ސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
ބޮޑުތަކުރުފާނުގެ ޒިޔާރަތް ، މާލޭ ބިހުރޯޒު ކަމަނާ މިސްކިތުގެ ގޯތި ތެރޭގައި.

ސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު ސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު އަކީ މީލާދީން 1873 ން 1885 އަށް ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 1081 އިން 1093 އަށެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި 1081 ވަނަ އަހަރު ގައެވެ. ދިވެހިތާރީޚްގައި މިރަދުން މަޝްހޫރު ވެފައިވަނީ ބޮޑު ތަކުރުފާނުގެ ނަމުންނެވެ. ބޮޑު ތަކުރުފާނު އަކީ ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވި ހަރުދަނާ ބަޠަލެވެ. ބޮޑު ތަކުރުފާނު އަކީ ދިވެހިންގެ ގައުމީ ބަތަލެކެވެ. ގައުމީ ދުވަހުގެ ބަތަލުވެސް މެއެވެ.

ނަސަބު[އުނިއިތުރު ގެންނަވާ]

އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު އަލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުންނަކީ އުތީމު ކަޅު ޢަލީ ޚަޠީބު ތަކުރުފާނުގެ ޙުސައިން ޚަޠީބު ތަކުރުފާނުންގެ ދަރިކަލެކެވެ. މިރަދުންގެ މަންމާފުޅަކީ ހއ. އިހަވަންދޫ އާމިނާ ދިޔޯއެވެ. އުފަންވެ ވަޑައިގަތީ ކަޅު މުޙައްމަދު ރަސްގެފާނު ރަސްކަމުގެ 3 ވަނަ ދައުރުގެ ތެރޭގައެވެ.

ތަޢުލީމް ޙާޞިލްކުރެއްވުން[އުނިއިތުރު ގެންނަވާ]

ބޮޑު ތަކުރުފާނު ތަޢުލީމް ޙާޞިލް ކުރެއްވީ ބައްޕާފުޅު އުތީމު ޙުސައިން ޚަޠީބު ތަކުރުފާނާއި، ބޮޑުބޭބޭފުޅު ނޮޅިވަރަންފަރު އެދުރުކަލޭގެފާނުގެ އަރިހުންނެވެ. މީގެ އިތުރުން ބޭދަޅީން އެކިއެކި ހުނަރާއި ތަޖުރިބާތައް ހޯއްދެވިއެވެ.

ޝަޚްޞިއްޔަތު[އުނިއިތުރު ގެންނަވާ]

އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު އަލް އަޢުޡަމް އަކީ ދީލަތިކަމާއި އަދުލުވެރިކަމާ އެކީގައި ރަސްކަން ހިންގަވަމުން ގެންދެވި ރަސްކަލެކެވެ. ނިކަމެތީންގެ ޙާލު ބެއްލެވި، ރައްޔިތުންގެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިއްތެވި ރަސްކަލެކެވެ.

ރަސްކަމުގެ ދުވަސްވަރު[އުނިއިތުރު ގެންނަވާ]

ބޮޑު ތަކުރުފާނު ރަސްކަމަށް އިސްވެވަޑައިގަތީ 1 ރަބީޢުލް އައްވަލް 981ހ ގައެވެ. މިރަދުން ރަސްކަމަށް އިސްވެވަޑައިގެންނެވިއިރު ދިވެހިރާއްޖޭގެ ޙާލުވަނީ ވަރަށް ނިކަމެތި ދަރަޖައަކަށް ގޮސްފައެވެ. ޕޯޗުގީޒުންގެ ގޮށްމުށްބާރު ވެރިކަމުގެ އަސަރުތައް ވަނީ އާންމު ވެފައެވެ. ދައުލަތް ހިންގުމުގެ އިންތިޒާމެއް ނެތެވެ.

ބޮޑު ތަކުރުފާނުންގެ އެންމެ އެންމެ އިސް ވާޖިބެއް ކަމުގައި ދެކެވަޑައިގަތީ ދައުލަތް ހިންގުމުގެ އެންމެހާ ކަންތައްތައް ހަރުދަނާ ގަވާޢިދަކަށް އަބުރާލެއްވުމެވެ. ވީރާނާވެގެން ގޮސްފައިވާ ރަސްމީ ޢިމާރާތްތައް އާރާސްތު ކުރެއްވުމެވެ. މިގޮތަށް ކަންތައްތައް ހަމަޖެއްސުވުމުގައި އެންމެ އިސް ބައިވެރިއެއް ކަމުގައި ބޮޑު ތަކުރުފާނު ހަމަޖެއްސެވީ އޭނާގެ އަޚް ޙަސަން ޚަޠީބު ތަކުރުފާނު އެވެ. މިއީ ފަހުން ޙަސަން ރަންނަބަނޑޭރި ކިލެގެފާނެވެ.

ޙަސަން ތާޖުއްދީނުގެ ތާރީޚްގައި ބަޔާންކުރައްވާފައިވާ ގޮތުން ބޮޑު ތަކުރުފާނުގެ ރަސްކަމުގައި ބޮޑު ވަޒީރަކު ކަމުގައި ހަމަޖެއްސެވީ ކަޅުއޮށްފުންމީގެ މަޝްހޫރު ޢަލީ ޙާޖީއެވެ. އެއީ ދޮށިމޭނާ ކަމަށް ކޮލިލެއްވުމަށްފަހު ގައެވެ. ޙަސަން ޙާޖީ އަށް ކޮލިލެއްވީ ވެލާނާ ކަމަށެވެ.

ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ހަނގުބޭކަލުން އުފައްދަވާ އެމީހުންނަށް ވަކި ގަވާއިދަކުން އެއްޗެތި ދެއްވާން ފެއްޓެވީ ބޮޑު ތަކުރުފާނެވެ. އެއީ މަހަކު ދެ ފަހަރު ބަނޑުހަނޑޫ ދެއްވުމާއި، އަހަރަކު ތިން ފަހަރު ފޭލި ދެއްވުމެވެ.

ދިވެހި ދައުލަތް ހަމަޖެއްސުމަށްޓަކައި ބޮޑު ތަކުރުފާނު ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ރަސްކަމުގެ ގަނޑުވަރު ބިނާކުރެއްވުމާއި، އާދަކާދަތައް އުފެއްދެވުން ހިމެނެއެވެ. ބޮޑު ތަކުރުފާނަށް ހަމަޖައްސަވަން އެންމެ ދަތިފުޅުވި ކަމަކީ އިސްލާމްދީނުގެ މައްސަލަ ތަކެވެ. އެހެނީ އެ ތަކުރުފާނު ދިވެހިރާއްޖޭގެ ރަސްކަމަށް އިސްވެވަޑައިގެންނެވިއިރު ޢިލްމުވެރިއެއް ރާއްޖޭގައި އަމުދުން ނެތެވެ. އެތަކެއް އަހަރެއް ކުރީގައި ދިވެހިރާއްޖޭގައި އުޅުއްވި އަލްފަޤީޙް ސުލައިމާން އަލްމަދަނީ ބިން މުޙައްމަދު ބިން ޢީސާ އައްތިރިއްލީ އަލްޔަމަނީ ނިޔާވުމަށްފަހު ދިވެހިރާއްޖެ އައީ ދީނީ ޢިލްމުގެ ކުލަ ފަނޑުވަމުންނެވެ. އޭރު މިދެންނެވި ޢާލިމުގެ ދަރިވަރުންތައް ވެސް ވަނީ މަރުވެގެން ގޮސްފައެވެ. ޢިލްމުގެ ނޫރުތައް މުޅީން ނެތި ގޮސްފައެވެ.

ނަމަވެސް ވަރަށް މަތިވެރި ދަރަޖައަކަށް ޢިލްމު އުގެނިވަޑައިގެން ހުންނެވި ދިވެހިރާއްޖޭގެ ދަންނަ ބޭކަލަކު އެ ދަނޑިވަޅުގައި މާލެ އަތުވެއްޖެއެވެ. އެބޭކަލަކީ އައްޝައިޚް މުޙައްމަދު ޖަމާލުއްދީނެވެ. ދިވެހި ތާރީޚްގައި މަޝްހޫރު ވާދޫ ދަންނަ ކަލޭގެފާނެވެ.

