ސުލްޠާން އިބްރާހީމް އިސްކަންދަރު

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

ސުލްޠާން އިބްރާހީމް އިސްކަންދަރު ނުވަތަ ސުލްޠާން އިބްރާހީމް އިސްކަންދަރު (އެއްވަނަ) އަކީ މީލާދީން 1648 ން 1687 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 1058 ން 1098 އަށެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 1058 ވަނަ އަހަރުއެވެ. ދިވެހިރާއްޖޭގެ ރަސްކަލަކަށް އެންމެ ފުރަތަމަ އިސްކަންދަރު ކިޔުނީ މިރަދުންނަށެވެ. މިއީ ދިވެހި ތާރީޚްގައި މަޝްހޫރު 'އިސްކަންދަރު ރަސްގެފާނު' އެވެ.

ވަނަވަރު[އުނިއިތުރު ގެންނަވާ]

  • ނަންފުޅު: އައްސުލްޠާން އިބްރާހީމް އިސްކަންދަރު (1 ވަނަ)
  • ކޮލީ ނަންފުޅު: ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުން
  • އެހެނިހެން ނަންތައް: އިސްކަންދަރު ރަސްގެފާނު
  • ނިސްބަތްވާ ދަރިކޮޅު: އުތީމު ދަރިކޮޅު
  • ބައްޕާފުޅު: ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (އެއްވަނަ) ނުވަތަ ބޮޑު ރަސްގެފާނު
  • މަންމާފުޅު: ކަނބާ ޢާއިޝާ
  • ބޭފުޅުން: ސުލްޠާން ކުޑަ މުޙައްމަދު ( އެހެން ބޭފުޅުން އެނގޭކަން ނެތް )
  • ރަސްކަންކުރެއްވީ: 1058ހ - 1098ހ ( 1648މ - 1687މ ) މުއްދަތު: 39 އަހަރާއި، 6 މަސް

ނަސަބުފުޅު[އުނިއިތުރު ގެންނަވާ]

އިސްކަންދަރު ރަސްގެފާނުގެ ފުރިހަމަ ނަންފުޅަކީ އައްސުލްޠާން އިބްރާހީމް އިސްކަންދަރު (އެއްވަނަ) ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނެވެ. ބައްޕާފުޅަކީ ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (އެއްވަނަ) ސިރީ ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުން ނުވަތަ ބޮޑު ރަސްގެފާނު އެވެ. މިރަދުންނަކީ އުތީމު ޢަލީ ތަކުރުފާނުގެ ދަރިކޮޅުން ވަޑައިގެންނެވި ބޭފުޅެކެވެ. މަންމާފުޅަކީ ކަނބާ ޢާއިޝާ އެވެ.

އިސްކަންދަރު ރަސްގެފާނުގެ މަންމާފުޅު ކަނބާ ޢާއިޝާ އަކީ ކަލާފާނާއި، އަދި އޭގެފަހުން އައްސުލްޠާން ޙުސައިން ފާމުލަދޭރި ކިލެގެފާނު އާއި ކައިވެނި ބައްލަވައިގެންނެވި ބޭފުޅެކެވެ. ޙުސައިން ފާމުލަދޭރި ކިލެގެފާނު އަވަހާރަވުމަށްފަހު، ބޮޑު ރަސްގެފާނު ރަސްކަމަށް އިސްވެވަޑައިގަތުމަށްފަހު މިކަމަނާއާއި ކައިވެނިފުޅު ކުރެއްވީ އެވެ. ބޮޑު ރަސްގެފާނަށް މިކަމަނާ ރައްކައުވީ ހަމައެކަނި އިސްކަންދަރު ރަސްގެފާނު އެވެ.

އިސްކަންދަރު ރަސްގެފާނުގެ އަނބިއަނބި ކަނބަލުންގެ ތެރެއިން ނަންފުޅު އިނގޭ ބޭފުޅަކީ އާމިނާ ކަނބާފާނު އެވެ. މިރަދުންގެ ދަރިކަލުން ކުޑަ މުޙައްމަދުގެ މަންމާފުޅަކީ މާލިމީ ޙުސައިންގެ މަރިޔަމް ކިޔުނު ބޭފުޅެކެވެ. މިއީ މިރަދުންގެ ޖާރިޔާ އެކެވެ.

