ސުލްޠާން ކުޑަ މުޙައްމަދު

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

ސުލްޠާން ކުޑަ މުޙައްމަދު ސުލްޠާން ކުޑަ މުޙައްމަދު އަކީ މީލާދީން 1687 ން 1691 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 1098 ން 1102 އަށެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 1098 ވަނަ އަހަރުއެވެ.

ވަނަވަރު[އުނިއިތުރު ގެންނަވާ]

  • ނަންފުޅު: އައްސުލްޠާން ކުޑަ މުޙައްމަދު
  • ކޮލީ ނަންފުޅު: ސިރީ މަނި ރަންނަލޯކަ މަހާ ރަދުން
  • އެހެނިހެން ނަންތައް: ކުޑަ މުޙައްމަދު ރަސްގެފާނު
  • ނިސްބަތްވާ ދަރިކޮޅު: އުތީމު ދަރިކޮޅު
  • ބައްޕާފުޅު: ސުލްޠާން އިބްރާހީމް އިސްކަންދަރު ނުވަތަ އިސްކަންދަރު ރަސްގެފާނު
  • މަންމާފުޅު: އެނދި މަރިޔަމް
  • ބޭފުޅުން:
  • ރަސްކަންކުރެއްވީ: 1098ހ - 1102ހ ( 1687މ - 1691މ ) މުއްދަތު:

ނަސަބު[އުނިއިތުރު ގެންނަވާ]

އައްސުލްޠާން ކުޑަ މުޙައްމަދު ސިރީ މަނި ރަންނަލޯކަ މަހާ ރަދުންނަކީ އައްސުލްޠާން އިބްރާހީމް އިސްކަންދަރު ރަސްގެފާނުންގެ ދަރިކަލެކެވެ. މިރަދުންގެ މަންމާ ފުޅަކީ އިސްކަންދަރު ރަސްގެފާނު ގެންގުޅުއްވި ޖާރިޔާ އެކެވެ. އޭނާގެ ނަމަކީ މަރިޔަމް އެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގެންނެވި އިރު އުމުރުފުޅަކީ އެންމެ 6 އަހަރެވެ.

އިސްކަންދަރު ރަސްގެފާނު އަށް ލިބިވަޑައިގަތީ އެންމެ ފިރިހެން ބޭފުޅެކެވެ. އެއީ ސުލްޠާން ކުޑަ މުޙައްމަދު އެވެ. އެދަރިކަލުންގެ މަންމާ ފުޅަކީ މާލިމީ ޙުސައިންގެ މަރިޔަމް އެވެ. އެއީ މަޝްހޫރު އެދިމަރިޔަމް އެވެ. ނުވަތަ މަރިޔަމް ކަނބާ އެވެ. އިސްކަންދަރު ރަސްގެފާނަށް ކުޑަ މުޙައްމަދު ލިބިވަޑައިގަތީ އުމުރުން 62 އަހަރުގައި 28 ރަޖަބު 1091 ވަނަ އަހަރު އެވެ. އެއީ މީލާދީން 15 އޮގަސްޓް 1680 ގައެވެ.

ރަސްކަމުގެ ދުވަސްވަރު[އުނިއިތުރު ގެންނަވާ]

އިސްކަންދަރު ރަސްގެފާނު އަވަހާރަވުމުގެ ކުރިން އުމުރުފުޅުން 6 އަހަރާއި 8 މަސްވީ އޭނާގެ ދަރިކަލުން 'މުޙައްމަދުއަށް ބައިއަތު ހިފުމަށް، ޢިލްމުވެރިންނާއި، ބޮޑުންނާއި، ޢަސްކަރުންގެ ކިބައިން އެދިވަޑައިގަތެވެ. އަދި އެބައިޢަތުގެ ހިފުމުގެ މަތީން އިސްކަންދަރު ރަސްގެފާނު އަވަހާރަވުމަށްފަހު، ރަސްކަމުގެ ތަޚްތަށް އައްސުލްޠާން ކުޑަ މުޙައްމަދު ސިރީ މަނި ރަންނަލޯކަ މަހާ ރަދުންގެ ނަންފުޅުގައި އިސްކުރެވުނެވެ.


