ޓޯނިކޭ ޓެސްޓު

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ޓޯނިކޭ ޓެސްޓު(އިނގިރޭސި ބަހުން: Tourniquet test) އަކީ ޑެންގީ ހެމޮރޭޖިކް ހުން ހުރިތޯ ބެލުމަށް ކުރެވޭ ޚާއްޞަ ޓެސްޓެކެވެ. މިޓެސްޓް ހެދުމުގެ ކުރިން ބަލިމީހާ އަށް އެކަށޭނަ ސައިޒެއްްގެ ލޭބަލާ ކަފްއަކުން ބަލިމީހާގެ ލޭގެ ޕްރެޝަރު ބަލާނީ އެވެ. ކުޑަކުދިންގެ ލޭ ބެލުމަށް ބޭނުންކުރާނީ އުމުރުފުރައާއި ގުޅޭ ސައިޒެއްގެ ކަފެކެވެ.

ދެން ލޭގެ ސިސްޓޮލިކް ޕްރެޝަރު އާއި ، ޑަޔަސްޓޮލިކް ޕްރެޝަރު އާއި ދެމެދުގައި ލޭބަލާ ކަފްގެ ޕްރެޝަރު ބަރާބަރު 5 މިނިޓް ވަންދެން ހިފަހައްޓާލާނީ އެވެ. އަދި 5 މިނިޓް ފަހުން ކަފްގެ ޕްރެޝަރު ދޫކޮށްލާނީ އެވެ. އެއަށްފަހު ކަފްގެ ތިރިއަށް ހުރި ހިސާބުގައި ކުދިކުދިކޮށް ހުންނަ ރަތް ނޫނީ ދަނބުކުލައިގެ ތިކިތަކެއް ހުރިތޯ ބަލާނީ އެވެ. މިތިތަކަށް ކިޔަނީ ޕެޓީކިޔޭ އެވެ.

ހަމުގެ އެއް އަކައިންޗިގެ ތެރޭގައި މަދުވެގެން 10 ތިކި ފެންނަން ހުރެއްޖެނަމަ ޓޯނިކޭ ޓެސްޓް ޕޮޒިޓިވް ވީއެވެ. މިގޮތަށް ގުނަން ފައްޓާނީ ކަފްގެ ޕްރެޝަރު ދޫކޮށްލާތާ 1 މިނިޓް ފަހުންނެވެ.

ޑެންގީ ހިމޮރޭޖިކް ހުން ހުރިނަމަވެސް ބައެއް ފަހަރު ޓޯނިކޭ ޓެސްޓް ޕޮޒިޓިވް ނުވެ ހިގައިދާނެއެވެ. މިގޮތުން ބަލީގެ ކުރީކޮޅުގަޔާއި، ހަށިގަނޑު ފަލަކޮށް ހުންނަ ކުދިންނާއި، މީހުން، އަދި ރިކޯޑް ނުކުރެވޭ ވަރަށް ލޭގެ ޕްރެޝަރު ދަށްވެގެން ޝޮކް ޖެހިފައި ތިބޭ މީހުންނާއި، ކުދިންގެ ޓޯނިކޭ ޓެސްޓް ޕޮޒިޓިވް ނުވެދާނެއެވެ. ޓޯނިކޭ ޓެސްޓް ނެގެޓިވް ވެއްޖެނަމަ 24 ގަޑިއިރު ފަހުން އަލުން ޓޯނިކޭ ޓެސްޓް ހަދަންވާނެއެވެ.

ޑެންގީ ހުމުގެ ރޯގާ ފެތުރޭ ދުވަސްވަރެއްގައި ޓޯނިކޭ ޓެސްޓް ޕޮޒިޓިވް ވުމާއެކު ލޭގެ ހުދު ސެލްގެ މިންވަރު ކޮންމެ ކިއުބިކް މިލިމީޓަރަކަށް 5000 ސެލް އަށްވުރެ ދަށްކޮށް ހުރެއްޖެނަމަ އެމީހަކަށް ޑެންގީ ހުން ޖެހިފައިވާ ކަމަށް ބެލިދާނެއެވެ.