ޑެންގީ ހުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޑެންގީ ހުން (އިނގިރޭސި ބަހުން: Dengue Fever) އަކީ ވައިރަސް އެއްގެ ސަބަބުން ޖެހޭ ހުމުގެ ވައްތަރެކެވެ. މިއީ ހޫނު ގައުމު ތަކުގައި ވަރަށް ޢާންމު ބައްޔެކެވެ. މިބަލި ޖައްސާ ފްލޭވި ވައިރަސްގެ ގުރޫޕްގެ ވައިރަހެއްގެ ސަބަބުންނެވެ. މިވައިރަހުގެ ތަފާތު 4 ވައްތަރެއް ވެއެވެ. މިބަލި ފެތުރިގެންދަނީ އީޑްޒް އިޖިޕްޓި ކިޔޭ މަދިރިއެއްގެ ސަބަބުންނެވެ. ޢަންމުގެތެއްގައި މިމަދިރި ހަފަނީ ފަތިހުގެ ވަގުތު އިރުއެރުމުގެ ކުރިންނެވެ. އަދި ބައެއް ފަހަރު ދުވާލު ގައި ވެސް ހަފައެވެ.

ޑެންގީ ހުމަކީ ފްލޭވި ވައިރަސް(އިނގިރޭސި ބަހުން: Flavivirus) ގުރޫޕަށް ނިސްބަތްވާ ޑެންގީ ވައިރަސް(އިނގިރޭސި ބަހުން: Dengue Virus) ގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިވައިރަސް އުފުލާ ނުވަތަ ވައިރަސް ފަތުރާ މަދިރިއަށް ކިޔަނީ އީޑީސް(Aedes) އެވެ. ޑެންގީ ހުން ޖައްސާ ވައިރަސްގެ ތަފާތު 4 ބާވަތެއް ވާކަމަށް ވަނީ ފާހަގަ ކުރެވިފައެވެ. ޢާންމު ގޮތެއްގައި ހޫނު ހިސާބު ތަކުގައި ފެތުރޭ މިބަލި އޮސްޓްރޭލިޔާ، އެފްރިކާ، އަދި އޭޝިޔާ ޕެސިފިކްގެ ގައުމުތަކުން ފެންނަކަން ފާހަގަ ކުރެވެއެވެ.

ޑެންގީ ހުން އަކީ މަދިރީގެ ޒަރީޢާއިން ފެތުރޭ ވައިރަލް ހުމެކެވެ. ޑެންގީ ހުން ޖައްސާ ވައިރަސް ނުވަތަ ޑެންގީ ވައިރަސް ގެ ހަތަރު ވައްތަރެއް މިހާތަނަށްވަނީ ފެނިފައެވެ. މިވައިރަހުގެ ކޮންމެ ބާވަތަކުން މީހަކަށް ބަލިޖެހެނީ އެއްފަހަރު އެވެ. އީޑީޒް އިޖިޕްޓައި، އަދި އީޑީޒް އަލްބޯޕިކްޓަސް މަދިރިން އުފުލާ މިވައިރަސް އިންސާނާގެ ހަށިގަނޑަށް ވާޞިލްވަނީ ޖަރާސީމް އަށަގެންފައިވާ މަދިރި އިންސާނާ ގައިގައި ހަފާ ވަގުތު އެވެ. ޑެންގީ ހުމަކީ މަދިރި ހެފުމަކާއި ނުލައި އެކަކު ގައިން އަނެކަކުގެ ގަޔަށް އަރާ ބައްޔެއް ނޫނެވެ.

ޑެންގީ ހުމާއި ޑެންގީ ހުމުގެ ނުރައްކާތެރި ބާވަތް ކަމަށްވާ ޑެންގީ ހެމޮރޭޖިކް ހުން އަކީ ދެކުނު އޭޝިޔާ، ލެޓިން އެމެރިކާ އަދި ހުޅަގު ޕެސިފިކް ގެ ގައުމުތަކުން ފެންނަ ބައްޔެކެވެ. މިއީ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް ޖެހޭ ރޯގާ އެކެވެ. ދިވެހިރާއްޖެއިން ފުރަތަމަ ފަހަރަށް ޑެންގޫ ހުން ފެނިފައިވަނީ 1980 ގެ އަހަރުތަކުގައެވެ. މިހާތަނަށް ގިނަ އަދަދެއްގެ މީހުންނަށް މިހުން ޖެހިފައި ވެއެވެ. އަދި ބަލި ފެތުރެމުންދާ މިންވަރު އެއްއަހަރުން އަނެއް އަހަރަށް އިތުރުވަމުން ދެއެވެ. ނަމަވެސް ޒަމާނީގެ ފަރުވާގެ ސަބަބުން މިބަލީގައި މަރުވާ މީހުންގެ އަދަދު ވަނީ މަދުކުރެވިފައެވެ.

ޑެންގީ ހުން އަދި ޑެންގީ ހެމޮރޭޖިކް ހުން ދެނެގަންނާނޭ ގޮތާއި، ދޭންވީ ފަރުވާ ފުރަތަމަ ތަޢާރަފްކުރީ ތައިލޭންޑްގައި ހުންނަ ޑަބްލިޔޫ އެޗްއޯގެ ކޮލެބޮރޭޓިންގ ސެންޓަރެއް ކަމަށްވާ ކްއީން ސިރިކިޓް ނޭޝަނަލް އިންސްޓިޓިއުޓް ފޮރ ޗައިލްޑް ހެލްތުގެ އިސް ޑޮކްޓަރެއްކަމަށްވާ ޑޮކްޓަރ ސްޗިތުރާ ނިމަނިޓްޔަ އެވެ.

ޑެންގީ ހުމަކީ ދުނިޔޭގެ ހޫނު ގައުމުތަކުގައި އުޅޭ ބައްޔެކެވެ. މިބަލި ފަތުރާ މަދިރިވެސް އުޅެނީ އެފަދަ ހޫނު ހިސާބުތަކުގައެވެ. ކޮންމެ އަހަރަކު އެތައް މިލިޔަން ބަޔަކަށް މިހުން ޖެހޭކަމަށް ތަފާސް ހިސާބު ތަކުން ދައްކައެވެ. ބައެއް ފަހަރު އެތައް ހާސް ބަޔަކު މަރުވެދެއެވެ. ޑެންގީ ހުން މިހާރު ވެފައިވަނީ މަދިރީގެ ޒަރީޢާއިން ފެތުރޭ އެންމެ ނުރައްކާތެރި އެއްބަލި ކަމުގައެވެ. ޑެންގީ ހުން ޖެހޭ މިންވަރު، މީހާގެ ޢާންމު ޞިއްޙަތު ހުންނަ މިންވަރާއި، އަދި އުމުރާ ގުޅެއެވެ. އަދި ބަލީގެ ޢަލާމާތްތައް ފެންނަ މިންވަރު ބިނާވެފައި އޮންނަނީ އެމީހެއްގެ ޞިއްޙަތާ ޢުމުރުގެ މައްޗަށެވެ. މިބަލީގެ ޢަލާމާތްތައް ފެންނަނީ މިދެކަންތަކާ ގުޅިގެންނެވެ.

ތުއްތު ކުދިންނާއި ކުޑަކުދިންނަށް މިހުން ޖެހުމާއެކު ހިމަބިހި ކަހަލަ ބިހިތަކެއް ގައިން ނަގާފާނެއެވެ. މިއީ ހިމަބިހި ނޫންކަމެއް، ރޯގާހުން ނޫންކަމެއް، ނުވަތަ މެލޭރިޔާ ނޫންކަމެއް ވެސް ޔަގީންކުރުން ދަތިވެއެވެ. އަދި މިއީ ގައިން ގަޔަށް އަރާ ޒާތުގެ ފުރަމޭ ދުޅަވުން ކަން ނުވަތަ ހުމާއެކު ޖެހޭ އެފަދަ އެހެން ބައްޔެއްކަން ދެނެގަތުން އުދަގޫވެއެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް މިބަލި ޖެހުމުން ދާދި އެއްވައްތަރުގެ ޢަލާމާތްތަކެއް ފެންނަށް ފަށައެވެ. މިގޮތުން އާދައިގެ އަލާމާތްތަކުން ފެށޭ މިބަލި ނުރައްކާތެރި ބައްޔަކަށް ވެސް ބަދަލުވެދާނެ އެވެ.


ޑެންގީ ވައިރަސް[އުނިއިތުރު ގެންނަވާ]

ޑެންގީ ވައިރަސް އަކީ ފްލެވިވިރިޑޭ ޢާއިލާ އަށް ނިސްބަތްވާ އާރް.އެން.އޭ ވައިރަހެކެވެ. ޖަޕަނީސް އެންކެފަލައިޓިސް، ހުޅަނގު ނީލަކޯރު ހުން، އަދި ރީނދޫ ހުން އަކީ ވެސް މިއާއިލާގެ ވައިރަސް ތަކުން ޖެހޭ ބަލިތަކެވެ.

ޑެންގީ ހުން ޖައްސާ ވައިރަސްގެ 4 ބާވަތެއް މިހާތަނަށް ވަނީ ފެނިފައެވެ. އެއީ ޑެން1،2،3،4 މިއެވެ. މިވައިރަހުގެ ކޮންމެ ބާވަތަކުން މީހަކަށް ބަލިޖެހެނީ އެއް ފަހަރު އެވެ. ވައިރަހުގެ އެއްބާވަތުން ހުން ޖެހުނުކަމަށް ވިޔަސް ވައިރަހުގެ ދެވަނަ ބާވަތަކުން ރައްކާތެރިކޮށެއް ނުދެއެވެ. ފުރަތަމަ ފަހަރަށް ޑެންގީ ހުން ޖެހުމުން ކިޔަނީ ޕްރައިމަރީ ޑެންގީ އިންފެކްޝަން އެވެ. އަދި ދެވަނަ ފަހަރަށް ޖެހުމުން ކިޔަނީ ސެކަންޑަރީ ޑެންގީ އިންފެކްޝަން އެވެ.

ޑެންގީ ޖައްސާ 4 ވައިރަހުންކުރެ ކޮންމެ ވައިރަހަކުންމެ، ހުމުގެ ނުރައްކާތެރި ބާވަތްކަމަށްވާ ޑެންގީ ހެމޮރޭޖިކް ހުން، އަދި ޑެންގީ ޝޮކް ސިންޑްރޯމް ޖެހިދާނެއެވެ. ދެވަނަ ފަހަރަށް ވައިރަސް ވާޞިލްވާ 16 އަހަރުން ދަށުގެ ކުދިންނަށް ގާތީ ޑެންގީ ހެމޮރޭޖިކް ހުން ޖެހުމެވެ. ނަމަވެސް ފުރަތަމަ ފަހަރަށް ޑެންގީ ޖެހޭ 1 އަހަރުން ދަށުގެ ކުދިންނާއި، ޑެންގީ ވައިރަސް 1 އަދި 3 ފުރަތަމަ ފަހަރަށް ޖެހޭ ކުދިންނަށް ޑެންގީ ހެމޮރޭޖިކް ހުން، އަދި ޑެންގީ ޝޮކް ސިންޑްރޯމް ޖެހިދާނެއެވެ.

ޑެންގީ ވައިރަސް ހަށިގަނޑަށް ވާޞިލްވުމުން އެމީހަކަށް ޖެހޭނީ ޑެންގީގެ ކޮން ބާވަތެއް ކަމެއް އަދި ދެނެގަނެވޭނެ ގޮތެއް ހޯދިފައެއް ނެތެވެ. އާދައިގެ ޑެންގީ ހުން ޑެންގީ ހިމޮރޭޖިކް ހުން އަށް ބަދަލުވެގެން ނުދާނެކަމަށް ޑެންގީގެ ބައެއް ތަޖުރިބާކާރުން ބުނެއެވެ. ނަމަވެސް ޑެންގީ ހިމޮރޭޖިކް ހުމަށް ބޭނުންވާ ފަރުވާ ނުލިބިއްޖެނަމަ ޑެންގީ ޝޮކް ސިންޑްރޯމް އަށް ބަދަލުވެގެން ހިގައިދާނެ ކަމަށް ބުނެއެވެ.


