ރޯނާ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ރޯނާ ނުވަތަ ރޯނާވުން ނުވަތަ ރޭއަނދިރިވުން (އިނގިރޭސި ބަހުން: Nyctalopia) އަކީ އިރުއޮއްސޭވަގުތު ލޮލަށް ތަންތަން ރަގަޅަށް ނުފެންނަގޮތްވާ ބަލި އެވެ. މިބައްޔަށް ރޯނާވުން މިހެންވެސް ކިޔައި އުޅެއެވެ. ރޯނާވުން ނުވަތަ ރޭއަނދިރިވުން އަކީ ވަރަށް ކުރިއްސުރެ ފާހަގަކުރެވިފައިވާ ލޮލުގެ ބައްޔެކެވެ. މިބަލި ވަރަށް ގިނަފަހަރު އެއްއާއިލާއެއްގެ ތެރޭގައި ވާރުތަވާގޮތް ވެއެވެ. ނަމަވެސް 40 އިންސައްތަ މީހުންނަކީ ވާރުތަނުވެ ބަލިޖެހޭ މީހުންނެވެ. މިއީ ގިނަ ފަހަރަށް މަޑުމަޑުން ލޯއަނދިރިކޮށްލާ ބައްޔެކެވެ.

އަލާމާތްތައް[އުނިއިތުރު ގެންނަވާ]

ބަލިޖެހުމުން ލޮލުގެ ބިއްދޮށުގައިވާ މުހިއްމު ފަށަލައެއް ކަމުގައިވާ ލޮލުގެ އަލިދުލިގައި ހުންނަ ސެލްތައް އުނިވެ ހަލާކުވެގެން ދާންފަށާނެ އެވެ. މިހެންވުމުން ދެން ފެންނާނީ ލޮލުގެ އަލިދުލިގައި ކަޅުކުލައިގެ ލައްތަކެއް އަށަގަތުން (ލޮލުގެ އަލިދުލީގައި ކަޅުކުލައިގެ ލައްތަކެއް އަށަގަތުން(އިނގިރޭސި ބަހުން: Retinitis pigmentosa)) ކުރިމަތިވާތަނެވެ. މިލައްތައް ފުރަތަމަ ޖަހާނީ ލޮލުގެ އަލިދުލީގެ އަރިމަތީގައެވެ. ނަމަވެސް މަޑުމަޑުން ލައްތައް ގިނަވެ، އަލިދުލީގެ މެދަށް އަރާގޮތް ވެއެވެ. ނަމަވެސް މިބަދަލު އަންނާނެ އަވަސް ލަސްމިން ބުނުމަކީ ދަތި ކަމެކެވެ. އެއީ ތަފާތު އެކި މީހުންގެ ލޮލަށް މިބަދަލު އަންނާނީ ކިހާ ދުވަހަކުންކަން ބުނެދޭން ނޭގޭތީ އެވެ. ބައެއް މީހުންނަށް ވަރަށް ޒުވާން އުމުރުގައި ލޮލުގެ ފެނުން ދަށްވިޔަސް އަނެއްބައިމީހުންނަށް ލޯމުޅިން އަދިރިނުވެ ކިތައްމެ ދުވަހެއް ހިގައިދާނެއެވެ. ގިނަ ފަހަރަށް މިބަލިން ލިބޭ ގެއްލުންތައް ފެންނަނީ ލޮލުގެ އަލިދުލީގެ ތިރީ ކައިރިފަށުންނެވެ. ބައެއް ޑޮކްޓަރުން ވިދާޅުވާގޮތުގައި މިކަމުން ދޭހަވަނީ ލޮލަށް ގިނައިން އަލިއެޅޭ ދިމާ ބޮޑަށް ކަންފަތިވާ ކަމެކެވެ. ހަށިގަނޑުގެ އެހެން ހިއްސުތަކާއި މިބައްޔާއި ގުޅުމެއްވުމަކީ ވެދާނެ ގޮތެކެވެ. ސަބަބަކީ މިބަލިޖެހޭމީހުންގެ ތެރެއިން 30 އިންސައްތަ މީހުންނަކީ ކޮންމެ ވެސް ވަރަކަށް ބީރު މީހުންނެވެ. އަދި އުފެދުމުގައި ޢައިބު އުފައްދާ އެތައް ބައްޔެއް ރޭއަނދިރިވަ މީހުންގެ ފުށުން ފެނިފައިވުމާއެކު މިފަދަ މީހުން އެތެރެ ހަށީގެ ޑޮކްޓަރުންނަށް ދެއްކުމަކީ ވެސް މުހިއްމު ކަމެކެވެ. ރޭއަނދިރިވާ މީހުންގެ ފެނުމަށް ބޮޑެތި ބަދަލުތައް އަޔަސް އެއްވެސް އެއްޗެއް ނުފެންނަވަރަށް ލޯއަނދިރިވަނީ ބަލިޖެހޭމިހުންގެ އެންމެ 0.5 އިންސައްތަ މީހުންނަށެވެ.

