Jump to content

އިސްޓޭޖު ޑުރާމާ ނުވަތަ އިސްޓޭޖު ތަމްސީލު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ޑުރާމާގެ ތެރޭގައި އިސްޓޭޖު ޑުރާމާގެ އިތުރަށް ޓީ.ވީ އަށް ތައްޔާރުކުރާ ޑުރާމާއާއި ރޭޑިޔޯއަށް ތައްޔާރުކުރާ ޑުރާމާ ހިމެނެއެވެ. އުފެއްދުމަށް ބޭނުންވާ ފަންނީ ވަސީލަތްތަކުގައި ތަފާތުތަކެއް ވީނަމަވެސް މި އިން ކޮންމެ ވައްތަރެއްގެ ޑުރާމާއަކީވެސް އޭގައި އެއްގޮތް ސިފަތަކެއްވާ އެއްޗެކެވެ.

އަދަބިއްޔާތުގައި ހިމެނޭ ދިގުވާހަކައާއި ކުރުވާހަކަ ނުވަތަ ޅެން ފަދަ އެއްޗެއްސަކީ ކިޔުމަށް ލިޔާ އެއްޗެއްސަށް ވީނަމަވެސް ޑުރާމާއަކީ ޙަރަކާތާއިއެކު ކުޅުމަށް ލިޔާ އެއްޗެކެވެ. ޑުރާމާއެއްގައި ދެކެވޭވާހަކަ (ޑައެލޮގު) އާއި ޙަރަކާތް ހިމެނެނީ މި ސަބަބަށްޓަކައެވެ. މޫނުމައްޗަށް ގެންނަ ތަފާތު އަސަރުތައްވެސް ހިމެނެނީ ޙަރަކާތުގެ ތެރޭގައެވެ.

ޑުރާމާގެ އަދަބިއްޔާތަކީ ވަރަށް ދޮށީ އަދަބިއްޔާތެކެވެ. ދުނިޔޭގެ އަދަބިއްޔާތުގެ ތަރިކައިގެ ތެރޭގައި ހިމެނޭ އެންމެ ޤަދަރު ލިބިފައިވާ މަޝްހޫރު،މަޤުބޫލް އުފެއްދުން ތަކުގެތެރޭގައި ވަރަށް ގިނަ ޢަދަދެއްގެ ޑުރާމާ ހިމެނެއެވެ.

ޑުރާމާގެ ފަންނަކީ ވަރަށް ބޮޑަށް އެހެން މީހުންނަށް ބަރޯސާކުރަންޖެހޭ ފަންނެކެވެ. މިގޮތުން މޮޅު ޑުރާމާއެއް އުފަންވުމުގައި ތަމްސީލުކުރާމީހުންނާއި ތަމްސީލުކުރުވާމީހާ އަދި ފަރުމާކުރުންތެރިންގެ ދައުރު ވަރަށް ބޮޑުވާނެއެވެ. ލިޔުންތެރިޔާ ކިތަންމެ މޮޅަށް ޑުރާމާ ލިޔުނުކަމަށް ވިޔަސް ބެލުންތެރިންނާއި ހަމައަށް މޮޅު ޑުރާމާ އެއްގެ ގޮތުގައި ގެނެސްދެވޭނީ ޑުރާމާ ކުޅުމުގައި ބައިވެރިވާ ހުރިހާ ފަރާތްތަކެއްގެ ހުނަރުންނެވެ.


ޑުރާމާގެ ވައްތަރުތައް

[އުނިއިތުރު ގެންނަވާ]
ސިލްސިލާ ލިޔުންތަކުގެ ބައި

އަދަބިއްޔާތު

ދިވެހި އަދަބީ ތާރީހް

ޅަފަތުގެ ދައުރު

އެދުރު އުމަރު މާފަތް ކަލޭގެފާނު
ބަނޑޭރި ހަސަން މަނިކުފާނު

ފިރުކެންފެށި ދައުރު

ނައިބު ތުއްތު/ޖަމާލުއްދީން
ހުތް އަލީ ދީދީ
ހުސެއިން ޞަލާހުއްދީން

ހިނގައި ގަނެވުނުދައުރު

މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު
ބޮޑުފެންވަޅުގޭ ސީދީ
އިބްރާހިމް ޝިހާބް
މުޙައްމަދު ޖަމީލުދީދީ
އަހުމަދު ކާމިލް ދީދީ
މުހައްމަދު އިސްމާއިލް ދީދީ
އަބްދުއްﷲ ޖަލާލުއްދީން
ހުސެއިން ޞަލާހުއްދީން

ޢާއްމު ގޮތެއްގައި ޑުރާމާ ބެހެނީ މައިގަނޑު ދެބަޔަކަށެވެ. އެއީ ހިތާމަވެރި ޑުރާމާ (ޓްރެޖެޑީ) އާއި ހެއްވާ ޑުރާމާ (ކޮމެޑީ) އެވެ. ޑުރާމާ މި ދެބަޔަށް ބެހި ބަޔަކީ ބޯދާ ޔޫނާނީންނެވެ.

