Jump to content

އިނގިރޭސިވިލާތް

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

އިނގިރޭސިވިލާތަކީ އެއްކޮށްލެވިފައިވާ ވިރާޘީ ރަސްކަމެއްގެ ދަށުގައި އޮންނަ ޤައުމެކެވެ. ޤައުމުގެ އިމުގެ ގޮތުން އިނގުރޭސިވިލާތް އުތުރުން ސްކޮޓްލޭންޑްސްއާއި އަދި ހުޅަނގުން ވޭލްސްއާއި ގުޅެއެވެ. އިނގިރޭސިވިލާތުގެ ހުޅަނގު ދެކުނުން ސެލްޓިކް ކަނޑު އޮންނައިރު އެޤައުމުގެ ހުޅަނގު އުތުރުން އޮންނަނީ އައިރިޝް ކަނޑެވެ. ނޯތް ކަނޑުވަނީ އިނގިރޭސިވިލާތުގެ އިރުމަތީ ފަރާތުގައެވެ. އަދި ދެކުނުގައި އޮންނަ އިނގިރޭސި ޗެނަލްގެ ސަބަބުން އެޤައުމު ކޮންޓިނެންޓަލް ޔޫރަޕުން ވަކިކޮށްދެއެވެ. އުރުތު އެޓްލާންޓިކްގެ ރަށެއްކަމަށްވާ ގްރޭޓް ބްރިޓެންގެ މެދުތެރެއާއި ދެކުނުފަރާތުގެ ބޮޑުބަޔަކީ އިނގިރޭސިވިލާތުގެ ތެރޭގައި ހިމެނޭ ބައެކެވެ. މީގެ އިތުރުންވެސް އިނގިރޭސިވިލާތުގެ ބިމުގެ ބައެއްގެ ގޮތުގައި ސަތޭކައަށް ވުރެ ގިނަ ރަށްތައް ހިމެނޭއިރު މީގެ ތެރޭގައި އައިސްލް އޮފް ވައިޓް އަދި އައިސްލްސް އޮފް ސްކިލީ ފާހަނގަކުރެވެއެވެ.

އިނގިރޭސިވިލާތްކަމުގައި މިހާރުބެލެވޭ ސަރަހައްދުގައި ގާތްގަނޑަކަށް 35000 އަހަރުވަންދެން ތަފާތު އެކިއެކި ނަސްލުގެ ތަފާތު އެކިއެކި ޘަޤާފަތުގެ މީހުންވަނީ އާބާދުވެފައެވެ. އެހެންނަމަވެސް އިނގިރޭސިވިލާތުގެ ނަމުގެ އަސްލު އައިސްފައިވަނީ 5ވަނަ އަދި 6ވަނަ ޤަރުނުގެ ތެރޭގައި އެތާނގައި އާބާދުވި ޖަރުމަނުވިލާރުގެ ޤަބީލާއެއް ކަމަށްވާ އެންގްލްސްގެ ނަމުންނެވެ. އިނގިރޭސިވިލާތަކީ މީލާދުގެ 927ވަނަ އަހަރުއްސުރެން އަދި ޤައުމުތަކުގެ ޗާޓުކުރަހައި ހޯދައި ބަލައި އުޅުނު ދުވަސްވަރު ނުވަތަ އޭޖް އޮފް ޑިސްކަވަރީ ފެއްޓިގެންއައި 15ވަނަ ޤަރުނުއްސުރެންވެސް އެކުލެވި ދައުލަތެކެވެ. އިނގިރޭސިބަހާއި އެންޖެލިކަން ފައްޅިއާއި ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ ޤާނޫނީ އާންމު އޮނިގަނޑު އެއަކުގެ މައްޗަށް ބިނާވެފައިވާ އިނގިރޭސި ޤާނޫނު އުފެދިގެން އައިސްފައިވަނީ ސީދާ އިނގިރޭސިވިލާތުން ކަމަށްވެފައި އެޤައުމުގެ ބަރުލަމާނީ ނިޒާމަކީ ގިނަ ޤައުމުތަކުން ޤަބޫލުކުރާ ނިޒާމަކަށްވަނީ ވެފައެވެ. 18ވަނަ ޤަރުނުގައި އިނގިރޭސިވިލާތުގައި ފެއްޓިގެން އައި ސިނާޢީ އިންޤިލާބުގެ ސަބަބުން އިނގިރޭސިވިލާތް ވެގެން ދިޔައީ ދުނިޔޭގައި އެންމެފުރަތަމަ ސިނާއީ ޤައުމަށެވެ. އަދި މިޒަމާނުގެ ތަހުޤީޤީ ސައިންސްގެ ބިންގާވެސް އެޅީ އިނގިރޭސިވިލާތުގެ ރޯޔަލް ސޮސައިޓީއިންނެވެ.

