ފަތުޙުﷲ ޖަމީލް
ފަތުޙުﷲ ޖަމީލަކީ ކުރިން ރާއްޖޭގެ ޚާރިޖީ ވަޒީރުކަން މެދުކެނޑުމެއް ނެތި 27 އަހަރު ކުރެއްވި ބޭފުޅެކެވެ.[1] އެމަނިކުފާނު ތަޢުލީމް ޙާޞިލް ކުރެއްވީ މިޞްރުގެ މަޝްހޫރު ޖާމިޢަތުލް އަޒުހަރުންނެވެ.އަލްއުސްތާޛު ފަތުޙުﷲ ޖަމީލް އަކީ އަލްއުސްތާޛު މުޙައްމަދު ޖަމީލްދީދީގެ ދަރިކަލެކެވެ. މަންމައަކީ ދޮށީ ކަލޭފާނުގެ މެދުސީދީގެ ސިއްތި އެވެ.
ފަތުޙުﷲ ޖަމީލް އިބްތިދާއީ ތަޢުލީމް ޙާޞިލް ކުރެއްވީ ކުއްޅަވައްގެއިންނާއި މަދަރުސަތުއް ޞަލާޙިއްޔާ އިންނެވެ. މަތީ ތައުލީމް ޙާޞިލް ކުރެއްވީ މިޞްރުގެ ޖާމިޢަތުލް އަޒްހަރު އިންނެވެ. ޢަރަބި، އިގިރޭސި، ސިންގަޅަ، ތަމަޅަ، އަދި މިނޫން ބައެއް ބޭރުބަސް ދެނެލައްވައެވެ. ފަތުޙުﷲ ޖަމީލް އަކީ ދިވެހިރާއްޖޭގެ ތާރީޚްގައި އެންމެ ގިނަ ދުވަސްވަންދެން ޚާރިޖީ ވަޒީރުކަން ކުރެއްވި ފަރާތެވެ.
ފަތުޙުﷲ ޖަމީލަކީ ވިސްނުން ތޫނު ކުޅަދާނަ ބޭފުޅެކެވެ. ކުރެހުންތެރިއެކެވެ. މިއުޒިކް ކުޅުއްވައެވެ. އަދި އެއީ ސަކަ މިޒާޖެއްގެ ބޭފުޅެކެވެ. ވަރަށް ގިނައިން ޖޯކު ވިދާޅުވާކަމަށް އަރިހުގައި އުޅުއްވި ބޭފުޅުން ބުނެއެވެ.[2]
ފަތުޙުﷲ ޖަމީލަށް 2008 ވަނަ އަހަރު ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް "ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން" އަރުވައިފައިވެއެވެ. 2 ޑިސެންބަރު 2008 ގައި އަލްއުސްތާޛު ފަތުޙުﷲ ޖަމީލަށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިޔާގެ ލަޤަބް އަރުވާފައެވެ.
ފުރުއްވި މަޤާމުތައް
[އުނިއިތުރު ގެންނަވާ]- 18 ނޮވެމްބަރ 1969 - މަޖީދިއްޔާ ސްކޫލްގެ ޓީޗަރ ކަން
- (ތާރީހް އެންގެން ނެތް) - މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ ވަކީލްކަން [3]
- (ތާރީހް އެންގެން ނެތް) - ޑިޕާޓްމަންޓް އޮފް އެކްސްޓާނަލް އެފެއާޒްގެ ނައިބު ކަން [3]
- (ތާރީހް އެންގެން ނެތް) - އ.ދ. ގެ ދިވެހިރާއްޖޭގެ ޕާމަނަންޓް ރެޕްރެޒެންޓޭޓިވް [3]
- 14 މާރޗް 1978 – މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒްކަން
- 11 ނޮވެމްބަރު 1983 - މިނިސްޓަރ އޮފް ފޮރިން އެފެއާޒްކަން
- 22 ފެބުރުއަރީ 1990 – 30 މެއި 1990 – މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްލޭނިންގ އެންޑް އެންވަޔަރްމަންޓްކަން
- ރައްޔިތުން މަޖުލީހުގެ މެންބަރުކަން
- ރައީސުލް ޖުމުހޫރިއްޔާ އޮފީހުގެ ސީނިއާ މިނިސްޓަރ ކަން
ޚިދުމަތް
[އުނިއިތުރު ގެންނަވާ]ފަތުޙުﷲ ޖަމީލަކީ، ރާއްޖޭގެ ޚާރިޖީ ވަޒީރުކަމުގެ މަގާމުގައި ހުންނަވައިގެން، ރާއްޖެ ބައިނަލްއަޤްވާމީ މައިދާނަށް ފުޅާ ދާއިރާއެއްގައި ތަޢާރުފް ކުރެއްވުމަށް މުހިންމު މަސައްކަތްޕުޅުތަކެއް ކޮށްދެއްވި އެވެ. ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ މުޖްތަމަޢު ގަބޫލުކުރާ ޒިންމާދާރު، ހަރުދަނާ އުޞޫލުތަކެއްގެ މައްޗަށް ޚާރިޖީ ސިޔާސަތު ބިނާކޮށްފައިވާ ޤައުމެއްކަން، ބޭރު ދުނިޔެއަށް ހާމަކޮށްދެއްވުމުގައި އަލްއުސްތާޛު ފަތުޙުﷲ ޖަމީލު އަދާކުރައްވާފައިވަނި ވަރަށް މުހިންމު ދައުރެކެވެ. އަދި ރާއްޖެއަށް ބޭނުންވި ތަރައްޤީގެ އެހީތައް ހޯއްދަވައިދެއްވުމުގައާއި، ރާއްޖެއަށް ސިޔާސީގޮތުންނާއި، ޘަޤާފީގޮތުން، ބައިނަލްއަޤްވާމީ މުޖްތަމަޢުގެ އެއްބާރުލެއްވުން ހޯއްދަވައިދެއްވުމަށްވެސް އަގުހުރި މަސައްކަތްޕުޅުތަކެއް އެމަނިކުފާނުވަނީ ކުރައްވާފައެވެ. ހަމައެއާއެކު، ބައިނަލްއަޤްވާމީ މުޖްތަމަޢުގެ މާލީ އިދާރާތަކާއި، އެހެން މުއައްސަސާތަކާ ދެމެދު ގުޅުން އުފައްދަވައި، އެކަމަށްވެސް ގިނަގުނަ މަސައްކަތްޕުޅުތަކެއްވަނީ ކުރައްވާފައެވެ.[3]
