ވައިނޮޅި ދުޅަވުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ވައިނޮޅި ދުޅަވުން (އިނގިރޭސި ބަހުން: Tracheitis) އަކީ ވައިރަސް ނުވަތަ ބެކްޓީރިޔާ އެއްގެ ސަބަބުން ވައިނޮޅި ގައި އިންފެކްޝަން އުފެދި ހަލާކުވުމެވެ. ކްލޮރިން ގޭސް، ސަލްފަރ ޑައިއޮކްސައިޑް، އަދި ދުންފަތުގެ ދުމުން ވެސް ވައިނޮޅި ހަލާކުވާގޮތް ވެއެވެ. ދުންފަތާއި ބަނގުއާވި އަކީވެސް ވައިނޮޅި ދުޅަވުމަށް މަގުފަހިކުރުވާ ދޭއްޗެވެ.

ވަގުތީ ގޮތެއްގައި ވައިނޮޅި ދުޅަވުން ކުރިމަތިކުރުވާ އެންމެ އާންމު ބެކްޓީރިޔާ ތަކަކީ ، ސްޓެފައިލޮކޮކަސް، ސްޓްރެޕްޓޮކޮކަސް، ނިއުމޮކޮކަސް، އަދި ނިސީރިއާ އެވެ.

ވައިނޮޅި ދުޅަވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ، ހުންއައުން، ވަރުބަލިވުން، ވައިނޮޅީގެ އެތެރެއިން ލެވިފައިވާ ތެތްދުލިފަށް ދުޅަވުން ފަދަ ކަންތައްތައް ހިމެނެއެވެ. ވައިނޮޅި ދުޅަވުން އާންމު ގޮތެއްގައި އެކެއް ނުވަތަ ދެހަފްތާވަރަށް ދެމިގެން ހިގައިދާނެއެވެ. އަދި އެއަށްފަހު ރަގަޅު ވެދެއެވެ. ދާއިމީ ސިފައެއްގައި ވައިނޮޅި ދުޅަވެގެން ނޫނީ ބޮޑު ގެއްލުމެއް ވައިނޮޅި އަކަށް ނުލިބޭނެއެވެ.

ދާއިމީ ގޮތެއްގައި ވައިނޮޅި ދުޅަވުމަށް އަހަރުތަކެއް ނަގައެވެ. އަދި އެގޮތަށް ދިގުމުއްދަތެއް ނެގުމުން ވައިނޮޅި މަޑުމަޑުން ހަލާކުވަމުން ދެއެވެ. ދާއިމީ ގޮތެއްގައި ވައިނޮޅި ދުޅަވުމުން ވައިނޮޅީގެ ފާރުގައި ލޭގެ ހުދު ސެލް ތައް ޖަމާވެ، ލޭހޮޅިތައް ގިނަވެ، ވައިނޮޅީގެ ފާރު ބޯވެގެން ދެއެވެ. ދަވަބޭރުކުރާ ގޮށް ތައް ދުޅަވެ، ކުދި ޕޮލިޕް ތަކެއް ފުއްޕާފައި ހުރެއެވެ. އަދި ހަލާކުވާ ޓިޝޫތައް ރަގަޅުވާއިރު އެތަންތަނުގައި ލަކުނު އުފެދެއެވެ.

ވައިނޮޅިއަށް އެބަލިތަކުގެ އަސަރު ކުރުވާ ބަލިތަކުގެ ތެރޭގައި ކަރުފޮޅު، ކެއްސުން ބަލި، ކަށި ވިދުރި، އަދި ސިފިލިސް ހިމެނެއެވެ.