އިސްކަންދަރު ރަސްގެފާނު އުފަންވެ ވަޑައިގަތީ ހިޖުރައިން 1030 ވަނަ އަހަރުގައެވެ. އުމުރުފުޅުގެ ޅަދުވަސްތައް ހޭދަކުރެއްވީ މަންމާފުޅާއި ބައްޕާފުޅުގެ އަރިހުގައެވެ.

އިސްކަންދަރު ރަސްގެފާނު އަށް ލިބިވަޑައިގަތީ އެންމެ ފިރިހެން ބޭފުޅެކެވެ. އެއީ ސުލްޠާން ކުޑަ މުޙައްމަދު އެވެ. އެދަރިކަލުންގެ މަންމާ ފުޅަކީ މާލިމީ ޙުސައިންގެ މަރިޔަމް އެވެ. އެއީ މަޝްހޫރު އެދިމަރިޔަމް އެވެ. ނުވަތަ މަރިޔަމް ކަނބާ އެވެ. އިސްކަންދަރު ރަސްގެފާނަށް ކުޑަ މުޙައްމަދު ލިބިވަޑައިގަތީ އުމުރުން 62 އަހަރުގައި 28 ރަޖަބު 1091 ވަނަ އަހަރު އެވެ. އެއީ މީލާދީން 15 އޮގަސްޓް 1680 ގައެވެ.

ޝަޚްޞިއްޔަތު[އުނިއިތުރު ގެންނަވާ]

އިސްކަންދަރު ރަސްގެފާނަކީ ވަރަށް މާތް ތެދުވެރި ޢަދުލުވެރި ހިތްވަރުގަދަ ރަސްކަލެކެވެ. އަދިއެއީ ގައިކޮޅުގެ ކުލަ ދޮން، އިސްކޮޅުފުޅުން ދިގު، ރީތި ބޭފުޅެކެވެ. އެޒަމާނުގައި އެފަދަ ދެވަނައެއްނުވާ ރިވެތިކަމާއި، ޢިއްޒަތްތެރިކަމާ، ހިތްވަރުފުޅު ގަދަކަން، ލިބިހުންނެވި ބޭފުޅެކެވެ. އެމަނިކުފާނުގެ ރަގަޅު ސިފަފުޅު ތަކުގެ ތެރޭގައި، ކުރިޔަށް ވިސްނަވާ ވަޑައިގަތުމާއި، ކެތްތެރިކަމާއި، ކޯފާމަޑުކަމާއި، މީހުންނަށް އަދަބު ދެއްވުން އަވަސް ނުކުރައްވައި، ކަންކަމުގެ ދެކޮޅު ބައްލަވައި، ހެއްދެވުން ހިމެނެއެވެ. ރަސްކަމުގެ ކަންތައްތައް ހެޔޮގޮތުގެ މަތީން ގެންދެވުމުގެ ތަދުބީރު ދެނެވަޑައިގެން ހުންނެވި، ކެތްތެރި ރަސްކަލެކެވެ.

އިސްކަންދަރު ރަސްގެފާނަކީ މީސްތަކުންނަށް ކަނޑިހެވިކަމާއި، ބަޑިހެވިކަމާއި، ދުނި ދަނޑިއެއްލުމާއި، އޮޅުލުމާއި، މިކަންކަން އުގަންނަވައި ދެއްވި އެދުރު ބޭކަލެކެވެ. މިރަދުންނަކީ ދަންނަ ބޭކަލުންނާއި ޢިލްމުވެރިންނަށް ކަމޭހިއްތަވައި، ޢިލްމު ފެތުރުއްވުމަށް މަސައްކަތް ކުރެއްވި ރަސްކަލެކެވެ.


ރަސްކަމުގެ ދުވަސްވަރު[އުނިއިތުރު ގެންނަވާ]

ރަސްކަމަށް އިސްވެވަޑައިގަތުން[އުނިއިތުރު ގެންނަވާ]

އައްސުލްޠާން އިބްރާހީމް އިސްކަންދަރު (1 ވަނަ) ރަސްކަމަށް އިސްވެ ވަޑައިގަތީ އެރަދުންގެ ބައްޕާފުޅު އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން ސިރީ ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުން ނުވަތަ ބޮޑު ރަސްގެފާނު އަވަހާރަވުމުންނެވެ. ރަސްކަމަށް އިސްވެވަޑައިގަތީ 5 ޝައްވާލު 1058 ގައެވެ. އެއީ މީލާދީން 13 އޮކްޓޯބަރ 1648 އެކެވެ. ރަސްކަމަށް އިސްވެވަޑައިގަތީ އުމުރު ފުޅުން އެންމެ 18 އަހަރު ގައެވެ.