ދުނިޔޭގެ އޭރުގެ ބޮޑު ދެ ބާރުގެ މެދުގައި އޮތް ފިނި ހަނގުރާމައިގެ ތެރޭގައި ރާއްޖެ ކަހަލަ ކުޑަކުޑަ ގައުމެއްގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރެއްވުމުގެ ބޮޑު ޒިންމާ އެމަނިކުފާނު އުފުއްލެވި އެވެ. އިޒުރޭލާއި ފަލަސްތީނުގެ މައްސަލަތަކުގައި ރާއްޖެ އަމަލްކުރާނެ ގޮތްތައް ތަރުތީބުކުރެއްވި އެވެ. އިސްލާމީ ގައުމުތަކާ އެކު މުޅިން އާ އަދި ވަރުގަދަ ގުޅުންތަކެއް، ލިބިވަޑައިގެންނެވި އަރަބި ތައުލީމުގެ އެހީއާ ވެސް އެކު، ގާއިމްކޮށްދެއްވި އެވެ.[4]
މައުމޫނު ޢަބްދުލް ޤައްޔޫމް ދެކެވަޑައިގަންނަވާ ގޮތުގައި ފަތުޙުﷲ އަކީ ރާއްޖޭގައި އުފެދުނު ވަރަށް ވަރުގަދަ ޑިޕްލޮމޭޓެކެވެ. ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހި ކުރައްވަން މޮޅަށް ދެނެވަޑައިގަންނަވަ އެވެ. ބޭރުގެ ގައުމުތަކާ މުއާމަލާތް ކުރައްވަން ވަރަށް މޮޅަށް ދެނެވަޑައިގަންނަވަ އެވެ. އޭގެ ސަބަބުން ހާރިޖީ ދާއިރާގެ ވަރަށް ގިނަ ކަންކަން ފަތުޙުﷲ އަމިއްލަފުޅަށް އިސް ނަންގަވައިގެން ކުރެއްވި އެވެ.[2]
މައުމޫނު ޢަބްދުލް ޤައްޔޫމުގެ ވެރިކަމުގައި ވެސް އަދި ފަހުން މުޙައްމަދު ނަޝީދުގެ ވެރިމުގައިވެސް ހާރިޖީ ވަޒީރުކަން ކުރެއްވި ޑރ. ޝަހީދު، ފަތުޙުﷲ ޖަމީލް ސިފަ ކުރައްވަނީ "އެ ޖީލުގެ އެންމެ ކުޅަދާނަ ސިކުނޑިގެ ގޮތުގައެވެ. ރާއްޖެ ނުދެކޭ ފަދަ ތޫނުފިލި ބޭފުޅެއްގެ ގޮތުގައެވެ. އަދި ސިޔާސީ ގޮތުން ބުރަދަންހުރި ޝަހްސިއްޔަތެއްގެ ގޮތުގައެވެ." [4]
އަވަހާރަވުން
[އުނިއިތުރު ގެންނަވާ]ފަތުޙުﷲ ޖަމީލު، އަވަހާރަވީ ހިތްޕުޅުގެ އާލާސްކަންފުޅެއްގައި ފަރުވާދެމުން ދަނިކޮށް، ޙާލުކޮޅު ވަރަށް ސީރިއަސްވެ، ސިންގަޕޫރު ޖެނެރަލް ހޮސްޕިޓަލްގައި، 1 މާރިޗު 2012 ވީ ބުރާސްފަތި ދުވަހުގެ ރާއްޖޭ ގަޑިން ރޭގަނޑު 8:15 ގައެވެ. އަވަހާރަވީއިރު ޢުމުރުފުޅަކީ 69 އަހަރެވެ.
މަރުޖިޢުތައް
[އުނިއިތުރު ގެންނަވާ]- ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006
ރިފަރެންސް
[އުނިއިތުރު ގެންނަވާ]- ↑ http://www.haveeru.com.mv/dhivehi/report/people/117869
- ↑ 2.0 2.1 "Archive copy". Archived from the original on 1330911806. Retrieved 1331021062.
{{cite web}}
: Check date values in:|access-date=
and|archive-date=
(help); Unknown parameter|dead-url=
ignored (|url-status=
suggested) (help)CS1 maint: archived copy as title (link) - ↑ 3.0 3.1 3.2 3.3 http://www.sun.mv/15845
- ↑ 4.0 4.1 "Archive copy". Archived from the original on 1330894651. Retrieved 1331982842.
{{cite web}}
: Check date values in:|access-date=
and|archive-date=
(help); Unknown parameter|dead-url=
ignored (|url-status=
suggested) (help)CS1 maint: archived copy as title (link)