ޖީ6ޕީޑީ އެންޒައިމް މަދުވުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޖީ6ޕީޑީ އެންޒައިމް ހަށިގަނޑުގައި މަދުވުން(އިނގިރޭސި ބަހުން: Glucose-6-phosphate dehydrogenase deficiency) އަކީ ބައްޔެއް ނޫނެވެ. އެކަމަކު މިއީ ވާރުތަވާ ކަމެކެވެ. ޖީ6ޕީޑީ އަކީ ގުލްކޯޒް-6- ފޮސްފޭޓް ޑިހައިޑްރޯޖިނޭޒް އެންޒައިމް އެވެ. މިއީ ލޭގެ ރަތް ސެލް ގައި ހުންނަ މުހިއްމު އެންޒައިމެކެވެ. ޖީ6ޕީޑީ އެންޒައިމް ހަށިގަނޑުގައި މަދުވުން ކުރިމަތިވެފައިވާ މީހުން ބައެއް ކަހަލަ ބޭސް ބޭނުންކުރުމުން، ނުވަތަ ބައެއް ކަހަލަ ކާނާ ބޭނުން ކުރުމުގެ ސަބަބުން ލޭގައި ހުންނަ ރަތް ސެލްތައް ހަލާކުވާގޮތް މެދުވެރިވެއެވެ. މިހެންވުމުން ލޭމަދުވުން ކުރިމަތިވެ، މީހާ ބަލިވާގޮތްވެއެވެ.

ޖީ6ޕީޑީ އެންޒައިމް ހަށިގަނޑުގައި މަދުވުން ވާރުތަކުރާގޮތް[އުނިއިތުރު ގެންނަވާ]

ޖީ6ޕީޑީ އެންޒައިމް ހަށިގަނޑުގައި މަދުވުން ވާރުތަކުރާގޮތް

ޖީ6ޕީޑީ އެންޒައިމް ހަށިގަނޑުގައި މަދުވުމަކީ ވާރުތާވާ ކަމެކެވެ. ޖީ6ޕީޑީ އުފެދެން މެދުވެރިވާ ޖީން އަކީ X ކްރޮމޮޒޯމް ގައި ހުންނަ ޖީން އެކެވެ. މިބަލި ވާރުތަކުރާނީ X ކްރޮމޮޒޯމް މެދުވެރިވެގެން ވާރުތަވާ ކަމެއްގެ ގޮތުގައެވެ. ކޮންމެ ފިރިހެނެއްގެ ވެސް X ކްރޮމޮޒޯމް އަކާއި Y ކްރޮމޮޒޯމް އެއް ހުރެއެވެ. އަންހެނެއްގެ ހުންނާނީ 2 X ކްރޮމޮޒޯމް އެވެ. މާނައަކީ X X އެވެ. ޖީ6ޕީޑީ އަށަގެންފައިވަނީ X ކްރޮމޮޒޯމް ގައެވެ. ވީމާ އަންހެނެއްގެ އެއް X ކްރޮމޮޒޯމް ގައި ޖީ6ޕީޑީ ހުރި ނަމަވެސް ރަގަޅު އަނެއް X ކްރޮމޮޒޯމް ހުންނާތީ އަންހެނުންނަށް ގިނަފަހަރަށް ޖީ6ޕީޑީ މަދުވުމުން ފެންނަ އަލާމާތްތައް ވަރަށް ކުޑައެވެ. ފިރިހެނުންގެ އެންމެ X ކްރޮމޮޒޯމް އެއް ހުންނާތީ އެ X ކްރޮމޮޒޯމް ޖީ6ޕީޑީ މަދުވާގޮތަށް ހުރިނަމަ، (އެހެން X ކްރޮމޮޒޯމް އެއްނެތި ) ޖީ6ޕީޑީ މަދުވުމުން ދިމާވާ އަލާމާތްތައް ފެންނަލެއް ބޮޑުވާނެއެވެ.

ޖީ6ޕީޑީ މަދުމީހުންނަށް ދިމާވާ މައްސަލަތައް[އުނިއިތުރު ގެންނަވާ]

ޖީ6ޕީޑީ މަދުމީހުންނަށް ޖެހޭ މައްސަލަތައް އެންޒައިމް ހަށިގަނޑުގައި މަދުވެފައިވާ މިންވަރަކަށް ބިނާކޮށް ކުޑަބޮޑުވެއެވެ. ޖީ6ޕީޑީ މަދުވުމުން ގިނަ ފަހަރު މައްސަލަ ޖެހޭނީ ފިރިހެނުންނަށެވެ. އަންހެނުންނަށް ފިރިހެނުންނަށް އަޅާ ބަލާއިރު ދިމާވާ މައްސަލަތައް މަދެވެ.