އިސްކަންދަރު ރަސްގެފާނު ކުރެއްވި ޚިދުމަތް ތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އާދަކާދަތައް އުފެއްދެވުމާއި، ދައުލަތް ހިންގެވުމުގައި މަޝްވަރާން ކުރައްވަން ފެއްޓެވުން ހިމެނެއެވެ.

ކުރެއްވި ހަނގުރާމަތައް[އުނިއިތުރު ގެންނަވާ]

އިސްކަންދަރު ރަސްގެފާނު ގެ ރަސްކަމުގެ 2 ވަނަ މަހުގެ ތެރޭގައި، ގޯވާއަށް ވަޑައިގެންނެވި 9 ވަނަ ޙަސަން ރަސްގެފާނުގެ(ސުލްޠާން ޙަސަން (ނުވަވަނަ)) ދެކާފަ ދަރިކަލުން ކަމުގައި ބުނެވޭ، ދޮންލަވީޒް އަދި ދޮންމާލަވީޒް، އާއި ދެބޭން ދިވެހިރާއްޖެއާއި، ހަނގުރާމައަށް އައެވެ. މިމީހުން އައި ޚަބަރު ރަސްގެފާނު އައްސަވައި، އޭނާގެ އެއްބަނޑު 3 ބޭފުޅުންނާއި، ވަޒީރުންނާއި، އަމީރުން އެއްކުރައްވައި ހަނގުރާމަ ކުރެއްވުމާއި މެދު މަޝްވަރާ ކުރެއްވިއެވެ. އެންމެންވެސް އެއްބަސްވީ ހަނގުރާމަ ކުރުމަށެވެ. ހަނގުރާމައިން ނަޞްރު ލިބުނީ ދިވެހީންނަށެވެ. ބުނެވޭގޮތުގައި ދޮންމާލަވީޒް ގަޔަށް އުއްޑައެއް އަރައިގެން އޭނާ މަރުވީއެވެ. ދޮންލަވީޒް ގަޔަށްވެސް ބަޑިއެއްގެ އުންޑައަރައި ޒަޚަމްވިއެވެ. ޕޯޗުގީޒުންގެ ވަރަށް ގިނަ މީހުން ގަތުލު ވިއެވެ. ދެން އެމީހުން ބަލިވެގެން އެބުރި ގޯވާއަށް ދިޔައީ އެވެ. އޭގެ ފަހުން ދުވަސްތަކެއް ވާންދެން ޕޯޗުގީޒުންގެ ހަމަލާއެއް ދިވެހިރާއްޖެއަކަށް ނާދެއެވެ. މިހަނގުރާމަ ހިނގީ 1649މ ގައެވެ. މިހަނގުރާމައާއި ވިދިގެން ގޯވާ އަށާއި، ކަންނަންނޫރު ޢަލީ ރާޖާއަށް އިސްކަންދަރު ރަސްގެފާނު ފޮނުވަމުން ގެންދިޔަ ޖިޒީ ފޮނުވުން ހުއްޓުވައި ލެއްވި އެވެ.

ދިވެހިރާއްޖެއިން ޖިޒީ ފޮނުވުން ހުއްޓާލެއްވުމުން އެކަމާ ނުގަބޫލުވެގެން، ހަނގުރާމަ މަތީ ގުރާބުތަކެއް ޢަލީ ރާޖާ ރާއްޖެއަށް ފޮނުވި އެވެ. ދެން އެމީހުންނާއި، ދެކޮޅަށް ލަޝްކަރީންގެ ބަޔަކު ގޮވައިގެން، އިސްކަންދަރު ރަސްގެފާނު ވަޑައިގަތެވެ. ޢަލީ ރާޖާގެ ގުރާބު ތަކާއި ދިވެހީންނާއި ބައްދަލުވީއިރު، އެމީހުންވަނީ ރާއްޖޭގެ ބައެއް ރަށްރަށަށް އަރައި، މީހުންގެ މުދާފޭރި ހާނީއްކަކޮށް ހަދައިފައެވެ. ދިވެހިންނާއި، މިބައިމީހުންނާއި ދެމެދު ކުރެވުނު ހަނގުރާމައިން ވެސް ނަޞްރު ލިބުނީ ދިވެހީންނަށެވެ. ޢަލީ ރާޖާގެ މީހުން ބަލިވެގެން އެނބުރި ރަށަށް ދިޔައީ އެވެ. ފަހުންވެސް ޢަލީ ރާޖާ ފޮނުވި ބަޔަކު ރާއްޖެ އައެވެ. އެހަނގުރާމައިން ވެސް އެމީހުންވަނީ ބަލިވެފައެވެ. އެފަހަރު އެމީހުން އެބުރި ދިޔައީ ކުޑަ ފުށީ ހުކުރު މިސްކިތް އަންދާލާފައެވެ.

