ފުރަމޭ ދުޅަވުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ފުރަމޭ ދުޅަވުން (އިނގިރޭސި ބަހުން: Hepatitis) އަކީ އެއްވެސް ސަބަބަކާ ހެދި ފުރަމޭ ގައި އިންފްލެމޭޝަން އުފެދުމެވެ. ފުރަމޭ ދުޅަވުން މެދުވެރިވެއްޖެނަމަ އިންފްލެމޭޓަރީ ސެލްތައް ފުރަމޭގައި އިތުރުވެގެން ދެއެވެ. އެންމެ އާންމު ގޮތެއްގައި ފުރަމޭ ދުޅަވަނީ ވައިރަސް އެއްގެ ސަބަބުންނެވެ. ފުރަމޭ ދުޅަވުމުގެ ތަފާތު ވައްތަރުތައް ހުންނަކަން ފާހަގަ ކުރެވެއެވެ. ވައިރަސްގެ އިތުރުން ތަފާތު ވައްތަރުގެ ވިހަތައް، ބައެއް ކަހަލަ އިންފެކްޝަންތައް، އަދި ބައެއް ކަހަލަ ބޭސްތަކާއި މިނޫން ކަންތައް ތަކުގެ ސަބަބުން ވެސް ފުރަމޭ ދުޅަވުން މެދުވެރި ކުރުވައެވެ.


ވައިރަލް ހެޕަޓައިޓިސް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ވައިރަލް ހެޕަޓައިޓިސް

ވައިރަލް ހެޕަޓައިޓިސް އަކީ ވައިރަސް އިން ޖެހޭ ބައްޔެއްގެ ސަބަބުން ފުރަމޭ ދުޅަވުން އެވެ. ވައިރަސްއިން ޖެހޭ ބައްޔެއްގެ ސަބަބުން ކުޑަ ދުވަސްކޮޅަކަށް ފުރަމޭ ދުޅަވުން ކުރިމަތިވެދާނެ އެވެ. އަދި ހަމަމިހެން ދާއިމީ ގޮތެއްގައި ދިގުމުއްދަތަކަށް ވެސް ފުރަމޭ ދުޅަވުން ކުރިމަތިވެދާނެ އެވެ. ވައިރަލް ހެޕަޓައިޓިސް ކުރިމަތިވަނީ ހެޕަޓައިޓިސް ވައިރަސް ގެ ތަފާތު ވައްތަރުތަކުގެ ސަބަބުންނެވެ. އޭގެ ތެރޭގައި ހެޕަޓައިޓިސް އޭ ވައިރަސް، ހެޕަޓައިޓިސް ބީ ވައިރަސް، ހެޕަޓައިޓިސް ސީ ވައިރަސް، ހެޕަޓައިޓިސް ޑީ ވައިރަސް، ހެޕަޓައިޓިސް އީ ވައިރަސް، އަދި ހެޕަޓައިޓިސް އެފް ވައިރަސް ހިމެނެއެވެ. މީގެ އިތުރުން ވައިރަލް ހެޕަޓައިޓިސް ކުރިމަތިކުރުވާ އެހެން ވައިރަސް ތަކުގެ ތެރޭގައި ސައިޓޯމެގަލޮވައިރަސް، އެޕްސްޓެންބަރ ވައިރަސް، އަދި ރީނދޫ ހުން ޖައްސާ ވައިރަސް ހިމެނެއެވެ.

ހެޕަޓައިޓިސް އޭ[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ހެޕަޓައިޓިސް އޭ