ފާހަގަކުރެވޭނެ ކަންތައްތައް[އުނިއިތުރު ގެންނަވާ]

ރޭއަނދިރިވުމަކީ ލޮލުގެ ޑޮކްޓަރުންނަށް ފަސޭހައިން ދެނެގަނެވޭނެ ބައްޔެކެވެ. ލޮލުގެ އެތެރެ ބަލާލުމުން ލޮލުގެ އަލިދުލީގައި ލައްތަކެއް ހުރުމުގެ އިތުރުން، ލޭހޮޅިތަކަށް ވެސް ބަދަލުތަކެއް އަންނަކަން ފާހަގަ ކުރެވޭނެ އެވެ. މީގެ އިތުރުން ލޮލުގެ ލެންސް ފުސްވެ، ލޮލުގެ މައިނާރުގެ ކުލައަށް ބަދަލުއައުން ހިމެނެއެވެ. މިބަލި ބޮޑަށް ޖެހިފައި ތިބޭމީހުންނަށް ދެއަރިމަތީން ނުވަތަ މަތިން ތިރިއަށް ފެންނަވަރު ކުޑަވާނެ އެވެ. އަދި ލޮލަށް އަލިއެޅުމުން އަންނަ ގުދުރަތީ ބަދަލުތައް އައުން ލަސްވާނެ އެވެ. މިހެންވުމުން ސިކުނޑިއަށް މިމައުލޫމާތު ބޭނުންވާ އަވަސްމިނުގައި ފޯރުކޮށް ނުދެވޭގޮތް ވެއެވެ. ނަތިޖާއަކީ މިބަލިޖެހިފައިވާ މީހުން އަލިތަނަކުން އަދިރިތަނަކަށް ބަދަލުވެއްޖެނަމަ ވަރަށް ގިނައިރުން ނޫނީ ހިޔަނިވެސް ނުވެ ހިގައިދާނެ އެވެ. އަދި އަނދިރި ތަނަކުން އަލި ތަނަކަށް ނިކުތުމުން ލޮލަށް ވަރަށް އުނދަގޫވާގޮތް ވާނެއެވެ. ބަލިޖެހޭ ވަރަށް ގިނަ މީހުންނަށް ކުދިކުދި އަލިކޮޅުތަކެއް ލޯކުރިމަތިން މެދުނުކެނޑި ދަތުރުކުރާތަން ވެސް ފެނިދާނެ އެވެ.

ދެނެގަތުން[އުނިއިތުރު ގެންނަވާ]

މިބަލި ދެނެގަތުމަށް ހެދޭ ޓެސްޓްތަކެއް ހުރެއެވެ.

  • އިލެކްޓްރޯރެޓިނޯގްރާމް: މިއީ ލޮލަށްއެޅޭ އަލި އިލެކްޓްރިކް ސިގްނަލްތަކަށް ބަދަލުކޮށް، ސިކުނޑިއަށް ފޮނުވާދޭ ސެލްތައް މަސައްކަތްކުރާވަރު ދެނެގަނެވޭނެ ޓެސްޓެކެވެ.

ފަރުވާ[އުނިއިތުރު ގެންނަވާ]

ރޭއަނދިރިވުމަކީ ވަކި ފަރުވާއެއްކޮށްގެން ލޮލަށް ލިބޭ ގެއްލުންތައް އަދި ކުޑަކުރެވޭ ބައްޔެއް ނޫނެވެ. ނަމަވެސް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި:

    • ކަސްރަތުކުރުން
    • އަވިއައިނު އެޅުން
    • ކެއުމުގައި ފެހި ތަރުކާރީ ހިމެނުން

ރޭއަނދިރިވާމީހުން އަހަރަކު އެއްފަހަރު ލޮލުގެ ޑޮކްޓަރަކަށް ދެއްކުމަކީ މުހިއްމު ކަމެކެވެ. މިގޮތުން ދައްކާއިރު އައިނުގެ ނަންބަރު ބަދަލުކުރުން، ލޮލުގެ ހާމަދުލި ނުސާފުވޭތޯ ބެލުން، ލޮލުގެ ދެއަރިމަތީން ނުވަތަ މަތިން ތިރިއަށް ފެންނަވަރު ބެލުން، ލޮލަށް ފެންނަވަރުގެ ސާފުކަމަށް އަންނަ ބަދަލުތައް ދެނެގަތުން ހިމެނެއެވެ. މިބައްޔަށް ފަރުވާކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ ތެރޭގައި:-

    • ލޮލުގެ އަލިދުލީގެ ހަލާކުވެފައިވާ ބައި ބަދަލުކުރުން
    • ބައެއް ކަހަލަ ކެމިކަލް ބޭނުންކޮށްގެން ލޮލުގެ އަލިދުލި ހަލާކުވަމުންދާ ވަރު ކުޑަކުރުން ނުވަތަ މަޑުޖެއްސުން
    • ލެބޯޓްރީގައި އުފައްދާފައިވާ ސެލްތަކެއް ހަލާކުވެފައިވާ ލޮލުގެ އަލިދުލީގެ ތަންތަންކޮޅުގައި އަށަގަނޭތޯބެލުން
    • މަޞްނޫޢީ ލޮލުގެ އަލިދުންޔެއް އުފެއްދޭތޯބެލުން

ހަވާލާ[އުނިއިތުރު ގެންނަވާ]

  • ރޭއަނދިރިވުން - ޑރ ޢަބުދުﷲ ޖުނައިދު - ސަން 19 - 23 މާރޗް 2011