ޓީ ލިމްފަސައިޓް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޓީ ލިމްފަސައިޓް ނުވަތަ (އިނގިރޭސި ބަހުން: T-Lymphocyte) އަކީ ލިމްފަސައިޓްގެ ވައްތަރެކެވެ. ސެލްތައް ބޭނުންކޮށްގެން ހަށިގަނޑު ދިފާޢުކުރުން(Cell mediated immunity) ފުރިހަމަކުރުމުގައި ހިއްސާވަނީ ޓީ ލިމްފަސައިޓް ތަކެވެ.ލިމްފަސައިޓްގެ 75 އިންސައްތަ އަކީ ޓީ ލިމްފަސައިޓް އެވެ. މިސެލްތައް ލޭގެ އެހެނިހެން ހުދު ސެލްތަކާއި ތަފާތެވެ. އެއީ ޓީ ލިމްފަސައިޓް ހަށިގަނޑަށް ވަންނަ ޖަރާސީމްތައް ފާހަގަކޮށް އޭގެ ނަމޫނާއެއް ސެލްތަކުގެ މެމޮރީގައި ރައްކާކުރާތީ އެވެ. ޓީ ލިމްފަސައިޓް ތަކަށް ޓީ ސެލް(T-cell) އޭ ވެސް ކިޔައެވެ. ޓީ ލިމްފަސައިޓްގެ ތަފާތު ވައްތަރުތައް ހުރެއެވެ. ކޮންމެ ވައްތަރެއް ވެސް ހަށިގަނޑުގައި ވަކި ދައުރެއް އަދާކުރެއެވެ.

ލޭގެ ހުދު ސެލްގެ ވައްތަރެއް ކަމުގައިވާ ޓީ ލިމްފަސައިޓް

މީގެތެރޭގައި ހިމެނެނީ އަންނަނިވި ބާވަތްތަކެވެ.


ޓީ ލިމްފަސައިޓް ގެ ވައްތަރުތައް[އުނިއިތުރު ގެންނަވާ]

ހެލްޕަރ ޓީ ސެލް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ހެލްޕަރ ޓީ ސެލް

ހެލްޕަރ ޓީ ސެލް ނުވަތަ (އިނގިރޭސި ބަހުން: Helper T cell) ތަކުގެ ބޭރު ފަށަލައިގައި ސީޑީ4 ކިޔާ ފްރޮޓީންއެއް ހުރެެއެވެ. އެހެންކަމުން މިސެލްތަކަށް ސީޑީ4 ޓީ ސެލް އޭ ވެސް ކިޔައި އުޅެއެވެ. އަދި މިސެލްތަކުން ސައިޓަކައިން(Cytokine) ކިޔާ މާއްދާއެއް ބޭރުކުރެއެވެ. ސައިޓަކައިން ހަށިދަމަނަ އުފައްދާ ޕްލާޒްމާ ސެލް(Plasma cell) އުފެއްދުމަށް ބީ ލިމްފަސައިޓް އަށް ބާރު އަޅައެވެ. މީގެ އިތުރުން ސައިޓަޓޮކްސިކް ޓީ ސެލް(Cytotoxic T-cell) ތަކާއި އަދި ސަޕްރެޝަރ ޓީ ސެލް(Suppressor T-cell) ތައް އުފެއްދުމަށް ބާރުއެޅުމާއެކު، މެކްރަފޭޖްތައް ހީވާގި ކުރުވައެވެ. އޭޑްސް ބަލި ހަމަލާދެނީ މި ސެލްތަކަށެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ ދިފާޢީ ނިޒާމްގެ ބާރު ފަސޭހަކަމާއެކު ދަށްކޮށްލައެވެ.

ސައިޓަޓޮކްސިކް ޓީ ސެލް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ސައިޓަޓޮކްސިކް ޓީ ސެލް

ސައިޓަޓޮކްސިކް ޓީ ސެލް ނުވަތަ (އިނގިރޭސި ބަހުން: Cytotoxic T cell) ތަކުން ހަށިގަނޑަށް ވަންނަ ބެކްޓީރިއާ މަރާލުމަށް އެހީވެދޭ ކެމިކަލްއެއް ބޭރުކުރެއެވެ. ސައިޓަޓޮކްސިކް ޓީ ސެލް ހަށިގަނޑުގައި ކެންސަރުގެ ސަބަބުން އުފެދޭ ޓިއުމަރު ސެލް، އަދި ވައިރަސްއާއި ތަޣައްޔަރު ވެފައިވާ ސެލްތައް ހަލާކުކޮށްލުމުގައި އެހީތެރި ވެއެވެ. ސައިޓަޓޮކްސިކް ޓީ ސެލް ތަކުގެ ބޭރު ފަށަލައިގައި ސީޑީ8 ކިޔާ ގްލައިކޯ ޕްރޮޓީން އެއް ހުރެއެވެ. އެހެންކަމުން މިސެލްތަކަށް ސީޑީ8 ޓީ ސެލް އޭ ވެސް ކިޔައި އުޅެއެވެ.


