ޢަބުދުއްސައްތާރު މޫސާދީދީ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޢަބުދުއްސައްތާރު މޫސާދީދީ އަކީ ދިވެހި ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި ޢިއްޒަތްތެރި އެކެވެ. ބައްޕަ އަކީ ހެންވޭރުގޭ އަލްވަޒީރު ޙަސަން ހަކުރާމަނިކުފާނުގެ މުޙައްމަދު ދީދީގެ އައްނަބީލް މޫސާ މުޙައްމަދު ދީދީ (އަލިރަސްގެފާނު ގަނޑުވަރު ދޮށީ މަނިއްޕުޅު) އެވެ. މަންމަ އަކީ ޒުލައިޚާ ޢަލީ (މާރަންދޫ ގަނޑުވަރު ދޮށީ މަނިއްޕުޅުގެ ދޮށީ ގޮމާ) އެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 18 ޖޫން 1936މ (12 ރަބީޢުލް އައްވަލް 1355ހ) ގައެވެ.

ޢަބުދުއްސައްތާރު މޫސާދީދީ ފުރަތަމަ ތަޢުލީމް ޙާޞިލްކުރެއްވީ މަޖީދިއްޔާ ސްކޫލުންނެވެ. އޭގެ ފަހުން އިގިރޭސި ތަޢުލީމް ޙާޞިލްކުރެއްވީ ސިލޯންގެ ސޯސަންވިލާގައި ހުންނަވައިގެން ސެއިންޓް ޕީޓަންސް ކޮލެޖުންނެވެ. ޢަބުދުއްސައްތާރު މޫސާދީދީ އިގިރޭސި، އުރުދޫ، ސިންގަޅަ ދެނެލައްވައެވެ. އިގިރޭސިންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތް ކުރެއްވުމުގައި ހަރުދަނާ ރޯލެއް ކުޅުއްވެވި އެވެ. މަޑުމައިތިރި މިޒާޖެއްގެ ވެރިއެކެވެ. އިބްރާހީމް ނާޞިރު ރައީސް ކަމުގެ ދައުރުގައި 1972 ވަނަ އަހަރު ބޮޑުވަޒީރަކަށް ޢަބުދުއްސައްތާރު މޫސާ ދީދީ ފެންނަށް ހުންނަކަމަށް ރައްޔިތުން މަޖުލީހުން ނިންމެވުމުން އެކަން ގަބޫލު ނުކުރައްވައި ދޫކޮށްލެއްވި އެވެ.

5 ފެބުރުއަރީ 1992 ން ފެށިގެން ޢަބުދުއްސައްތާރު މޫސާދީދީ ހުންނަވަނީ ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި ޢިއްޒަތް ތެރިއެއްގެ ގޮތުގައެވެ.

ފުރުއްވި މަގާމްތައް[އުނިއިތުރު ގެންނަވާ]

  • 5 ފެބުރުއަރީ 1957 – 30 ޑިސެމްބަރު 1957 : ސިލޯނުގައި ހުންނަވާ ސަފީރު އޮފީހުގެ އިގިރޭސި ސެކެޓްރީކަން
  • 31 ޑިސެމްބަރު 1957 – 10 ޖެނުއަރީ 1958 : މަޙްކަމަތުލް ޚާރިޖިއްޔާގެ ވެރިޔާގެ އެހީތެރިޔާކަން
  • 11 ޖެނުއަރީ 1959 – 3 އޮގަސްޓް 1959 : މަޙްކަމަތުލް ޚާރިޖިއްޔާގެ ވަކީލްކަން
  • 4 އޮގަސްޓް 1959 – 17 އޮގަސްޓް 1969 : މަޙްކަމަތުލް ޚާރިޖިއްޔާގެ ވެރިޔާގެ ނާއިބުކަން
  • 4 އޮގަސްޓް 1959 – 17 އޮގަސްޓް 1960 : ވަޒީރުލް މަޢާރިފްގެ ނާއިބުކަން
  • 18 އޮގަސްޓް 1960 – 11 ޖެނުއަރީ 1966 : ސިލޯންގައި ހުންނަ ދިވެހި ދައުލަތުގެ ސަފީރުކަން
  • 12 ޖެނުއަރީ 1966 – 10 ސެޕްޓެމްބަރު 1966 : ސިލޯންގައި ހުންނަ ދިވެހި ދައުލަތުގެ އެމްބެސެޑަރުކަން

11 ސެޕްޓެމްބަރު 1967 – 26 ޖުލައި 1970 : އ.ދ ގައި ހުންނަވާ ދިވެހި ދައުލަތުގެ ވަކީލުކަން

  • 11 ސެޕްޓެމްބަރު 1967 – 26 ޖުލައި 1970 : އެމެރިކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބެސެޑަރުކަން
  • 27 ޖުލައި 1970 – 28 އޮކްޓޯބަރު 1970 : މިނިސްޓަރ އޮފް ފިނޭންސްގެ ބަދަލުކަން
  • 29 އޮކްޓޯބަރު 1970 – 9 މާރޗް 1975 : މިނިސްޓަރު އޮފް ފިނޭންސްކަން
  • 10 މާރޗް 1975 – 5 ޖެނުއަރީ 1977 : ރައީސުލް ޖުމްހޫރިއްޔާގެ ނާއިބުކަން
  • 6 ޖެނުއަރީ 1977 – 10 ނޮވެމްބަރު 1978 : މިނިސްޓަރ އޮފް އެޑިޔުކޭޝަންކަން
  • 11 ނޮވެމްބަރު 1978 – 4 ޖެނުއަރީ 1989 : މިނިސްޓަރ އޮފް ފިޝަރީޒްކަން
  • 5 ޖެނުއަރީ 1989 – 4 ފެބުރުއަރީ 1992 : މިނިސްޓަރ އޮފް ހެލްތުކަން
  • އެސްޓީއޯގެ އިސްވެރިޔާކަން
  • އައްޑޫ މައްސަލަ ހަމަޖެއްސި ކޮމިޓީގެ ސެކެޓްރީކަން
  • ތާރީޚް ކޮމިޓީގެ މެންބަރުކަން
  • ފިލްމް ސެންސަރު ބޯޑްގެ މެންބަރުކަން
  • ސަޢާދާ ކުންފުނީގެ ސަރުކާރުގެ ޑިރެކްޓަރުކަން
  • ރައްޔިތުން މަޖުލީހުގެ ރައީސްގެ މެންބަރުކަން

ޢަބްދުއްސައްތާރު މޫސާ ދީދީ ކުރެއްވި ޚިދުމަތްތަކުގެ އަގު ވަޒަން ކުރައްވައި 2011 ވަނަ އަހަރު ދިވެހި ދަޢުލަތުން ވަނީ ދިވެހި ދަޢުލަތުގެ މަތިވެރި ޢިއްޒަތް "ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތް" އަރުވާފައެވެ.

އަވަހާރަވުން[އުނިއިތުރު ގެންނަވާ]

ޢަބްދުއްސައްތާރު މޫސާ ދީދީ އަވަހާރަވީ 27 ނޮވެންބަރު 2015 ވީ ހުކުރު ދުވަހުގެ ވަގުތެއްގައެވެ. އަވަހާރަވީ އިރު ޢުމުރުފުޅަކީ 78 އަހަރެވެ. އަވަހާރަވީ ތައިލެންޑްގެ ބެންގކޮކްގައެވެ.

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006