މީލާދީން ސާދަވަނަ ޤަރުނުން ފެށިގެން ޔޫރަޕަށް އައި ހޭލައިގަތުމުގެ ޒަމާނުގައި ޑުރާމާގެ ތަފާތު ވައްތަރުތައް އުފެދިގެން އައެވެ. މިގޮތުން އިނގިރޭސި އަދީބު ވިލިއަމް ޝެކްސްޕިޔަރު ތިން ބަޔަކަށް ޑުރާމާ ބަހާލިއެވެ. އެއީ ހިތާމަވެރި ޑުރާމާ އާއި ހެއްވާ ޑުރާމާ އަދި ތާރީޚީީ ޑުރާމާ (ހިސްޓްރީޒް) އެވެ. ހަމަ މިދުވަސްވަރު އިޓަލީވިލާތުގެ ޑުރާމާ ލިޔުންތެރީން، ހިތާމަވެރި ޑުރާމާ އާއި ހެއްވާ ޑުރާމާގެ ބައިތައް މަސްހުނިކޮށްގެން ހިތާމައާއި މަޖާ އެކުލެވޭ ޑުރާމާ (ޓްރެޖިކޮމެޑީ) އުފެއްދިއެވެ.

ހިތާމަވެރި ޑުރާމާ

[އުނިއިތުރު ގެންނަވާ]

މިއީ މުހިންމު އިޖްތިމާޢީ، ދީނީ ނުވަތަ މީހެއްގެ ދިރިއުޅުމުގެ މައްސަލައަކަށް ބިނާކޮށްފައި ހުންނަ ސީރިޔަސް ޑުރާމާއެވެ. މިވައްތަރުގެ ޑުރާމާގައި އޮންނާނީ ހިތާމަވެރި ނިމުމެކެވެ.

ބޯދާ ޔޫނާނީންގެ ހިތާމަވެރި ޑުރާމާތަކުގައި ބަތަލު ނުވަތަ ބަތަލާ ވާންޖެހެނީ ނަސަބާއި ހަސަބުގެ ގޮތުން އަރާހުރި ނުވަތަ މުޖުތަމަޢުގައި ކަމުވޮށި މީހަކަށެވެ. ޢާންމު ގޮތެއްގައި ބަތަލު ނުވަތަ ބަތަލާ އަކީ ޚުލްޤު ރަނގަޅު މީހެކެވެ. އަދި ރަނގަޅު ކަންތައްތައް ކުރާ، ކުރަން ބޭނުންވާ މީހެކެވެ. ނަމަވެސް ޑުރާމާ ނިމިގެންދަނީ ކުރެވޭ ކުށަކުން ނުވަތަ ތަޤުދީރު ނިޔާކުރި ގޮތުން ބަތަލު ނުވަތަ ބަތަލާ މަރުވެގެންނެވެެ. ނުވަތަ އޭނާއަށް މުޖުތަމަޢުގައި ލިބިހުރި ދަރަޖަ ބީވެގެންނެވެ.

ބޯދާ ޔޫނާނީންގެ ހިތާމަވެރި ޑުރާމާތަކާއި ޚިލާފަށް މިޒަމާނުގެ ހިތާމަވެރި ޑުރާމާ ތަކުގައި ބަތަލު ނުވަތަ ބަތަލާއަކީ އާދައިގެ އާންމު މީހެކެވެ. ވަރަށް ގިނަފަހަރަށް އެއީ މެދުފަންތީގެ މީހެކެވެ. ޑުރާމާއިން ދައްކުވައި ދޭނީ އިޖްތިމާޢީ، ނުވަތަ ދިރިއުޅުމުގެ މައްސަލައެކެވެ.


ހެއްވާ ޑުރާމާ

[އުނިއިތުރު ގެންނަވާ]

މިއީ މާބޮޑު ސީރިޔަސްކަމެއް ނެތް ލުއި ޑުރާމާއެވެ. ހިތާމަވެރި ޑުރާމާ އާއި ޚިލާފަށް މިވައްތަރުގެ ޑުރާމާގައި ނިމުން އުފާވެރިވާނެއެވެ. ބޯދާ ޔޫނާނީން މިވައްތަރުގެ ޑުރާމާ ކުޅުނީ މައްސަލައެއްގެ ހައްލުހޯދުމުގައި ބަޔަކު ނުވަތަ މީހަކު ކުރާކަންތައް ތަކެއްގައި ދިމާވާ މަޖާކަންތައްތައް ދައްކުވައި ދިނުމަށެވެ.