ޑެންގީގެ ވައްތަރުތައް[އުނިއިތުރު ގެންނަވާ]

ޑެންގީ ގެ ދެވައްތަރެއް ވެއެވެ. އެއީ އާދައިގެ ޑެންގީ ހުން އަދި ޑެންގީ ހެމޮރޭޖިކް ހުން ނުވަތަ ޑެންގީ ހުން ޖެހުމުން ލޭނާރު ފަޅައިގެންދާ ވައްތަރު ނުވަތަ ލޭފާއްދާ ވައްތަރު އެވެ.

ޑެންގީ ހުން އަކީ ވަރުގަދަ ހުމެކެވެ. މިއީ ގައިގާ ރިއްސާފާ އަންނަ ހުމެކެވެ. މިހުން ކުދިންނާއި ބޮޑެތި މީހުންނަށް ވެސް ޖެހެއެވެ. މިވައްތަރުގެ ހުން ޖެހުމުން ފުރާނަ އަށް ނުރައްކާތެރިވަނީ ވަރަށް މަދު ފަހަަރަކު އެވެ.

ޑެންގީ ގެ ނުރައްކާތެރި ވައްތަރަކީ ޑެންގީ ހެމޮރޭޖިކް ހުން ނުވަތަ ޑެންގީ ހުން ޖެހުމުން ލޭނާރު ފަޅައިގެންދާ ވައްތަރު ނުވަތަ ޑެންގީ ހުން ޖެހުމުން ލޭފާއްދާ ވައްތަރު އެވެ. އެހެން ގޮތަކަށް ބުނާނަމަ މިއީ ޑެންގީ ހުން ޖެހުމުން ލޭނާރުތައް ފަޅައިގެން ގޮސް ހަށިގަނޑުގެ ބައިތަކުން ލޭއަންނަ ވައްތަރެވެ. މިބަލީގައި ލޭއައުމާއި، ޝޮކްޖެހުން މެދުވެރިވާނެ އެވެ. މިއީ ފުރާނަ އަށް ނުރައްކާތެރި ބައްޔެކެވެ. އެންމެ ނުރައްކާތެރީ ކުޑަކުދިންނަށެވެ.

ޑެންގީ ހެމޮރޭޖިކް ހުން[އުނިއިތުރު ގެންނަވާ]

ޑެންގީ ހެމޮރޭޖިކް ހުން އަކީ ޑެންގީ ހުން ގެ ނުރައްކާތެރި ވައްތަރެވެ. މިއީ ޑެންގީ ހުން ޖެހުމުން ލޭނާރު ފަޅައިގެންދާ ވައްތަރު ނުވަތަ ޑެންގީ ހުން ޖެހުމުން ލޭފާއްދާ ވައްތަރު އެވެ. އެހެން ގޮތަކަށް ބުނާނަމަ މިއީ ޑެންގީ ހުން ޖެހުމުން ލޭނާރުތައް ފަޅައިގެން ގޮސް ހަށިގަނޑުގެ ބައިތަކުން ލޭއަންނަ ވައްތަރެވެ.

މިބަލީގައި ލޭއައުމާއި، ޝޮކްޖެހުން މެދުވެރިވާނެ އެވެ. މިއީ ފުރާނަ އަށް ނުރައްކާތެރި ބައްޔެކެވެ. އެންމެ ނުރައްކާތެރީ ކުޑަކުދިންނަށެވެ. ޑެންގީ ހެމޮރޭޖިކް ހުން ޖެހުމުން ޞިއްޙީ ޚިދުމަތްތެރިއަކަށް ދައްކައިގެން ފަރުވާ ހޯދިއްޖެނަމަ ފުރާނައަށް ގެއްލުން ނުލިބި ސަލާމަތްވުން ކައިރިއެވެ. ވަގުތުން އެކަށީގެންވާ ފަރުވާ ނުލިބިއްޖެނަމަ ޚަބަރު ހުސްވެ، ފުރާނަ އަށް ނުރައްކާތެރި ވެއެވެ.

ލޭނާރު ފަޅައިގެން ގޮސް ލޭއަންނަ ވައްތަރުގެ ޑެންގީ ހުމުގެ އަލާމާތްތައް އަދި ޝޮކް[އުނިއިތުރު ގެންނަވާ]

  • ޑެންގީ ހުމުގެ ޢަލާމާތްތަކާއި އެއްވައްތަރުގެ ޢަލާމާތްތައް ފެނުން
  • މެދު ނުކެނޑި ބޮޑަށް ބަނޑުގައި ރިއްސުން
  • ހަމުގެ ކުލަ ފަނޑުވެ ދޮން ފޫޑު ކުލައެއް ޖެހުން
  • ނޭފަތުން ލޭއައުން، އަނގައިން ލޭއައުން، ހިރުގަނޑުން ލޭއައުން، ނޫފައިގެންފައި ހުންނަ ފާޑުގެ ތަންތަން ހަންގަނޑުން ފެންނަށް ފެށުން
  • ލެޔާއި އެކު ނުވަތަ ލެޔާއި ނުލައި ގިނައިން ހޮނޑުލެވުން
  • ގައިގެ ވަރުދެރަވެ، ނިދި އަޔަސް ނުނިދޭގޮތްވުން
  • އަބަދު ރޮވުން
  • ބޮޑަށް ފެންބޮވުން ( އަނގަ ހުންނާނީ ހިކިފައެވެ )
  • ވަރަށް ބަލިބަލިކޮށް ނަމަވެސް އަވަހަށް ވިންދު ޖެހުން
  • ނޭވާލާން ދަތިވުން
  • ހޭނެތުން

ޑެންގީ ވައިރަސް ހަށިގަނޑަށް ވާޞިލްވުމުން ވެދާނެ ގޮތްތައް[އުނިއިތުރު ގެންނަވާ]

ތަފާތު ނުކުރެވޭ ހުން[އުނިއިތުރު ގެންނަވާ]

ޑެންގީ ވައިރަސް ހަށިގަނޑު ތެރޭގައި އުޅޭކަމުގެ އެއްވެސް އަލާމާތެއް ނުފެނިވެސް ހިގައިދާނެއެވެ. ފުރަތަމަ ފަހަރަށް މިވައިރަސް ހަށިގަނޑަށް ވަނުމުން ފެންނަ އަލާމާތްތަކަކީ އެހެން އާދައިގެ ވައިރަލް ހުން ހުމުގައި ވެސް ފެންނަ އަލާމާތް ކަމަށްވާތީ، އާދައިގެ ވައިރަލް ހުމަކާ ތަފާތު ކުރަން އުދަނގޫވެއެވެ. މިހެން ދިމާވަނީ ވަކި ޚާއްޞަ އަލާމާތްތަކެއް ނުފެންނާތީ އެވެ. ބައެއް ފަހަރު ރާޅުކޮށް ހުންނަ ރަތްކުލައިގެ ބިހިތަކެއް ނަގާފާނެއެވެ. މިބިހިތައް ފާހަގަ ކުރެވޭނީ ހުމުގެ މެދުތެރޭގައި ނޫނީ ހުން މަޑުވެލީމައެވެ. ހުމުގެ ބާވަތް މިގޮތަށް ފާހަގަ ނުކުރެވިއްޖެނަމަ ކިޔަނީ އަންޑިފަރެންޝިއޭޓެޑް ފީވަރ އެވެ.

ޑެންގީ ހުން އެހެން ހުންހުމާ ތަފާތުކުރެވޭ އަލާމާތްތައް ޑެންގީ ހުން ޖެހިފައި އިތުރު މައްސަލަތަކާ ދިމާނުވެ ފަސޭހަވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ނަމަވެސް ބައެއް ފަހަރު ހިނގާބިނގާވެ ނޫޅެވޭ ވަރަށް ހުޅުތަކުގަޔާ ގައިގައި ރިއްސައެވެ. މިހާލަތް މެދުވެރިވުމަށް ކިޔަނީ ކަށި ބިންދާ ބަލި އެވެ. ޑެންގީ ހުން އެހެން ހުންހުމާ ތަފާތު ކުރެވެނީ ތިރީގައިވާ އަލާމާތްތައް ފެނުމުންނެވެ.

ހުން[އުނިއިތުރު ގެންނަވާ]

ހީކެރުވުމާއެކު ވަރަށް ގަދަޔަށް ހުން އަންނާނެއެވެ. ހުން ވިހެލާފައި ދެދުވަހެއްގެ ތެރޭގައި އަނެއް ފަހަރު ހުން އައިސްދާނެއެވެ. 39-40 ޑިގްރީ ސެލްސިއަސް އާއި ދެމެދު، 5 ވަރަކަށް ދުވަސް ވަންދެން ހުން ދިގުލާފާނެއެވެ. އަދި އަންނަނިވި އަލާމާތްތައް ފެންނާނެއެވެ. ވަރުދެރަވުން، ބޮލުގައި ރިހުން، ގައިގައި ރިހުން، އަދި ހުޅުހުޅުގައި ރިހުން މޫނު ރަތްވުން، އަދި، ނިއްކުރީގައި ރިހުން ލޮލުގެ ގޮބޮޅީގައި ރިހުން، ނުވަތަ ލޮލުގައި ރިހުން، އަދި ލޯ ހަރަކާތްކުރުމުން ރިހުން ބޮޑުވުން ކާއެއްޗެތީގައި ރަހަނުލުމާއި ކާހިތްނުވުން އަދި އަނގައިގެ ރަހަ ނުބައިވުން، ކަރުގައި ރިއްސުން ބަނޑުގައި ރިއްސުން ، މޭނުބައިކުރުން، އަދި ހޮނޑުލުން

ބިހިނެގުން[އުނިއިތުރު ގެންނަވާ]

މޫނުގައި، ކަރުގައި އަދި މޭމަތީގައި އާދަޔާ ޚިލާފު ރަތްކަމެއް، ނޫނީ ކުދި ތިކިތަކެއް ހުންނަކަން ފާހަގަ ކުރެވިދާނެއެވެ. ހުމުގެ ފަހުކޮޅުގައި ރާޅުކޮށް ހުންނަ ބިހިތަކެއް ފެނިދާނެއެވެ. ހުން މަޑުވާން ފައްޓާއިރު، މިބިހިތައް އޮބި، އަތްފަޔާއި، ފައިތިލަ މަތީގައި ކުދިކޮށް ހުންނަ ރަތް ނޫނީ ދަނބުކުލައިގެ ތިކިތަކެއް ޖަހާނެއެވެ. ގައިކަހާ ހިރުވާނެއެވެ. ހިތުގެ ވިންދު ލަސްވުން، ނޭފަތުންނާއި އަނގައިން ލޭއައުން، ބޮޑު ކަމުދާ ތަކެތި ނޫނީ ކުޑަކަމު ނަޖިހުން ލޭފެނިދާނެއެވެ. ހުން މަޑުވެ ރަގަޅުވުމަށް ފަހުވެސް ވަރުބަލިކަން ފިލައި ނުގޮސް ދެތިން ހަފްތާވަންދެން ހުރެދާނެއެވެ.


