Jump to content

ހޭނެއްތުން

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ހޭނެއްތުން ނުވަތަ އައްސިކުރުން(އިނގިރޭސި ބަހުން: Anaesthesia) އަކީ ބޭސްވެރިކަމުގެ ދާއިރާގައި ކުރެވޭ ވަރަށް މުހިއްމު ކަމެކެވެ. ބޮޑެތި އޮޕަރޭޝަންތައް ކުރުމުގެ ކުރިން ބަލިމީހާ ހޭނައްތަން ޖެހެއެވެ. އިގިރޭސި ބަހުގެ ބޭނުންކުރެވޭ އެނެސްތީޒިއާ އަށް ދިވެހިބަހުން ބޭނުންކުރާ ބަހަކީ ހޭނެއްތުން އެވެ. ނުވަތަ އައްސިކުރުމެވެ. އެނެސްތެޓިސްޓް އަކީ ހޭނައްތާ ޑޮކްޓަރެވެ. އެނެސްތެޓިސްޓެއްގެ ހަމައެކަނި މަސައްކަތަކީ ހޭނެއްތުމެއްވެސް ނޫނެވެ. އެނެސްތީޒިއާ އަކީ އޮޕަރޭޝަންކުރާއިރާއި، އަދި އެނޫންވެސް ޙާލަތްތަކުގައި މުޅި މީހާގެ ހަށިގަނޑުން ނުވަތަ ހުރިހާ ހިސާބަކުން އިހްސާސްތައް ކަނޑާލުމެވެ. އޭގެ ތެރޭގައި ތަދާއި އަދި އެނޫންވެސް އިހްސާސްތައް ހިމެނެއެވެ. އެނެސްތީޒިއާ ގެ 3 ވައްތަރެއް ހިމެނެއެވެ.


ވައްތަރުތައް

[އުނިއިތުރު ގެންނަވާ]

އޮޕަރޭޝަންކުރާތަން އައްސިކޮށްލުން

[އުނިއިތުރު ގެންނަވާ]

އޮޕަރޭޝަންކުރާތަން އައްސިކޮށްލުން(އިނގިރޭސި ބަހުން: Local Anaesthesia) އަކީ އައްސިކުރުން ނުވަތަ ހޭނެއްތުން ގެ ވައްތަރެކެވެ. ދޮސްގަނެފައިވާ މުލިހި ފަޅާލުން، ނުވަތަ ހަށިގަނޑުގެ ތަނެއްގައިވާ ސަރުބީ ގުޅައެއް ނެގުން، ފަދަ ކުޑަކުޑަ އޮޕަރޭޝަން ތަކުގައި ބޭނުންކުރަނީ މިވައްތަރުގެ އައްސިކުރުމެވެ. އޮޕަރޭޝަންކުރާ ތަނުގެ ވަށައިގެން ކުޑަ ސަރަހައްދަކަށް އައްސިކުރުމަށް ބޭނުންކުރާ އިންޖެކްޝަން ޖަހައި ، ތަދާއި، ފިނި ހޫނު އަދި މިނޫންވެސް އިހްސާސްތައް އެތަނުން ކަނޑުވާލެވެއެވެ. 2 ގަޑިއިރެއްހާއިރު ވަންދެން މިއައްސިކުރުމުގެ އަސަރު ދެމިހުރެއެވެ.


ހަށިގަނޑުން ބައެއް އައްސިކޮށްލުން

[އުނިއިތުރު ގެންނަވާ]

ހަށިގަނޑުން ބައެއް އައްސިކޮށްލުން(އިނގިރޭސި ބަހުން: Regional Anaesthesia) އަކީ ހަށިގަނޑުން ބައެއް ނުވަތަ ވަކި ގުނަވަނެއް އައްސިކޮށްލުން އެވެ. މިއީ އައްސިކޮށް ނޭތެއްމުގައި ވަރަށް ގިނައިން ބޭނުންކުރެވޭ ވައްތަރެކެވެ. މީގެ ތެރޭގައި:-

  • ބުރަކަށީގައި އުނަގަނޑާއި ދިމާލުން ތިރީ ބަދަތަކުގެ ކައިރިއަށް އިންޖެކްޝަންޖަހައި އައްސިކުރުން
  • ހަށިގަނޑުގެ ވަކި ބަޔަކަށް ސަޕްލައިކުރާ ނާރުތަކުގެ ކައިރިއަށް އިންޖެކްޝަންޖަހައި އެބައި އައްސިކުރުން

މިވައްތަރުގެ އައްސިކޮށްލުން ބޭނުންކުރެވޭ ބައެއް ހާލަތްތައް

  • ބަނޑުގައިވާ ދަރިފުޅު ނެގުމަށް ކުރެވޭ އޮޕަރޭޝަން
  • ފޫޅުގެ ތިރިން ބަނޑުން ނުކުންނަ ހާނިޔާ އޮޕަރޭޝަންތައް
  • ފައިގެ ކަށީގެ އޮޕަރޭޝަންތައް