ޢަލީ ރާޖާގެ އުދަނގޫ ބޮޑުވެގެން އޭނާއަށް ފިލާވަޅެއް ދަސްކޮށްދެއްވުމަށް މަލާބާރީންނާއި ހަނގުރާމަކޮށް، ކާމިޔާބު ހޯދާފައިވާ، ދިވެހިންގެ ބަޔަކު އިސްކަންދަރު ރަސްގެފާނު، ޢަލީ ރާޖާއާއި ދެކޮޅަށް ހަނގުރާމައަށް ފޮނުވިއެވެ. ތާޖުއްދީނުގެ ތާރީޚްގައިވާ ގޮތުގައި މިބައިމީހުން، ކަންނަންނޫރުގެ ދަށުގައިވާ އަންދުރޯތުގެ ރަށްރަށަަށް އަރައި، ކަނޑި ބަނޑި ހިފައިގެން އެތާގެ އަހުލުވެރިން ބިރުގަންނުވައި، އެތާގައި ތިބި ޢަލީ ރާޖާގެ ލަޝްކަރީން ފައްސައި، މުދާފޭރި، ގޭގެ އަންދައި، ޢަލީ ރާޖާގެ ލަޝްކަރީން ދިވެހިރާއްޖެއަށް އައިސް ކަންތައް ކުރާ ފަދައިން، އެމީހުން އެތާނގައި ކުރާނޭހާކަމެއް ކޮށްފައި ނަޞްރު ލިބިގެން އެބުރި މާލެއައީ އެވެ.

އޭގެ ފަހުން މަލިކުގެ ވެރިމީހާއާއި، އެތާގެ ބޮޑުން މާލެ ގެންނަވައި، އެތަކެއް ދުވަހު ހައްޔަރުކުރައްވާފައި ބޭތިއްބެވީ އެވެ. ދެން މަލިކުން ދައްކަން ޖެހޭ ވާރަކީ އަހަރަކު 12 ލާރިކަމަށް ހަމަޖައްސަވާފައި އެމީހުން އަނބުރާ މަލިކަށް ފޮނުއްވެވީ އެވެ. ރަދުން މިގޮތަށް ކަންތައް ކުރެއްވީ ދިވެހިރާއްޖޭގެ ރަސްގެފާނު ކަންނަންނޫރު ޢަލީ ރާޖާގެ ރަށެއް ހިއްޕަވައިފިޔޭ ބުނެވޭނެ ގޮތަށެވެ. މިކަންތައް ކުރެއްވުމަށްފަހު ވަރަށްގިނަ ދުވަސްތަކެއް ވަންދެން ޢަލީ ރާޖާގެ އުދަނގޫ ދިވެހިރާއްޖެއަކަށް ނުޖެހެއެވެ.

ތަނަވަސް ދުވަސްވަރެއް[އުނިއިތުރު ގެންނަވާ]

