ބައިލް ޕިގްމެންޓް
ބައިލް ޕިގްމެންޓް(އިނގިރޭސި ބަހުން: Bile pigment) ތަކަކީ ހިމަގްލޯބިން މެޓަބޮލިޒަމްގެ އެންމެ ފަހު މަރުޙަލާގައި އުފެދޭ އުފެދުންތަކެކެވެ. ލޭގެ ތެރޭގައި ގިނަދުވަސްވެފައިވާ ލޭގެ ރަތް ސެލް ފަޅައިގެން ދިއުމުން އެއިން ބޭރުވާ ހިމަގްލޯބިން ރެޓިކިޔުލޯއިންޑޯތީލިއަލް ސެލް ތަކުން(އިނގިރޭސި ބަހުން: RES cells)(މެކްރަފޭޖް) ދިރުވާލައެވެ. މެކްރަފޭޖްގެ ތެރޭގައި ހިމަގްލޯބިން ހީމް އަދި ގްލޯބިން އަށް ބައިވެގެން ދެއެވެ. އެއަށްފަހު ހީމް ގައި ހިމެނޭ ދަގަނޑުގެ ބައި ވަކިކޮށް ފުރަމޭ، އަދި ކަށީގެ މަދު ގެ ތެރޭގައި ރައްކާކުރެއެވެ. ދަގަނޑު ފިޔަވައި، ހީމް ގައި ދެންހިމެނޭ ބައި ބިލިވާޑިން(އިނގިރޭސި ބަހުން: Biliverdin) ކިޔާ ފެހި ޕިގްމެންޓް އަކަށް ބަދަލުވެއެވެ.
ދެން ބިލިވާޑިން ބަދަލުވަނީ ބިލިރޫބިން(އިނގިރޭސި ބަހުން: Bilirubin) ކިޔާ ރީނދޫ ޕިގްމެންޓް އަކަށެވެ. ބިލިރޫބިން ލޭގެ ތެރެއަށް ގޮސް އަލްބިޔޫމިން(އިނގިރޭސި ބަހުން: Albumin) އާއި އެކުވެ، ހީމަބިލިރޫބިން(އިނގިރޭސި ބަހުން: Hemobilirubin) އުފެދެއެވެ. ލޭގައި ހިމެނޭ މައި ބިލިރޫބިން އަކީ މިއީއެވެ. މިވައްތަރުގެ ބިލިރޫބިން ގުރުދާގެ ގްލޯމެރޫލައި ތަކުން ފުރާނައެއް ނުދެއެވެ. އެހެންކަމުން މިވައްތަރުގެ ބިލިރޫބިން ކުޑަކަމުދާ ތަކެތިގެ ތެރޭގައެއް ނުހުންނާނެއެވެ.
ފުރަމޭގެ ތެރޭގައި ހީމަބިލިރޫބިން އިން އަލްބިޔޫމިން ވަކިކޮށް، ބިލިރޫބިން އެހެން މާއްދާތަކަކާއި އެކުވެއެވެ. މިގޮތުން ބިލިރޫބިން ގެ 80 އިންސައްތަ އެކުވަނީ ގުލޫކިޔުރޮނިކް އެސިޑް(އިނގިރޭސި ބަހުން: Glucuronic acid) އާއެެވެ. 10 އިންސައްތަ ސަލްފޭޓް(އިނގިރޭސި ބަހުން: Sulphate) އާއި އެކުވާއިރު ބާކީ އިންނަ 10 އިންސައްތަ އެކުވަނީ އެހެނިހެން މާއްދާތަކާއެވެ. އަދި މިގޮތަށް ބިލިރޫބިން މިބުނި މާއްދާތަކާ އެކުވެގެން އުފެދެނީ ކޮލެބިލިރޫބިން(އިނގިރޭސި ބަހުން: Cholebilirubin) އެވެ. އަދި މިވައްތަރުގެ ބިލިރޫބިން ބައިލް ކެނަލިކިޔުލައި ތަކަށް ގޮސް ބައިލް ގެ ތެރޭގައި ހިމެނިގެން ކުޑަ ގޮހޮރުއަށް ވާޞިލް ވެއެވެ. ބައިލް އަށް އޭގެ އެކުލެވޭ ރީނދޫ ކަން ގެނެސްދެނީ މިވައްތަރުގެ ބިލިރޫބިން ގެ ސަބަބުންނެވެ. ނަމަވެސް ކޮލެބިލިރޫބިން ގެ ކުޑަ މިންވަރެއް ލޭގެ ތެރެއަށް ގޮސް، ކުޑަކަމުދާ ތަކެތި އާއެކު ހަށިގަނޑުން ބޭރުވެގެން ދެއެވެ.
ބޮޑު ގޮހޮރު ގެ ތެރޭގައި ކޮލެބިލިރޫބިން ގެ މިންވަރެއް ބެކްޓީރިޔާގެ ސަބަބުން ޔޫރޯބިލިނަޖަން(އިނގިރޭސި ބަހުން: Urobilinogen) ކިޔާ ކުލައެއް ނުހުންނަ މާއްދާއަކަށް ބަދަލުވެއެވެ. ޔޫރޯބިލިނަޖަންގެ ބޮޑުބައި ބޮޑު ކަމުދާ ތަކެއްޗާއެކު ސްޓާކޯބިލިނަޖަން(އިނގިރޭސި ބަހުން: Stercobilinogen)ގެ ގޮތުގައި ބޭރުވެގެން ދެއެވެ. ސްޓާކޯބިލިނަޖަން ވައިގެ ތެރެއަށް ހުށަހެޅުމުން އޮކްސިޑައިޒްވެ، ސްޓާކޯބިލިން(އިނގިރޭސި ބަހުން: Stercobilin) އަށް ބަދަލުވެއެވެ. ބޮޑުކަމުދާ ތަކެތި ބޭރުވެ ގިނައިރުވުމުން އޭގައި ޖެހޭ މުށި ކުލައިގެ އަސްލަކީ ސްޓާކޯބިލިން އެވެ. ޔޫރޯބިލިނަޖަން 5 އިންސައްތަ ލޭގެ ތެރެއަށް ގޮސް ގުރުދާއަށް ވާޞިލްވެ، ކުޑަކަމުދާ ތަކެތިއާއެކު ބޭރުވެގެން ދެއެވެ. ޔޫރޯބިލިނަޖަން ވައިގެ ތެރެއަށް ހުށަހެޅުމުން އޮކްސިޑައިޒްވެ، ޔޫރޯބިލިން(އިނގިރޭސި ބަހުން: Urobilin) އަށް ބަދަލުވެއެވެ.