އިސްކަންދަރު ރަސްގެފާނު އަވަހާރަވުމަށްފަހު، ދުވަސްކޮޅެއް ވަންދެން އޭނާގެ ހަގު ދަރިކަލުން ކުޑަ މުޙައްމަދު ވަރަށް ވަފާތެރިކަމާއެކު، އިސްކަންދަރު ރަސްގެފާނުންގެ ވަޒީރުން ބަލަހައްޓަމުން ގެންދިޔައެވެ. އެކަމަކު މާގިނަ ދުވަސްތަކެއް ނުވަނީސް އެތުއްޕުޅު ރަދުންގެ މަންމާގެ ވަރުގަދަ ނުފޫޒު ރަދުންގެ މައްޗަށް ފޯރުވާން ފަށައިފި އެވެ. ދިވެހިރާއްޖޭގައި ހުރި އެންމެ ބާރުވެރި ވެރިޔަކީ ކަނބާ މަރިޔަމް ކަމުގައި ވެއްޖެއެވެ. އިސް ވަޒީރަކަށް ހުންނެވި، އަލްވަޒީރު މުޙައްމަދު ފާމުލަދޭރި އިބްނި އަލްވަޒީރު ޙަސަން ފާށަނާއާއި، އޭނާގެ ބަފާ ކަލޭގެ ވެލާނާ ތަކުރުފާނު، އަރުވާލައްވައިފި އެވެ.

އިސް ވަޒީރު ކަމުގެ މަގާމަށް ކަނބާ އައްޔަންކުރެއްވީ އޭނާގެ ބޭބެ ޢަލީ އެވެ. އޭނާގެ ދެން ތިބި ދެބޭބެ އިބްރާހީމް އަށާއި، ޢީސާ އަށްވެސް ދެވަޒީރުކަން ދެއްވައިފި އެވެ.

އެދުވަސްވަރު ތެރޭގައި މާލެއަށް ޢާންމު ވަމުން ދިޔައީ ވަރަށް ބަދު އަޚްލާޤީ ޙަޔާތެކެވެ. އެކަމުގެ ސިއްރާއި އަޞްލެއް ކަމަށްވަނީ ކަނބާ މަރިޔަމްގެ ބަދު އަޚްލާޤީ ކަމެވެ. ދުވަސްކޮޅެއް ވީތަނާ، ވަރަށް އާދައިގެ މީހަކާއި ކައިވެނި ބައްލަވައިގެން، އޭނާއަށް ދޮށިމޭނާ ކަމަށް ކޮލިލައްވައިފި އެވެ. ކަނބާ މަރިޔަމްގެ ދޯދިޔާ ޢަމަލުތަކުގެ ނަތީޖާއެއްގެ ގޮތުން މާލޭގައި ތިބި ވަރަށް ގިނަ ރަގަޅު މީހުން މާލެ ދޫކޮށް ބޭރު ތަންތަނަށް ދިޔައެވެ. އެގޮތުން ރާއްޖެ ދޫކޮށްފައި ދިޔަ މީހުންގެ ތެރެއިން ޙަސަން ތާޖުއްދީނު ދިޔައީ މައްކާއަށެވެ. ޙަސަން ތާޖުއްދީނު ހިޖުރައިން 1102 ވަނަ އަހަރު، އެބުރި އައުމުން ލ.ގަމަށް އަރުވާލެވުނެވެ.