ބަލި ފެތުރުން[އުނިއިތުރު ގެންނަވާ]

އިންސާނުންގެ އެކަކު ގައިން އަނެކަކު ގަޔަށް މިބަލި ވާޞިލްވަނީ ބަލިޖެހިފައިވާ މީހެއްގެ ގައިން ލޭބުއިފައިވާ މަދިރިއެއް ސަލާމަތުން ހުރި މީހާގެ ގައިގައި ހެފުމުގެ ތެރޭގައި ބަލި ޖައްސާ ވައިރަސް ސަލާމަތުން ހުރި މީހާގެ ހަށިގަނޑަށް ވާޞިލްވުމުންނެވެ. މަދިރި ހެފުމަކާ ނުލާ އިންސާނުންގެ އެކަކު ގައިން އަނެކަކު ގަޔަށް ޑެންގީ ހުން ވާޞިލެއް ނުވާނެއެވެ.

ވައިރަސް އާ ތަޣައްޔަރުވެފައިވާ މަދިރިއެއް ހަށިގަނޑުގައި ހަފާތާ 14-3 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ބަލީގެ ޢަލާމާތްތައް ފެންނަށް ފަށައެވެ. އެވްރެޖް ގޮތެއްގައި މިމުއްދަތު އުޅެނީ 7-4 ދުވަހާ ދެމެދުގައެވެ. ބައްޔާއި ގުޅިގެން ފެންނަ އަލާމާތްތަކުގެ އިތުރުން ބަލި ދެނެގަތުމަށްޓަކައި ލޭގެ ޓެސްޓް ހެދެއެވެ.


ޑެންގީ ހުން ފެތުރެން ދިމާވަނީ މިބަލި ޖެހިފައިވާ މީހެއްގެ ގައިގައި ހަފާފައިވާ އަންހެން މަދިރިއެއް ޞިއްޙަތު ސަލާމަތުން ހުރި މީހެއްގެ ގައިގައި ހެފުމުންނެވެ. މިގޮތަށް އެކަކު ގައިން އަނެކަކު ގަޔަށް ބަލި ޖައްސަމުން ގެންދެއެވެ.

މަދިރިއަށް ބަލާލާފައި އެމަދިރިއަކީ ޑެންގީ ހުމުގެ ވައިރަސް ހުރި މަދިރިއެއްކަން އެނގޭގޮތެއް ނޯވެއެވެ. ވުމާއެކު ވީހާވެސް ބޮޑަކަށް ބަލަންވީ މަދިރިން ރައްކާތެރި ވެގެން އުޅެވޭތޯ އެވެ. މިހެން ހެދުމުން އެސަލާމަތް ވެވެނީ ހަމައެކަނި ޑެންގީ ބައްޔަކުންނޫނެވެ. މެލޭރިޔާ، ފައިފަލަ ބަލި، ރީނދޫ ހުން، އަދި ރިފްޓް ވެލީ ހުން ފަދަ މަދިރިން ފެތުރޭ ބަލިތަކުން ވެސް ރައްކާތެރި ވެވޭނެއެވެ.


ޑެންގީ ބަލި އިތުރުވަމުން ދިއުން[އުނިއިތުރު ގެންނަވާ]

ފަހަކަށް އައިސް ޑެންގީގެ ބަލި އިތުރުވަމުން ގޮސްފައިވަނީ:- މަދިރި އާލާވުމަށް ދެވޭ އަންނަނިވި ފުރުޞަތުތަކުގެ ސަބަބުން

  • ރަގަޅަށް ފެން ނުހިނގާ ގޮތަށް ފެންހޮޅި ހުރުން
  • ޒަމާނުއްސުރެ ގެންގުޅޭ ފެން ނަގާ ތާނގީ ތައްޔާރުކޮށްފައި ހުންނަ ގޮތް
  • ކުނިބުނި ނައްތާލުމުގެ ކަންތައް އެކަށީގެންވާ ގޮތަކަށް ނުހުރުން ( ކުނި ޖަމާކޮށްފައި ހުންނަ ގިނަ ތަންތަނަކީ ފެން ހަރުލާފަދަ އެއްޗެތި ގިނަ ތަންތަނެވެ. )
  • ދިރިއުޅުމުގެ ގޮތްތައް ބަދަލުވުން
  • ދަތުރުފަތުރު އަވަސްވުން
  • ބަލިޖެހިފައިވާ މީހުން އެއްތަނުން އަނެއްތަނަށް ދެވޭލެއް އަވަސްވުމާއި، ޑެންގީ މަދިރި އަށް ވެސް އެއްތަނުން އަނެއް ތަނަށް ދަތުރުކޮށްފައި ދިއުމުގެ ފުރުޞަތު ލިބިފައިވުން
  • ދެން ހުރި ސަބަބުތަކުގެ ތެރޭގައި ޞިއްޙީ މައުލޫމާތު ފުދޭވަރަށް ދެވިފައިނެތުން، ހަލަބޮލި ހަރަކާތްތަކާއި، މީހުން އެކަށީގެންވާ ވަރަށްވުރެ ގިނައިން އެއްތަނެއްގައި އުޅެން ޖެހިފައިވުން، އަދި ބޭނުންކުރާ ތަފާތު ބޭސްތަކަށް މަދިރި ހޭނުން ހިމެނެއެވެ.

ޑެންގީ ހުން ޖައްސާ މަދިރި[އުނިއިތުރު ގެންނަވާ]

ޑެންގީ ހުން ޖައްސާ މަދިރީގެ ދެވައްތަރެއް ހުރެއެވެ. އެއީ އީޑީސް އިޖިޕްޓި(Aedes egypti) އަދި އީޑީސް އަލްބޯޕިކްޓަސް(Aedes albopictus) އެވެ. މިމަދިރިތައް ބިސްއަޅާތާ 7 ދުވަހުގެ ތެރޭގައި ލޭ ބޯންފަށާވަރަށް ބޮޑު ވެއެވެ. ގޭތެރޭގެ މާހައުލުގައި އުޅޭކަމަށްފާހަގަވާ ފޫކޮޅުގައި ކަޅު ލައްޖެހި ދިގު ނަރުވައެއް ހުންނަ މިމަދިރި ބިސް އަޅަނީ ރީތިކޮށް ސާފުކޮށް ހުންނަ ފެންގަނޑަށެވެ.


ބަލިޖެހުމުން ފެނިދާނެ ޢަލާމާތްތައް[އުނިއިތުރު ގެންނަވާ]

ބަލިޖެހުމުން ފެނިދާނެ ޢަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުން އައުން، ގަދަޔަށް ބޮލުގައި ރިހުން، ހުޅުތަކާއި މަސްތަކާއި ކަށިތަކުގައި ރިހުން، ލޮލުގައި ރިހުން، ފަދަ އުދަގޫތައް ކުރިމަތި ކުރުވައެވެ. ބޮލުގައި ރިހުން އާންމުކޮށް ހުންނަނީ ބުމައާއި ނިއްކުރީގެ މަތިން މޫނާއި ބޮލުގައެވެ. މީގެ އިތުރުން ބޯއެނބުރުން، މޭނުބައިކުރުން، ހޮނޑުލެވުން، ބޭރަށް ހިންގުން، ދަށްބަނޑުގައި ރިހުން، ކާހިތްނުވުން، ނުވަތަ ނުކެވުން ފަދަ ކަންކަމަކީ ވެސް ޑެންގީ ހުމާއި ވިދިގެން ކުރިމަތި ވެދާނެ ކަންކަމެވެ. ބަލީގެ ނުރައްކާތެރި ޙާލަތުގައި މަދުން ނަމަވެސް ބައެއް މީހުންގެ ހަށިގަނޑުގައި ގޮށްލާކަން ފާހަގަކުރެވެއެވެ. ޑެންގީ ހުމާއި ވިދިގެން ކުރިމަތިވާ ހުޅުތަކުގައި ރިއްސުމަކީ ތަޙައްމަލު ކުރަންދަތި ވޭންހުރި ކަމަކަށްވަނީ ވެފައެވެ. މިސަބަބާހުރެ މިބައްޔަށް ކަށި ބިންދާ ހުން(Break bone fever) އޭކިޔައި އުޅެއެވެ.

ބަލީގެ އެންމެ ނުރައްކާތެރި މަރުޙަލާއަކީ ލޭގެ ތެރެއަށް ބަލީގެ ވައިރަސް ވާޞިލްވުމެވެ. ލޭގެ ތެރެއަށް ވައިރަސް ވާޞިލްވުމުން ޑެންގީ ހެމަރެޖިކް ހުން(Dengue hemorrhagic fever) ކުރިމަތި ކުރުވައެވެ. މިވައްތަރު ކުރިމަތިވެއްޖެ ނަމަ ލޭހޮޅިތައް ހަލާކުވެ، އެއިން ލޭހިލުން، ނުވަތަ ލޭފޫދެން މެދުވެރިވެއެވެ. ނަތީޖާއެއްގެ ގޮތުން އަނގަޔާއި، ނޭފަތް އަދި ހިރުގަނޑުން ލޭއަންނަގޮތް ވެއެވެ. އަދި ހަންގަނޑުގެ ދަށުގައިވެސް ލޭފޫދެން ފަށައެވެ. ނަތީޖާއެއްގެ ގޮތުން ހަންގަނޑުން ފަސޭހަކަމާއެކު ލޭ އަންނަގޮތް ވެއެވެ.

ބައެއް ފަހަރު އެތެރޭގެ ގުނަވަންތަކަށް ވެސް ލޭހިލުން ކުރިމަތިވެދާނެއެވެ. މިމަރުހަލާ އަށް ވާޞިލްވުމަށްފަހު އެކަށޭނަ ފަރުވާ ނުލިބިއްޖެނަމަ ލޭހޮޅިތައް ފެޅި، ލޭގެ ޕްރެޝަރު ދަށްވެ، ޝޮކު ޖެހޭގޮތް ވެއެވެ. މިވައްތަރަށް ކިޔަނީ ޑެންގީ ޝޮކް ސިންޑްރޯމް(Dengue Shock syndrome) އެވެ. އަދި ނަތީޖާއެއްގެ ގޮތުން މަރުވެދިއުމަކީ ވެދާނެ ގޮތެކެވެ.


ދެނެގަތުން[އުނިއިތުރު ގެންނަވާ]

ޓޯނިކޭ ޓެސްޓު[އުނިއިތުރު ގެންނަވާ]

ޓޯނިކޭ ޓެސްޓު އަކީ ޑެންގީ ހިމޮރޭޖިކް ހުން ހުރިތޯ ބެލުމަށް ކުރެވޭ ޚާއްޞަ ޓެސްޓެކެވެ. މިޓެސްޓް ހެދުމުގެ ކުރިން ބަލިމީހާ އަށް އެކަށޭނަ ސައިޒެއްްގެ ލޭބަލާ ކަފްއަކުން ބަލިމީހާގެ ލޭގެ ޕްރެޝަރު ބަލާނީ އެވެ. ކުޑަކުދިންގެ ލޭ ބެލުމަށް ބޭނުންކުރާނީ އުމުރުފުރައާއި ގުޅޭ ސައިޒެއްގެ ކަފެކެވެ.

ދެން ލޭގެ ސިސްޓޮލިކް ޕްރެޝަރު އާއި ، ޑަޔަސްޓޮލިކް ޕްރެޝަރު އާއި ދެމެދުގައި ލޭބަލާ ކަފްގެ ޕްރެޝަރު ބަރާބަރު 5 މިނިޓް ވަންދެން ހިފަހައްޓާލާނީ އެވެ. އަދި 5 މިނިޓް ފަހުން ކަފްގެ ޕްރެޝަރު ދޫކޮށްލާނީ އެވެ. އެއަށްފަހު ކަފްގެ ތިރިއަށް ހުރި ހިސާބުގައި ކުދިކުދިކޮށް ހުންނަ ރަތް ނޫނީ ދަނބުކުލައިގެ ތިކިތަކެއް ހުރިތޯ ބަލާނީ އެވެ. މިތިތަކަށް ކިޔަނީ ޕެޓީކިޔޭ އެވެ.

