަކާބެހޭ ވުޒާރާގައި ޖަމްޢިއްޔާ ރަޖިސްޓްރީ ކުރެވުނެވެ. އޭރު ޖަމްޢިއްޔާގައި ތިބި މެމްބަރުންގެ ޢަދަދަކީ ހަމަ އެންމެ 28 އެވެ.

ޖަމްޢިއްޔާ ރަޖިސްޓްރީ ކުރުމަށްފަހު ވަރަށް ފުޅާ ދާއިރާއެއްގައި ތަފާތު ޙަރަކާތްތައް ހިންގަންފެށުނެވެ. މިޞްރުގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ނެތުމާއިއެކު، ރަސްމީ ސިފައެއްގައި މިޞްރުގައިތިބޭ ކިޔަވާކުދީން ތަމްސީލުކުރާ ފަރާތަކީ ދ.ކ ޖަމްޢިއްޔާ ކަމުގައި ވެގެންދިޔައެވެ. ޢަރަބި ދުނިޔެއަށް ދިވެހިރާއްޖެ ތަޢާރަފްކޮށްދިނުމަށްޓަކައި ކިޔަވާ ކުދިބަޔަކަށް ކުރެވޭނެ އެންމެ ފުޅާ ދާއިރާއެއްގައި މުހިންމު މަސައްކަތްތަކެއް ޖަމްޢިއްޔާއިން ވަނީ ކޮށްފައެވެ. އޭގެތެރޭގައި ރާއްޖެއާއިބެހޭ ލުއިފޮތް ޝާއިޢުކުރުމާއި އަޅުގަނޑުމެންގެ އާދަކާދައާއި ޘަޤާފަތް ދައްކުވައިދޭ ވަރަށް ފުރިހަމަ މަޢުރަޒެއް ބޭއްވުން ހިމެނެއެވެ.

މީގެ އިތުރުންވެސް މިޞްރުގެ ޔުނިވަރސިޓީތަކުގައި ދިވެހި ކުދީންނަށް ކިޔެވުމުގެ ފުރުސަތު ހޯދައިދިނުމުގައި ޖަމްޢިއްޔާ ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ

ޖަމްޢިއްޔާ އުފެދުނުތާ ސާދަވަރަކަށް އަހަރަށްފަހު ޖަމްޢިއްޔާގެ ޙަރަކާތްތަކަށް ކޮންމެވެސް ވަރެއްގެ ހުއްޓުމެއް އައެވެ. މިހެން ދިވާމާންޖެހުނީ މިޞްރަށް ކިޔަވަން އަންނަކުދިންގެ ޢަދަދު މަދުވުމާއިގުޅިގެންނެވެ. ނަމަވެސް 1987 ވަނަ އަހަރާއި ހަމައަށް އައިއިރު މިޞްރުގައިތިބި ދިވެހި ކިޔަވާކުދިންގެ ޢަދަދު ފަންސާހަށްވުރެ މައްޗަށް ދިޔުމާއިއެކު ޖަމްޢިއްޔާގެ ޙަރަކާތްތައް އަލުން ފެށުނެވެ. ޙަރަކާތްތައް މެދުކެނޑިފައި އޮތުމަށްފަހު އަލުން ފެށުމުގެ ކުރިން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް އެޅުމަށްފަހު ރަސްމީގޮތުން ޖަމްޢިއްޔާގެ ޙަރަކާތްތައް ފެށުނީ 3 ފެބްރުއަރީ 1988 ގައެވެ.

ދ.ކ ޖަމްޢިއްޔާގެ ފުރަތަމަ ހިންގާކޮމިޓީ[އުނިއިތުރު ގެންނަވާ]

ރައީސް: އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމް

ނާއިބު ރައީސް: އަލްއުސްތާޛް ފަތުހުﷲ ޖަމީލް

ސެކްރެޓަރީ: ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިން

ޚަޒާންދާރު: އަލްއުސްތާޛު މުޙައްމަދު ރަޝީދު އިބްރާހީމް

ނާއިބު ސެކްރެޓަރީ: އަލްއުސްތާޛު އަލްމަރުޙޫމް ޙުސައިން ޚަލީލް

ނާއިބު ސެކްރެޓަރީ: އަލްއުސްތާޛު ޢަބޫބަކުރު ޢަލީ

ނާއިބު ޚަޒާންދާރު: އަލްއުސްތާޛު ޙުސައިން ޢަބްދުއްރަޙްމާން

މެމްބަރު: އަލްއުސްތާޛު އާދަމް މޫސާ

ޖަމްޢިއްޔާގެ އޮނިގަނޑު[އުނިއިތުރު ގެންނަވާ]

ޖަމިއްޔާ ބިނާވެގެން ވަނީ މައިގަނޑު 3 ބަޔަށެވެ. އެ ބައިތަކަކީ

  • ހިންގާ ކޮމިޓީ
  • ތަންފީޒީ ކޮމިޓީތައް
  • ޢާއްމު މެމްބަރުން

ހިންގާ ކޮމިޓީ[އުނިއިތުރު ގެންނަވާ]