ހިޖުރައިން 1102 ވަނަ އަހަރުގެ ޖުމާދިލް އޫލާ މަހުގެ ތެރޭގައި އިންޑިޔާގެ ކަނޑު ފޭރޭ ބައެއްގެ ގުރާބު ތަކެއްގައި ތިލަދުންމައްޗަށް ގޮސް ވަރަށް ދުއްތުރާތައް ކުރިއެވެ. މިޚަބަރު ލިބުމުން މާލެއިން އޮޑިތަކެއް އެބައިމީހުންނަށް ދެކޮޅަށް ފުރައިފިއެވެ. މާލެއިން ދިޔަ އޮޑިތަކުގެ ރިޔާތައް ދެކެފައި، އިންޑިޔާއިން ދިޔަ މަލާބާރީންގެ މީހުން، އެބައިމީހުންގެ ގުރާބުތަކުގައި ފިލާ ރައްކާވެއްޖެއެވެ.

އެހަނގުރާމަ އިން ފަތަހަ ލިބިގެން އަންނަ އޮޑިތަކާއި ބައްދަލު ކުރެއްވުމަށް ކަނބާ މަރިޔަމް ކުޑަ މުޙައްމަދު ގޮވައިގެން ޚާއްޞަ އޮޑިކޮޅެއްގައި ފުރާވަޑައިގަތެވެ. އޮޑިކޮޅާއި، އޮޑިތައް ބައްދަލުވީ މާލެ އަތޮޅު ބޮޑު ބަޑޮސް ކައިރިންނެވެ. އެރޭ ހޭދަކުރެވުނީ އުފާ ފާޅުކުރުމުގައެވެ. އަނެއް ދުވަހު މާލޭއައުމަށް ފުރައިގެން އައިސް، ދޫނިދޫ އާއި ހަމަވިތަނާ ސަލާމްގެ ބަޑިތައް ޖަހާންފަށައިފި އެވެ. ކުއްލިއަކަށް ފެނުނީ ބަޑިޔަކުން ޖެހި އަލިފާން ކަންޏެއް އޮޑިކޮޅުގައި ހުރި ބަޑި ބޭސް ތަކެއްގައި ޖެހިފައި، ހުޅު ފަޅައިގެން ގޮސް، މުޅި އޮޑިކޮޅު ބުރަބުރައިގެން ދިޔަ ތަނެވެ. މިކަން ހިނގީ ޖުމާދިލް އޫލާ މަހުގެ 27 ވަނަ ދުވަހެވެ.


އަވަހާރަވުން[އުނިއިތުރު ގެންނަވާ]

އެހާދިސާ ހިނގުމަށްފަހު، ކަނބާ މަރިޔަމްގެ ހަށިކޮޅު ނުވެސް ފެނުނެވެ. ކުޑަ މުޙައްމަދު ރަސްގެފާނު އާއި، އެހެން މީހުން ފެނުނެވެ. ނަމަވެސް އެއެންމެން ލަސްތަކެއްނުވެ މަރުވީ ލިބުނު ގެއްލުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ކުޑަ މުޙައްމަދު ރަސްގެފާނު އަވަހާރަވީ ހިޖުރައިން 1102 ވަނަ އަހަރުގެ ޖުމާދިލް އާޚިރު މަހުގެ 4 ވަނަ ދުވަހު އެވެ. ބައެއް ލިޔުންތަކުގައި ކުޑަ މުޙައްމަދު ރަސްގެފާނު އަވަހާރަވީ ޖުމާދިލް އާޚިރުމަހުގެ 27 ވަނަ ދުވަހުގައި ކަމަށް ލިޔެފައި ވެއެވެ. އޭރު އޭނާގެ އުމުރު ފުޅުން އޮތީ 10 އަހަރާއި، 11 މަހާއި 6 ދުވަހަށެވެ.

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން
  • ފަތްތޫރަ - އެޕްރީލް 1981 - ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު
  • ފަތްތޫރަ - މެއި 1980 -ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު
  • ފަތްތޫރަ 134 - މެއި 1990 - ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]


ކުރިން ހުންނެވީ:
ސުލްޠާން އިބްރާހީމް އިސްކަންދަރު
ދިވެހިރާއްޖޭގެ ރަދުން
-
ފަހުން ވަޑައިގަތީ:<br./>ސުލްޠާން މުޙައްމަދު މުޙްޔިއްދީނު އަލްޢާދިލު