ހެޕަޓައިޓިސް އޭ އަކީ ހެޕަޓައިޓިސް އޭ ވައިރަސް ގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިއީ ފުރަމޭ ދުޅަވުން ގެ ވައްތަރެކެވެ. މިބައްޔަށް ޖަރާސީމީ ރީނދޫވުން މިހެންވެސް ކިޔައި އުޅެއެވެ. މިބަލި ޖެހެނީ ބަލި ޖައްސާ ވައިރަސް އާއި ތަޣައްޔަރުވެފައި ހުރި ކާތަކެތި ކެއުމުން، ނުވަތަ އަނގަ އަދި ފުރަގަސް ފަރާތް ފަދަ ތަނެއް މެދުވެރިކޮށް ޖިންސީގުޅުން ހިންގުމުންނެވެ. މިސާލަކަށް ވައިރަސް އާއި ތަޣައްޔަރުވެފައި ހުރި ބޮޑުކަމުދާ ތަކެތި ފެނާއި އެކުވެ، އެފެން ތަޣައްޔަރުވެފައި ވަނިކޮށް ބުއިފިނަމަ މިބަލި ޖެހިދާނެ އެވެ. އަދި ހަމަ މިހެން ކާނާގެ ބާވަތަކާއި އެފަދަ ގޮތަކަށް ތަޣައްޔަރުވެފައިވަނިކޮށް އެއެއްޗެއް ބޭނުންކޮށްފިނަމަ ވެސް މިބަލި ޖެހިދާނެ އެވެ. ހެޕަޓައިޓިސް އޭ އަކީ ކުޑަ ދުވަސްކޮޅަކަށް ޖެހޭ ބައްޔެކެވެ. ބަލީގައި ދިގުލައި ދާއިމީ ބައްޔަކަށް މިބަލި ބަދަލެއް ނުވާނެއެވެ. ބަލި އެއްފަހަރު ޖެހުމުން ބަލިމީހާގެ ދިފާޢީ ނިޒާމްގައި ހެޕަޓައިޓިސް އޭ ވައިރަސް އާއި ދެކޮޅަށް މަސައްކަތްކުރާނެ ހަށިދަމަނަ އުފައްދައެވެ. އޭގެ ސަބަބުން ފަހުން (ދެވަނަ ފަހަރަށް ) އެބަލިޖެހުމުން މިންޖުކޮށް ސަލާމަތްކޮށްދެއެވެ. ހެޕަޓައިޓިސް އޭ ޖެހިފައި ތިބޭމީހުންނަށް އަރާމުކުރުމަށާއި، ގިނައިން ދިޔާތަކެތި ބުއިމަށް އަދި ބަނގުއާތްވާއި ދުރުހެލިވުމަށް އިރުޝާދު ދެވެއެވެ. ހެޕަޓައިޓިސް އޭ އިން މިންޖުކޮށް ރައްކާތެރިކޮށްދޭނެ ވެކްސިނެއް އުފައްދާފައި ވެއެވެ. އޭގެ ސަބަބުން 10 އަހަރު ދުވަހުގެ މުއްދަތަށް ބަލިން ރައްކާތެރިކޮށްދެއެވެ.

ހެޕަޓައިޓިސް ބީ[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ހެޕަޓައިޓިސް ބީ

ހެޕަޓައިޓިސް ބީ އަކީ ހެޕަޓައިޓިސް ބީ ވައިރަސް ގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިއީ ފުރަމޭ ދުޅަވުން ގެ ވައްތަރެކެވެ. ހެޕަޓައިޓިސް ބީ ކުޑަ ދުވަސްކޮޅަކަށް ވެސް ޖެހިދާނެ އެވެ. އަދި ބަލީގައި ދިގުލައި ދިގުމުއްދަތަކަށް ބަލި ދެމިގެން ވެސް ހިގައިދާނެ އެވެ. ދާއިމީ ބައްޔެއްގެ ގޮތުގައި މުޅި އުމުރަށް ހެޕަޓައިޓިސް ބީ ދެމިހުންނަނީ ބަލިޖެހޭމީހުންގެ ތެރެއިން 15 އިންސައްތަ މީހުންގެއެވެ. މިއީ ބަލިޖެހުމަށްފަހު ބަލީގެ ވައިރަސް ހަށިގަނޑުން ބޭރުކޮށް ނެތިކޮށްލުމަށް އެމީހުންގެ ހަށިގަނޑު ނުކުޅެދިފައިވާ މީހުންނެވެ. ހެޕަޓައިޓިސް ބީ ޖެހުމަށް މެދުވެރިވެދާނެ ކަންތައްތަކުގެ ތެރޭގައި ވައިރަސްއާއި ތަޣައްޔަރު ހުރި ލޭއެޅުން، ވައިރަސް އާއި ތަޣައްޔަރުވެފައި ހުރި ސިރިންޖު، ތިނޯސް ކަށިފަދަ އެއްޗެއް ޓެޓޫ ޖެހުމަށް ބޭނުންކުރުން، ބަލިޖެހިފައިވާ މީހަކާއި އެކު ޖިންސީގުޅުން ހިންގުން، ވައިރަސް އާއި ތަޣައްޔަރުވެފައިހުރި ލޭ، ހަށިގަނޑުން ބޭރުވިދިޔައެއް ސަލާމަތުން ހުރިމީހާގެ ހަށިގަނޑަށް އަނގައިގެ ޒަރީޢާއިން، ނުވަތަ ކެނޑިފައިވާ ފާރުކޮޅެއް ފަދަ ތަނަކުން ވާޞިލްވުން، އަދި ބަލިޖެހިފައިވާ މައިމީހާގެ ފުށުން ގާތުންދިނުމުގެ ތެރޭގައި ކުޑަދަރިފުޅަށް ބަލި ފޯރުން ފަދަ ކަންތައްތައް ހިމެނެއެވެ.