އިސްކަންދަރު ރަސްގެފާނު ގެ ދުވަސްވަރަކީ ރާއްޖޭގެ އަހުލުވެރިން އުފަލާއި ތަނަވަސް ކަމުގައި އުޅުނު ދުވަސްވަރެކެވެ. ދިވެހިރާއްޖޭގައި ވިޔަފާރި ވަރަށްބޮޑަށް އެދުވަސްވަރު ކުރިއަށް ދިޔަކަމަށް ވެއެވެ. އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގައި، އަސޭކަރައިންނާއި، އުތުރުކަރައިންނާއި، އެތަންމިތަނުން، އެކިބާވަތުގެ ވިޔަފާރި މުދާ ހިފައިގެން އަންނަ ނައުފަހަރުން މާލޭގެ ބަނދަރު ފަޅުފިލާފައި އޮތެވެ. އެމީހުން ދިވެހިންނަށް މުދާވިއްކާ ވިޔަފާރިކޮށް ހެދުމުގެ ހުއްދަ ދެއްވާފައި އޮވެއެވެ. ވިޔަފާރީގެ އެއްވެސް ކަމެއްގެ ތެރެއަށް ރަސްގެފާނު ވެދެވަޑައެއް ނުގަންނަވައެވެ. ރައްޔިތުން ވިއްކާން ބޭނުން ކޮންމެ އެއްޗެއް އެމީހުންނަށް ފެންނަގޮތަށް ވިއްކަން ދޫކޮށްލެވިއެވެ. ހަމައެފަދައިން ބޮޑު ބަނޑޭރި ބޭކަލުންނާއި، ވެލާނާ ބޭކަލުންވެސް މިފަދަ ވިޔަފާރި މުދަލާ ބެހުމަށް ރަދުންގެ އަމުރުފުޅެއް ނޯވެއެވެ.


ހުކުރު މިސްކިތާއި، މުންނާރު ބިނާކުރެއްވުން[އުނިއިތުރު ގެންނަވާ]

މުންނާރު

އިސްކަންދަރު ރަސްގެފާނު ރަސްކަމުގެ 8 ވަނަ އަހަރު މާލޭ ހުކުރު މިސްކިތް އަލުން ބިނާކުރެއްވުމަށް ފެއްޓެވި އެވެ. އޭރު ހުރި ހުކުރު މިސްކިތަކީ ޝިހާބުއްދީން ރަދުން މީލާދީން 1338 ގައި އަލުން ބިނާކުރެއްވި މިސްކިތެވެ. މިމިސްކިތް އޭރުވެސް ހުރީ ބައުވެފައެވެ. އިސްކަންދަރު ރަސްގެފާނު މިމިސްކިތުގެ ބިންގާ ނަންގަވައި، އެމިސްކިތްހުރި ތާނގައި ކުރިއަށްވުރެ، ފުރިހަމައަށް، ތަނަވަސްކޮށް، ހިރިގަލުން މިސްކިތް ބިނާކުރެއްވި އެވެ. ބުނެވޭގޮތުގައި މިސްކިތުގެ މަސައްކަތް ހިނގަމުންދިޔައީ ސީދާ ރަދުންގެ ބެއްލެވުމުގެ ދަށުންނެވެ.

މާލޭ ހުކުރު މިސްކިތް އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގައި އަލުން ބިނާކުރައްވަން ފެއްޓެވީ ހިޖުރައިން 28 ޝަޢުބާން 1066 މީލާދީން 21 ޖޫން 1656 ގައެވެ. ބިނާކުރައްވައި ނިމުނީ ރަދުންގެ ރަސްކަމުގެ 10 ވަނަ އަހަރު އެވެ. މިސްކިތް ބިނާކުރެއްވީ ވަރަށްރީތި ކުރެހުންތައް، ހިރިގަލުގައި އަޅުއްވައި، ލަކުޑީގައި ލާފެން ކުރައްވައިފައެވެ. މިސްކިތުގައި ޢަރަބި ބަހުން ލިޔެފައިހުރި ހުރިހާ އެއްޗެއް ލިޔެނިމުނީ ހިޖުރައިން 1068 ވަނަ އަހަރުގެ މުޙައްރަމް މަހުގެ 10 ވަނަ ދުވަހުއެވެ. އެއީ މީލާދީން 18 އޮކްޓޫބަރު 1657 ގައެވެ.