  • ކެވޭ ބޭހެއްގެ ސަބަބުން ލޭހަލާކުވުން : ބައެއް ބޭސްތަކަކީ ޖީ6ޕީޑީ މަދުމީހުންނަށް އޭގެ ސަބަބުން ލޭގަނޑުވެ، ހަލާކުވާން މެދުވެރިވާ ބޭސް ބޭހެވެ.
  • ކާނާގެ ސަބަބުން ލޭގެ މައްސަލައެއް ޖެހުން: ބައެއް ވައްތަރުގެ ކާނާ ކައިގެން ލޭހަލާކުވާން ދިމާވެއެވެ. މިހެންވުމުން ބައެއް ފަހަރު ވަރަށް ގެއްލުންވާ ދަރަޖައަށްވެސް ދެއެވެ. މިފަދަ ކާނާގެ ބާވަތްތަކުގެ ތެރޭގައި ފާވާ ބީންސް، އަދި ބްރޯޑް ބީންސް ފަދަ ތޮޅީގެ ބާވަތްތައް ހިމެނެއެވެ. މީގެ އިތުރުން ވެސް ބައެއް ކާނާ ހިމެނެއެވެ.
  • އިންފެކްޝަނެއްގެ ސަބަބުން ލޭހަލާކުވުން : ޖަރާސީމްގެ ސަބަބުން ޖެހޭ ބަލިބަލީގެ ސަބަބުން ލޭގައި އިންފެކްޝަން އުފެދި ލޭހަލާކުވެއެވެ. އޭގެތެރޭގައި ޓައިފޮއިޑް ހުން، ނިއުމޯނިޔާ ފަދަ ބަލިތައް ފާހަގަކުރެވެއެވެ. އަދި އެހެނިހެން އާދައިގެ އިންފެކްޝަން އިންެވެސް ލެޔަށް ގެއްލުންވާގޮތް ވެއެވެ.
  • ގޭގައި ގެންގުޅޭ އެއްޗެތީގެ ސަބަބުން : ކަރުބޮލަކް އަކީ ވަރަށް ގިނައިން ގޭގައި ގެންގުޅޭ އެއްޗެކެވެ. ޖީ6ޕީޑީ މަދު މީހުންނަށް ކަރުބޮލަކުގެ އަސަރު ކުރުމުން ވަރަށް ބޮޑަށް ރީނދޫވުން މެދުވެރިވެއެވެ.
  • ތުއްތު ދަރިފުޅު ރީނދޫވުން : ތުއްތު ދަރިފުޅު ރީނދޫވާން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައިވެސް ޖީ6ޕީޑީ މަދުވުން ހިމެނެއެވެ. ވިހެއުމާއެކު ދަރިފުޅަކީ ޖީ6ޕީޑީ މަދުކުއްޖެއްތޯ ޚާއްޞަކޮށް ފިރިހެންކުދިންނަށް ވަރަށް މުހިއްމެވެ. ޖީ6ޕީޑީ މަދުނަމަ މައިންބަފައިން މިކަމަށް ސަމާލުކަން ދިނުން ވަރަށް މުހިއްމެވެ.
ޖީ6ޕީޑީ އެންޒައިމް ހަށިގަނޑުގައި މަދުވުން ވާރުތަކުރާގޮތް

ޖީ6ޕީޑީ މަދުމީހުންގެ ލެޔަށް މައްސަލައެއް ދިމާވުމުން ފެނިދާނެ އަލާމާތްތައް[އުނިއިތުރު ގެންނަވާ]

  • ހުންއައުން އަދި އާދަޔާ ޚިލާފަށް ވަރުބަލިވުން
  • ކުޑަކަމުދާ ތަކެތި ގެ ކުލަ ގަދަވެ، ރީނދޫ އަދި މުށިކުލައަށް ބަދަލުވެފައި ހުރުން
  • ލޮލުގެ އަދި ހަމުގެ ކުލަ ރީނދޫވާގޮތްވުން
  • މޫނުމަތީގެ ކުލަވަރު ފަނޑުވުން
  • ހިތުގެ ވިންދު އަވަސްވުން ނުވަތަ މޭތެޅުން
  • ބޯއެނބުރުން
  • ހުންކޮށި ދުޅަވުން، އަދި ޗިސްމޭ ދުޅަވުން

ޖީ6ޕީޑީ މަދުކަން ދެނެގަތުން[އުނިއިތުރު ގެންނަވާ]

ޖީ6ޕީޑީ މަދުކަން ދެނެގަނެވޭނީ ލޭގެ ޚާއްޞަ ޓެސްޓެއް ހަދައިގެންނެވެ. މިއީ ކޮންމެ އުމުރެއްގައިވެސް ކުރެވިދާނެ ޓެސްޓެކެވެ. މިޓެސްޓް ދެގޮތަކަށް ކުރެވެއެވެ.

  • ޖީ6ޕީޑީ ސްކްރީން ޓެސްޓް
  • ޖީ6ޕީޑީ އެންޒައިމް ހަށިގަނޑުގައި ހުރިވަރު ދެނެގަތުމަށްކުރާ ޓެސްޓް

ޖީ6ޕީޑީ ގެ ފަރުވާ[އުނިއިތުރު ގެންނަވާ]

ޖީ6ޕީޑީ މަދުވުމުން ދެވޭ އެންމެ މުހިއްމު ފަރުވާ އަކީ ބަލި ދެނެގަތުމާއެކު ބަލި އިތުރަށް ބޮޑުވެދާނެ ކަންތައްތަކުން ދުރުހެލިވުމެވެ. ބޭހެއްގެ ސަބަބުން ވެސް ނުވަތަ އެހެން ގޮތަކުންވެސް ލޭހަލާކުވާކަމުގެ އަސަރު ފެންނަ ނަމަ އަވަހަށް ޑޮކްޓަރެއްގެ ލަފާހޯދުމަކީ މުހިއްމު ކަމެކެވެ. ސަމާލުކަން ދޭންވީ ނުކުތާތައް

  • ޑޮކްޓަރަށް ދައްކާ ކޮންމެ ފަހަރަކު ތިމާއަކީ ޖީ6ޕީޑީ މަދުމީހެއްކަން ޑޮކްޓަރުގައި ގާތުގައި ބުނުން
  • ނުގުޅޭ ބޭސްތަކާއި، ކާނާތައް ދެނެގަނެ، އެތަކެތި ބޭނުންނުކުރުން
  • ނުގުޅޭ ބޭހެއް ނުވަތަ ކާނާއެއް ބޭނުންކޮށްގެން މިބަލީގެ އަސަރު ފެނިއްޖެނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުން