މުޅިން ހޭނެއްތުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

މުޅިން ހޭނެއްތުން (އިނގިރޭސި ބަހުން: General Anaesthesia)އަކީ އައްސިކުރުން ނުވަތަ ހޭނެއްތުން ގެ ވައްތަރެކެވެ. ލޭހޮޅިތަކުގެ ތެރެއަށް ފޮނުވާލެވޭ އިންޖެކްޝަނާއި، އަދި ހޭނައްތާ މެޝިން ބޭނުންކޮށްގެން ފުއްޕާމޭގެ ތެރެއަށް ފޮނުވާލެވޭ ހޭނެތޭ ފަދަ ވައިގެ ސަބަބުން ބަލިމީހާ މުޅިން ޚަބަރު ހުސްވެ ނިދޭގޮތްވެއެވެ. އަދި މިބޭސްތަކުގެ އަސަރު ދެމިހުރިހާ ހިނދަކު ބަލިމީހާ އޮންނާނީ، ނޭވާލެއްވުން، ހިތުގެ ވިންދު ބެލުން، ލޭގެ ޕްރެޝަރު ބެލުމަށްޓަކައި ޚާއްޞަ މެޝިންތަކާއި ގުޅާފައެވެ. ހޭނެއްތުނީ އޮޕަރޭޝަން ކުރަންކަމަށްވާނަމަ، އޮޕަރޭޝަން ނިމެންދެން، ބަލިމީހާގެ ޙާލަތު، ހޭނައްތާ ޑޮކްޓަރ އަދި ނަރުހުންދާނީ ބަލަމުންނެވެ. އޮޕަރޭޝަން ނިމުމުން ހޭލެއްވުމަށްޓަކައި، ތަފާތު ބޭސްތައް އިންޖެކްޝަންގެ ސިފައިގައި ދެވެއެވެ. ވުމާއެކު އިރުކޮޅެއްގެ ތެރޭގައި ބަލިމީހާ ހޭވެރިކަންވެ، އަމިއްލައަށް ނޭވާލާން ފަށައެވެ. ނަތީޖާއެެއްގެ ގޮތުން ނޭވާލެއްވުމަށްޓަކައި ގުޅާފައިވާ މެޝިން ބަލިމީހާ އާއި ވަކިކޮށްލެވެއެވެ. އޭގެ ކުޑަ ވަގުތުކޮޅަކަށް ފަހު، ބަލިމީހާ ހޭވެރިކަންވެ، މަޑުމަޑުން ވާހަކަ ދައްކައި، އާދައިގެ ހާލަތަކަށް ބަދަލުވެއެވެ. އަދި ހޭނެއްތުމަށްޓަކައި ދެވުނު ބޭހުގެ އަސަރު އިސާހިތަކު ފިލައިދެއެވެ. ވުމާއެކު ހޭނެއްތުމަކީ ބަލިމީހާގެ ޞިއްޙަތު ތަންދޭނަމަ ކިތައްމެ ގިނައިން ވެސް ކުރެވިދާނެ ކަމެކެވެ. އެކަން ނުކުރުމަށް އޮތް ހަމައެކަނި މިންގަނޑަކީ ބަލިމީހާގެ ޞިއްޙީ ހާލަތެވެ. މިކަން ކަނޑައަޅައި އިރުޝާދުދޭ ފަރާތަކީ ހޭނައްތާ ޑޮކްޓަރު އެވެ.


އައްސިކުރުމުގެ ވައްތަރު ކަނޑައެޅުމުގައި ބެލެވޭ ކަންތައްތައް[އުނިއިތުރު ގެންނަވާ]

  • ފާއިތުވި އަދި މިހާރުގެ ޞިއްޙީ ޙާލަތު
    • ކުރިން އޮޕަރޭޝަނެއްކޮށްފައިވޭތޯ ބެލުން
    • ކުރިން ހެދުނީ ކޮންވައްތަރެއްގެ އައްސިކުރުމެއްތޯ ބެލުން
    • ދިގުމުއްދަތެއްގައި ބޭސް ބޭނުންކުރަންޖެހޭ ބައްޔަކަށް ބޭސް ބޭނުންކުރޭތޯ ބެލުން
    • ފުއްޕާމޭ، ހިތް، ފުރަމޭ، ގުރުދާގެ ބަލިތަކަށް ބޭސްކުރޭތޯ ބެލުން
  • އޮޕަރޭޝަންކުރަނީ ކީއްވެގެންކަމާއި ކުރަނީ ކޮން ކަހަލަ އޮޕަރޭޝަނެއްކަން
  • އޮޕަރޭޝަން ކުރުމުގެ ކުރިން ހަދާފައިވާ ޓެސްޓްތަކާއި ތަފާތު އޮޕަރޭޝަން ފަދަ ތަކެތީގެ ރިޕޯޓް