އިނގިރޭސިވިލާތުގެ ޤުދުރަތީ ބިން އެކުލެވިގެންވަނީ މެދުމިނަކަށް އުފުލިފައިވާ ބިމާއި އަދި ފެތުރިގެންވާ ބޮޑަތި ބިންތަކުގެ މައްޗަށެވެ. މިގޮތަށް ބޮޑަށް ފާހަނގަ ކުރެވެނީ އިނގިރޭސިވިލާތުގެ ދެކުނާއި މެދުތެރޭގައެވެ. އެހެންނަމަވެސް، އިނގިރޭސިވިލާތުގެ އުތުރުން، މިސާލަކަށް ފަރުބަދަމަތީ ލޭކް ޑިސްޓްރިކްޓްސްއާއި ޕެނީސް އަދި ޔޯކްޝަޔާރ ޑޭލްސް، އަދި ހުޅަނގު ދެކުނުން މިސާލަކަށް ދާތްމޫރއާއި ކޮސްޓްވޮލްޑްސް އަކީ އުސް ބިންތަކެވެ. އިނގިރޭސިވިލާތުގެ ވެރިރަށް، ލަންޑަނަކީ އެކުލެވި ރަސްކަމުގައި ހިމެނޭ އެންމެ ބޮޑު ޝަހަރުގެ އިތުރުން ގިނަ މިންގަނޑުތަކުން ބަލާނަމަ ވިލާތުގައި ހިމެނޭ އެންމެ ރަށްވެހިކަން ބޮޑު ސަރަހައްދެވެ. އިނގިރޭސިވިލާތުގެ އާބާދީއަކީ 51 މިލިޔަންކަމަށްވާއިރު މިއަދަދަކީ އެކުލެވި ރަސްކަމުގެ އާބާދީގެ 84 އިންސައްތައެވެ. އިނގިރޭސިވިލާތުގެ މިއާބާދީ ބޮޑަށް ބެހިގެން އައިސްފައިވަނީ ލަންޑަނާއި އިރުދެކުނާއި އާބާދީ ބޮޑު މިޑްލޭންޑްސް އަދި ހުޅަނގު އުތުރާއި އިރު އުތުރާއި ޔޯކްޝަޔާރ ފަދަ 19ވަނަ ޤަރުނުގެ ތެރޭގައި ސިނާއީ ގޮތުން ކުރިއެރި ސަރަހައްދުތަކުގައެވެ. ތެތްބިމާއި ނައަމް ސޫފި ގެންގުޅޭބިންތައް އޮންނަނީ ބޮޑަތި ޝަހަރުތަކުން ބޭރުގައެވެ.