ހެއްވާ ޑުރާމާގެ އަދަބުގެ ތެރެއަށް ތަފާތު ވައްތަރުތަކުގެ ޑުރާމާ ވަނީ އުފަންވެފައެވެ. އޭގެ ތެރޭގައި ލޯބީގެ ޑުރާމާ (ރޮމޭންޓިކް)، އުޅުމާއި ގުޅުން ދައްކުވައިދޭ ޑުރާމާ (ޑުރާމާ އޮފް މެނަޒް)، މަލާމާތުގެ ޑުރާމާ (ސަޓަޔާރޒް) ހިމެނެއެވެ.

ލޯބީގެ ޑުރާމާގައި ތަފާތު މައްސަލަތައް ކުރިމަތިި ވަމުންދާ ލޯބީގެ ގުޅުމެއް ދައްކުވައި ދެއެވެ. ނަމަވެސް އެންމެ ފަހުން ނިމުން އަންނާނީ އުފާވެރި ކޮށެވެ.

އުޅުމާއި ގުޅުން ދައްކުވައިދޭ ޑުރާމާގައި ދައްކުވައިދެނީ މުޖުތަމަޢުގެ މަތީ ފަންތީގެ މީހުންގެ މެދުގައި އޮންނަ ގުޅުމާއި އުޅުމުގެ ހަމަތަކެވެ. އަދި އެ ގުޅުންތަކާއި ހަމަތަކަށް ސަމާލުކަން ނުދިނުމުން ދިމާވާ މައްސަލަތަކެވެ. ނަމަވެސް ޑުރާމާގައި ހެއްވާގޮތް ހުންނާނެއެވެ.

މަލާމާތުގެ ޑުރާމާގައި ހުންނާނީ ކޮންމެވެސް ބަޔަކަށް ހަޖޫ ކިޔާފައެވެ. ބޭނުމަކީ ކަމެއް ރަނގަޅުކުރުމެވެ. ނުވަތަ ލާބައަށްޓަކައި ކަމެއްވިޔަ ނުދިނުމެވެ.

ޑުރާމާ އެއްގެ މާނަ ދެނެގަތުމަށާއި ޑުރާމާއަކާއި ދޭތެރޭ ބެލުންތެރިޔާ ގަޔާވުމުގައި ޑުރާމާގައި ހިމެނޭ ބައެއް ކަންތައްތައް އެހީތެރިވެދީ ނުފޫޒު ފޯރުވައެވެ. މިގޮތުންް، ޑުރާމާގައި ދައްކުވައިދޭ ތަނާއި (ސެޓިން) ރޭވުންގަނޑުގެ އިތުރުން މުމައްޘިލުން ޝަޚްޞިއްޔަތުންނަށް ދިރުން ގެންނަ ގޮތާއި ޑުރާމާގެ މަޢުޟޫޢު އަދި ޑުރެމެޓިކް އައިރޮނީ" އަކީ ފާހަގަކުރެވޭ ކަންތައްތަކެވެ.

ޑުރާމާގެ ވެށި (އެންވައިރޮންމެންޓް ނުވަތަ ސެޓިން) ގެ ތެރޭގައި ހިމެނެނީ ޑުރާމާއަށް ޚާއްޞަކޮށް ފަރުމާކޮށްފައިވާ އިސްޓޭޖާއި އިސްޓޭޖު މަތީގައި ބޭނުންކުރާ ތަކެއްޗެެވެ. ބޭނުންކުރާ އިސްޓޭޖު ފަރުމާކޮށްފައިވާގޮތުގެ ސަބަބުން ޑުރާމާގައި ހިނގާ ޙާދިސާތަކާއި ދައްކުވައިދޭ ޒަމާން ބެލުންތެރީންނަށް ސާފުކޮށްދެއެވެ. ބެލުންތެރީންނަށް ޑުރާމާ ދޭހަވުމަށް އެހީއަކަށް ވެއެވެ.

ޑުރާމާގެ އޮނިގަނޑަކީ ޑުރާމާ ބައިކޮށްފައިވާ ގޮތެވެ. ޑުރާމާތައް ބައިކޮށްފައި ހުންނަނީ ފަރުދާ (އެކްޓް) އަށާއި މަންޒަރަށެވެ. ޑުރާމާގައި އޮންނާނެ ފަރުދާގެ ޢަދަދާއި މަންޒަރުގެ ޢަދަދު ކަނޑައަޅަނީ ޑުރާމާލިޔުންތެރިޔާއެވެ.

ގިނަ ފަހަރަށް ޑުރާމާގެ ރޭވުންގަނޑު އޮންނަނީ ކުރުވާހަކައެއް ނުވަތަ ނާވިލެއްގެ ރޭވުންގަނޑާއި ދާދި އެއްގޮތަށެވެ. ރޭވުންގަނޑުގައި ހިމެނެނީ ތަޢާރަފާއި މައްސަލަޖެހުން، މައްސަލައިގެ ކުންނު އަދި މައްސަލަ ހައްލުވުމެވެ. ޑުރާމާ ރާވާފައި އޮންނާނީ ކުރެހުމުގައިވާ ގޮތަށް، މަންޒަރުތައް ކުރިއަށް ދިޔަވަރަކަށް،ޑުރާމާ ފެށޭއިރު އުފައްދާ ޝައުޤުވެރިކަން މައްޗަށް ދާގޮތަށެވެ. އުފެދުނު މައްސަލަ އޭގެ ކުންނަށް ދިޔުމަށްފަހު މަޑުމަޑުން ޝައުޤުވެރިކަން ދަށަށްދާން ފަށައެވެ. އިސާހިތަކު މައްސަލަ ޙައްލުވެ، ޑުރާމާނިމެއެވެ.

ޝަޚްޞިއްޔަތުންނަށް ދިރުންގެނައުމަކީ މުމައްޘިލުންގެ ތަމްސީލުކުރުމުން ޝަޚްޞިއްޔަތުންގެ ސިފަތައް ދައްކުވައިދިނުމެވެ. ލިޔުންތެރިޔާ ކަރުދާހުގައި ގެނެސްދީފައިވާ ޝަޚްޞިއްޔަތު އިސްޓޭޖުމަތީގައި ބެލުންތެރިންނަށް ހުށަހަޅާގޮތް ޑުރާމާއެއް ތަހުލީލުކުރާއިރު ބެލުން މުހިންމެވެ. ޝަޚްޞިއްޔަތުގެ ސިފަތައް ދައްކުވައިދިނުމުގައި ބޭރުގެ ސިފަތަކާއި އެތެރޭގެ ސިފަތައް ދައްކުވައިދެއެވެ. ބޭރުގެ ސިފަތަކުގެ ތެރޭގައި ހިމެނޭނީ ޖިސްމާނީ ސިފަތަކެވެ. އެތެރޭގެ ސިފަތަކުގެ ތެރޭގައި ހިމެނޭނީ ނަފުސާނީ، ރޫޙީ ސިފަތަކެވެ. ވިސްނުމާއި އިޙްސާސްއާއި ޖަޒުބާތެވެ.

ޑުރާމާގައި އަދާކުރާ ދައުރުގެ ގޮތުން ޝަޚްޞިއްޔަތުން ތަފާތުވެއެވެ. ޝަޚްޞިއްޔަތުންގެ ތެރެއިން އިސްކޮށް ރަނގަޅަށް ހުންނާނީ ބަތަލު ނުވަތަ ބަތަލާއެވެ. ބަތަލު ނުވަތަ ބަތަލާއަށް މައްސަލަތައް ކުރިމަތި ކުރުވާނީ ނުބައި ޝަޚްޞިއްޔަތެވެ. މީގެ އިތުރުން އެހީތެރިވާ ޝަޚްޞިއްޔަތުން (ނުވަތަ ސްޓޮކު ކަރެކްޓާޒް) އުޅެއެވެ. އެއީ ބަތަލު ނުވަތަ ބަތަލާގެ އެކުވެރިންނާއި ނުބައި ޝަޚްޞިއްޔަތުގެ ބައިވެރިންނެވެ. އަދި މިނޫނަސް މައިގަނޑު ދައުރެއް އަދާނުކުރާ ޝަޚްޞިއްޔަތުންނަކީ އެހީތެރިވާ ޝަޚްޞިއްޔަތުންނެވެ.

ޑުރާމާގެ މަޢުޟޫޢު އަކީ ބެލުންތެރިންނަށް ޑުރާމާލިޔުންތެރިޔާ ދޭ މެސެޖެވެ. ޑުރެމެޓިކް އައިރޮނީ އަކީ ބެލުންތެރިންނަށް އެނގޭ ޙަޤީޤަތެއް ޑުރާމާގެ ޝަޚްޞިއްޔަތަކަށް ނޭނގި އޮތުމެވެ. ނުވަތަ ބެލުންތެރިންނަށް އެނގިފައި އޮތްގޮތާއި ދިމާއިދިކޮޅަށް ޑުރާމާގެ ޝަޚްޞިއްޔަތަކަށް އެނގިފައި އޮތުމެވެ.

މިސާލަކަށް؛ އިޑިޕަސް ޑުރާމާގައި، ލައިއޯސްގެެ ޤާތިލަށް އިޑިޕަސް ބަދު ދުޢާކުރެއެވެ. ޙަޤީޤަތަކީ ލައިއޯސްގެ ޤާތިލަކީ، ޚުދު އިޑިޕަސްއަށް ވާކަމެވެ. ނޭނގިހުރެ އަމިއްލަ ނަފުސަށް ބަދުދުޢާކުރެވުނީ އެވެ.

ޑުރާމާގެ މަޤުޞަދު

[އުނިއިތުރު ގެންނަވާ]

ރޫމީންގެ ލިޔުންތެރިޔާ ހޮރޭސް އަދަބިއްޔާތާއި މެދު ޚާއްސަކޮށް ޑުރާމާއާއި މެދު ބުނެފައިވަނީ ޑުރާމާގެ ބޭނުމަކީ ހިތްހަމަޖައްސައި ދިނުމާއި އިރުޝާދު ދިނުންކަމަށެވެ. މިއަދާހަމައަށްވެސް ޑުރާމާއާދޭތެރޭ ބެލެވެނީ ހޮރޭސް ބުނެފައިވާ ގޮތަށެވެ.

ޑުރާމާ ބިނާވާ ބައިތައް

[އުނިއިތުރު ގެންނަވާ]

ޑުރާމާއެއް ބިނާވަނީ ވިޔުންގަނޑު (ޕުލޮޓް)، ޝަޚްޞިއްޔަތުން (ކަރެކްޓާޒް)، ޙަރަކާތް (އެކްޝަން) އަދި ދެކެވޭވާހަކަ (ޑައެލޮގު) ގެ މައްޗަށެވެ. ހ. ވިޔުންގަނޑު: ވާހަކައިގެ ވިޔުންގަނޑެކޭ އެއްގޮތަށް ޑުރާމާގެ ވިޔުންގަނޑުވެސް އެކުލެވެނީ މައްސަލަޖެހުމާއި، މައްސަލަ ހައްލުވުމާއި ނިމުމުގެ މައްޗަށެވެ. ޑުރާމާގެ ވާހަކަގައި އޮންނަ މައްސަލަ އޮންނާނީ ކުރިއަށް ދިޔަވަރަކަށް ބެލުންތެރިންގެ ޝަޤުވެރިކަން މައްޗަށްދާގޮތަށެވެ. ވިޔުންގަނޑުގައި ހިމެނޭ ޙާދިސާތައް ކުރިއަށް ދާނީ އެއް ޙާދިސާއާއާއި އަނެއް ޙާދިސާ ގުޅެމުންނެވެ. ށ. ޝަޚްޞިއްޔަތުން: ބެލުންތެރިންނަށް އިސްޓޭޖުމަތީގައި ޑުރާމާ ހުށަހަޅައިދޭ ބަޔަކީ ޝަޚްޞިއްޔަތުންނެވެ. ފުންކޮށް ތަރައްޤީކޮށްފައިވާ ފުރިހަމަ ޝަޚްޞިއްޔަތުން ޑުރާމާގައި ހިމަނަންޖެހޭނެއެވެ. ޝަޚްޞިއްޔަތުންގެ ޙަރަކާތްތައް ވާންޖެހޭނީ ބުއްދިއަށް ޤަބޫލްކުރެވޭ ފަދަ ޙަޤީޤަތާއި އެއްގޮތް ޙަރަކާތްތަކަކަށެވެ. ނ. ހަރަކާތް: ޝަޚްޞިއްޔަތުންގެ ޙަރަކާތުން އެއީ ކޮންކަހަލަ ބައެއްކަން ބެލުންތެރިންނަށް ހާމަވާންޖެހޭނެއެވެ. ރ: ދެކެވޭވާހަކަ: ޑުރާމާގެ ވާހަކަ ކުރިއަށް ގެންދިޔުމުގައި ދެކޭވޭވާހަކައަކީ އެންމެ މުހިންމު ބައެވެ. ދެކެވޭވާހަކައިން ޑުރާމާގައި ހިމެނޭ މީހުންގެ އެތެރެއާއި ބޭރުފުށުގެ ސިފަތަށް ހާމަވާނެއެވެ. ޝަޚްޞިއްޔަތުންނާއި ގުޅޭގޮތަށް، ޝަޚްޞިއްޔަތުންގައި ހުންނަ ސިފަތައް ދައްކުވައިދޭ ގޮތަށް ދެކެވޭވާހަކަ ލިޔުން މުހިންމެވެ.


ދިވެހި ޑްރާމާ

[އުނިއިތުރު ގެންނަވާ]

ދިވެހި ބަހުން އެންމެ ފުރަތަމަ ޑުރާމާއެއް ލިޔުއްވައި ތަމްސީލުކުރުވީ މުހަންމަދު އަމީން ދީދީ ކަމަށް ވެއެވެ. ދިވެހި ފުރަތަމަ ޑުރާމާގެ ނަމަކީ ފުރިފައި ހުރިއެއްޗެއް ގުޑުގުޑެއް ނާޅާނެއެވެ. މި ޑުރާމާ ތަމްސީލުކުރީ ދާރުލްޢިޤާމާގައި ކިޔަވަންތިބި ދަރިވަރުންނެވެ. މުހަންމަދު އަމީން ހައެއްކަ ޑުރާމާ ލިޔުއްވާފައި ވެއެވެ. މުޙަންމަދު އަމީން ދީދީއަށް ފަހު މުޙަންމަދު ޖަމީލް ދީދީއާއި ސިނަފް އަކީ ދިވެހި އަދަބުގައި ފާހަގަކޮށްލެވޭ ޑުރާމާ ލިޔުންތެރި އަދީބުންނެވެ.

އަމީނީ ދައުރަށްފަހު ދިވެހި އަދަބަށް އައި ޚަރީފު ދުވަސްތަކަށް ފަހު، ފަސްދޮޅަހުގެ އަހަރުތަކުގައި ދިވެހި ޑުރާމާގެ އެންމެ ފާހަގަކުރެވޭ ޑުރާމާލިޔުން ތެރިޔަކީ ސިނަފްއެވެ. ފަހަކަށް އައިސް ފާހަގަކުރެވުނު ދިވެހި ޑުރާމާއެއްގެ ގޮތުގައި މުންކޮގެ މިއާއޯ ޑުރާމާ ހިމެނޭނެއެވެ.


އިޖްތިމާޢީ ޑުރާމާ

[އުނިއިތުރު ގެންނަވާ]

އަދަބިއްޔާތަކީ އެއަށް ޒަމާނުގެ އަސަރުކުރާ، ބަދަލުވަމުންދާ އެއްޗެއްކަމުން ޑުރާމާގެ ފަންނަށްވެސް ބަދަލު އަންނަމުންދެއެވެ. މިގޮތުން މުޖުތަމަޢުގެ މައްސަލަތަކާއި ދިރިއުޅުން ވީހާވެސް ޙަޤީޤަތާއި އެއްގޮތަށް ތެދުވެރިކަމާއި އެކު ހުށަހެޅުމުގެ ޝައުޤުވެރިކަން ޔޫރަޕްގެ ޑުރާމާލިޔުންތެރީންގެ ހިތުގައި މީލާދީން ނަވާރަ ވަނަ ޤަރުނުގެ މެދުތެރޭގައި އުފެދުނެވެ. މި ޝައުގުވެރިކަމުގެ ނަތީޖާ އަކަށްވީ ރިއަލިޒަމް އުފެދިގެން އައުމެވެ. އަދަބާއި ފަންނުގައި ރިއަލިޒަމޭ ބުނެވެނީ އިންސާނާގެ ދިރިއުޅުމާއި މުޖުތަމަޢު، އުނިއިތުރު ކުރުމެއްނެތި ޙަޤީޤަތާއި އެއްގޮތަށް ގެނެސްދިނުމަށެވެ. ރިއަލިޒަމާއި އެކު މުޖުތަމަޢުގެ މައްސަލަތައް ދައްކުވައިދޭ، އިޖްތިމާޢީ ޑުރާމާ (ސޯޝަލް ޑުރާމާ) އުފެދިގެން އައެވެ.

މުޖުތަމަޢުގެ މައްސަލަތައް ދައްކުވައިދޭ، އިޖްތިމާޢީ ޑުރާމާގެ އެންމެ އަރާހުރި ޑުރާމާލިޔުންތެރިންގެ ތެރޭގައި ނޯވޭގެ ހެންރިކް އިބްސެން ހިމެނެއެވެ. ހެންރިކް އިބްސެންގެ ޑުރާމާތަކާއި އެކު މިޒަމާނުގެ ތިއޭޓަރ ނުވަތަ ޑުރާމާގެ ފަންނު އުފެދިގެން އައި ކަމަށް ބެލިދާނެއެވެ. އެހެނީ، ޙަޤީޤަތާއި އެއްގޮތް އިޖްތިމާޢީ ޑުރާމާތަކުގެ މަގުބޫލުކަން އިތުރުވެ، ޑުރާމާގެ މި އުސްލޫބު ޔޫރަޕްގެ ޑުރާމާލިޔުންތެރިން އިބްސެން އަށްފަހު ނަކަލުކުރަން ފެށިއެވެ. އެއާއި އެކު ޑުރާމާލިޔުންތެރީންގެ އައު ޖީލެއް ޔޫރަޕްގައި އުފެދުނެވެ.

ޙަޤީޤަތާއި އެއްގޮތް އަދަބިއްޔާތުގެ ޙަރަކާތަށް (ނުވަތަ ރިއަލިޒަމަށް) ފަހުވެސް އަދަބިއްޔާތުގެ ތަފާތު ޙަރަކާތްތައް ތަޢާރަފްވަމުން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން ޑްރާމާގެ އަދަބުވެސް ތަފާތުވަމުން ދިޔައެވެ.

ޑުރާމާ ލިޔުމަށް އެހީއެއް

[އުނިއިތުރު ގެންނަވާ]

ލިޔަން ފެށުމުގެ ކުރީން ލިޔާނެގޮތް ރާވާށެވެ. ލިޔާނެގޮތް ރާވައި ޚިޔާލު އުފެއްދުމަށްޓަކައި ތިރީގައި މިވާ ސުވާލުތައް އުފައްދައި އެއަށް ޖަވާބު ހޯދާށެވެ. ހ. މައިގަނޑު ޝަޙްޞިއްޔަތަކީ ކާކުހެއްޔެވެ؟ ށ. އޭނާ ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟ ނ. އޭނާ ބޭނުންވާ ކަންތައް ހޯދައި ގަތުމުގައި ދިމާވި ތުރާލަކީ ކޮބައި ހެއްޔެވެ؟ ރ. އޭނާ ބޭނުންވާ ކަންތައް ހޯދައި ގަތުމަށް ބޭނުންކުރާ އުކުޅަކީ ނުވަތަ ވަސީލަތަކީ ކޮބައިހެއްޔެވެ؟ ބ. ބޭނުންވާ ކަންތައް ހޯދައި ގަތުމުގައި އޭނާ ކާމިޔާބު ހޯދާހެއްޔެވެ؟ ޅ. ދިމާވި ތުރާތައް ހައްލުކުރުމުގައި ދިމާވި ދަތިތަކުގެ ސަބަބުން އޭނާގެ ދިރިއުޅުން ބަދަލުވީ ކިހިނެއްހެއްޔެވެ؟

ފިޔަވަޅު 1 ލިޔަން ގަސްތުކުރާ ޑުރާމާގެ އަމާޒަކީ ކޮބައިހެއްޔެވެ؟ ކޮންމެ ވާހަކައެއްވެސް ކިޔައިދޭންޖެހޭ ސަބަބެއް އޮންނާނެއެވެ. ކަލޭގެ ވާހަކަ ކިޔައިދޭން ޖެހޭ ސަބަބަކީ ކޮބައި ހެއްޔެވެ؟

މިސާލަކަށް: ކަލޭ ލިޔަން ގަސްތުކުރާ ޑުރާމާއިން ދައްކުވައިދޭން ބޭނުންވަނީ ފުރާ ޢުމުރުގެ ޔަތީމު ދެކުދިންގެ ދިރި އުޅުމުގައި ދިމާވާ ދަތި އުނދަގޫތަކެވެ.

ފިޔަވަޅު 2 ފިޔަވަޅު 1 ގައި ދީފައިވާ މިސާލުގައި އެވާ ޚިޔާލު އިތުރަށް ފުޅާކުރާށެވެ. މިފަހަރު ވިޔުންގަނޑުގެ ޚުލާޞާއެާއެް ލިޔެލާށެވެ. ޚުލާޞާގައި ފެށުމެއް، މައިގަނޑެއް، އަދި ނިމުމެއް ގެންނަން ވާނެއެވެ.

މިސާލަކަށް: ކަލޭ ލިޔަން ގަސްތުކުރީ ފުރާޢުމުރުގެ ޔަތީމުކުއްޖެއްގެ ޙަޔާތުން ދުވަހެކެވެ. އެ ދުވަހަކީ އޭނާގެ ބަލި ކޮއްކޮއަށް ބޭނުންވާ މުހިންމު ބޭހެއް ގަތުމަށް ބޭނުންވާ ފައިސާ ހޯދުމަށް މަޖުބޫރުވެގެން، އޭނާ ފިހާރަޔަކުން ވައްކަންކުރި ދުވަހެކެވެ. ފިހާރައިން ވައްކަންކޮށްގެން ނުކުންނަނިކޮށް ފިހާރައިގެ ފާރަވެރިން އޭނާ ހިފަހައްޓައި ފުލުހުންނާއި ޙަވާލުކުރެއެވެ.

ފިޔަވަޅު 3 ތިޔަ ލިޔުނު ލިޔުމުން މިބުނާ ބައިތައް ފާހަގަކުރާށެވެ. i. މަޢުޟޫޢު ii. ޙާދިސާ ހިނގާތަން (ޑުރާމާގެ ވެށި) iii. ޝަޚްޞިއްޔަތުން iv. ވިޔުންގަނޑު

މިސާލަކަށް: ކަލޭ ލިޔަން ތިޔަ ފެށި ޑުރާމާއިން ދައްކުވައިދެނީ ފުރާޢުމުރުގެ ޔަތީމު ދެކުދީންގެ ދަތި ދިރިއުޅުމެވެ. (ޔަތީމު ދެކުދީންގެ ދަތި ދިރިއުޅުން؛ މިއީ މަޢުޟޫޢު އެވެ.) ކަލޭ އެ ދެބެންގެ ދިރިއުޅުން ދައްކުވައިދެނީ ދޮށީ ކުއްޖާގެ ޙަޔާތުން އެއް ދުވަސް ހުށަހަޅައިގެންނެވެ. (ދޮށީ ކުއްޖާއަކީ މައި ޝަޚްޞިއްޔަތެވެ.) ވާހަކައިގައި އުޅޭ އިތުރު މީހުންނަކީ، ކޮއްކޮ، ޑަކުޓަރު، ފިހާރައިގެ ފާރަވެރިން، ފުލުހުންނެވެ. (މިއީ އެހީތެރިވާ ޝަޚްޞިއްޔަތުންނެވެ.) ހާދިސާތައް ހިނގަނީ ކުލިނިކެއްގެ ތެރޭގައާއި ފިހާރައެއްގައި، އަދި ފުލުސް އޮފީހުގައެވެ. (މިއީ ޑުރާމާގެ ވެއްޓެވެ.) ޙާދިސާތައް ގުޅެމުން ދިޔުމަކީ ވިޔުންގަނޑެވެ.

