މޫސާ އަންވަރު ޙަސަން
މޫސާ އަންވަރު ޙަސަން | |
|---|---|
| މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އެންޑް އެންޑޯމެންޓްސް | |
މަޤާމާ ހަވާލުވެވަޑައިގަތީ 2024 | |
| ރައީސް | މުޙައްމަދު މުޢިއްޒު |
| ފަހުން ވަޑައިގަތީ | |
| އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ މެންބަރު | |
މަޤާމާ ހަވާލުވެވަޑައިގަތީ 17 އެޕްރީލް 2024 | |
މަޤާމުގައި 2 ފެބުރުވަރީ 2017 – 1 ފެބުރުވަރީ 2022 | |
| އުފަންވީ | ޏ. ފުވައްމުލައް، ދިވެހިރާއްޖެ |
| ތަޢުލީމް | މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާ، ދިވެހިރާއްޖެ |
| މަތީތަޢުލީމު | އަލްއަޒްހަރު ޔުނިވަރސިޓީ، މިޞްރު އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ،ދިވެހިރާއްޖެ |
| އިނާމުތައް | އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު - 2017 |
ޑރ. މޫސާ އަންވަރު ޙަސަން ޝަހާދާ އިޢުދާދިއްޔާ އަދި ޝަހާދާ ޘާނަވިއްޔާ ނިންމެވީ މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާއިންނެވެ. 2002ވަނަ އަހަރު މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން އިސްލާމީ ޙަޟާރަތުގެ ރޮނގުން ފުރަތަމަ ޑިގުރީ ޙާޞިލުކުރެއްވިއެވެ. މާސްޓާރސް ޑިގުރީ ޙާޞިލުކުރެއްވީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން އިސްލާމީ ފިޤްހާއި، އުޞޫލުލް ފިޤްހުން 2013ވަނަ އަހަރެވެ. އެއަށްފަހު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން 2021ވަނަ އަހަރު އިސްލާމިކް ޖުޑިޝަލް ސައިންސަސް އެންޑް ލެޖިސްލޭޓީވް ޕޮލިސީން ޕީއެޗްޑީ ޙާޞިލުކުރައްވައިފައިވެއެވެ.
ޑރ. މޫސާ އަންވަރު ދީނީ ހޭލުންތެރިކަން ރާއްޖޭގައި ފެތުރުއްވުމުގެ މަސައްކަތް ފެއްޓެވީ، އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ މުޝްރިފް މުސާޢިދެއްގެ ގޮތުގައެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ވާޢިޡުގެ މަޤާމު އަދާކުރައްވައިފައިވެއެވެ. މިހާރު ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އެންޑް އެންޑޯމެންޓްސްގެ މަޤާމުގައެވެ. އަދި އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުކަން ވެސް ގެންދަވަނީ ކުރައްވަމުންނެވެ. ޑރ. މޫސާ އަންވަރު ޙަސަން ފަތުވާ މަޖިލީހަށް ޢައްޔަންކުރެއްވީ 2024ވަނަ އަހަރުގެ އޭޕްރީލް މަހުގެ 17ވަނަ ދުވަހެވެ. އޭގެކުރިން 2017ވަނަ އަހަރުން ފެށިގެން 2022ވަނަ އަހަރުގެ ނިޔަލަށް ވެސް ފަތުވާ މަޖިލީހުގެ މެންބަރުކަން ކުރައްވައިފައިވެއެވެ. މީގެއިތުރުން އެ މަނިކުފާނަކީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޝަރީޢާ ބޯޑުގެ މެންބަރެއް ވެސް މެއެވެ.
ޑރ. މޫސާ އަންވަރު ދީނީ ރޮނގުން ލިޔުއްވާފައިވާ ބައެއް ފޮތްތަކުގެ ތެރޭގައި، [ވަސްމީރު ޒިކުރާ]، [އިސްލާމްދީނުގައި ބައިނަލްއަޤްވާމީ ގުޅުންތައް]، [އިސްލާމީ ޢިލްމުތައް ކުރިއަރައިގެން ދިޔުން]، [ތާރީޚުއް ތަޝްރީޢު] [ޤަޟާޔާ ފީ ތާރީޚު ވަ ޢިލްމުއްރަސްމު] އާއި، [އިސްލާމީ ތާރީޚު]، [އިސްލާމީ ޘަޤާފަތް] އަދި [ޙައްޖާއި ޢުމްރާއަށް މަގެއް] ފަދަ ފޮތްތައް ހިމެނެއެވެ. އަދި ޝާއިޢު ކުރައްވާފައިވާ ފޮތްތަކުގެ ތެރޭގައި [ފާފަ ފުއްސެވުމުގެ ސަބަބުތައް]، [ރިޒުޤު ތަނަވަސް ކުރެއްވުމުގެ ސަބަބުތައް]، [މައްކާ އާއި މަދީނާގެ އާޘާރީ ތަންތަން] ހިމެނެއެވެ.
އިސްލާމްދީނަށް ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޤައުމީ ހިތްވަރުދިނުމުގެ އިނާމު 2017ވަނަ އަހަރު ވަނީ ޑރ. މޫސާ އަންވަރު ޙަސަނަށް ލިބިލައްވާފައެވެ.