ހެޕަޓައިޓިސް ސީ[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ހެޕަޓައިޓިސް ސީ

ހެޕަޓައިޓިސް ސީ އަކީ ހެޕަޓައިޓިސް ސީ ވައިރަސް ގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިއީ ފުރަމޭ ދުޅަވުން ގެ ވައްތަރެކެވެ. ހެޕަޓައިޓިސް ސީ ޖެހެނީ ވައިރަސް އާއި ތަޣައްޔަރުވެފައިވާ ލޭ ކޮންމެވެސް ސިފައެއްގައި ސަލާމަތުން ހުރިމީހާގެ ހަށިގަނޑަށް ވާޞިލްވުމުންނެވެ. މާބަނޑު ދުވަސްވަރު ބަނޑުގައިވާ ކުޑަ ދަރިފުޅަށް ބަލިޖެހިފައިވާ މައިމީހާގެ ފުށުން މަސް ހުރަސްކޮށް ބަލި ވާޞިލްވެދާނެ އެވެ. ހެޕަޓައިޓިސް ސީ އަކީ ވެސް ދިގުލައި ގޮސް ދާއިމީ ބައްޔަކަށް ވެދާނެ ކަމެކެވެ. ހެޕަޓައިޓިސް ސީ ޖެހުމަށްފަހު އެތައް އަހަރުތަކެއް ވަންދެން އޭގެ އުދަގުލެއްނުފެނި ވެސް ހިގައިދާނެ އެވެ. ބަލީގެ އުދަގޫތައް ކުޑަކުރުމަށް ދެވޭ އިންޓެފީރަން އަދި ރިބެވެރިން ގެ ބޭނުންކުރުމުން ލެއިން ވައިރަސްގެ މިންވަރު ދެނެނުގަނެވޭ މިންވަރަށް މަދުކޮށްލައެވެ.

ހެޕަޓައިޓިސް ޑީ[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ހެޕަޓައިޓިސް ޑީ

ހެޕަޓައިޓިސް ޑީ އަކީ ހެޕަޓައިޓިސް ޑީ ވައިރަސް ގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިއީ ފުރަމޭ ދުޅަވުން ގެ ވައްތަރެކެވެ. ހެޕަޓައިޓިސް ޑީ ޖެހެނީ ގިނަފަހަރު ހެޕަޓައިޓިސް ބީ އާ އެކުގައެވެ. އަދި އަނެއް ބައިފަހަރު ހެޕަޓައިޓިސް ބީ ޖެހުމަށްފަހު ހެޕަޓައިޓިސް ޑީ ވެސް ޖެހޭގޮތް ވެއެވެ. ހެޕަޓައިޓިސް ބީ އާއެކު ހެޕަޓައިޓިސް ޑީ ޖެހިއްޖެނަމަ ފުރަމޭ ފޭލްވުން ފަދަކަމެއް ކުރިމަތިވުމަކީ ވެދާނެ ގޮތެކެވެ. އިންޖެކްޝަންގެ ޒަރީޢާއިން މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ މެދުގައި ހެޕަޓައިޓިސް ޑީ އާންމުކަން ފާހަގަ ކުރެވެއެވެ.