މީލާދީގޮތުން 1284 ގައި ވޭލްސްއަކީ އިނގިރޭސި ރަސްކަމުގެ ބައެއްގެ ގޮތުގައި ހަމަޖެހިނގެން ދިޔުމުގެ ކުރީގައިވެސް އިނގިރޭސި ރަސްކަމަކީ މިނިވަން މުސްތަޤިއްލު ދައުލަތެކެވެ. މިގޮތުގައި 1 މެއި 1707 ވަންދެން އޮތުމަށްފަހު މިތާރީހުގައި އެކްޓްސް އޮފް ޔޫނިއަންއަށް އަމަލުކުރަން ފެށުމާއިއެކު އެއިގެ ކުރީއަހަރު އެއްބަސްވެފައިވާ ޓްރިޓީ އޮފް ޔޫނިއަންގައި ހިމެނޭ ނުކުތާތަށް ތަންފީޒުވުމުގެ ނަތީޖާއަކަށްވީ ސިޔާސީ އެކުލެވުމަކުން ސްކޮޓްލޭންޑްގެ ރަސްކަމާއި އިނގިރޭސި ރަސްކަން އެކުލެވި ކިންގްޑަމް އޮފް ގްރޭޓް ބްރިޓެންގެ ނަމުގައި އާރަސްކަމެއް އުފެދުމެވެ. އަދި 1800 ވަނަ އަހަރު އާ އެކްޓް އޮފް ޔޫނިއަން އެއްގެ ދަށުން ގްރޭޓް ބްރިޓެންއާއި އަޔަލޭންޑް ގުޅި ހަމަ އެއަހަރު ކިންގްޑަމް އޮފް ގްރޭޓް ބްރިޓެން އެންޑް އަޔަލޭންޑްގެ ނަމުގައި ރަސްކަން ފުޅާކުރެވުނެވެ. 1922 ވަނައަހަރު އައިރިޝް ފްރީ ސްޓޭޓްގެނަމުގައި ބައެއް ވަކިވިނަމަވެސް 1927 ވަނައަހަރުގެ ރޯޔަލް އެންޑް ޕާލިމެންޓަރީ އެކްޓްގެ ސަބަބުން އައިރިޝް ހަދައުލަތް އިނގިރޭސި ދައުލަތުގެ ތެރެއަށް އެކުލެވި މިހާރު މިފެންނަ ޔުނައިޓެޑް ކިންގްޑަމް އޮފް ގްރޭޓް ބްރިޓެން އެންޑް ނޮދާން އަޔަލޭންޑް ރަސްމީގޮތުން އުފެދުނީއެވެ.


ބަހުގެ އަސްލު

[އުނިއިތުރު ގެންނަވާ]

އިންގްލޭންޑް ނުވަތަ އިނގިރޭސިވިލާތުގެ ނަން އުފެދިގެން އައިސްފައިވަނީ މުސްކުޅި އިނގިރޭސި ބަހެއްކަމަށްވާ 'އެންގްލަލޭންޑު' މިބަހުންނެވެ. މީގެ މާނައަކީ އޭންގްލްސްގެ ބިމެވެ. ނުވަތަ ލޭންޑް އޮފް އޭންގްލްސްއެވެ. އޭންގްލްސް އަކީ ޖަރުމަނުވިލާތުގެ އަސްލުން އައިސް އިނގިރޭސި ބިމުގައި މިޑްލް އޭޖްގެ ކުރީކޮޅު އާބާދުވި ޤަބީލާއެކެވެ. މިމީހުންނަކީ ބޯލްޓިކް ކަނޑުގެ ބޭ އޮފް ކެއިލް އަށް ނިސްބަތްވާ ޕެނިންސޫލާ އޭންޖެލެން ގައި އަސްލު އޮންނަ ބައެކެވެ. އޮކްސްފޯޑް އިނގިރޭސި ރަދީފުން އެނގޭގޮތުގައި އެންމެ ފުރަތަމަ 'އިންގްލޭންޑް'ގެ ނަމުން މުޚާތަބު ކުރެވިފައިވަނީ ގްރޭޓް ބްރިޓެންގެ ދެކުނު ބަޔަކަށެވެ. އެއީ މީލާދީގޮތުން 897 ވަނައަހަރުއެވެ. މިޒަމާނުގެ ލިޔުންތަކުގައި މިފެންނަގޮތަށް އެބަސް ލިޔެވި އެންމެ ފުރަތަމަ ބޭނުންކުރެވެން ފެއްޓިފައިވަނީ 1538 ވަނަ އަހަރުގައެވެ.