ހަމުގެ އެއް އަކައިންޗިގެ ތެރޭގައި މަދުވެގެން 10 ތިކި ފެންނަން ހުރެއްޖެނަމަ ޓޯނިކޭ ޓެސްޓް ޕޮޒިޓިވް ވީއެވެ. މިގޮތަށް ގުނަން ފައްޓާނީ ކަފްގެ ޕްރެޝަރު ދޫކޮށްލާތާ 1 މިނިޓް ފަހުންނެވެ.

ޑެންގީ ހިމޮރޭޖިކް ހުން ހުރިނަމަވެސް ބައެއް ފަހަރު ޓޯނިކޭ ޓެސްޓް ޕޮޒިޓިވް ނުވެ ހިގައިދާނެއެވެ. މިގޮތުން ބަލީގެ ކުރީކޮޅުގަޔާއި، ހަށިގަނޑު ފަލަކޮށް ހުންނަ ކުދިންނާއި، މީހުން، އަދި ރިކޯޑް ނުކުރެވޭ ވަރަށް ލޭގެ ޕްރެޝަރު ދަށްވެގެން ޝޮކް ޖެހިފައި ތިބޭ މީހުންނާއި، ކުދިންގެ ޓޯނިކޭ ޓެސްޓް ޕޮޒިޓިވް ނުވެދާނެއެވެ. ޓޯނިކޭ ޓެސްޓް ނެގެޓިވް ވެއްޖެނަމަ 24 ގަޑިއިރު ފަހުން އަލުން ޓޯނިކޭ ޓެސްޓް ހަދަންވާނެއެވެ.

ޑެންގީ ހުމުގެ ރޯގާ ފެތުރޭ ދުވަސްވަރެއްގައި ޓޯނިކޭ ޓެސްޓް ޕޮޒިޓިވް ވުމާއެކު ލޭގެ ހުދު ސެލްގެ މިންވަރު ކޮންމެ ކިއުބިކް މިލިމީޓަރަކަށް 5000 ސެލް އަށްވުރެ ދަށްކޮށް ހުރެއްޖެނަމަ އެމީހަކަށް ޑެންގީ ހުން ޖެހިފައިވާ ކަމަށް ބެލިދާނެއެވެ.


ޕަލްސް ޕްރެޝަރ[އުނިއިތުރު ގެންނަވާ]

ޕަލްސް ޕްރެޝަރު އަކީ ލޭގެ ސިސްޓޮލިކް ޕްރެޝަރު އާއި ، ޑަޔަސްޓޮލިކް ޕްރެޝަރު އާއި ދެމެދުގައި ހުންނަ ތަފާތެވެ. އާންމުކޮށް ބަލާ އުޞޫލުން ލޭގެ ޕްރެޝަރު ބަލާލުމަށްފަހު ފަސޭހަކަމާއެކު ޕަލްސް ޕްރެޝަރ ދެނެގަނެވިދާނެއެވެ.

ޕަލްސް ޕްރެޝަރ 20 މިލިމީޓަރ މާކަރީ އަށްވުރެ ދަށްވުމަކީ ވެސް ކުދި ލޭހޮޅިތަކުގައި ހުންނަ ލެއިން ފެނުގެ ބައި ނުވަތަ ޕްލާޒްމާ ބޭރުވާން ފެއްޓުމުން ފެންނަ އަލާމާ ތެކެވެ.

ޑެންގީ ހުމުން ރައްކާތެރިވުން[އުނިއިތުރު ގެންނަވާ]

ޑެންގީ ހުމުން ރައްކާތެރިވުމަށް މިހާތަނަށް އަދި ވެކްސިނެއް އުފެއްދިފައެއް ނުވެއެވެ. ނަމަވެެސް މަދިރި ކޮންޓްރޯލް ކުރުމާއި މަދިރިން ތިމާގެ ހަށިގަނޑު ހިމާޔަތްކޮށް ރައްކާތެރި ކުރުމަކީ ޑެންގީ ހުމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅު ތަކެވެ. މިގޮތުން ހެދުން އަޅާއިރު އަތްފައި ނިވައިވާނެހެން ހެދުން އެޅުން، މަދިރި ކައިރިވިޔަނުދޭ ލޯޝަނެއް ނުވަތަ ކްރީމެއް ހަށިގަނޑުގައި އުގުޅުން ފަދަ ކަންތައް ހިމެނެއެވެ.


މަދިރި ކޮންޓްރޯލް ކުރުން[އުނިއިތުރު ގެންނަވާ]

މަދިރި ކޮންޓްރޯލް ކުރުމަށް ޓަކައި ކުރެވިދާނެ ބައެއް ކަންތައްތައް ތިރީގައި މިވަނީއެވެ.

  • ފެން ހަރުލާނެހެން ތަންތަން ނުބެއްޓުން: މިގޮތުން ފަތާ ފެންގަނޑު ފަދަ ތަންތަނުގެ ފެންގަނޑު އަބަދު ވެސް ބަދަލުކޮށް ބަދަލުކޮށް ބެހެއްޓުން ރަގަޅެވެ. މަގުތަކުގައި ހުންނަ ފެންހަރުލާ ކާނުތައް ސާފުކުރުން، ވަލު ތެރޭގައި ކޮނެފައި ހުންނަ ވަޅުގަނޑުތައް ބެއްދުން ފެންއެޅިފައި ހުންނަ ފުޅި ދަޅު، އުނބު ފަދަ ތަކެތި ފެންނޭޅޭނެ ގޮތަކަށް ބެހެއްޓުން ނުވަތަ އެތަކެތި ނައްތާލުން ފަދަ ކަންތައްތައް ކުރެވިދާނެއެވެ.
  • ފެންވަޅު ފަދަ ތަންތާގައި މަދިރީގެ ނަސްލު ފެތުރުނަ ނުދިނުން: މިގޮތުން ވަޅު ދިޔަ ހިއްކުން، ވަޅު ކުނިބުނިން ސާފުކޮށްފައި ބެހެއްޓުން، ވަޅަށް ކްލޮރިން އެޅުން، ވަޅަށް ބޭންގ ކައްޓަފޫޅި، ގުރުވަ ފަދަ މަސްލުން، ފަދަ ކަންތައް ކުރެވިދާނެއެވެ.
  • ފަނިފަކުސަ ފަނާކުރުވަނިވި ކެމިކަލް މަދިރި އުޅޭ ހިސާބުތަކަށް ސްޕްރޭކުރުން: މިގޮތުން ޕައިރީތްރަމް، ހައިޑްރޯ ކާބަން، އަދި ކާރބަމޭޓް ފަދަ ކެމިކަލްތަކުން ހަދާފައި ހުންނަ ބާވަތްތައް ސްޕްރޭ ކުރެވިދާނެއެވެ.
  • މީހުން ދިރިއުޅޭ ގެޔާއި ޢިމާރާތް ފަދަ ތަންތާގެ ދޮރުތަކުގައި މަދިރިދާ ހަރުކުރުން: މިގޮތަށް ހެދުމުން ގޭތެރެއަށް މަދިރި ވަނުމަށް ހުރަހަކަށްވާނެއެވެ. އަދި ތުއްތު ދަރިފުޅުގެ އެދުގެ ވަށައިގެން މަދިރިދާ ދަމާފައި ބެހެއްޓިދާނެއެވެ.
  • މަދިރި ކައިރިވިޔަ ނުދިނުމަށް ހަދާފައި ހުންނަ ލޯޝަން ނުވަތަ ކްރީމް އުގުޅުން: މިއީ މަދިރި ހެފުމުން ހަށިގަނޑު ހިމާޔަތްކޮށްދޭނެ ކަމެކެވެ.


ޑެންގީ ހުމަށްދެވޭ ފަރުވާ[އުނިއިތުރު ގެންނަވާ]

ޢާންމުގޮތެއްގައި ޑޮކްޓަރުން އިރުޝާދު ދެނީ ޕެނަޑޯލް ޕެރަސިޓަމޯލް ފަދަ ބޭސްތައް ބޭނުން ކުރުމަށެވެ. އެސްޕިރިން، ވޯލްޓަރަން، ބުރޫފަން ފަދަ ބޭސްތައް ބޭނުންކުރުމަކީ އެދެވިގެންވާ ކަމެއްނޫނެވެ. ސަބަބަކީ މިފަދަ ބާރުގަދަ ބޭސްތަކުގެ ސަބަބުން ޞިއްޙީ އެހެން މައްސަލައެއް ކުރިމަތިވެދާނެތީއެވެ. އަދި ބައްޔާއި ގުޅިގެން ކުރިމަތިވާ ލޭހިލުން ފަދަ ކަންކަން މިފަދަ ބާރުގަދަ ބޭސްތަކުގެ ސަބަބުން އިތުރަށް ގޯސްވެގެން ހިގައިދާނެތީ އެވެ.

ވީވަރަކުން އަރާމްކުރުމާއި ގިނައިން ދިޔާތަކެތި ބޭނުންކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ނުރައްކާތެރި ޙާލަތުގައި އައިވީ ގުޅަންޖެހެއެވެ. ހަށިގަނޑުގައި ހޫނު ހިފެހެއްޓިފައި ހުންނަ ތަންތަން މިސާލަކަށް އުކުޅުވަޅު، ކިހިލިފަތްދޮށް، ކަރުދަށް، އަދި މޭމަތީގައި ފެންފޮތި އުގުޅުމަކީ ހުންއައުމުން އަމިއްލަ އަށްވެސް ކުރެވިދާނެ ކަންކަމެވެ.

ޑެންގީ ހެމޮރޭޖިކް ހުން ޖެހުމުން ބަލިމީހާގެ ލޭހޮޅިތަކުގެ ތެރޭގައި ހުންނަންވާ ފެން(ޕްލާޒްމާ) އަދި ލޭގެ އެކި މާއްދާތައް ހުންނަންޖެހޭ މިންގަނޑުތަކުގައި ހިފެހެއްޓުމުގެ ބާރުދަށްވެގެން ދެއެވެ. އާދައިގެ ޑެންގީ ހުން އާއި ޑެންގީ ހެމޮރޭޖިކް ހުން ތަފާތު ކުރެވޭ ގޮތަކީ މިއީ އެވެ. ޑެންގީ ހެމޮރޭޖިކް ހުން އަކީ ހަށިގަނޑުގެ އެތެރޭގެ އެކި ހިސާބުތަކަށާއި، ދެހަން ދޭތެރެއަށް ލޭފާއްދަން ފަށާ، އަދި ބަލި މީހާގެ ޙާލު ވަރަށް ބޮޑަށް ދެރަކޮށްލާ ބައްޔެކެވެ. އަދި ފުރިހަމަ ފަރުވާ ނުލިބި ލަސްވެއްޖެނަމަ ފުރާނަ އަށް ގެއްލުންވާ ބައްޔެކެވެ.

ޑެންގީ ހެމޮރޭޖިކް ހުން އަށް ފަރުވާ ދެމުންދާއިރު، ހޮސްޕިޓަލުން ކުރިމަތިލާންޖެހޭ މައްސަލަ ތަކުން ފެށުން ބިނާވެފައި އޮންނަނީ ބަލީގެ ކުރީކޮޅުގައި އެބަލި މީހަކަށް ފޯރުކޮށްދެވިފައިވާ ޞިއްޙީ އެހީއާއި ފަރުވާ ގެ މައްޗަށެވެ.

ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ކޮންމެ ފަރާތަކީ ވެސް ޑެންގީ ހުން ޖެހިފައިވާ މީހަކު ދެނެގަތުމުގެ ގާބިލްކަން ލިބިފައި ހުންނަން ޖެހޭނެ މީހެކެވެ. ހަމަ އެހެންމެ މިބައްޔާއި ބެހޭ މަޢުލޫމާތު ބެލެނެވެރިންނަށް ވެސް ވީހާވެސް ބޮޑަކަށް ލިބިފައިވުން މުހިއްމެވެ. ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އާދައިގެ ޑެންގީ ހުމުގެ އަލާމާތްތައް ދެނެގަތުމުގެ އިތުރުން، ބެލެނެވެރިންނާއި ގުޅިގެން އެފަދަ ކަންތައްތަކަށް ފަރުވާ ދޭންޖެހެއެވެ. ހަމައެއާއެކު ޑެންގީ ހެމޮރޭޖިކް ހުން ގެ ނުރައްކާތެރި އަލާމާތްތައް ހުރިތޯ ބަލަމުން ގެންދަން ޖެހެއެވެ. އަދި އެޑްމިޓްކޮށްގެން ނޫނީ ފަރުވާ ނުދެވޭ ފަދަ ދަރަޖައަކަށް ބަލީގެ އަލާމާތްތައް ބޮޑުވަމުން އާދޭތޯވެސް ބަލަމުން ގެންދަން ޖެހެއެވެ.


ބަލި ދެނެގަތުން[އުނިއިތުރު ގެންނަވާ]

ޑެންގީ ހުން އާންމުކޮށް ފެންނަ ސަރަހައްދު ތަކުގައި ދިރިއުޅޭ މީހުންގެ ކިބައިން ތިރީގައިމިވާ ޢަލާމާތްތަކުގެ ތެރެއިން ޢަލާމާތެއް ނުވަތަ ޢަލާމާތްތަކެއް ފެނިއްޖެނަމަ އެއީ ޑެންގީ ހުން ކަމަށް ވެދާނެ ކަމަށް ބެލެވިދާނެއެވެ.

ހުންއައުން[އުނިއިތުރު ގެންނަވާ]

ކުއްލިއަކަށް ގަދަ ހުމެއް އައުން، ބައެއް ފަހަރު ހުން ވިހެލާފައި އަނެއްފަހަރު ހުންއައުން، ޕެރަސިޓަމޯލް ނޫނީ ޕެނަޑޯލް ދިނުމުން ވެސް ހުން މުޅިން ފިލައި ނުދިއުން

އެހެން ޢަލާމާތްތައް[އުނިއިތުރު ގެންނަވާ]

  • ބޮލުގައި ރިއްސުން: ނިއްކުރި މައްޗާއެކު ވަރަށް ބޮޑަށް ބޮލުގައި ރިއްސާނެއެވެ.
  • ލޮލުގައި ރިހުން: ލޯ ހަރަކާތް ކުރުމުން ރިހުން ބޮޑުވެއެވެ.
  • ގައިގައި ރިހުން އަދި ހުޅުތަކުގައި ރިހުން : ތެދުވެ އުޅެން ނުކެރޭވަރަށް އުނަގަނޑުގައި އަދި އަތްފައި ގައި ރިއްސަފާނެއެވެ.
  • ތުއްތުކުދިންގެ ކިބައިން ފެންނަ އަލާމާތްތައް: އާދަޔާ ޚިލާފަށް ވަރުދެރަވެފައި އޮތުން،
  • އުޅޭއުޅުމަށް ބަދަލުއައުން: މިސާލަކަށް ފަސޭހައިން ރޯންފެށުން، އަދި މާބޮޑަށް ރުޅިގަދަވުން، އަދި ހޮނޑުލުން ފަދަ އަލާމާތްތައް ހިމެނެއެވެ.
  • ގައިގެ ހަމުން ފެންނަ އަލާމާތްތައް: މޫނު ރަތްވުން، ނޫނީ ގަޔާއި ބޮލުގެ ހަން ރަތްވެ، ކުދި ބިހިތަކެއް ނެގުން ހިމެނެއެވެ.

ޑެންގީ ހުން ހުރިކަމަށް ޝައްކު ކުރެވިއްޖެނަމަ ދެން ކުރަން ޖެހޭ ކަމަކީ ބަލިބޮޑުވާން ދިމާވެދާނެ ފަދަ އެހެން ކަންތައްތަކެއް ހުރިތޯ ބެލުމާއި، ޑެންގީ ހެމޮރޭޖިކް ހުން ގެ ޢަލާމާތްތައް ހުރިތޯ ހޯދާބެލުމެވެ.

ފުރަމޭ ދުޅަވުން ކުރިމަތިވެ، ފުރަމޭ އާއި ދިމާލުން ބަނޑުގެ ކަނާއަތްފަރާތުގައި އަތްލުމުން ތަދުވާނަމަ އެއީ ޑެންގީ ހެމޮރޭޖިކް ހުން ގެ ޢަލާމާތެއް ކަމުގައި ބެލެވެއެވެ. ފުރަމޭ ދުޅަވުން ފަދަ ބަލިތަކުގައި މޭ ނުވަތަ ފުރަމޭ ދުޅަވާއިރު ހުންނާނީ ލޮލުގައި ރީނދޫކުލަ ހިފާފައެވެ.

ޑެންގީ ހުމުގައި ފެންނަ ޢަލާމާތްތަކާއި، އެހެނިހެން ޢާންމު ބަލިތަކުގައި ފެންނަ ޢަލާމާތްތަކާއި ދެމެދު ހުންނަ ތަފާތު ދެނެގަންނަން ވާނެއެވެ.

ޑެންގީ ހެމޮރޭޖިކް ހުން ޖެހިފައިވާ މީހެއްގެ ލޭގެ ޓެސްޓްތަކުން ފެންނާނީ:-[އުނިއިތުރު ގެންނަވާ]

ލޭގެ ހުދު ސެލް ގެ ކައުންޓް އަދި ލޭހޮޅިތަކުން ލޭބޭރުވިޔަނުދީ ހިފަހައްޓައިދޭ މާއްދާއެއް ކަމަށްވާ ޕްލޭޓްލެޓް ގެ އަދަދު ދަށްވެފައިވާ ތަނާއި، އަދި ލޭގެ އޮލަމިން (ޕެކްޑް ސެލް ވޮލިއުމް) މަތިވެފައިވާ ތަނެވެ. އަދި ލޭގައި އާދަޔާ ޚިލާފު ލިމްފޮސައިޓް ސެލްތަކެއް ހުރިކަމަށްވެސް ޓެސްޓުތަކުން ދައްކައިފާނެއެވެ.


ޑެންގީ ހުން އަވަހަށް ދެނެގަތުން[އުނިއިތުރު ގެންނަވާ]

ޑެންގީ ރޯގާ އުޅޭ ސަރަހައްދެއްގައި އަންނަ ކޮންމެ ގަދަ ހުމަކީ ޑެންގީ ހުން ކަމުގައި ވެދާނެ ކަމަށް ބަލަންވާނެއެވެ. ހުން އަންނަތާ ދެތިން ދުވަސްވުމުން ޓޯނިކޭ ޓެސްޓު ހަދަންވާނެއެވެ. ތިންވަނަ ދުވަހު ލޭގެ ޓެސްޓެއް ހަދަންވާނެއެވެ. ޝައްކެއްވާނަމަ ޖެހިގެން އަންނަ ދުވަހު ޓެސްޓު ގޯސްވޭތޯ ބަލަން އަލުން ހައްދަންވާނެއެވެ.

ކުރަންވީ ކަންތައްތައް[އުނިއިތުރު ގެންނަވާ]

  • ހުން ތިރިކުރުމަށް މަސައްކަތް ކުރާށެވެ. ހުން ގަދަކޮށް ގިނައިރު ހުރުން އެއީ ރައްކާތެރި ކަމެއް ނޫނެވެ. ގަދައަށް ހުން އަންނަނަމަ ފިޓް ޖެހުން މެދުވެރިވެދާނެއެވެ. ތިކި ނުޖެހޭ ވަރަށް ފެލާލާފައި އޮންނަ ފެން ފޮތިކޮޅަކުން ގައިގައި ފެން އުގުޅައިގެން 39 ޑިގްރީ ސެންޓިގްރޭޑް އަށްވުރެ، ތިރީގައި ހުން ބެހެއްޓުމަށް މަސައްކަތް ކުރާށެވެ.
  • ޕެނަޑޯލް ނޫނީ ޕެރަސިޓަމޯލް ދޭށެވެ. ޕެނަޑޯލް މާގިނައިން ދީފިނަމަ ފުރަމޭ އަށް ގެއްލުން ލިބޭނެއެވެ. އެހެން ކަމުން ބޭސް ދޭންވާނީ އެކަށީގެންވާ ޑޯޒެއްގައި ކަނޑައެޅިފައިވާ ދުރުމިނުގައެވެ.
  • ހުން ގަދަވެފައި އޮންނައިރު ހަމަހިމޭން ތަނެއްގައި ބަލިމީހާ ބާއްވާށެވެ.
  • ކާންބޭނުންވެގެން ބުނާނަމަ ފަސޭހައިން ހަޖަމުވާ ފަދަ ސާދާ ތަކެތި ދެމުން ކުރިއަށް ދާށެވެ. ކަޅުކުލަ ނޫނީ ރަތްކުލަ ނޫނީ ޗޮކްލެޓް ކުލައިގައި ހުންނަ ކާތަކެއްޗާއި، ގޮހޮރުގައި ގިނައިރުވެފައި ހޮނޑަށްލެވޭ ލެޔާއި، އޮޅުން އެރުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ގަދަ ކުލަކުލައިގައި ހުންނަ ތަކެތި ނުދޭށެވެ.
  • އެއްޗެއް ނުކެވޭނަމަ، ނޫނީ މާގިނައިން ހޮނޑުލެވޭނަމަ ދިޔާތަކެތި ދީގެން ފެން އަދި ލޮނުގެ މިންވަރު ހަށިގަނޑުގައި މަދުވިޔަނުދީ ހިފަހައްޓާށެވެ. ކަރުހިއްކުން އެއީ އާންމު ކަމެކެވެ.
  • ބޮޑެތި މީހުންނަށް ސާދާ ފެން ދީގެން ނުވާނެއެވެ. އެތިފޮދު އެތިފޮދުން ލޮނު ޕެކެޓް، ޖޫސް، ސުރުވާ ފަދަ ތަކެތި ޖައްސާށެވެ. ބޮވޭވަރަކުން އެތިފޮދުން ދެމުން ގެންދާށެވެ.
  • ތުއްތު ކުދީންނަށް ކައިރިން ދިނުން ހުއްޓާނުލާ ކުރިޔަށް ގެންދާށެވެ.
  • ޑެންގީ ހުން ޖެހިފައިވާ ބޮޑެތި މީހުންނަށް ލޮނު ޕެކެޓް ތައްޔާރުކުރާނީ 4 ތަށި ނުވަތަ 1 ލީޓަރުގެ ފެނުގައެވެ. އަދި ދެއަހަރުން ދަށުގެ ކުދީންނަށް ލޮނު ޕެކެޓް ތައްޔާރު ކުރާނީ 8 ތަށި ނުވަތަ 2 ލީޓަރު ގެ ފެނުގައެވެ. ބޮވޭ ވަރަކުން ދިޔާތަކެތި ޖައްސާށެވެ.
  • އެއްޗެތި ކައިބޮއި ހެދޭވަރު އަދި ކުޑަކަމުދާ ވަރު ނޫނީ ބޮޑުކަމުދާ ވަރު އަދި ކުލަ، އޮޅުން ފިލުވަން ވާނެއެވެ. އަންހެނުންނާއި ބޮޑެތި އަންހެން ކުދިން ޙައިޟުވެފައިތޯ ހުރީވެސް އަހާ އޮޅުން ފިލުވަން ވާނެއެވެ.