މާލޭ ހުކުރު މިސްކިތް

ހިޖުރައިން 1078 ވަނަ އަހަރު (މީލާދީން 1668) ގައި އިސްކަންދަރު ރަސްގެފާނު ޙައްޖަށް ވަޑައިގަތެވެ. ޙައްޖުން ވަޑައިގަތުމަށްފަހު ހުކުރު މިސްކިތުގެ ދެކުނު ދޮރޯށި ބިނާކުރައްވައި، އެތަނަށް ފިޤުހު ޢިލްމުވެރިއަކު ލައްވައި، ކުދީންނަށް ޤުރުއާން ކިޔަވައިދިނުމާއި، ފަރުޟު ޢިލްމު އުގަންނަވައި ދިނުމަށް ޙަވާލުކުރައްވައި، އޭނާއަށް ސަރުކާރުން މުސާރަދެއްވުމަށް ހަމަޖެއްސެވި އެވެ. އެއަށްފަހު މުންނާރު ބިނާކުރައްވައި މުންނާރުން 5 ވަގުތު ނަމާދަށް ގޮވާނޭ މީހަކު ލައްވައި، އޭނާއަށްވެސް ސަރުކާރުން މުސާރަދެއްވުމަށް ހަމަޖެއްސެވި އެވެ. މުންނާރު ބިނާކުރައްވައި ނިމުނީ ހިޖުރައިން 1085 ވަނަ އަހަރު އެވެ. މުންނާރު ބިނާކުރެއްވީ އެއިރު ޢަރަބިކަރައިގެ މުންނާރުތައް ހުންނަގޮތަށް ކަމަށްވެއެވެ.

ހުކުރު މިސްކިތުގެ ދެކުނު ދޮރޯށީގައި ކިޔަވައި ދެއްވާން ފެއްޓެވި ދުވަހަކީ 1670 ވަނަ އަހަރުގެ މެއި މަހުގެ 30 ވީ ހުކުރު ދުވަހެވެ. މިތަނުގެ ފުރަތަމަ އެދުރަކީ ޢައްލާމާ އަޙްމަދު ޝިހާބުއްދީން ބޮޑު ނާއިބު އެދުރު ތަކުރުފާނެވެ. 1676 ގައި އަޙްމަދު ޝިހާބުއްދީން އަވަހާރަވުމުން އެތަނުގައި ދެން ކިޔަވައިދެއްވީ އަޙްމަދު ޝިހާބުއްދީނަށް ބޮޑުބޭބެ ވިދާޅުވާ މުޙައްމަދު ބިން ޙާއްޖު ޢަލީ ތުއްކަލާއާއި މަޙްމޫދު ފަނޑިޔާރުގެ ފުތް ސިރާޖުއްދީނާއެވެ. މި ސިރާޖުއްދީން ފޮނަދުއަށް ވަޑައިގެން އަދި މުޙައްމަދު ބިން ހާއްޖު އަލީ ތުއްކަލާ ދެއްވަދޫ ރަސްގެފާނުގެ ގޮތުގައި ރަސްކަމަށް އިސްވެ ވަޑައިގަތުމުން ދެން ކިޔަވައިދެއްވީ ހުސައިން އުއްތަމަ ފަނޑިޔާރު ތަކުރުފާނުގެ ދަރިކަލުން މުހައްމަދު ބޮޑު ފުތްތަކުރުފާނެވެ. މި ދުވަސްވަރު ދެއްވަދޫ ރަސްގެފާނު މި ތަނުން ކިޔަވާ ދަރިވަރުންނަށް މުސާރައެއް ހަމަޖެއްސަވައި ދަރިވަރުންނަށް ކިޔަވާނެ އަރަބި ފޮތް ހޯއްދަވައިދެއްވިއެވެ. މިއީ ރާއްޖޭގައި ކިޔަވާ ކުދީންނަށް މުސާރައެއް ދެއްވިކަން ތާރީހުން އެނގޭ ފުރަތަމަ ފަހަރެވެ. އަދި މި ރަދުން ހުކުރު މިސްކިތުގެ ދޮރޯށި އިތުރަށް ތަނަވަސް ކުރައްވައި އެދުރު ތަކުރުފާނަށާއި ދަރިވަރުންނަށް ގަނޑުވަރުން ފަރިއްކޮޅުގެ އިންތިޒާމު ވެސް ހަމަޖައްސަވައިދެއްވިއެވެ. މިއީ އިލްމަށް ވަރަށް ލޯބި ކުރެއްވި އިލްމުވެރި ރަސްކަލެކެވެ.

އިސްކަންދަރު ރަސްގެފާނު ދެވަނަ ފަހަރަށް ޙައްޖަށް ވަޑައިގަތީ ހިޖުރައިން 1093 ވަނަ އަހަރު ގެ މުހައްރަމް މަހުގެ 27 ވަނަ ދުވަހުގައެވެ. އެއީ 2 ޖެނުއަރީ 1682 ގައެވެ. މިދަތުރުގައި 2 ބޮޑު އޮޑިޔާއި 4 ނައު ރަދުން ގެންދެވިއެވެ.ރަސްކަމުގެ ކަންތައް ހަވާލު ކުރެއްވީ ދެއްވަދޫ މުޙައްމަދު ފަނޑިޔާރު ތަކުރުފާނު އާއެވެ. އެދަތުރުފުޅަށްފަހު އެނބުރި މާލެ ވަޑައިގަތީ އަނެއް އަހަރު ފިތުރު ޢީދު ވިލޭރޭ ގައެވެ. އެއީ 24 ސެޕްޓެމްބަރ 1682 ގައެވެ. އެއީ ދިވެހިރާއްޖެއަށް ދެޢީދު އެކުގައި އަހަރެކެވެ.