މެމަރީ ޓީ ސެލް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: މެމަރީ ޓީ ސެލް

މެމަރީ ޓީ ސެލް ނުވަތަ (އިނގިރޭސި ބަހުން: Memory T cell) ތައް ހަށިގަނޑަށް ބެކްޓީރިއާއެއް ނުވަތަ ވައިރަސްއެއް ފަދަ އެއްޗެއް ވަނުމާއެކު، އޭގެ ނަމޫނާތައް ރައްކާކުރެއެވެ. އަދި އެފަދަ އެއްޗަކާއި، އިދިކޮޅަށް މަސައްކަތްކުރާނެ ހަށިދަމަނަ ހަށިގަނޑުގައި އުފައްދައެވެ. މީގެ ބޭނުމަކީ ދެވަނަފަހަރަށް އެފަދަ އެއްޗެއް ހަށިގަނޑަށް ވަދެފިނަމަ، ދިފާޢީ ނިޒާމު އެއާއި އިދިކޮޅަށް މަސައްކަތްކުރާ މިންވަރު އަވަސްކުރުމެވެ.

މެމަރީ ޓީ ސެލްގެ ދެވައްތަރެއް ހުރެއެވެ. އެއީ ސެންޓްރަލް މެމަރީ ޓީ ސެލް އަދި އިފެކްޓަރ މެމަރީ ޓީ ސެލް އެވެ. މެމަރީ ޓީ ސެލް ގެ ބޭރު ފަށަލައިގައި ސީޑީ4 ނުވަތަ ސީޑީ8 މިއިން ކޮންމެ ވެސް އެއް ޕްރޮޓީންއެއް އިނުމަކީ އެކަށީގެންވާ ކަމެކެވެ.

ރެގިއުލޭޓަރީ ޓީ ސެލް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ރެގިއުލޭޓަރީ ޓީ ސެލް

ރެގިއުލޭޓަރީ ޓީ ސެލް ނުވަތަ (އިނގިރޭސި ބަހުން: Regulatory T cell) ތަކުގެ ބޭނުމަކީ ދިފާޢުކުރުމގެ ނިޒާމުގެ މަސައްކަތް ވަކިމިންވަރެއްގައި ހިފަހައްޓައި ކޮންޓްރޯލް ކުރުމެވެ. މިސެލްތަކަށް ސަޕްރެޝަރ ޓީ ސެލް އޭ ވެސް ކިޔައި އުޅެއެވެ. ރެގިއުލޭޓަރީ ޓީ ސެލްގެ މައިގަނޑު ދެވައްތަރެއް ހުރެއެވެ. އެއީ ނެޗުރަލީ އޮކަރިންގ ޓީ ސެލް އަދި އެޑަޕްޓިވް ޓީ ސެލް އެވެ. ނެޗުރަލީ އޮކަރިންގ ޓީ ސެލް އާއި އެހެނިހެން ޓީ ސެލްތަކާއި ހުރި ތަފާތަކީ މިސެލްގެ ތެރޭގައި ފޮކްސްޕީ3(FoxP3) ކިޔާ މޮލިކިއުލް އެއް ހުރުމެވެ.


ނެޗުރަލް ކިލަރ ޓީ ސެލް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ނެޗުރަލް ކިލަރ ޓީ ސެލް

ނެޗުރަލް ކިލަރ ޓީ ސެލް ނުވަތަ (އިނގިރޭސި ބަހުން: Natural killer T cell) އަކީ ދިފާޢީ ނިޒާމްގެ ބައިތައް ގުޅިގެން މަސައްކަތްކުރުމަށް ބޭނުންވާ ސެލް އެކެވެ. ނެޗުރަލް ކިލަރ ޓީ ސެލް ހީވާގި ކުރުވުމުން ހަށިގަނޑަށް ވަންނަ ބެކްޓީރިއާ މަރާލުމަށް އެހީވެދޭ ކެމިކަލްއެއް ބޭރުކުރެއެވެ. އަދި މިސެލްތަކުން ސައިޓަކައިން(Cytokine) ކިޔާ މާއްދާއެއް ބޭރުކުރެއެވެ.