ހޮނޑުލެވޭނަމަ ދެވޭ ފަރުވާ[އުނިއިތުރު ގެންނަވާ]

  • ކުޑަކުދިންނަށް ޑޮންޕެރިޑޯން ސިރަޕް، ބޮޑެތި މީހުންނަށް ޑޮންޕެރިޑޯން ގުޅަ ބޭސް ދެވިދާނެއެވެ. ހޮނޑުލެވޭ ވަރު އަދި ހޮނޑަށް ލެވޭ ތަކެތި ހުންނަ ކުލަ ބެލެނެވެރިން ކައިރިން އަހައި ސާފު ކުރަންވާނެ އެވެ.
  • ގޮހޮރުން ލޭއަންނަކަން ފާހަގަ ކުރެވިއްޖެނަމަ

ރެންޓެކް އަދި ވިޓަމިން-ކޭ ދޭންވާނެއެވެ. އެއްވެސް ތާކުން ގިނައިން ލޭއަންނަނީނަމަ ލޭއަޅަން ވާނެއެވެ. ލޭދޭނޭ މީހަކު ހޯދާ ކްރޮސްމެޗް ކޮށްފައި ބެހެއްޓުން މުހިއްމެވެ.

  • އެހެނިހެން ބޭސްތައް

އެންޓިބަޔޮޓިކް، ސްޓީރޮއިޑް، ފަދަ ބޭހުން އިތުރު ފައިދާއެއް ލިބޭ ކަމަކަށް ދިރާސާތަކުން ފެނިފައެއް ނުވެއެވެ. އެހެންކަމުން މިކަހަލަ ބޭސްތައް ބޭނުން ނުކުރާށެވެ. ބޭނުމެއް ނެތް ގިނަ ބޭސްތައް ދިނުމުން ފުރަމޭ އަށް ގެއްލުން ލިބެއެވެ.

  • ބަލިމީހާ އާއި ހަމައަށް މަދިރިއަށް ވާޞިލް ނުވެވޭގޮތަށް އަބަދުވެސް މަދިރިގެ، މަދިރި ދުންދަނޑި، ނޫނީ މެޓް ޖަހާފައި ބަހައްޓާށެވެ. މިހެން ހެދުމުން ޑެންގީ ފެތުރުނަނުދީ ކޮންޓްރޯލް ކުރުމަށް އެހީވެދޭނެ އެވެ. ޑެންގީ ހުން ޖައްސާ މަދިރި އާންމުކޮށް ހަފާނީ ދުވާލުގައެވެ.
  • އެއްކޮށް ހުންފިލާ ޕްލޭޓްލެޓް ކައުންޓް އަދި ލޭގެ އޮލަމިން ރަގަޅުވާން ފަށަންދެން ބަލިމީހާ ރަގަޅަށް ބަލަހައްޓަން ވާނެއެވެ.
  • ޑެންގީ ހެމޮރޭޖިކް ހުން ގައި (ހަމައެކަނި ގްރޭޑް 1 އަދި ގްރޭޑް 2 ގެ އަލާމާތްތައް ހުރިކަމުގައި ވިޔަސް) ފަހަރުގައި އައިވީ ފުލުުއިޑް ދިނުމަށް އެޑްމިޓް ކުރަން ޖެހިދާނެއެވެ. ޚާއްޞަކޮށް ހަށިގަނޑުގައި ފެން މަދުވެފައިވާނަމަ، ނޫނީ ޕްލޭޓްލެޓް 50 ހާހަށްވުރެ ދަށްވުމާއެކު، ލޭގެ އޮލަމިން މައްޗަށް އަރަމުންދާނަމަ، ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ފަރުވާދިނުން މުހިއްމެވެ.

ބަލި ގޯސްވާކަން ދެނެގަންނާނޭގޮތް[އުނިއިތުރު ގެންނަވާ]

• ހުން މަޑުވުމަށްފަހު ވެސް ބަލިމީހާގެ ޙާލަތު ރަގަޅުނުވުން • ލޮޑުހެލިވެ، ނިދިބުރަކައިފައި ހުރުން • ވިންދު އަވަސްވުން އަދި ޕަލްސް ޕްރެޝަރު 20 މިލިމީޓަރު މާކަރީއަށްވުރެ ދަށްވުން • ލޭގެ ޕްރެޝަރު ދަށްވުން • ލޭގެ ޓެސްޓުން ޕެކްޑް ސެލް ވޮލިއުމް މައްޗަށް ގޮސްފައި ހުރުމާއެކު، ޕްލޭޓްލެޓް ކައުންޓް 100،000 އަށްވުރެ ދަށްވެފައި ހުރުން

ކޮށްގެން ނުވާނޭ ކަންތައްތައް[އުނިއިތުރު ގެންނަވާ]

ހުން ކޮންޓްރޯލް ކުރުމަށް ހަމައެކަނި ޕެނަޑޯލް ނޫނީ ޕެރަސިޓަމޯލް ބޭނުން ކުރާށެވެ. އެހެނިހެން ބޭސް ބޭނުން ނުކުރާށެވެ. އެސްޕިރިން ނޫނީ ބުރޫފަން ފަދަ ބޭސް ދިނުމުން ލޭފޭއްދުމަށް މަގުފަހިވެ، ފުރާނައަށް ނުރައްކާވާ މިންވަރަށް ޙާލަތު ދަށަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ދިޔާތަކެތި ބޮވޭކަމުގައިވަނީ ނަމަ އެންމެ ރަގަޅީ ގިނަގިނައިން ދިޔާތަކެތި ދީގެން ފަރުވާ ކުރިއަށް ގެންދިއުމެވެ. ކޮންމެހެން ބޭނުންވެއްޖެ ޙާލަތެއްގައި މެނުވީ އައިވީ ނުގުޅާށެވެ.

ބޭނުން ވާވަރަށްވުރެ އިތުރަށް ނޫނީ މާ އަވަސް ރޭޓެއްގައި އައިވީ ފެން ދެވިއްޖެނަމަ ހަށިގަނޑުގައި ފެން ގިނަވެ ބަލިމީހާ ފޮއްސިވާނެއެވެ. މިއީ ޑެންގީ ހެމޮރޭޖިކް ހުން ގައި ލޭގައި ހިމެނޭ ފެނުގެ ބައި ކަމުގައިވާ ޕްލާޒްމާ ލޭހޮޅިތަކުގެ ތެރޭގައި ހަރުލުމުގެ ބާރުދެރަވެފައި ހުންނާތީ ވާގޮތެކެވެ. މިގޮތަށް ލޭހޮޅިތަކުން ފެންބޭރުވެ، ހަށިގަނޑުގެ އެކި ހިސާބު ތަކުގައި ފެން ހަރުލަން ފެށުމުން، ލޯކައިރި ފޮއްސިވެ، ބަނޑު ފުއްޕާނެއެވެ. އެންމެ ބޮޑަށް ސަމާލުވާން ޖެހޭ ކަމަކީ ފުއްޕާމޭގެ މަސައްކަތަށް ބުރޫއަރާ މިންވަރަށް ފުއްޕާމޭގެ ވަށައިގެން އޮންނަ ދުލިފަށުގެ ތެރެއަށް ފަސޭހަ ކަމާއެކު ފެން ނުކުމެ ހަރުލަފާނެތީ އެވެ.

ލޮނު ނުހުންނަ ފެނެއް އައިވީކޮށް ދިނުން އެއީ ކޮށްގެންވާނޭ ކަމެއްނޫނެވެ. މިގޮތުން އެކަށީގެންނުވާ ފެނެއް އައިވީކޮށް ދެވިއްޖެނަމަ ސިކުނޑީގައި ފެން ހަރުލާ ސިކުނޑި ދުޅަވެ، ފިޓުޖެހޭގޮތް ވެއެވެ.

ބަލިވެ ބޮޑުވެ ނުރައްކާތެރިވަމުން އާދޭތޯ ބަލާނެގޮތާއި އެފަދަ ނިޝާންތައް[އުނިއިތުރު ގެންނަވާ]

ތިރީގައި ބަޔާންކުރެވިފައިވާ ފަދަ ޢަލާމާތްތަކަކީ ޞިއްޙީ ޚިދުމަތްދޭ ކޮންމެ ފަރާތަކަށް ވެސް އަދި ކޮންމެ ބެލެނެވެރިއަކަށް ވެސް އެނގެންޖެހޭނެ ކަންތައްތަކެވެ. މިފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ބަލިމީހާ ހޮސްޕިޓަލްގައި ނުވަތަ ޞިއްޙީ މަރުކަޒުގައި އެޑްމިޓް ކުރަންޖެހޭނެއެވެ.

ހަދާން ބަހައްޓަން ޖެހޭ އެންމެ މުހިއްމު ކަމަކީ އެންމެ ބޮޑަށް ބަލި ނުރައްކާވެދާނެ މަރުހަލާ އަކީ ހުން މަޑުވުމަށްފަހު ދެން އޮންނަ 48 ގަޑިއިރު ތެރެކަމެވެ. މިވަގުތު ކޮޅަށް ކިޔަނީ ކްރިޓިކަލް ޕީރިއަޑް އެވެ.

ބަލީގެ ނުރައްކާ މަރުޙަލާއަށް ވާޞިލްވާ ނިޝާންތަކަކީ:-[އުނިއިތުރު ގެންނަވާ]

  • ދިޔާތަކެތި ބޯން ބޭނުންނުވުން، ނުވަތަ އެއްޗެއް ނުބޮވޭވަރަށް މޭނުބައިކޮށްފައި ހޮނޑުލެވުން: މިގޮތަށް ދިމާވުމުން ހަށިގަނޑުން ފެންމަދުވާނެކަން ވިސްނަން ވާނެއެވެ.
  • ނިދިފައި ނޫނީ ވަރުދެރަވެފައި އޮތުން: ނޫނީ މާބޮޑަށް ރުޅިގަދަވުން، ކުޑަކުދިން ހުއްޓުމެއްނެތި ރޮއިހަދައިފާނެއެވެ.
  • ލޭއައުން

ޚާއްޞަކޮށް ގޮހޮރުގެ ތެރެއަށް ލޭފޭބުން: މިހެން ދިމާވުމުން ތާޒާލޭ ނުވަތަ ގިނައިރު ވެފައިވާ ލޭ ހޮނޑުލެވޭއިރު ނުވަތަ ބޮޑުކަމުދެވޭއިރު ހުރެދާނެއެވެ. ގޮހޮރުގެ ތެރޭގައި ގިނައިރުވެފައިވާ ލޭ ހޮނޑަށްލާއިރު ހުންނާނީ ކަޅު ކޮފީ ކުލައަކަށެވެ. އަދި ބޮޑު ކަމުދެވޭއިރު ހުންނާނީ ދިޔާ ކަޅު ތާރުހެން އޮލަކޮށް ކަޅުކުލައިގައެވެ.

  • ވަރަށް ބޮޑަށް ބަނޑުގައި ރިއްސާތީ އުޅުން
  • ހަމުގެ ކުލައަށް ބަދަލުއައުން، ދާހިއްލާ ގައިފިނިވެފައި އޮތުން، ނޫނީ އަތްތިލައާއި، ފައިތިލަ ތެތްކޮށް ފިނިވެފައި ހުރުން

މިދެންނެވި ކަންތައްތަކުގެ އިތުރުން ނަރުހުންނާއި ޑޮކްޓަރުން ތިރީގައިމިވާ ކަންތައްތައް ބަލަންވާނެއެވެ.