ހެޕަޓައިޓިސް އީ[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ހެޕަޓައިޓިސް އީ

ހެޕަޓައިޓިސް އީ އަކީ ހެޕަޓައިޓިސް އީ ވައިރަސް ގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިއީ ފުރަމޭ ދުޅަވުން ގެ ވައްތަރެކެވެ. ހެޕަޓައިޓިސް އީ ޖެހުމުން ފެންނަ އަލާމާތްތަކާއި ހެޕަޓައިޓިސް އޭ ޖެހުމުން ފެންނަ އަލާމާތްތަކަކީ ދާދި އެއްގޮތް އަލާމާތްތަކެކެވެ. މާބަނޑުމީހުންނަށް ހެޕަޓައިޓިސް އީ ޖެހިފައިވާ ކަން އެނގެނީ ކުއްލިއަކަށެވެ. އަދި އޭގެ އުދަގޫތައް ވަރަށް އަވަހަށް ފެނިގެންދެއެވެ. އިންޑިޔާއާއި ދެކުނު އޭޝިޔާ ސަރަހައްދުން ހެޕަޓައިޓިސް އީ ޖެހިފައިވާ މީހުން ފެންނަ މިންވަރު އިތުރުކަން ފާހަގަ ކުރެވެއެވެ.

ހެޕަޓައިޓިސް އެފް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ހެޕަޓައިޓިސް އެފް

ހެޕަޓައިޓިސް އެފް އަކީ ހެޕަޓައިޓިސް އެފް ވައިރަސް ގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިއީ ފުރަމޭ ދުޅަވުން ގެ ވައްތަރެކެވެ. 1990 ގެ އަހަރުތަކުގައި ހެޕަޓައިޓިސް އެފް ފެތުރިގެން ދިޔަނަމަވެސް އޭގެ ފަހުން މިވައްތަރުގެ ފުރަމޭ ދުޅަވުމުގެ އަޑެއް އިވިފައެއް ނުވެއެވެ. ފަހުން މިވައިރަސް ހޯދިފައިވާ ކަމާމެދު ވަނީ ޝައްކު އުފެދިފައެވެ. 1994 ވަނަ އަހަރު ހެޕަޓައިޓިސް ޖައްސާ އާވައިރަސް އެއް ފެނި އެއީ ހެޕަޓައިޓިސް ވައިރަސް އެފް ކަމުގައި ބެލެވުނެވެ. އެފަހަރު ފެނުނު ވައިރަސްތައް ރާމާމަކުނުގެ ގަޔަށް އިންޖެކްޝަންގެ ޒަރީޢާއިން ފޮނުވުމުން އެތަކެއްޗަށް ހެޕަޓައިޓިސް ޖެހުނެވެ. ނަމަވެސް އިތުރު ހޯދުންތަކުން މި ވައިރަސް ވުޖޫދުވާކަމާމެދު ޔަގީންކަމެއް ލިބިފައެއް ނުވެއެވެ.

ވައިރަސްގެ ސަބަބުން ފުރަމޭ ދުޅަވުން ކުރިމަތިވާ އެހެން ސަބަބުތައް[އުނިއިތުރު ގެންނަވާ]

  • ސައިޓޯމެގަލޮވައިރަސް
  • އެޕްސްޓެންބަރ ވައިރަސް
  • ރީނދޫ ހުން ޖައްސާ ވައިރަސް
  • ކޯފުއްޕިޖައްސާ ވައިރަސް
  • ޖަރުމަނު ހިމަބިހި ޖައްސާ ވައިރަސް

ބަނގުއާވީގެ ސަބަބުން ފުރަމޭ ދުޅަވުން[އުނިއިތުރު ގެންނަވާ]

ބޭސްތަކުގެ ސަބަބުން ފުރަމޭ ދުޅަވުން[އުނިއިތުރު ގެންނަވާ]

ވިހަތަކުގެ ސަބަބުން ފުރަމޭ ދުޅަވުން[އުނިއިތުރު ގެންނަވާ]