މުޙައްމަދު ރަޝީދު އިބްރާހީމް
މުޙައްމަދު ރަޝީދު އިބްރާހީމް | |
|---|---|
މުޙައްމަދު ރަޝީދު އިބްރާހީމް | |
| އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ ރައީސް | |
މަޤާމާ ހަވާލުވެވަޑައިގަތީ 3 އޮގަސްޓު 2016 | |
| ރައީސް | ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިބްރާހީމް މުޙައްމަދު ޞާލިޙް މުޙައްމަދު މުޢިއްޒު |
| ނައިބު | ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން |
| ކުރިން ހުންނެވީ | (މަޤާމު އުފެއްދެވުން) |
| ފަހުން ވަޑައިގަތީ | |
| ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު | |
މަޤާމުގައި 1996–2008 | |
| ރައީސް | މައުމޫން ޢަބްދުލްޤައްޔޫމް |
| ކުރިން ހުންނެވީ | މޫސާ ފަތުޙީ |
| ފަހުން ވަޑައިގަތީ | |
| މިނިސްޓަރ އޮފް ޖަސްޓިސް | މިނިސްޓަރ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒް | |
މަޤާމުގައި 1989–1996 | |
| ރައީސް | މައުމޫން ޢަބްދުލްޤައްޔޫމް |
| ފަހުން ވަޑައިގަތީ | |
| އުފަންވީ | 25 ސެޕްޓެމްބަރ 1942 ފުވައްމުލައް، ދިވެހިރާއްޖެ |
| މަތީތަޢުލީމު | އަލްއަޒުހަރު ޔުނިވަރސިޓީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ |
| އިނާމުތައް | ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން - 2008 |
ފަޟީލަތުލްއުސްތާޛުއްޝައިޚް ޑރ. މުޙައްމަދު ރަޝީދު އިބްރާހީމް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1942ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 25ވަނަ ދުވަހުއެވެ. ބައްޕާފުޅަކީ ޏ. ފުވައްމުލަކު ދަނޑިމަގު މައިގޭ އިބްރާހީމް ޙުސައިނެވެ. މަންމާފުޅަކީ ހަމަ އެ ރަށު ދިގުފީނި ޢާއިޝަތު މުޙައްމަދު ދީދީއެވެ.
ފަޟީލަތުލްއުސްތާޛުއްޝައިޚް ޑރ. މުޙައްމަދު ރަޝީދު އިބްރާހީމް ފަށާ ތަޢުލީމް ޙާޞިލްކުރެއްވީ ރާއްޖެއިންނެވެ. އެ މަނިކުފާނަކީ ޤުރްއާން ހިތުދަސް ޙާފިޡެކެވެ. ޙާފިޡުކަމުގެ ސަނަދު ޙާޞިލުކުރެއްވީ 1961ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 3ވަނަ ދުވަހުއެވެ.
ފަޟީލަތުލްއުސްތާޛުއްޝައިޚް ޑރ. މުޙައްމަދު ރަޝީދު އިބްރާހީމް ވަނީ 1963ވަނަ އަހަރު މިޞްރުގެއަލްއަޒްހަރު ޔުނިވަރސިޓީގައި ޝަހާދާ އިބްތިދާއިއްޔާ ހާސިލުކުރައްވައިފައެވެ. ހަމަ އެ ޔުނިވަރސިޓީގައި 1967ވަނަ އަހަރު ޝަހާދާ ޘާނަވިއްޔާ ފުރިހަމަކުރައްވައިފައިވެއެވެ. 1971ވަނަ އަހަރު އަލްއަޒްހަރު ޔުނިވަރސިޓީގެ ކުއްލިއްޔަތުއްޝަރީޢާ ވަލްޤާނޫނުން ޑިޕްލޮމާ ޙާޞިލުކުރެއްވިއެވެ. މީގެއިތުރުން 1973ވަނަ އަހަރު އަލްއަޒްހަރު ޔުނިވަރސިޓީގައި ފިޤްހުލްމުޤާރަންއިން މާސްޓަރސް ޑިގްރީ ހައްދަވައިފައިވެއެވެ. އަދި 1974ވަނަ އަހަރު ތަޢުލީމީ ދާއިރާއިން ވެސް ޑިޕްލޮމާއެއް ޙާޞިލުކުރައްވައިފައިވެއެވެ. އަލްއަޒްހަރު ޔުނިވަރސިޓީއަށް ވަޑައިގެންނެވުމުގެ ކުރީގައި އިންޑިއާގެ ވެއްލޫރުގެ ޖާމިޢަތުލް ބާޤިޔާތުއް ޞާލިޙާތު (ބީއެސްއޭ ކޮލެޖު) ގައި ކިޔަވައި ވިދާޅުވެފައިވެއެވެ.