މިކޮމިޓީގައި ހިމެނެނީ 13 މެމްބަރުންނެވެ. ކޮމިޓީއަށް މެމްބަރުން ހޮވަނީ ޢާންމު މެމްބަރުންގެ މެދުގައި ބޭއްވޭ އިންތިޚާބަކުންނެވެ. ޢާމިލް މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ހަމަ ކޮންމެ މެމްބަރަކަށްވެސް މި އިންތިޚާބުގައި ބައިވެރިވުމުގެ ޙައްޤު އޮވެއެވެ. ހިންގާ ކޮމިޓީގެ ޢުމުރަކީ 6 އަހަރެވެ. އޭގެ ތެރެއިން ކޮން 2 އަހަރަކުން 1 އަހަރު ކޮމިޓީގެ 3 ބައިކުޅަ 1 ބައި މެމްބަރުންގެ ބަދަލުގައި އާ މެމްބަރުން އިންތިޚާބު ކުރެވެއެވެ. މީގެ އިތުރުން ކިޔެވުން ނިންމާލުމަށްފަހު، ނުވަތަ އިސްތިއުފާ ދިނުމަށްފަހު ކޮމިޓީން ވަކިވާ ކޮންމެ މެމްބަރެއްގެ ބަދަލުގައި އާ މެމްބަރެއް ގެނެވެއެވެ. 2 އަހަރުން 1 އަހަރު މެމްބަރުން އާކުރާއިރު މިގޮތަށް އިތުރުވާ މެމްބަރުންގެ ބަދަލުގައިވެސް އާމެމްބަރުން އިންތިޚާބު ކުރެވެއެވެ. އަދި 6 އަހަރު ހަމަވުމުން މުޅިން އާ ހިންގާ ކޮމިޓީއެއް އިންތިޚާބު ކުރެވެއެވެ.

ތަންފީޒީ ކޮމިޓީތައް[އުނިއިތުރު ގެންނަވާ]

ޖަމްޢިއްޔާގެ ޙަރަކާތްތައް ހިންގުމުގައި ތިން ސަބްކޮމިޓީއަކުން ޙަރަކާތްތެރިވެއެވެ. މިކޮމިޓީތަކަކީ ކިޔަވާކުދިންގެ ކޮމިޓީއާއި، ޘަޤާފީ ކޮމިޓީއާއި ފަންނާއި ކުޅިވަރު ކޮމިޓީއެވެ. މިކޮމިޓީތައް އުފެއްދުމުގެ ބޭނުމަކީ ޙަރަކާތްތައް ރާވާ ހިންގުމުގައި އިސްދައުރެއް އަދާކުރުމުގެ ފުރުސަތު ވީހާވެސް ގިނަކުދީންނަށް ހޯދައިދިނުމެވެ.

ޢާއްމު މެމްބަރުން[އުނިއިތުރު ގެންނަވާ]

މިސްރުގައި ތިބޭ ދިވެހި ކުދިންގެ ތެރެއިން ޖަމްޢިއްޔާގައި ބައިވެރިވާން އެދޭ ހަމަ ކޮންމެ ކުއްޖަކަށް އެފުރުސަތު ވަނީ ހުޅުވާލެވިފައެވެ. 10 މެއި 2007 ވަނަ ދުވަހާއި ހަމައަށް،ޖަމްޢިއްޔާގައި ތިބި މެމްބަރުންގެ ޢަދަދަކީ 119 އެވެ.

ޖަމިއްޔާގެ މަޤުޞަދުތައް[އުނިއިތުރު ގެންނަވާ]

  • ޘަޤާފީ، އިޖުތިމާޢީ، އަދި ކުޅިވަރުގެ މައިދާނުގައި އަންނަނިވި ރޮގުން ޙަރަކާތްތެރިވުން:

1. މިޞްރުގައިތިބޭ ދިވެހިކިޔަވާކުދިންގެ މެދުގައި އެކުވެރިކަން އާލާކޮށް އެންމެން އެކަތިގަނޑަކަށްވުމަށް އެއްބާރުލުން.

2. މިޞްރުގައިތިބޭ ދިވެހިކިޔަވާކުދިންގެ ކިޔެވުމާބެހޭ ކަންތައްތަކާމެދު ފަރުވާބަހައްޓާ ކިޔެވުމުގަޔާއި އަދި އެނޫންވެސް ކަންތައްތަކުގައި ދިމާވާ ދަތިތައް ހަމަޖެއްސުމަށް އެހީތެރިވެދިނުން. އަދި އެކުދިންގެ ތެރެއިން މާލީ އެހީއަށް ކޮންމެހެން ބޭނުންވެފައިވާ ކުދިންނަށް އެފަދަ އެހީ ހޯދައިދިނުން.

3. ޘަޤާފީ، އިޖުތިމާޢީ، އަދި ކުޅިވަރުގެ ރޮގުން ކުރިއެރުމަށް މަސައްކަތްކޮށް އަދި އެހެނިހެން ކިޔަވާކުދިންގެ ޖަމްޢިއްޔާތަކާއެކު މިތިންރޮގުން އެހީ ބަދަލުކޮށް ގުޅުން ބެހެއްޓުން.

4. ޢަރަބި ދުނިޔެއަށް ދިވެހިރާއްޖެ ތަޢާރަފް ކޮށްދިނުމަށް މަސައްކަތްކުރުން.

ދ.ކ ޖަމްޢިއްޔާގެ ވެބްސައިޓް[އުނިއިތުރު ގެންނަވާ]

Msa,cairo Website