Jump to content

އިމާމު އަލްބުޚާރީ

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

އަލްއިމާމް އަބޫ ޢަބްދިﷲ މުޙައްމަދު ބިން އިސްމާޢީލު ބިން އިބުރާހީމް ބިން އަލްމުޣީރާ ބިން ބަރްދިޒްބަހް އަލްބުޚާރީ އަލްޖުޢުފީ އަކީ ޙަދީޘް ޢިލްމުގައި އެންމެ ފުންނާބު އުސް އިމާމެވެ.

ކީރިތި ޤުރުއާނަށް ފަހު އެންމެ ޞައްޙަކަން ބޮޑު ފޮތަކީ އިމާމު ބުޚާރީ އެއްކޮށް ލިއުއްވާފައިވާ ޞަޙީޙުލް ބުޚާރީ ކަމުގައި އިސްލާމީ އުއްމަތް އިއްތިފާޤުވެ އިޖުމާޢުވެއެވެ.

އުފަންވެވަޑައިގަތީ 194ހ. ގައި ޝައްވާލު މަހުގެ 13ވަނަ ދުވަހުއެވެ. (4 އޯގަސްޓް 810މ.)

ތުއްޕުޅު ދުވަސްވަރު

[އުނިއިތުރު ގެންނަވާ]

އެކަލޭގެފާނުގެ ވަރަށް ތުއްޕުޅު އިރުގައި އެކަލޭގެފާނުގެ ލޮލުގެ ފެނުން ގެއްލިވަޑައިގަތެވެ. ނަަމަވެސް އެކަލޭގެފާނުގެ މަންމާފުޅު އެކަމާ ހިތާމަކޮށް މާތްﷲ ގެ ޙަޟުރަތަށް ކުރެއްވި ގިނަގުނަ ދުޢާގެ ސަބަބުން މާތްﷲ އެކަލޭގެފާނުގެ ލޮލުގެ ފެނުން އަނބުރާ ދެއްވެވިއެވެ. އަދި އެކަލޭގެފާނުގެ އުމުރުފުޅުން އެހާމެ ތުއްޕުޅު އުމުރުފުޅުގައި އެކަލޭގެފާނުގެ ބައްޕާފުޅު ވަނީ އަވަހާރަވެފައެވެ.

އެކަލޭގެފާނުގެ ޢިލްމުފުޅު

[އުނިއިތުރު ގެންނަވާ]

އެކަލޭގެފާނުގެ ވަރަށް ތުއްޕުޅު އިރުގައި ކީރިތި ޤުރުއާން ވަނީ ހިތުދަސްކުރައްވާފައެވެ.

އެއްދުވަހެއްގައި އެކަލޭގެފާނު އެކަލޭގެފާނުގެ އުސްތާޛެއް ކަމުގައިވާ އައްދާޚިލީގެ އަރިހަށް ވަޑައިގަތް އިރު އެކަލޭގެފާނު އިންނެވީ ޙަދީޘު ޢިލްމު ކިޔަވައި ދެއްވާށެވެ. އެކަލޭގެފަނު ސަނަދެއް ކިއުއްވަދެއްވަމުން ވިދާޅުވިއެވެ. سفيان عن ابي الزبير عن إبراهيم ރިވާކުރެއްވި ކަމަށެވެ. ދެން ބުޚާރީ ވިދާޅުވިއެވެ. ތިޔައީ ގޯހެކެވެ. ދެން (އަލްބުޚާރީ ހައި ތުއްޕުޅު ބޭފުޅަކު އެހެން ވިދާޅުވީމާ) އައްދާޚިލީ އެކަމާ ހިއްޕުޅު ހަމަޖެހިވަޑައި ނުގަތުމުން ވިދާޅުވިއެވެ. ކަލޭގެފާނު ބައްލަވާ ބައްލަވާށެވެ. ދެން ދާޚިލީ ގޭތެރެއަށް ވެދެވަޑައިގެން ބެއްލެވުމަށް ފަހު ވިދާޅުވިއެވެ. އެހެން ކަމަށްވާނަމަ އޭގެ ރަނގަޅުގޮތް ވިދާޅުވެ ދެއްވާށެވެ. ދެން ބުޚާރީ ވިދާޅުވިއެވެ. އެއީ أبي الزبير އެއްނޫނެވެ. الزبير بن عديّ އެވެ.

