އުތީމު ދަރިކޮޅު

ވިކިޕީޑިއާ އިންވިކިޕީޑިއާ

އުތީމު ދަރިކޮޅު އަކީ ދިވެހިރާއްޖެ އިސްލާމް ވުމަށްފަހު ރަސްކަންކުރެއްވި 3 ވަނަ ދަރިކޮޅު ކަމުގައި އެޗްސީޕީބެލް އޭނާގެ މޮނޮގްރާފް ގައި ބަޔާންކޮށްފައި ވެއެވެ. ނަމަވެސް ދިވެހި ތާރީޚް ދިރާސާ ކުރާ ގިނަ މުއައްރިޚުން ދެކޭގޮތުގައި އުތީމު ދަރިކޮޅު އަކީ ދިވެހިރާއްޖެ އިސްލާމްވުމަށްފަހު ރަސްކަން ކުރެއްވި 4 ވަނަ ދަރިކޮޅު އެވެ. ބުނެވޭގޮތުގައި އުތީމު އާއިލާ ފެށެނީ ހއ. ބާރަށު ކަޅު ޙަސަން ކަލޭގެ އާއި ހަމައިންނެވެ.

އުތީމު ދަރިކޮޅުން ރަސްކަންކުރެއްވި ރަސްކަލުން[އުނިއިތުރު ގެންނަވާ]

އުތީމު ދަރިކޮޅުގެ 3 ވަނަ ރަސްކަލަކީ އައްސުލްޠާން ޙުސައިން ފާމުލަދޭރިކިލެގެފާނު ނުވަތަ ވެލަވަޅު ނައިކިލެގެފާނު އެވެ.ސުލްޠާން އިބްރާހީމް (ތިންވަނަ) ނުވަތަ ކަލާފާނުގެ ޒަމާނުގައި ބޮޑުވަޒީރު އަކަށް ހުންނެވީ ކުރިން ދެންނެވި ރަދުންނެވެ. ކަލާފާނު ޝަހީދުވެ ވަޑައިގަތުމަށްފަހު އުތީމު ޙަސަން ރަންނަބަޑޭރި ކިލެގެފާނުގެ ދަރިކަނބަލުން، ކަޅުކަމަނާފާނު ގެ ނަންމަތީގައި ރާއްޖޭގެ ރަސްކަމާއި ހަވާލުވެ ވަޑައިގެން ހުންނެވުމަށްފަހު އެކަމަނާ އަރިއަތޮޅު މަހިބަދޫގައި އަވަހާރަވުމުން އައްސުލްޠާން ޙުސައިން ފާމުލަދޭރިކިލެގެފާނު ރާއްޖޭގެ ތަޚްތަށް އިސްވެވަޑައިގަތީ އެވެ. މިރަދުންގެ ބައްޕައަކީ ރ.އަތޮޅު މަޑުއްވަރީ އުމަރު އޮޅިގިނައި ކިލެގެއެވެ. މަންމައަކީ ބާރަށު ޚަޠީބު ތަކުރުފާނުގެ ދަރިކަނބަލެކެވެ. ޙުސައިން ފާމުލަދޭރި ކިލެގެފާނު ވެސް ކައިވެނި ބައްލަވައިގަތީ ކަލާފާނުގެ ހުވަފަތް އަނބިކަބަލުން ކަނބާ ޢާއިޝާ އާއެވެ. މިކަނބާ ޢާއިޝާ އަކީ ޅ.މާފިލާފުށީ ދޮން އައިސަ އެވެ. މިދެކަނބަލުންނަށް ދެފިރިހެން ބޭފުޅުންނާއި އަންހެން ބޭފުޅަކު ލިބިވަޑައިގަތެވެ.

ތާރީޚީ އެކި ލިޔުންތަކުގައި އުތީމު ދަރިކޮޅު ރަސްކަން ކުރެއްވި މުއްދަތު ތަފާތުވެއެވެ. ޙަސަން ތާޖުއްދީނުގެ ތާރީޚް ފޮތާއި، ރާދަވަޅި އަށް ބުރަވެ، މިސްޓަރ ބެލް ލަފާ ކުރައްވާ ގޮތުގައި އުތީމު ދަރިކޮޅުގެ 7 ރަސްކަލުން 131 އަހަރާއި 8 މަސް ދުވަހު ރާއްޖޭގެ ވެރިކަން ކުރައްވާފައި ވެއެވެ.

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ތަންގީޙުކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން
  • ފަތްތޫރަ 105 - މާރޗް 1988 -ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު