Jump to content

އިލްޔާސް ޙުސައިން

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
އިލްޔާސް ޙުސައިން
އިލްޔާސް ޙުސައިން
އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ މެންބަރު
މަޤާމާ ހަވާލުވެވަޑައިގަތީ
29 މާރިޗު 2023
މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމުގެ އިމާމު
މަޤާމުގައި
2009–2014
އައްޑުއަތޮޅު ހިތަދޫ މަދްރަސަތުލްއިސްލާމިއްޔާގެ އިސްލާމް މުދައްރިސްކަން
މަޤާމުގައި
1993–2007
ސިޔާސީ ޕާޓީޢަދާލަތު ޕާޓީ
މަތީތަޢުލީމުޑާބީލް އިސްލާމިކް ޔުނިވަރސިޓީ (އިންޑިއާ)
އިސްލާމިކް ޔުނިވަރސިޓީ އޮފް މަދީނާ
އަލްމަދީނާ އިންޓަރނޭޝަނަލް ޔުނިވަރސިޓީ މެލޭޝިޔާ
އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ
އިނާމުތައްއިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި ދީނަށް ޚިދުމަތްކުރުމާއި ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން؛ ދީނީ ރޮނގުން ޚިދުމަތްކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު - 2022

ޑރ. އިލްޔާސް ޙުސައިން ތަޢުލީމު ޙާޞިލުކުރެއްވުމަށް އިންޑިއާއަށް ވަޑައިގަތީ ޢުމުރުން އެންމެ 9 އަހަރުގައެވެ. ކީރިތި ޤުރްއާން ހިތުދަސްކުރައްވައި ނިންމެވީ 1979ވަނަ އަހަރު އިންޑިއާގެ ގުޖުރާތުގެ މަޓްލީވާލާ ޕަބްލިކް ސްކޫލުގެ ދާރުލްޢުލޫމް ފެކަލްޓީންނެވެ. އެއަށްފަހު 1982ވަނަ އަހަރު އިންޑިއާގެ ޑާބީލް އިސްލާމިކް ޔުނިވަރސިޓީ އިން މަތީ ޘާނަވީ ސެޓްފިކެޓް ޙާޞިލުކުރެއްވިއެވެ. އަދި 1987ވަނަ އަހަރު ހަމަ އެ ޔުނިވަރސިޓީއިން އިސްލާމިކް ސްޓަޑީސް އެންޑް ލޯއިން ޑިގްރީ ފުރިހަމަކުރެއްވިއެވެ. އެއަށްފަހު 1993ވަނަ އަހަރު ސަޢޫދީ ޢަރަބިއްޔާގެ އަލްމަދީނަތުލް މުނައްވަރާގައި ހުންނަ އަލްޖާމިޢަތުލްއިސްލާމިއްޔާ (މަދީނާ އިސްލާމިކް ޔުނިވަރސިޓީ) ގެ ކުއްލިއްޔަތުލްޤުރްއާން ވައްދިރާސާތުލްއިސްލާމިއްޔާއިން އިން ޤުރްއާނުގެ ޢިލްމުން ދެވަނަ ޑިގްރީ ޙާޞިލުކުރެއްވިއެވެ. 2016 ވަނަ އަހަރު މެލޭޝިޔާގެ އަލްމަދީނާ އިންޓަރނޭޝަނަލް ޔުނިވަރސިޓީން މާސްޓަރސް އިން ދަޢުވާ ޙާޞިލުކުރެއްވިއެވެ. ޕީއެޗްޑީ ޙާޞިލުކުރެއްވީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީންނެވެ.

ޑރ. އިލްޔާސް ޙުސައިން ކިޔަވައި ވިދާޅުވެގެން 1993 ވަނަ އަހަރުގެ ތެރޭގައި ރާއްޖެއަށް ވަޑައިގެން، ހިތަދޫގެ މަދްރަސަތުލްއިސްލާމިއްޔާގެ އިސްލާމް މުދައްރިސެއްގެ ގޮތުގައި ޚިދުމަތް ކުރައްވަން ފެށްޓެވިއެވެ. ކިޔަވައިދެއްވުމުގެ އިތުރުން، ދީނީ ދަޢުވާގެ ޕުރޮގްރާމުތައް ވެސް އޭރު ކުރިއަށް ގެންދެވިއެވެ. 2007ވަނަ އަހަރާ ހަމައަށް އެ މަޤާމު އަދާކުރެއްވިއެވެ. 2009ވަނަ އަހަރުން ފެށިގެން 2014ވަނަ އަހަރާ ހަމައަށް ހުންނެވީ މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމް (އިސްލާމީ މަރުކަޒު) އިމާމެއްގެ މަޤާމުގައެވެ. ޑރ. އިލްޔާސް ޙުސައިން މިހާރު ހުންނެވީ ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުކަމުގައެވެ. މި މަޤާމަށް ޢައްޔަންކުރެއްވީ 2023 މާރިޗު 29ވަނަ ދުވަހުއެވެ.

2010ވަނަ އަހަރުން ފެށިގެން 2014ވަނަ އަހަރާ ހަމަޔަށް ދިވެހިރާއްޖޭގެ އިސްލާމީ ފިޤްހު އެކެޑަމީގެ މެންބަރުކަން ވެސް ޑރ. އިލްޔާސް ޙުސައިން އަދާކުރައްވައިފައިވެއެވެ.

ޑރ. އިލްޔާސް ޙުސައިނަކީ، އިމާމުވެ ހުކުރުނަމާދާއި ޢީދުނަމާދު ކުރައްވާ، އަދި ނުބައްލަވާ ޚުޠުބާ ވިދާޅުވުމުގެ ހުއްދަ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދެއްވައިފައިވާ މަދު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް ވެސް މެއެވެ.

ޑރ. އިލްޔާސް ޙުސައިން ވަނީ މައްކާގެ ޙަރަމްފުޅުގައި ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ ކިންގް ޢަބްދުލްޢަޒީޒް އިންޓަރނޭޝަނަލް ޤުރްއާން މުބާރާތުގެ ފަނޑިޔާރުކަން 1441ވަނަ އަހަރު ކުރައްވައިފައިވާ ބޭފުޅެކެވެ. އެ މުބާރާތަކީ އިސްލާމީ ޤައުމުތަކުގެ ތެރެއިން 103 ޤައުމު ތަމްސީލުކުރި މުބާރާތެކެވެ.

ޑރ. އިލްޔާސް ޙުސައިނަށް 2022ވަނަ އަހަރު ވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހިތްވަރުދިނުމުގެ ޤައުމީ އިނާމު އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި ދީނަށް ޚިދުމަތްކުރުމާއި ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން؛ ދީނީރޮނގުން ޚިދުމަތްކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން ލިބިވަޑައިގެންފައެވެ.