ބޮޑުތަކުރުފާނުގެ ރަސްކަމަކީ ދިވެހީންނަށް ފާގަތި ދުވަސްތަކެކެވެ. އަމްނު އަމާންކަން ޤާއިމުވެފައި އޮތް ދުވަސްވަރެކެވެ. ބޮޑުތަކުރުފާނަކީ އެ ޒަމާނުގެ އެންމެ މަތީ ފެންވަރަށް ޢިލްމާއި ހުނަރާއި ފަންނު ލިބިވަޑައިގެން ހުންނެވި ޤާބިލު ބޭފުޅެކެވެ. އެހެންކަމުން އެ ތަކުރުފާނަށް ރަސްކަން ލިބިވަޑައިގަތުމުން ދައުލަތުގެ ކަންކަން ވަރަށް ފުރިހަމަޔަށް އިންތިޒާމްކުރެއްވިއެވެ. ރަސްމީ ފަތްކޮޅުތައް (ސިޓީތައް) ފެށުމުގައި ދައުލަތުގެ ނިޝާނެއްގެ ގޮތުން هو الغني ލިޔުއްވަން ފެއްޓެވީ އެ ރަދުންނެވެ. އަދި މިނިވަން އިސްލާމީ ދައުލަތެއްގެ ގޮތުގައި الدولة المحلديبية ރަސްމީ ގޮތުން އުފެއްދެވީ އެ ރަދުންނެވެ. އަދި އަދަށްދާނދެންވެސް ދައުލަތުގެ ނިޝާނުގައި ލިޔެވިފައިވަނީ މި ނަމެވެ. ބޮޑުތަކުރުފާނު ޤައުމަށް ކުރެއްވި ޚިދުމަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އަނެއް ޚިދުމަތަކީ ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޯހިމަނުއްވައި މީސްތަކުންގެ މައްޗަށް އިޤްތިޞާދު ހަމަޖެއްސެވުން ހިމނެއެވެ. ދިވެހީންގެ މަދަނިއްޔަތާއި ޙަޟާރަތް އަލުން އަނބުރައި އިޢާދަކުރެއްވިއެވެ. އުވިދިޔަ މިސްކިތްތައް އަލުން ބިނާކުރައްވައި އެ މިސްކިތްތައް ބަލަހައްޓަވަން "ބޯގަ" ހަމަޖައްސަވައިދެއްވިއެވެ. ދިވެހި ލަޝަކަރު އުފައދަވައި އެމީހުންނަށް ހަނޑުލުން މުސާރަދެއްވަން ފެއްޓެވިއެވެ. މާލޭގައި ދިފާޢީ ޙަމަލާގެ ބުރުޒުތައް ބިނާކުރައްވައި ދިވެހި ލަޝަކަރަށް ހެވިކަމުގެ ތަމްރީނުދެއްވަން ފެއްޓެވިއެވެ. ރާއްޖޭގައި އިސްލާމީ ޝަރީޢަތް ޝާފިޢީ މަޒުހަމަށް ހިންގަވާން ފައްޓަވައި މާލޭގައި ފަނޑިޔާރުކަމުގެ މަރުކަޒު ބިނާކުރެއްވިއެވެ. އަދި ރާއްޖެތެރެއަށް ހުއްދަފަތް (ފަރުޟް، ޙަރާމް، ޙަލާލު، ސުންނަތް އެންގެވި ލިޔުން) ފޮނުއްވައި ދީނުގެ މައްޗަށް ރައްޔިތުން ހެއިއެރުއްވިއެވެ. ރާއްޖޭގައި ފުރަތަމަފަހަރަށް ލީގަލް ޓެންޑަރެއް (ޤާނޫނީ ފައިސާ) ތަޢާރަފުކުރެއްވުމުގެ ގޮތުން ބޮޑުލާރި ޖެއްސެވިއެވެ.

ބޮޑުތަކުރުފާނު އަބުރުވެރިކަމާއި ފާގަތިކަމާއެކު 12 އަހަރަށް ވުރެ ގިނަ ދުވަހު ރަސްކަން ކުރެއްވުމަށްފަހު ފުރައުއްތަވީ 1585މ. ވަނަ އަހަރުގައެވެ. ފަސްދާނުވެޑުވިފައިވަނީ މާލޭ ބިހުރޯޒުކަމަނާ މިސްކިތުގައެވެ. {إنا لله وإنا إليه راجعون} . އުތީމު މަހާރަދުންގެ ޒިޔާރަތް މިހާރުވެސް ތާރީޚީ ތަރިކައެއްގެ ގޮތުގައި ދެމިއެބަހުއްޓެވެ.

ވާދޫ ދަންނަ ކަލޭގެފާނު[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ވާދޫ ދަންނަ ކަލޭގެފާނު

އައްޝައިޚް މުޙައްމަދު ޖަމާލުއްދީން ނުވަތަ ވާދޫ ދަންނަ ކަލޭގެފާނަކީ ޝަރުޢީ ޢިލްމު އުނގެންނެވުމުގެ މަގްޞަދުގައި ހިލާލީ ދަރިކޮޅުގެ މުޙައްމަދު ރަސްގެފާނުންގެ ދަރިކަލުން ޙަސަން ރަސްގެފާނުންގެ ރަސްކަމުގައި ރާއްޖެއިން ބޭރަށް ދަތުރުކުރެއްވި ދިވެހި ދަރިއެކެވެ. އެކަލޭގެފާނު ޢިލްމު ޙާޞިލް ކުރެއްވީ ޔަމަނުކަރައިގެ ޙަޟަރަމައުތުގެ އެދުރުއެދުރު ބޭކަލުންގެ އަރިހުންނެވެ.