ލިޔުއްވި ފޮތްތައް

[އުނިއިތުރު ގެންނަވާ]

ޙަދީޘް ފޮތްތައް

[އުނިއިތުރު ގެންނަވާ]
  • އަލްޖާމިޢުއްޞަޙީޙު
  • އަދަބުލް މުފްރަދު (އަދަބު އަޚްލާޤާ ބެހޭ)
  • ރަފްޢުލް ޔަދައިނި ފިއްޞަލާތި (ނަމާދުގައި ދެއަތް އުފުލުމާ ބެހޭ)
  • ޤިރާއަތު ޚަލްފަލް އިމާމި (އިމާމާގެ ފަހަތުގައި ރިބޭ މީހުން ޤުރްއާން ކިޔެވުމާ ބެހޭ)
  • އަލްމުސްނަދުލް ކަބީރު
  • އަލްމަބްސޫޠު
  • އަލްޥިޙްދާން
  • އަލްފަވާއިދު
  • އަލްޢިލަލު

ރާވީންނާ ބެހޭ ފޮތްތައް

[އުނިއިތުރު ގެންނަވާ]
  • އައްްތާރީޚުލް ކަބީރު
  • އައްްތާރީޚުލް އައުސަޠު
  • އައްްތާރީޚުއްޞަޣީރު
  • އަލްކުނާ
  • އައްޟުޢަފާއުއްޞަޣީރު
  • އައްޟުޢަފާއުލް ކަބީރު

ތަފްސީރާ ބެހޭ ފޮތްތައް

[އުނިއިތުރު ގެންނަވާ]
  • އައްތަފްސީރުލް ކަބީރު
  • ޚަލްޤު އަފްޢާލިލް ޢިބާދި

ޢިލްމުވެރީންގެ ތަޢުރީފު

[އުނިއިތުރު ގެންނަވާ]
  • ނަޥަޥީ: ދަންނާށެވެ. ބުޚާރީގެ މަޤާމާއި ޤަދަރާއި ފުންނާބު އުސްކަމާއި އެފަދަ އެހެން ބޭކަލުންގެ މައްޗަށް މާތްވެގެންވާ ކަމީ އިހުގަޔާއި ފަހުގައި ވެސް އެންމެން އިއްތިފާޤުވާ ކަމެކެވެ. އެކަލޭގެފާނަށް އެންމެ ބޮޑަށް ސަނާކިޔުއްވައި އެކަލޭގެފާނުގެ ހެޔޮކަން ފެތުރުއްވި ގިނަ ބޭކަލުންނަކީ އެކަލޭގެފާނުގެ ޝޭޚުންގެ ތެރޭ ހިމެނިވަޑައިގަންނަވާ ކުޅާދާނަ މޮޅު ބޭކަލުން ކަމީ އެކަލޭގެފާނުގެ މާތްކަން ހާމަކުރަން ފުދޭ ކަމެކެވެ.
  • އަޙްމަދު: ޚުރާސާނުން މުޙައްމަދު ބިން އިސްމާޢީލްފަދަ ބޭކަލަކު ފާޅުވެފައި ނުވެއެވެ.
  • ޤުތައިބަތު ބިން ސަޢީދު: އަހަރެން ޙަދީޘާއި ރައުޔު ދެކުނީމެވެ. އަދި ފިޤުހުވެރީންނާއި، ޒުހުދުވެރީންނާއި އަޅުވެރީންގެ ގާތުގައި މަޖިލިސްކުރީމެވެ. އަހަރެން ހޭޖެހުނީއްސުރެ ވެސް މުޙައްމަދު ބިން އިސްމާޢީލް ފަދަ ބޭކަލަކު ނުދެކެމެވެ.
  • ޔަޙްޔާ ބިން ޖަޢުފަރު އަލްބީކަންދީ: އަހަރެންގެ ޢުމުރުން އެއްބައި ނަގާފައި، މުޙައްމަދު ބިން އިސްމާޢީލަށް އިތުރުކުރެވޭނެ ނަމަ އެގޮތަށް އަހަރެން ކަންތައް ކުރީމުހެވެ. ފަހެ އަހަރެން މަރުވެއްޖެ ނަމަ އެއީ އެންމެ މީހެއްގެ މަރެވެ. މުޙައްމަދު ބިން އިސްމާޢީލު ނިޔާވުމަކީ ޢިލްމު ގެއްލިގެން ދިޔުމެވެ.
  • މުސްލިމް: އަޅުގަނޑު ތިބާގެ ފައިތިލަޔަށް ބޮސްދިނަދޭށެވެ. އޭ އުސްތާޛުންގެ އުސްތާޛެވެ! އަދި މުޙައްދިޘުންގެ ސާޙިބާއެވެ! ޙަދީޘްގެ ބަލިތަކަށް ފަރުވާދޭ ޑޮކުޓަރެވެ!
  • ތިރްމިޛީ: އަހަރެން ޢިރާޤުން ވެސް، ޚުރާސާނުން ވެސް، ޢިލަލުގެ ޢިލްމާއި، ތާރީޚާއި، ސަނަދުތައް އެނގުމުގައި މުޙައްމަދު ބިން އިސްމާޢީލަށްވުރެ މޮޅު އެކަކުވެސް ނުދެކެމެވެ.
  • އިބްނު ޚުޒައިމާ: ރަސޫލުﷲ ﷺ ގެ ޙަދީޘްތައް މުޙައްމަދު ބިން އިސްމާޢީލް އަލްބުޚާރީ އަށްވުރެ ބޮޑަށް ދަންނަ، އަދި އޭނާއަށްވުރެ ގިނައިން ދަސް އެކަކުވެސް އުޑުދަށަކުން އަހަރެން ނުދެކެމެވެ.
  • އިބްނު ޙަޖަރި: ބުޚާރީގެ ޒަމާނަށްވުރެ ފަހުން އައި އިމާމުން އެކަލޭގެފާނަށް ކުރައްވާފައިފާ ތަޢުރީފުތަކުގެ ބާބު އަހަރެން ހުޅުވައިފިނަމަ ކަރުދާތައް ފުރި، ނޭވާ ހުސްވެދާނެއެވެ. އެއީ އައްސޭރިއެއްނުވާ ކަނޑެކެވެ.