އެންމެ ޤަދީމީ މަސައްކަތްތަކުގެ ތެރެއިން ފުރަތަމައަށް މިބަސް ބޭނުން ކުރެވިފައިވާ ކަމަށް ތާރީޚުން އެނގެން އޮތީ ފުރަތަމަ ޤަރުނުގައި ޓެކިޓަސް ލިޔުއްވި ޖާރމޭނިއާ ކިޔާ ފޮތުގައި ބޭނުން ކުރައްވާފައިވާ ލެޓިން ބަސް 'އެންގްލައީ' އެވެ. ބަހުގެ އަސްލު ކަމުގައި ބުނެވޭ ޤަބީލާގެ ނަމާއިމެދު އިލްމުވެރިންގެ މެދުގައި އިޚްތިލާފްތަކެއް ހުރުމާއެކު ބައެއް މީހުން ދެކޭގޮތުގައި މިބަސް ނެގިފައިވަނީ އޭންޖެލެން ފެނިންސޫލާގެ ބައްޓަން ކަމުގައިވާ އޭންގިއުލާ ބައްޓަމުންނެވެ. ސެކްޒޯންފަދަ ވަރުގަދަ ޤަބީލާތައް އިނގިރޭސިވިލާތުގައި ތިއްބާ އެންގްލްސް ފަދަ ހައިސިއްޔަތު ކުޑަ ޤަބީލާއެއްގެ ނަމުން ބޮޑު ޤައުމަކަށް ނަންދެވިފައިވަނީ ކީއްވެ އަދި ކިހިނެތްކަމެއް، އެއީ ނޭގުމެއްގެ ތެރޭގައިވާ ކަމެކެވެ. އެހެންނަމަވެސް ޤަބޫލުކުރެވޭ ގޮތުގައި މިގޮތަށް ކަންތައްވެގެން ދިޔައީ ބްރިޓެންގައި ޖަރުމަނަށް ނިސްބަތްވާ މީހުންނަށް އެންގްލީ ސެކްޒޯން ނުވަތަ އިނގިރޭސި ސެކްޒޯންގެ ނަމުން ނަންކިޔުމުގެ އާދަކާދައާއި ގުޅިގެންނެވެ.

އިނގިރޭސިވިލާތަށް ކިޔޭ އަނެއް ނަމަކީ އެލްބިއޯންއެވެ. އެލްބިއޯން މިނަން އަސްލު ބޭނުންކުރެވިފައިވަނީ ގްރޭޓް ބްރިޓެންއަށް ނިސްބަތްކުރާއިރުއެވެ. މިނަން އެންމެފުރަތަމަ ބޭނުންކުރެވިފައިވާ ކަމަށް ރެކޯޑް ކުރެވިފައިވަނީ ޢީސާގެފާނުގެ މީލާދުގެ ކުރިން 4 ވަނަ ޤަރުނުގައި އެރިސްޓޯޓެލިއަން ކޯޕަސްއިންނެވެ. "ޕިލާސް އޮފް ހާކިއުލެސްގެ ބޭރުން އޮތީ ދުނިޔެ ވަށައިގެން ފެތުރިފައިވާ ބިޔަ ކަނޑެވެ. މިކަނޑުގައި ބްރިޓޭނިއާގެ ނަމުން ނަންދެވިފައިވާ ބިޔަ ދެރަށް ކަމުގައިވާ އެލްބިއަން އަދި އިއަރން (އަޔަލޭންޑްސް) އޮވެއެވެ". އެލްބިއަން ނުވަތަ އިންސުލާ އެލްބިއޯނަމް މިބަހުގެ ދެއަސްލެއްވެއެވެ. ލެޓިންބަސް އަލްބަސްގެ މާނަކަމަށްވާ ހުދުކުލަ ނިސްބަތްވެގެންވާ ވައިޓް ކްލިފްސް އޮފް ޑޯވާ އަކީ ވިލާތުގެ ސަރަހައްދުން ފެންނަ ގްރޭޓް ބްރިޓެންގެ އެންމެފުރަތަމަ މަލަމައްޗެވެ. އެހެންކަމުން މިނަން ނެގިފައިވަނީ މިބަހުންކަމަށް ބުނެވެއެވެ. އަނެއްގޮތަކީ ވިޔަފާރިވެރިންގެ ޒަމާންވީ އަތްމަތީ ފޮތެއްކަމަށްވާ މަސަލިއޯޓް ޕެރިޕްލަސްގައި ބެނުންކުރެވިފައިވާ ގޮތަށް 'އެލްބިއޯންސް ރަށް' މިގޮތުންނެވެ. މިހާރު އެލްބިއޯންސް މިބަސް އިނގިރޭސިވިލާތަށް ނިސްބަތް ކުރެވެނީ ޅެންބަހުރުވައިގައެވެ. އަދި އިނގިރޭސިވިލާތައް ދެވިފައިވާ އަނެއް ނަމަކީ އާތޫރިއަން ލެޖެންޑުން ނެގިފައިވާ ވެލްޝް ލޮއެގަރ އަށް ނިސްބަތްކޮށް 'ލޮއެގްރިއާ' މިނަމެވެ.