ފިޔަވަޅު 4 ކަލެޔަށް މިހާރު ތިޔަ އޮތީ ރަނގަޅަށް ލިޔަން ފަށައިގަނެވިފައެވެ. ވިޔުންގަނޑުގައި ހިމެނޭ ޙާދިސާތައް ހިނގާނެ ގޮތް ތަރުތީބުކުރާށެވެ. މިގޮތުން ހިނގާނީ ކޮން ޙާދިސާތަކެއްކަން ކަނޑައަޅާށެވެ. އެ ޙާދިސާތައް ހިނގާނީ ކިހިނެއްކަމާއި ކޮންއިރަކުކަންވެސް ކަނޑައަޅާށެވެ.

ޝަޚްޞިއްޔަތުން ބޭނުންކޮށްގެން ވާހަކަ ކުރިއަށް ގެންދާށެވެ. ޝަޚްޞިއްޔަތުންތައް ތަރައްޤީކުރާށެވެ. ޑުރާމާ ކިޔާމީހާއަށް އެއީ ކޮންބައެއްކަން އެނގޭވަރަށް އެމީހުންގެ މިޒާޖާއި އިތުރު ސިފަތައް ހުށަހަޅާށެވެ.

ލިޔަމުން ދާއިރު ދެކެވޭވާހަކަ އަށް ސަމާލުކަން ދޭށެވެ. މޮޅު، ފިޠުރީގޮތްހުރި ދެކެވޭވާހަކައެއް ލިޔުން އެއީ ޑުރާމާލިޔުންތެރިނަށް ކުރިމަތިވާ އެންމެބޮޑު ގޮންޖެހުމެވެ. ކުރިންވެސް ބުނިފަދައިން ޑުރާމާގެ ވާހަކަ ކުރިއަށް ގެންދާނީ ޝަޚްޞިއްޔަތުން ބޭނުންކޮށްގެންނެވެ. ވީމާ ދެކެވޭވާހަކަޔަކީ މުހިންމުބައެކެވެ. މީގެ އިތުރަށް އިސްޓޭޖުގެ މަންޒަރުތައްވެސް ޑުރާމާގެ ވާހަކަ ކުރިއަށް ގެންދިޔުމުގައި މުހިންމެވެ. ސަބަބަކީ އިސްޓޭޖު މަންޒަރުތަކުން ވަރަށްގިނަ ކަންތައްތައް ދޭހަވާނެތީއެވެ.

ފިޔަވަޅު 5 ލިޔުނު ޑުރާމާ ފާޑުކިޔުމުގެ ނަޒަރަކުން ކިޔާށެވެ. އެއަށްފަހު ތިރީގައި މިވާ ސުވާލުތައްކުރާށެވެ. i. ޑުރާމާގެ ފެށުން އޮތީ ބެލުންތެރިން ޝައުޤުވެރިވާ ގޮތަށް ހެއްޔެވެ؟ ii. ވާހަކަ ރަނގަޅަށް ކިޔައިދެވުނު ހެއްޔެވެ؟ ބެލުންތެރިންނަށް ވާހަކަ ރަނގަޅަށް ދޭހަވާނެހެން ހީވޭ ހެއްޔެވެ؟ iii. މަންޒަރުތައް ރަނގަޅަށް ގެނެސްދެވިފައިިވޭ ހެއްޔެވެ؟ ޝަޚްޞިއްޔަތުން ރަގަޅަށް ހުށަހެޅިފައި ވޭހެއްޔެވެ؟ iv. ނިމެންދެން ޝައުޤުވެރިކަން ހިފެހެއްޓިފައިވޭހެއްޔެވެ؟ v. ޑުރާމާގައި ވާ މައްސަލަ ކޮޅެއްގައި ޖައްސާ ނިންމުނު ހެއްޔެވެ؟

ހިތްހަމަނުޖެހޭނަމަ އަލުން ލިޔާށެވެ. ޝަޚްޞިއްޔަތެއް އުނިކުރުމުން ނުވަތަ އިތުރުކުރުމުން ފުރިހަމަވާނެހެން ހީވާނަމަ އެގޮތަށް ކަންތައްކުރާށެވެ.

[ކަވާސާ.ކޮމް] ގައި ޢަލީ އިސްމާޢީލް ލިޔުއްވާފައިވާ ލިޔުމެއް