ޞަޙީޙުލް ބުޚާރީ

[އުނިއިތުރު ގެންނަވާ]

ޞަޙީޙުލް ބުޚާރީ އަކީ ޞައްޙަ ޙަދީޘުގެ މައްޗަށް އެކުލަވާލެވުނު ފުރަތަމަ ފޮތެވެ. އެއީ އެކަލޭގެފާނުގެ އުސްތާޛެއް ކަމުގައިވާ إسحاق بن راهويه ގެ ޚިޔާލުފުޅަކަށް ލިޔުއްވި ފޮތެކެވެ. އިމާމު ބުޚާރީ މިފޮތަށް ދެއްވާފައިނަމަކީ "الجامع المسند الصحيح المختصر من أمور رسول الله صلى الله عليه وسلم وسننه وايامه" އެވެ. މިފަދަ ދިގު ނަމެއް އެކަލޭގެފާނު ދެއްވީ އޭގައި މުހިންމު މާނައެއް އެކުލެވޭ ގޮތަށެވެ. އޭގައިވާ ކޮންމެ ކަލިމައެއް ވެސް އެއީ ވަކި މާނައެއް އެއިން ދޭހަ ކޮށްދިނުމަށްޓަކައި ބޭނުންކުރެއްވި ލަފުޡެކެވެ. އެއީ އެފޮތުގައި އެކުލެވިގެންވާ ސިފަތައް އެނަމުން ދޭހަކޮށް ދިނުމަށްޓަކައެވެ.

الجامع: މިފޮތުގައި ހުރިހާ މައުޟޫޢަކާ ގުޅޭ ޙަދީޘްތައް ހިމެނިފައިވާނެއެވެ.

المسند: މިފޮތުގައިވާ ހުރިހާ ޙަދިޘުތަކަކީވެސް ސަނަދުގުޅިފައިވަ ޙަދީޘުތަކެވެ.

الصحيح: މިފޮތުގައިވާ ކޮންމެ ޙަދީޘަކީވެސް ޞައްޙަ ޙަދީޘެކެވެ.

المختصر: މިއީ ހުރިހާ ޞައްޙަ ޙަދިޘެއްނޫނެވެ. (މިފޮތުގައި ނުހިމަނާ ޞައްޙަ ޙަދީޘުތައް ހުންނާނައެވެ.)

من أمور رسول الله صلى الله عليه وسلم: ކީރިތި ރަސޫލާ ﷺ ގެ ހުރިހާ ކަމަކާ ގުޅޭ ޙަދިޘުތައް މިފޮތުގައި ހިމެނޭނެއެވެ.

وسننه: މިފޮތުގައިވާ ކޮންމެ ޙަދީޘަކީވެސް އެއިން ޙުކުމެއް ނެގޭ ހަދީޘެކެވެ.

وايامه: ކީރިތި ރަސޫލާ ﷺ ގެ މުޅި ޙަޔާތްޕުޅު، މި ފޮތުގައިވާ ޙަދީޘު ތަކުގައި ވާނެއެވެ.

އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. ތިމަންކަލޭގެފާނު އެއްވެސް ޙަދީޘެއް ފެންވަރައި، ވުޟޫކޮށް، ދެރަކުޢަތް ނަމާދެއް ކޮށްގެންމެނުވީ ނުލިއުއްވަމެވެ. ޞަޙީޙުއް ބުޚާރީ އެއްކޮށް ލިއުއްވާ ނިންމެވީ 16 އަހަރުންނެވެ. އެކަލޭގެފާނު އަވަހާރަވީ ޚަރުތަންކުގައި ހުންނަވަނިކޮށް 30 ރަމަޟާން 256ހ ގައެވެ.އެއިރު އެކަލޭގެފާނުގެ އުމުރުފުޅަކީ 63 އަހަރެވެ.