ޤަދީމީ އަދި އެވޭލާ ދުވަސްވަރު

[އުނިއިތުރު ގެންނަވާ]

އެންމެ ފުރަތަމަ އުޅުނު އިންސާނުންކަމަށް ބެލެވޭ މީހުންގެ 700000 އަހަރުވެފައިވާ ކަށިތަށް ހޯދިފައިވަނީ އިނގިރޭސިވިލާތުގެ ސަރަހައްދުތަކުންނެވެ. ހޯމޯ އިރެކްޓަސްގެ ކަށިތައްވަނީ މިޒަމާނުގެ ނޯފޯކް އަދި ސުފޯކް ސަރަހައްދުތަކުން ހޯދިފައެވެ. ތަހުޒީބީ އިނސާނުން މިސަރަހައްދުތަކަށް އައިސްފައިވަނީ މީގެ 35000 އަހަރު ކުރިން ކަމަށްވިޔަސް އެންމެ ފަހު އައިސް އޭޖް ނުވަތަ މިސަރަހައްދަށް ވަކިން ހާއްސަގޮތެއްގައި އައި ޑިވެންސިއަން ގްލޭސިއޭޝަންގެ ބުރަ ހާލާތުގެ ސަބަބުން މިމީހުންވަނީ ދެކުނު ޔޫރަޕްގެ ފަރުބަދަ މަތީ ސަރަހައްދުތަކަށް ބަދަލުވެފައެވެ. މިހާލާތުގައި އެތަނުގައި އުޅުނީ ހަމައެކަނި ބިޔަ ޖަނަވާރުތަކުގެ ތެރެއިން މެމޮތްއާއި ބައިސަން އަދި ވޫލީ ރައިނޯސަރަސް އެވެ. ގާތްގަނޑަކަށް މީގެ 11000 އަހަރުކުރިން މިގަނޑުފެންތަކުގެ އަސަރުމަޑުވާން ފެށުމާއިއެކު އަލުން މީހުން އާބާދުވާން ފެއްޓިއެވެ. ޖެނެޓިކް ތަހުލީލުތަކުން އެނގޭ ގޮތުގައި މިމީހުން އައިސްފައިވަނީ އައިބީރިއަން ޕެނިންސޫލާގެ އުތުރު ފަޅިންނެވެ. ކަނޑުގެ ލޮނުގަނޑު މިހާރަށްވުރެ ތިރިއެވެ. އަދި ބްރިޓެންވަނީ ބިމުގެގޮތުން އަޔަލޭންޑްއާއި ޔުރޭޝިއާއާއިވެސް ގުޅިފައެވެ. ވަށައިގެންވާ ކަނޑުތަކުގެ އުފުލުމާއިއެކު ބްރިޓެން ވަނީ މީގެ 9000 އަހަރުކުރިން އަޔަލޭންޑާއި ވަކިވެ އަދި މީގެ ބައި ޤަރުނުކުރިން ޔުރޭޝިއާއާއި ވަކިވެފައެވެ.

ގާތްގަނޑަކަށް މީލާދުގެ ކުރިން 2500 އަހަރުގައި ބީކާ ކަލްޗާރ އައުމާއި އެކު ލޮޔާއި މުށީގެ ކަންވާރުތައް ތައާރަފްވެގެން ދިޔައެވެ. މިދުވަސްވަރުގައި ނިއޯލެތިކް ދުވަސްވަރުގެ އާޘާރުތަކުގެ ތެރެއިން ބޮޑައި ތަންތަނުގެގޮތުގައި ހިމެނޭ ސްޓޯންހެންޖް އަދި އެވްބެރީ ބިނާކުރެވުނެވެ. އަދި އެސަރަހައްދުން ލިބެންނެތް ތަކެތީގެ ތެރެއިން ދަގަނޑާއި ލޮއި ހޫނުކޮށްގެން ބީކާ ކަލްޗާރގެ މީހުން ވަނީ ބްރޯންޒް އުފައްދާފައެވެ. އެއިގެ ފަހުން އެމީހުން އަޔަން އޯރ އިން ހަރުދަގަނޑު ހޯދިއެވެ