އައްޝައިޚް މުޙައްމަދު ޖަމާލުއްދީނަށް ބޮޑު ތަކުރުފާނު ދެއްވީ ވަރަށް ހޫނު ތަރުހީބެކެވެ. މާލޭގައި ރަދުންގެ އަރިހުގައި އިސްލާމްދީނުގެ ކަންތައްތައް ހިންގަވައިދެއްވުމަށް ހުންނެވުމަށް އެދިލެއްވިއެވެ. ނަމަވެސް އެކަލޭގެ ފާނަކީ ވަރަށްވެސް ތަޤްވާވެރި ވަރަޢަވެރި ބޭކަލެކެވެ. އެހެންކަމުން އޭނާ އެދިލެއްވީ "އެކަހެށިން ފުށި ރަށެއްގައި" ހުރުމުގެ އަމުރުފުޅު ދެއްވުމަށެވެ. ރަސްގެފާނުގެ އަމުރުފުޅާއެކު އައްޝައިޚް މުޙައްމަދު ޖަމާލުއްދީން ދުރުވެ ވަޒަންވެރިވެލެއްވީ ހުވަދޫ އަތޮޅު ވާދޫގައެވެ. އެ ރަށުގެ ވެރިއަކަށް ހުންނެވި މުޙައްމަދު ފަޑިއްތަކުރުގެ އެހީތެރިކަމާއެކު އެކަލޭގެފާނު ހުންނަވާނޭ ގެއެއް އަޅުއްވައި ވަރަށް އަވަހަށް ދީނީ ޢިލްމު ކިޔަވައިދެއްވަން ފައްޓަވައިފިއެވެ. އެންމެ ފުރަތަމަ ކިޔަވައިދެއްވަން ފެއްޓެވީ މުޙައްމަދު ފަޑިއްތަކުރުގެ ދަރިކަލުން ޢަލީ ނާއިބު ތަކުރުފާނަށެވެ.

އައްޝައިޚް މުޙައްމަދު ޖަމާލުއްދީން ކިޔަވައިދެއްވަން ފެއްޓެވިތާ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ އެތަންމިތަނުން ޠާލިބުން އައިސް، އޭނާގެ އަރިހުން ޢިލްމު އުނގެނޭން ފަށައިފިއެވެ. މިގޮތުގެ މަތީން ކިޔަވައި ދެއްވާތާ އެތަކެއް އަހަރެއް ވޭތިވުމަށްފަހު، ވާދޫ ދަންނަ ކަލޭގެފާނު ނުވަތަ އައްޝައިޚް މުޙައްމަދު ޖަމާލުއްދީން ނިޔާވެއްޖެއެވެ.

އައްޝައިޚް މުޙައްމަދު ޖަމާލުއްދީންގެ ދަރިވަރުންގެ ތެރެއިން އެންމެ މަޝްހޫރު މީހުންނީ އަބޫބަކުރު ފަނޑިޔާރު ތަކުރުފާނާއި، އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނާއި، ދެކަލުންނެވެ.

އަވަހާރަވުން[އުނިއިތުރު ގެންނަވާ]

މާލެ ބިހުރޯޒު ކަމަނާ މިސްކިތުގެ ގޯތި ތެރޭގައި ހުރި މުހަމްމަދު ތަކުރުފާނުގެ ޒިޔާތް ތެރޭއި.

އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު އަލްއަޢުޡަމް ނުވަތަ ބޮޑު ތަކުރުފާނު 11 އަހަރާއި 6 މަސްދުވަހު ރަސްކަން ކުރެއްވުމަށްފަހު، އަވަހާރަވީ 1 ރަމަޟާން 993ހ ގައެވެ. އެއީ 18 އޮގަސްޓް 1585މ ގައެވެ. ފަސްދާނު ލެވިފައިވަނީ މާލޭ ބިހުރޯޒު ކަމަނާ މިސްކިތުގެ ގޯތި ތެރޭގައެވެ.

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ފަތްތޫރަ - މެއި 1989 - ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު
  • ފަތްތޫރަ އޮކްޓޯބަރު 1988 - ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު
  • ތަންޤީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]


ކުރިން ހުންނެވީ:
ސުލްޠާން ޢަލީ (ހަވަނަ)
ދިވެހިރާއްޖޭގެ ރަދުން
-
ފަހުން ވަޑައިގަތީ:<br./>ސުލްޠާން އިބްރާހީމް (ތިންވަނަ)