މުޅިން ހޭނެއްތުން

[އުނިއިތުރު ގެންނަވާ]

މުޅިން ހޭނެއްތުން (އިނގިރޭސި ބަހުން: General Anaesthesia)އަކީ އައްސިކުރުން ނުވަތަ ހޭނެއްތުން ގެ ވައްތަރެކެވެ. ލޭހޮޅިތަކުގެ ތެރެއަށް ފޮނުވާލެވޭ އިންޖެކްޝަނާއި، އަދި ހޭނައްތާ މެޝިން ބޭނުންކޮށްގެން ފުއްޕާމޭގެ ތެރެއަށް ފޮނުވާލެވޭ ހޭނެތޭ ފަދަ ވައިގެ ސަބަބުން ބަލިމީހާ މުޅިން ޚަބަރު ހުސްވެ ނިދޭގޮތްވެއެވެ. އަދި މިބޭސްތަކުގެ އަސަރު ދެމިހުރިހާ ހިނދަކު ބަލިމީހާ އޮންނާނީ، ނޭވާލެއްވުން، ހިތުގެ ވިންދު ބެލުން، ލޭގެ ޕްރެޝަރު ބެލުމަށްޓަކައި ޚާއްޞަ މެޝިންތަކާއި ގުޅާފައެވެ. ހޭނެއްތުނީ އޮޕަރޭޝަން ކުރަންކަމަށްވާނަމަ، އޮޕަރޭޝަން ނިމެންދެން، ބަލިމީހާގެ ޙާލަތު، ހޭނައްތާ ޑޮކްޓަރ އަދި ނަރުހުންދާނީ ބަލަމުންނެވެ. އޮޕަރޭޝަން ނިމުމުން ހޭލެއްވުމަށްޓަކައި، ތަފާތު ބޭސްތައް އިންޖެކްޝަންގެ ސިފައިގައި ދެވެއެވެ. ވުމާއެކު އިރުކޮޅެއްގެ ތެރޭގައި ބަލިމީހާ ހޭވެރިކަންވެ، އަމިއްލައަށް ނޭވާލާން ފަށައެވެ. ނަތީޖާއެެއްގެ ގޮތުން ނޭވާލެއްވުމަށްޓަކައި ގުޅާފައިވާ މެޝިން ބަލިމީހާ އާއި ވަކިކޮށްލެވެއެވެ. އޭގެ ކުޑަ ވަގުތުކޮޅަކަށް ފަހު، ބަލިމީހާ ހޭވެރިކަންވެ، މަޑުމަޑުން ވާހަކަ ދައްކައި، އާދައިގެ ހާލަތަކަށް ބަދަލުވެއެވެ. އަދި ހޭނެއްތުމަށްޓަކައި ދެވުނު ބޭހުގެ އަސަރު އިސާހިތަކު ފިލައިދެއެވެ. ވުމާއެކު ހޭނެއްތުމަކީ ބަލިމީހާގެ ޞިއްޙަތު ތަންދޭނަމަ ކިތައްމެ ގިނައިން ވެސް ކުރެވިދާނެ ކަމެކެވެ. އެކަން ނުކުރުމަށް އޮތް ހަމައެކަނި މިންގަނޑަކީ ބަލިމީހާގެ ޞިއްޙީ ހާލަތެވެ. މިކަން ކަނޑައަޅައި އިރުޝާދުދޭ ފަރާތަކީ ހޭނައްތާ ޑޮކްޓަރު އެވެ.


އައްސިކުރުމުގެ ވައްތަރު ކަނޑައެޅުމުގައި ބެލެވޭ ކަންތައްތައް

[އުނިއިތުރު ގެންނަވާ]
  • ފާއިތުވި އަދި މިހާރުގެ ޞިއްޙީ ޙާލަތު
    • ކުރިން އޮޕަރޭޝަނެއްކޮށްފައިވޭތޯ ބެލުން
    • ކުރިން ހެދުނީ ކޮންވައްތަރެއްގެ އައްސިކުރުމެއްތޯ ބެލުން
    • ދިގުމުއްދަތެއްގައި ބޭސް ބޭނުންކުރަންޖެހޭ ބައްޔަކަށް ބޭސް ބޭނުންކުރޭތޯ ބެލުން
    • ފުއްޕާމޭ، ހިތް، ފުރަމޭ، ގުރުދާގެ ބަލިތަކަށް ބޭސްކުރޭތޯ ބެލުން
  • އޮޕަރޭޝަންކުރަނީ ކީއްވެގެންކަމާއި ކުރަނީ ކޮން ކަހަލަ އޮޕަރޭޝަނެއްކަން
  • އޮޕަރޭޝަން ކުރުމުގެ ކުރިން ހަދާފައިވާ ޓެސްޓްތަކާއި ތަފާތު އޮޕަރޭޝަން ފަދަ ތަކެތީގެ ރިޕޯޓް