  • ކެޕިލަރީ ރިފިލް ޓައިމް: ކެޕިލަރީ ރިފިލް ޓައިމް އަކީ ހަމުގައި ހުންނަ ކުދި ލޭހޮޅިތަކުގައި ލޭދައުރު ކުރާ މިންވަރު ދެނެގަތުމަށް ކުރެވޭ ޓެސްޓެކެވެ. ނުވަތަ ބެލޭ ބެލުމެކެވެ. ކެޕިލަރީ ރިފިލް ޓައިމް 2 ސިކުންތަށްވުރެ، ދިގުވޭތޯ ބެލުން.
  • ވިންދު ހުރި މިންވަރު: ވިންދު އަވަސްވުން ، އަދި ވިންދުގެ ބާރު ދަށްވޭތޯ ބެލުން
  • ނޭވާލާ މިންވަރު: ކޮންމެ މިނިޓަކު ނޭވާލާ ވަރާއި، ނޭވާލާގޮތް ބެލުން
  • ލޭގެ ޕްރެޝަރު: ލޭގެ ޕްރެޝަރު ދަށްވުން، އަދި ޕަލްސް ޕްރެޝަރު 20 އަށްވުރެ ދަށްވޭތޯ ބެލުން
  • ޝޮކުޖެހުމުގެ ޢަލާމާތްތައް

ކެޕިލަރީ ރިފިލް ޓައިމް 2 މިނިޓްއަށްވުރެ ދިގުވެ، ވިންދު އަވަސްވުމާއެކު، ވިންދުގެ ބާރުމިން ދަށްވެ، ނޭވާ އަވަސްވެ، އަދި ޕަލްސް ޕްރެޝަރު 20 އަށްވުރެ ދަށްވުން ފަދަ ޢަލާމާތްތަކަކީ ޝޮކުޖެހުމުގެ މަގުމަތީގައި ވާކަން އަންގައިދޭ ޢަލާމާތްތަކެވެ.

  • ކެޕިލަރީ ރިފިލް ޓައިމް ބަލާނޭގޮތް

އަތް ނޫނީ ފައިގެ ތަންކޮޅަކަށް ފިތާލާފައި ހުދު ހަމުން ލޭހޮސްކޮށްލުމުން 2 ސިކުންތުގެ ތެރޭގައި އެފިއްތާލި ހިސާބަށް އަނބުރާ ލޭއަރާތޯ ފަސޭހަ ކަމާއެކު ބަލާލެވިދާނެއެވެ. މިއީ ކެޕިލަރީ ރިފިލް ޓައިމް ބަލާނޭގޮތެވެ. އާންމު ގޮތެއްގައި 2 ސިކުންތުގެ ތެރޭގައި އެފިތާލި ހިސާބަށް ލޭއަރާނެއެވެ. އެހެންކަމުން ކެޕިލަރީ ރިފިލް ޓައިމްގެ ނޯމަލް އަކީ 2 ސިކުންތު އެވެ.

  • ޕަލްސް ޕްރެޝަރު

ޕަލްސް ޕްރެޝަރު އަކީ ލޭގެ ސިސްޓޮލިކް ޕްރެޝަރު އާއި ، ޑަޔަސްޓޮލިކް ޕްރެޝަރު އާއި ދެމެދުގައި ހުންނަ ތަފާތެވެ. އާންމުކޮށް ބަލާ އުޞޫލުން ލޭގެ ޕްރެޝަރު ބަލާލުމަށްފަހު ފަސޭހަކަމާއެކު ޕަލްސް ޕްރެޝަރު ދެނެގަނެވިދާނެއެވެ.

ޕަލްސް ޕްރެޝަރު 20 މިލިމީޓަރ މާކަރީ އަށްވުރެ ދަށްވުމަކީ ވެސް ކުދި ލޭހޮޅިތަކުގައި ހުންނަ ލެއިން ފެނުގެ ބައި ނުވަތަ ޕްލާޒްމާ ބޭރުވާން ފެއްޓުމުން ފެންނަ އަލާމާ ތެކެވެ.

ޑެންގީ ހެމޮރޭޖިކް ހުން ޖެހިފައިވާ މީހެއްގެ ލޭގެ ޓެސްޓުން : ލޭގެ ހުދު ސެލް ކައުންޓް 5000/ކިއުބިކް މިލިމީޓަރަށް ދަށްވުން، ނިސްބަތުން ލިމްފޮސައިޓް ގިނަވުން، އޭޓިޕިކަލް ލިމްފޮސައިޓް ގިނަވެފައިހުރުން މިކަންތައްތަކަކީ އަންނަންއޮތް 24 ގަޑިއިރުގެ ތެރޭގައި ހުން ވީއްލާލުމާއެކު ކްރިޓިކަލް ޕީރިއަޑް ފެއްޓޭނެކަން ދައްކުވައިދޭ ހެކިތަކެކެވެ.

  • މިއިން އެއްވެސް އަލާމާތެއް ފެންނަން ނެތްނަމަ:-

މިއިން އެއްވެސް އަލާމާތެއް ފެންނަން ނެތްނަމަ ކުރަންވީ ކަންތައްތައް، ކޮށްގެން ނުވާނޭ ކަންތައްތައް، އަަދި ބަލި ބޮޑުވެ ނުރައްކާތެރިވަމުން އާދޭތޯ ބަލާނޭގޮތް، ބެލެނެވެރިޔާ އަށް ކިޔާ ދިނުމަށްފަހު ބަލި ކުއްޖާ ނުވަތަ މީހާ ގެޔަށް ފޮނުވާލެވިދާނެ އެވެ.

  • ކުރަންވީ ކަންތައްތައް

• ހުން ތިރިކުރުމަށް މަސައްކަތް ކުރާށެވެ. ތެތް ފޮތިކޮޅަކުން ގައިގައި ފެން އުގުޅައިގެން 39 ޑިގްރީ ސެންޓިގްރޭޑް އަށްވުރެ، ތިރީގައި ހުން ބެހެއްޓުމަށް މަސައްކަތް ކުރާށެވެ. • ޕެނަޑޯލް ނޫނީ ޕެރަސިޓަމޯލް ދޭށެވެ. • އެއްޗެއް ނުކެވޭނަމަ، ނޫނީ މާގިނައިން ހޮނޑުލެވޭނަމަ ދިޔާތަކެތި ދީގެން ފެން އަދި ލޮނުގެ މިންވަރު ހަށިގަނޑުގައި މަދުވިޔަނުދީ ހިފަހައްޓާށެވެ. އެތިފޮދު އެތިފޮދުން ލޮނު ޕެކެޓް، ޖޫސް، ސުރުވާ ފަދަ ތަކެތި ޖައްސާށެވެ. ބޮވޭވަރަކުން އެތިފޮދުން ދެމުން ގެންދާށެވެ.

  • ކޮށްގެން ނުވާނޭ ކަންތައްތައް

• ހުން ކޮންޓްރޯލް ކުރުމަށް އެސްޕިރިން، ބުރޫފަން، އަދި ވޯލްޓަރާން ފަދަ ބޭސް ދީގެންނުވާނެއެވެ. • ކޮންމެހެން ބޭނުންވެއްޖެ ޙާލަތެއްގައި މެނުވީ އައިވީ ނުގުޅާށެވެ. • ލޮނު ނުހުންނަ ފެނެއް އައިވީކޮށް ނޫނީ ބުއިމަށްދިނުން އެއީ ކޮށްގެންވާނޭ ކަމެއްނޫނެވެ.

  • ބަލިބޮޑުވެ ނުރައްކާތެރި ވަމުން އަންނަ ކަމުގެ ނިޝާންތައް:-

• ދިޔާތަކެތި ބޯން ބޭނުންނުވުން • ނިދިފައި ނޫނީ ވަރުދެރަވެފައި އޮތުން: ނޫނީ މާބޮޑަށް ރުޅިގަދަވުން، ކުޑަކުދިން ހުއްޓުމެއްނެތި ރޮއިހަދައިފާނެއެވެ. • އެއްވެސް ތަނަކުން ލޭއައުން • ބަނޑުގައި ރިއްސާތީ އުޅުން • ހަމުގެ ކުލައަށް ބަދަލުއައުން، ދާހިއްލާ ގައިފިނިވެފައި އޮތުން، ނޫނީ އަތްތިލައާއި، ފައިތިލަ ތެތްކޮށް ފިނިވެފައި ހުރުން • ކުޑަކަމު ނުދެވި 6 ގަޑިއިރަށްވުރެ ގިނައިރުވުން

ނަމަވެސް ގެޔަށް ފޮނުވާލާއިރު، ކުއްޖާގެ ޙާލަތާ މެދު ހިތްހަމަ ނުޖެހޭނަމަ ނޫނީ މިކިޔާދެވުނު ކަންތައްތައް ބެލެނެވެރިންނަށް ފުރިހަމައަށް ނުކުރެވޭކަމަށް ފެންނަ ނަމަ އެކުއްޖަކު އެޑްމިޓް ކުރާށެވެ.

ހެލްތު ޕޯސްޓް ނޫނީ ޞިއްޙީ މަރުކަޒު ފަދަ ތަނެއްގައި ބާއްވައިގެން ފަރުވާދެމުން ގެންދާ ބަލި ކުއްޖެއްގެ ލޭގެ ޕްރެޝަރު ދާން ފަށައިފިނަމަ ނޫނީ އެކުއްޖެއްގެ ގައިން ޝޮކުގެ ނިޝާންތައް ފެންނަން ފައްޓައިފިނަމަ، ނޫނީ އެއްވެސް ތަނަކުން ލޭއަންނަކަން ފާހަގަ ކުރެވިއްޖެނަމަ ލަސްނުކޮށް އެކުއްޖަކު ހޮސްޕިޓަލަކަށް ރިފަރ ކުރާށެވެ.

ޑެންގީ ހެމޮރޭޖިކް ހުން ޖެހިގެން ޝޮކަށްދާކުދިންނަށް އެކަށީގެންވާ ފަރުވާ ނުލިބި ގިނައިރު ވެއްޖެނަމަ ލޭއައުން އިތުރުވެ، ގުރުދާ ފޭލްވެ، ފުރާނައަށް ނުރައްކާވާ ހިސާބަށް އެފަދަކުދިންގެ ހާލަތު ބަދަލުވެއެވެ. މިބުނެވުނުފަދަ ނުރައްކާތެރި އަލާމާތެއް ހުރިތޯ ކޮންމެ 4 ގަޑިން ބެލުމާއި، އެފަދަ އަލާމާތްތައް ދެނެގަތުމާއި، ފަރުވާ ދިނުމުގެ ގާބިލްކަން ކުޑަކުދިންނަށް ފަރުވާ ދިނުމުގައި މަސައްކަތްކުރާ ނަރުހުންނާއި، ޑޮކްޓަރުންގެ ކިބައިގައި ހުންނަން ވާނެއެވެ.


ލޭގެ އޮލަމިން ބެލުން[އުނިއިތުރު ގެންނަވާ]

ލޭގެ އޮލަމިން ބެލުމަށް ބޭނުންވާނީ ސެންޓްރިފިއުޖް މެޝިނަކާއި، ބިއްލޫރި ކެޕިލަރީ ޓިއުބެކެވެ. ފަސޭހައިން ހަދާލެވޭ މިޓެސްޓްގެ ނަތީޖާ ވަގުތުން ބަލާލެވެއެވެ.

ސެންޓްރިފިއުޖް ނެތްނަމަ ނުސީދާގެ ލޭގެ އޮލަމިން ހޯދާނީ ހީމްގޮލޮބިން ހުރިވަރުންނެވެ. ހީމްގޮލޮބިންގެ ޢަދަދު 3.2 އިން ގުނަކުރުމުން އަންނަ ވަރަކީ ލޭގެ އޮލަމިން އެވަގުތު ހުރިވަރެވެ. ނަމަވެސް ލޭގެ އޮލަމިން ހޯދަން އެންމެ ރަގަޅު ގޮތަކީ މިއީއެއް ނޫނެވެ.

ލޭގެ އޮލަމިނަށް ބަދަލު އައުމުން ވާގޮތް:-[އުނިއިތުރު ގެންނަވާ]

ލޭގައި ހުންނަ ފެނުގެ ބައި ނުވަތަ ޕްލާޒްމާ ލޭހޮޅިތަކުން ބޭރުވާނަމަ ލޭގެ ސެލްތައް ނިސްބަތުން ގިނަވާނެ އެވެ. އަދި ލޭ އޮލަވާނެއެވެ.

އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމަކީ ބޭނުންވާ ވަރަށްވުރެ އިތުރަށް އައިވީ ފެން ނުދިނުމެވެ. ކުރިން ކިޔާދެވުނު ފަދައިން ބޭނުންވާ ވަރަށްވުރެ އިތުރަށް ނޫނީ އަވަހަށް އައިވީ ފެން ދެވޭނަމަ ލޭހޮޅި ތަކުން ޕްލާޒްމާ ބޭރުވާލެން ގިނަވެފައި އަވަސްވާނެއެވެ. މިގޮތަށް ލޭހޮޅިތަކުން ބޭރުގައި ފެން ހަރުލާން ފެށުމުން ލޯކައިރި ފޮއްސިވާނެ އެވެ. އަދި ބަނޑު ފުއްޕާނެއެވެ. ފަސޭހަ ކަމާއެކު ފުއްޕާމޭގެ ވަށައިގެންވާ ދުލިފަށް ގެ ތެރޭގައި ފެން ހަރުލާނެއެވެ. އަދި ފުއްޕާމޭގެ މަސައްކަތަށް ބުރޫއަރާނެއެވެ.

މިގޮތަށް ލޭހޮޅިތަކުން ފެންބޭރުވަމުންދާ ވަގުތު އައިވީ ފެން ދޭންވާނީ ލޭގެ ޕްރެޝަރު ދަށްވިޔަނުދީ ކިރިޔާ ހިފެހެއްޓޭ މިންވަރަށެވެ. މިގޮތަށް އައިވީ ފެން ދޭންވީ މިންވަރު ބެލުމަށްޓަކައި ބޭނުންކުރާ ތާވަލްތަކެއް ކުޑަކުދިންނަށް ފަރުވާ ދެއްވާ ޑޮކްޓަރުން ބޭނުން ކުރެއްވުމަށް ތައްޔާރު ކުރެވި ޝާއިޢުކުރެވިފައި ހުންނާނެ އެވެ.

ލޭގެ އޮލަމިން ދަށަށް ދާނަމަ، އެއީ އެތެރެހައްޓަށް ލޭ ބޭރުވަމުންދާކަން އަންގުވައިދޭ ނިޝާނެކެވެ. މިސާލަކަށް ގޮހޮރުގެ ތެރެއަށް ލޭބޭރުވާއިރު ބޭރަކަށް ނުފެންނާނެއެވެ. މިގޮތަށް ބޭރުވާ ލޭފެންނާނީ ހޮނޑުލެވޭއިރު އެވެ. ނޫނީ ބޮޑުކަމުދެވޭއިރު އެވެ. މިގޮތަށް ގޮހޮރުގެ ތެރެއަށް ލޭބޭރުވާން ފެށުމުން ވަރަށް ބޮޑަށް ބަނޑުގައި ރިއްސާތީ އުޅޭނެ އެވެ.

ބަލި ރަގަޅުވާން ފެށުމުން ލޭހޮޅިތަކުން ބޭރުވެފައި ހުރި ފެން އަނބުރާ ލޭހޮޅިތަކަށް ވަންނަށް ފަށައެވެ. މިމަރުހަލާގައި ލޭގެ އޮލަމިން ދާނީ ދަށަށެވެ. ބަލި ރަގަޅުވަމުން އައި ނަމަވެސް ބަލިމީހާގެ ކިބައިން އެއްވެސް ނުރައްކާތެރި އަލާމާތެއް ފެނޭތޯ ނަރުހުންނާއި ޞިއްޙީ އެހީތެރިން ބަލަމުން ގެންދަން ވާނެއެވެ.

ބަލިވެ ބޮޑުވެ ނުރައްކާތެރިވަމުން އާދޭތޯ ބަލާނެގޮތާއި އެފަދަ ނިޝާންތައް[އުނިއިތުރު ގެންނަވާ]

މާބޮޑަށް ކަރުހިއްކުން، ނުވަތަ ދިޔާތަކެތި ބޯން ބޭނުންނުވުން، ނުވަތަ އެއްޗެއް ނުބޮވޭވަރަށް މޭނުބައިކޮށްފައި ހޮނޑުލެވުން: މިގޮތަށް ދިމާވުމުން ހަށިގަނޑުން ފެންމަދުވާނެކަން ވިސްނަން ވާނެއެވެ.

  • ނިދިފައި ނޫނީ ވަރުދެރަވެފައި އޮތުން: ނޫނީ މާބޮޑަށް ރުޅިގަދަވުން، ކުޑަކުދިން ހުއްޓުމެއްނެތި ރުއިން.
  • ބަނޑުގައި ރިއްސާތީ އުޅުން
  • ހަމުގެ ކުލައަށް ބަދަލުއައުން، ދާހިއްލާ ގައިފިނިވެފައި އޮތުން، ނޫނީ އަތްތިލައާއި، ފައިތިލަ ތެތްކޮށް ފިނިވެފައި ހުރުން
  • ކުޑަކަމުދެވޭ ވަރު މަދުވުން، އެންމެ ފަހުން ކުޑަކަމުދިޔަތާ 6 ގަޑިއިރު ފާއިތުވެފައިވުން

މިއަލާމާތްތައް ހުރެއްޖެނަމަ އައިވީ ފެންދޭ މިންވަރު އިތުރުކުރަން ޖެހޭނެއެވެ. އެހެނީ މިއަލާމާތްތަކަކީ ބަލިމީހާގެ ލޭގެ ޕްރެޝަރު ދަށަށް ގޮސްފައި ހުރުމުގެ ސަބަބުން ނޫނީ އައިވީ ދެވޭވަރު މަދުވުމުން ފެންނަ ޝޮކުގެ އަލާމާތްތަކެވެ.

ލޭއައުން[އުނިއިތުރު ގެންނަވާ]

  • އެތެރެހައްޓަށް ނޫނީ ބޭރުފުށުން ފެންނަ ގޮތަށް މާބޮޑަށް ލޭބޭރުވަމުންދާނަމަ ވީ އެންމެ އަވަހަކަށް ލޭއަޅަން ޖެހޭނެއެވެ.
  • ނޭވާކުރުވެ، ނޭވާލާން އުދަގޫވުން:ނޭވާކުރުވެ، ނޭވާލާން އުދަގޫވެގެން އުޅޭނަމަ އޮކްސިޖަން ދޭންޖެހޭނެއެވެ. ޕަލްސް ޕްރެޝަރު ރަގަޅު ނަމަ އައިވީ ފެން ދޭމިންވަރު މަދުކުރަން ޖެހޭނެއެވެ.

މިދެންނެވި ކަންތައްތަކުގެ އިތުރުން ނަރުހުންނާއި ޑޮކްޓަރުން ތިރީގައިމިވާ ކަންތައްތައް ބަލަންވާނެއެވެ.

  • ކެޕިލަރީ ރިފިލް ޓައިމް: ކެޕިލަރީ ރިފިލް ޓައިމް އަކީ ހަމުގައި ހުންނަ ކުދި ލޭހޮޅިތަކުގައި ލޭދައުރު ކުރާ މިންވަރު ދެނެގަތުމަށް ކުރެވޭ ޓެސްޓެކެވެ. ނުވަތަ ބެލޭ ބެލުމެކެވެ. ކެޕިލަރީ ރިފިލް ޓައިމް 2 ސިކުންތަށްވުރެ، ދިގުވޭތޯ ބެލުން.
  • ވިންދު ހުރި މިންވަރު: ވިންދު އަވަސްވުން ، އަދި ވިންދުގެ ބާރު ދަށްވޭތޯ ބެލުން
  • ނޭވާލާ މިންވަރު: ކޮންމެ މިނިޓަކު ނޭވާލާ ވަރާއި، ނޭވާލާގޮތް ބެލުން
  • ލޭގެ ޕްރެޝަރު: ލޭގެ ޕްރެޝަރު ދަށްވުން، އަދި ޕަލްސް ޕްރެޝަރު 20 އަށްވުރެ ދަށްވޭތޯ ބެލުން
  • ބަލި ހާލު ވަރަށް ބޮޑުނަމަ މިދެންނެވި ކަންތައްތައް ކޮންމެ 15 މިނިޓަކުން 1 ފަހަރު ނުވަތަ 30 މިނިޓަކުން 1 ފަހަރު ބަލަމުން ގެންދަންވާނެއެވެ.

ޑެންގީ ހުން ޖެހިފައިވާ މީހުންގެ ތެރެއިން ޚާއްޞަ ސަމާލުކަމެއް ދޭންވީ މީހުން[އުނިއިތުރު ގެންނަވާ]

  • އެއްއަހަރުން ދަށުގެ ކުޑަކުދިން
  • ޝޮކުޖެހި ޝޮކުގައި ގިނައިރުތަކެއް ހޭދަކޮށްފައިވާ މީހުން (ގްރޭޑް4)
  • ވަރަށް ފަލަމީހުން
  • ގިނައިން ލޭއޮހޮރޭނަމަ
  • ހޭވެރިކަމަށް ބަދަލު އައިސްފައިވާ މީހުން
  • އިތުރު ބައްޔެއް ހުންނަ މީހުން، މިސާލަކަށް ހިތުގެ ބަލި، ލޭއަޅާ ބަލި، ޖީސިކްސްޕީޑީ މަދު މީހުން

ޑެންގީ ހެމޮރޭޖިކް ހުންޖެހިފައިވާ ބަލިމީހާ މޮނީޓަރ ކުރާނޭގޮތް:-[އުނިއިތުރު ގެންނަވާ]

  • ހުން : ކޮންމެ 4 ގަޑިން
  • ލޭގެ ޕްރެޝަރު: ކޮންމެ 4 ގަޑިން
  • ލޭގެ އޮލަމިން: ކޮންމެ 6 ގަޑިން
  • ޕްލޭޓްލިޓް ކައުންޓް: ކޮންމެ ދުވާލަކު 1 ފަހަރު
  • އައިވީ ފެން ދެވޭވަރު: ކޮންމެ 4 ގަޑިން
  • އައުޓް ޕުޓް ޗާޓް

ޑެންގީ ހެމޮރޭޖިކް ޝޮކް ޖެހިފައިވާ ބަލިމީހާ މޮނީޓަރ ކުރާނޭގޮތް:-[އުނިއިތުރު ގެންނަވާ]

  • ހުން، ވިންދު، ނޭވާލާވަރު އަދި ލޭގެ ޕްރެޝަރު: ކޮންމެ 15 މިނިޓުން ނޫނީ 30 މިނިޓުން
  • ލޭގެ އޮލަމިން: ފުރަތަމަ 6 ގަޑިއިރުތެރޭ 2 ގަޑިން، އެއަށްފަހު ރަގަޅުވަންދެން 4 ގަޑިން
  • އައިވީ ފެންދެވޭ ވަރު، ދެވޭ ވައްތަރު ކޮންމެ 4 ގަޑިން ރިކޯޑްކުރުން
  • ކުޑަކަމުދެވޭ ވަރު އެމްއެލް އިން ރިކޯޑްކުރުން ( ކެތީޓާ ލައްވައިގެން)
  • ލޭގެ ގުރޫޕް ބެލުމާއި ކްރޮސްމެޗް ކޮށްފައި ލޭދޭނޭ މީހަކު ތައްޔާރުކޮށްފައި ބެހެއްޓުން
  • ބްލަޑް ޝުގަރ
  • ސޯޑިއަމް، ކެލްސިއަމް، ޕޮޓޭސިއަމް، ސީއޯ2 ލެވެލް
  • ލިވަރ ފަންކްޝަން ޓެސްޓް
  • ރީނަލް ފަންކްޝަން ޓެސްޓް (ބީޔޫއެން، ކްރިއޭޓިނީން، ޔޫރިކް އެސިޑް)
  • ބްލަޑް ގޭސް
  • ޓީޓީ، އޭޕީޓީޓީ، ޕީޓީ