ދަންނަ ބޭކަލަކު ދިވެހިރާއްޖެ ދުރުވުން[އުނިއިތުރު ގެންނަވާ]

އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގެ ފަހުކޮޅުގައި ދުނިޔެއަށް މަޝްހޫރު ދަންނަ ބޭކަލަކު މާލެ ދުރުވިއެވެ. އެއީ އައްސައްޔިދު ޢަބުދުއް ރައްޒާޤުގެ ދަރިކަލުން ސައްޔިދު މުޙައްމަދު ޝަމްސުއްދީނު(ސުލްޠާން ސައްޔިދު މުޙައްމަދު ޝަމްސުއްދީނު) އެވެ. އެކަލޭގެފާނު ޢިލްމް އުގެނިލެއްވީ މިޞްރުގެ ޖާމިޢުލް އަޒްހަރު އިންނެވެ. އެކަލޭގެފާނު ގާދިރީ ޠަރީޤާ އަށް ވަނުމަށް މީހުންނަށް ގޮވާލަމުން އެތެރެވަރީގައި ކުރެއްވި ދަތުރެއްގައި މާލެ ވަޑައިގަތީ އެވެ. އޭނާ މާލެ ވަޑައިގަތީ 14 ރަބީއުލް އައްވަލް 1097 ގައެވެ. އެއީ މީލާދީން 29 ޖެނުއަރީ 1686 ގައެވެ.

އިސްކަންދަރު ރަސްގެފާނު ފަރާތުން ސައްޔިދު ކަލޭގެ ފާނު އަށް ލިބިވަޑައިގަތީ ވަރަށް ހޫނު ތަރުހީބެކެވެ. ރަދުންގެ ޚާއްޞަ އެދިވަޑައިގަތުމެއްގެ މަތީން ރާއްޖޭގެ ރައްޔިތުންގެ މެދުގައި ދީނުގެ ނުފޫޒު ފެތުރުމަށް އެކަލޭގެފާނު ފެއްޓެވިއެވެ. ނަމަވެސް ދުވަސްކޮޅެއްގެ ތެރޭގައި އެކަލޭގެފާނު އަމުރުތަކަށް ކިޔަމަންވުން ނުކުޅެދޭކަމަކަށް ދިވެހިންނަށް ވެއްޖެއެވެ. އެހެނީ އެކަލޭގެފާނުގެ އަމުރުތަކުގެ ތެރޭގައި ފިރިހެނުން ތުބުޅި ދިގުކުރުމާއި، އަންހެނުން މޫނު ބުރުގާ އެޅުން ހިމެނިގެން ވެއެވެ. ފަހު ނަތީޖާއަކީ ރަދުންނާއި ސައްޔިދު ކަލޭގެފާނާއި ދެމެދު ނުރަގަޅުވުމެވެ.

ފުރަތަމަ މަދަރުސާ[އުނިއިތުރު ގެންނަވާ]

ދިވެހިރާއްޖޭގައި ރަސްމީގޮތުން ފުރަތަމަ ފެއްޓެވި މަދަރުސާއަކީ އިސްކަންދަރު ރަސްގެފާނު މާލޭ ހުކުރު މިސްކިތުގެ ދޮރޯށީގައި ފެއްޓެވި މަދަރުސާއެވެ. މިގޮތުން ފެއްޓެވި މަދަރުސާ ކަމުގައި ބެލެވެނީ ކުރިން ބުނެވުނުހެން، ޙައްޖުން ވަޑައިގަތުމަށްފަހު ހުކުރު މިސްކިތުގެ ދެކުނު ދޮރޯށި ބިނާކުރައްވައި، އެތަނަށް ފިޤުހު ޢިލްމުވެރިއަކު ލައްވައި، ކުދީންނަށް ޤުރުއާން ކިޔަވައިދިނުމާއި، ފަރުޟު ޢިލްމު އުގަންނަވައި ދިނުމަށް ޙަވާލުކުރައްވި ކުރެއްވުމަށެވެ.