ފަޟީލަތުލްއުސްތާޛުއްޝައިޚް ޑރ. މުޙައްމަދު ރަޝީދު އިބްރާހީމް ޕީއެޗްޑީ ޙާޞިލުކުރެއްވީ ފިޤްހާއި އުޞޫލުލްފިޤްހުގެ ރޮނގުން 2021ވަނަ އަހަރު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައެވެ. ޑރ. މުޙައްމަދު ރަޝީދު އިބްރާހީމް ޕީއެޗްޑީ ތީސީސް ލިޔުއްވައިފައި ވަނީ "ރާއްޖޭގައި ޢާއިލީ މައްސަލަތަކާއި އޭގެ ޙައްލު، އިސްލާމީ ޝަރީޢަތުގެ އަލީގައި" މި މައުޟޫޢަށެވެ.
ފަޟީލަތުލްއުސްތާޛުއްޝައިޚް ޑރ. މުޙައްމަދު ރަޝީދު އިބްރާހީމް އެންމެ ފުރަތަމަ ވަޒީފާއަކާ ގުޅިވަޑައިގަތީ 1974ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17ވަނަ ދުވަހު ސަޢޫދީ ޢަރަބިއްޔާގެ ދަންމާމުގެ އަބޫ ޢުބައިދާ މަދަރުސާގެ މުދައްރިސެއްގެ މަޤާމާއެވެ. އޭގެ ފަހުން 1977ވަނަ އަހަރުން ފެށިގެން 1985ވަނަ އަހަރުގެ ނިޔަލަށް ޖާމިޢަތުލްއިމާމު މުޙައްމަދު ބިން ސުޢޫދުލްއިސްލާމިއްޔާ (އިމާމު މުޙައްމަދު ބިން ސުޢޫދު އިސްލާމިކް ޔުނިވަރސިޓީ) ގެ މުދައްރިސްކަމާއި ލެކްޗަރަރެއްގެ މަޤާމު އަދާކުރެއްވިއެވެ. އެއަށްފަހު ރާއްޖެ ވަޑައިގެން 1981ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުސްތަޝާރެއްގެ ވަޒީފާއާ ގުޅިވަޑައިގެންނެވިއެވެ. އަދި އެ އޮފީހުގެ ޚާއްޞަ ވަކީލެއްގެ މަޤާމު ވެސް ފުރުއްވައިފައިވެއެވެ. މީގެއިތުރުން އަލްމަދްރަސަތުލްޢަރަބިއްޔަތުލްއިސްލާމިއްޔާގެ ފުރަތަމަ ނާޡިރުކަމާއި، ޖަސްޓިސް މިނިސްޓަރުގެ ނާއިބުކަން ވެސް ފުރުއްވައިފައިވެއެވެ.
ފަޟީލަތުލްއުސްތާޛުއްޝައިޚް ޑރ. މުޙައްމަދު ރަޝީދު އިބްރާހީމް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަޤާމު 12 އަހަރު އަދާކުރައްވައިފައިވާ އިރު، ޖަސްޓިސް މިނިސްޓަރު ކަމުގެ މަޤާމު 1989ވަނަ އަހަރުން ފެށިގެން 1993 ގެ ނިޔަލަށް އަދި ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒް މިނިސްޓަރުކަން 1993 އިން 1996 އަށް އަދާކުރެއްވިއެވެ. އަދި ޖުޑީޝަލް ސަރވިސަސް ކޮމިޝަންގެ ރައީސްކަމުގެ މަޤާމާއި، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މުސްތަޝާރެއްގެ މަޤާމާއި ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެންބަރުކަމާއި، ޝަރުޢީ އަދި ޤާނޫނީ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދޭ ޚާއްޞަ ކޮމިޓީގެ ރައީސްކަމާއި، ކީރިތީ ޤުރްއާން ދިވެހިބަހަށް ތަރުޖަމާކުރެއްވެވި ކޮމިޓީގެ މެންބަރުކަމާއި ރައީސްކަން ކުރައްވައިފައިވެއެވެ.
ފަޟީލަތުލްއުސްތާޛުއްޝައިޚް ޑރ. މުޙައްމަދު ރަޝީދު އިބްރާހީމް ވަނީ 40 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި ދައުލަތަށް ޚިދުމަތްކުރައްވައިފައެވެ. ޑރ. މުޙައްމަދު ރަޝީދު އިބްރާހީމަށް ވަނީ ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި ޢިއްޒަތްތެރިއެއްގެ ލަޤަބު ދިވެހި ދައުލަތުން އަރުވައިފައެވެ. އަދި ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް (ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން) 2008ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 10ވަނަ ދުވަހު ޑރ. މުޙައްމަދު ރަޝީދު އިބްރާހީމަށް އަރުވައިފައިވެއެވެ.
ފަޟީލަތުލްއުސްތާޛުއްޝައިޚް ޑރ. މުޙައްމަދު ރަޝީދު އިބްރާހީމް މިހާރު ހުންނެވީ ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ ރައީސްގެ މަޤާމުގައެވެ. އެ މަޖިލީހުގެ ރައީސްކަމުގެ މަޤާމާއި، މެންބަރުކަމުގެ މަޤާމަށް ޑރ. މުޙައްމަދު ރަޝީދު އިބްރާހީމް ޢައްޔަންކުރެއްވީ 2016ވަނަ އަހަރުގެ އޮގަސްޓް މަހުގެ 3ވަނަ ދުވަހުއެވެ.