ބިނާތަކާއި، ހަދާންތައް[އުނިއިތުރު ގެންނަވާ]

އިސްކަންދަރު ސުކޫލް

މާލޭ މަޝްހޫރު ހުކުރު މިސްކިތް އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގައި އަލުން ބިނާކުރެވުނެވެ. އަދި ހުކުރު މިސްކިތުގެ ދެކުނު ދޮރޯށި ވެސް ބިނާކުރެއްވި އެވެ. މީގެ އިތުރުން ހުކުރު މިސްކިތުގެ މުންނާރު ބިނާކުރެއްވީ ވެސް މިރަަދުންނެވެ. މުންނާރު ބިނާކުރައްވައި ނިމުނީ ހިޖުރައިން 1085 ވަނަ އަހަރު އެވެ.

ހުކުރު މިސްކިތުގެ އިތުރުން ގަލޮޅު ބައު މިސްކިތް (ކުނޑިކޮއި މިސްކިތް) ވެސް ބިނާކުރެއްވީ އިސްކަންދަރު ރަސްގެފާނު އެވެ. މިމިސްކިތް ބިނާކުރެއްވީ މިރަދުންގެ ރަސްކަމުގެ 5 ވަނަ އަހަރު އެވެ. އެއީ ހިޖުރައިން 1063 ނުވަތަ މީލާދީން 1653 ގައެވެ. ސ.ގަމުގައި ހުރި މާމިސްކިތަށް ބޯގަ ދެއްވުމުގެ ގޮތުން މީލާދީން 1653 ގައި އިސްކަންދަރު ރަސްގެފާނު ދެއްވި ފިލާފަތްކޮޅެއް ވެއެވެ. މިއީ މަޝްހޫރު ގަމު ފިލާފަތްކޮޅެވެ. މިފިލާފަތްކޮޅު މިހާރު ބަހައްޓާފައިހުރީ ގައުމީ ދާރުލް އާޘާރު ގައެވެ.

މާލޭގައި ސަރުކާރުން ހައްދަވާފައިވާ ޕްރައިމަރީ ސުކޫލް ތަކުގެ ތެރެއިން އިސްކަންދަރު ސުކޫލް ނިސްބަތްވަނީ ވެސް އިސްކަންދަރު ރަސްގެފާނު އަށެވެ.

އަވަހާރަވުން[އުނިއިތުރު ގެންނަވާ]

އިސްކަންދަރު ރަސްގެފާނު ޒިޔާރަތް

އިސްކަންދަރު ރަސްގެފާނު އަވަހާރަވީ ހިޖުރައިން 1098 ވަނަ އަހަރު ރަބީޢުލް އާޚިރު މަހުގެ 15 ވީ ހުކުރު ވިލޭރޭ ގައެވެ. އެއީ މީލާދީން 28 ފެބުރުއަރީ 1687 ގައެވެ. ބައެއް ލިޔުން ތަކުގައި 18 ފެބުރުއަރީ 1687 ކަމަށް ލިޔެފައި ވެއެވެ. ރަސްކަން ކުރެއްވީ 39 އަހަރާއި، 6 މަސް ދުވަހު އެވެ. އަވަހާރަވީ ވިހައެއް ހިއްޕަވައިގެންކަމަށް ބުނެވެއެވެ. ފަސްދާނުވެޑުވުނީ ހުކުރު މިސްކިތުގެ ހަރިންމަ ތެރޭގައި ފަސްދާނު ވެޑުވުމަށް ތައްޔާރު ކުރައްވާފައި ހުރި ޒިޔާރަތުގައެވެ.

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ފަތްތޫރަ - އެޕްރީލް 1981 - ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު
  • ފަތްތޫރަ - ޖެނުއަރީ 1989 - ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު
  • ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުގެ ވެބްސައިޓް
  • ތަންގީހު ކުރެވުނު ދިވެހި ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން ދީދީ

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]

ކުރިން ހުންނެވީ:
ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (އެއްވަނަ)
ދިވެހިރާއްޖޭގެ ރަދުން
-
ފަހުން ވަޑައިގަތީ:<br./>ސުލްޠާން ކުޑަ މުޙައްމަދު