މެލޭރިޔާ

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

މެލޭރިޔާ (އިނގިރޭސި ބަހުން: Malaria) އަކީ ޕްލަސްމޯޑިޔާ (އިނގިރޭސި ބަހުން: Plasmodia)ކިޔާ ޕަރަސައިޓް އެއްގެ ގުރޫޕަކުން ޖެހޭ ބައްޔެކެވެ. މިބަލި ފަތުރަނީ މަދިރީގެ ސަބަބުންނެވެ. މެލޭރިޔާ އަކީ ހޫނު ގައުމުތަކުގައި އުޅޭ މީހުންގެ މެދުގައި ވަރަށް އާންމު ބައްޔެކެވެ. އަހަރު 515 މިލިއަން މީހުންނަށް މިބަލި ޖެހޭކަމަށް އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ. އަދި މެލޭރިޔާ އަކީ ފަގީރު ގައުމުތަކުގައި ވަރަށް ފަސޭހައިން ފެތުރޭ ބައްޔެކެވެ.


ސަބަބު[އުނިއިތުރު ގެންނަވާ]

މެލޭރިޔާ ޖެހެނީ ބަލިޖެހިފައިވާ މީހެއްގެ ގައިން ލޭބުއިފައިވާ އެނޯފީލް (ނުވަތަ މެލޭރިޔާ ޖައްސާ ޕަރަސައިޓްގެ ބަލި ފަތުރުވާ މަރުހަލާ އުފުލާ އެނޯފީލް) އަންހެން މަދިރިއެއް ، ޞިއްޙަތު ސަލާމަތުން ހުރި މީހެއްގެ ހަށިގަނޑުން ލޭބުއިމުގެ ތެރޭގައި ( ހެފުމުގެ ތެރޭގައި ) ޕްލަސްމޯޑިއަމް އެމީހެއްގެ ހަށިގަނޑަށް ވާޞިލްވުމުންނެވެ.

މެލޭރިޔާ ޖައްސަނީ ތަފާތު 4 ވައްތަރެއްގެ ޕަރަސައިޓް ގެ ސަބަބުންނެވެ. އެއީ:-

  • ޕްލަސްމޯޑިއަމް ފެލްސިޕޭރަމް (އިނގިރޭސި ބަހުން: Plasmodium Falciparum) : ފެލްސިޕޭރަމް މެލޭރިޔާ ނުވަތަ މެލިގްނަންޓް މެލޭރިޔާ ޖެހެނީ މިވައްތަރުގެ ޕަރަސައިޓްގެ ސަބަބުންނެވެ. މިވައްތަރު ޖެހެނީ އާދަޔާ ޚިލާފަށް ހޫނު ނުވަތަ ހޫނު ސަރަހައްދު ތައް ( އީކްއޭޓަރ އާއި ކައިރި ސަރަހައްދުގައިވާ ގައުމުތައް ) ގައި އުޅޭ މީހުންނަށެވެ. މިވައްތަރުގެ ސަބަބުން ފުރާނައަށް ނުރައްކާވާފަދަ ގެއްލުންތައް މެލޭރިޔާ ޖެހޭތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ފެންމަތިވުމަކީ ވެދާނެ ގޮތެކެވެ. ޕްލަސްމޯޑިއަމް ފެލްސިޕޭރަމް ޕަރަސައިޓް އަކީ އާންމުކޮށް މެލޭރިޔާ އަށް ފަރުވާކުރުމަށް ބޭނުންކުރެވޭ ކްލޯރޮކީން އަށް ނުގުޑާ ބޭހެއްކަމަށް ވަނީ ފާހަގަ ކުރެވިފައެވެ. އެހެންކަމުން މިވައްތަރަށް ފަރުވާ ކުރުމަށް އެހެނިހެން ބޭސްތައް ބޭނުންކުރަން ޖެހެއެވެ.
  • ޕްލަސްމޯޑިއަމް އޯވޭލް (އިނގިރޭސި ބަހުން: Plasmodium Ovale) : އޯވޭލް މެލޭރިޔާ ނުވަތަ އޯވޭލް ޓާރޝިއަން މެލޭރިޔާ ޖެހެނީ މިވައްތަރުގެ ޕަރަސައިޓްގެ ސަބަބުންނެވެ. މިޕަރަސައިޓްގެ ސަބަބުން ޖެހޭ މެލޭރިޔާ ގިނައިން ފެންނަނީ އެފްރިކާގެ ހުޅަގު ބިތުގެ ގައުމުތަކުންނެވެ.
  • ޕްލަސްމޯޑިއަމް ވިވެކްސް (އިނގިރޭސި ބަހުން: Plasmodium Vivax) : ވިވެކްސް މެލޭރިޔާ ނުވަތަ ބިނައިން ޓާރޝިއަން މެލޭރިޔާ ޖެހެނީ މިވައްތަރުގެ ޕަރަސައިޓްގެ ސަބަބުންނެވެ.
  • ޕްލަސްމޯޑިއަމް މެލޭރިއާ (އިނގިރޭސި ބަހުން: Plasmodium Malariae) : މެލޭރިއޭ މެލޭރިޔާ ނުވަތަ ކްއާރޓަން މެލޭރިޔާ ޖެހެނީ މިވައްތަރުގެ ޕަރަސައިޓްގެ ސަބަބުންނެވެ.
މެލޭރިޔާ ޖެހުމުން ފެންނަ މައިގަނޑު އަލާމާތްތައް.

ފެތުރުން[އުނިއިތުރު ގެންނަވާ]

މެލޭރިޔާ އަކީ ޕްލަސްމޯޑިއާ ކިޔާ ޕްރޮޓޮޒޯ ގެ ގުރޫޕެއްގެ ތަފާތު ޕަރަސައިޓް ތަކުގެ ސަބަބުން ޖެހޭ ބައްޔެކެވެ. މެލޭރިޔާ ޖެހެނީ ބަލިޖެހިފައިވާ މީހެއްގެ ގައިން ލޭބުއިފައިވާ އެނޯފީލް (ނުވަތަ މެލޭރިޔާ ޖައްސާ ޕަރަސައިޓްގެ ބަލި ފަތުރުވާ މަރުހަލާ އުފުލާ އެނޯފީލް) އަންހެން މަދިރިއެއް ، ޞިއްޙަތު ސަލާމަތުން ހުރި މީހެއްގެ ހަށިގަނޑުން ލޭބުއިމުގެ ތެރޭގައި ( ހެފުމުގެ ތެރޭގައި ) ޕްލަސްމޯޑިއަމް އެމީހެއްގެ ހަށިގަނޑަށް ވާޞިލްވުމުންނެވެ.

ވައްތަރުތައް[އުނިއިތުރު ގެންނަވާ]

މެލޭރިޔާ ކުރިމަތިކުރުވާ ޕްލަސްމޯޑިއަމް މައިގަނޑު 4 ވައްތަރެއް ހުރެއެވެ.

ޕަރަސައިޓްގެ ވައްތަރު ފެންނަން ހުންނަގޮތް މުއްދަތު ފުރަމޭގައި ދެމިހުރޭތަ?
ޕްލަސްމޯޑިއަމް ވިވެކްސް
Plasmodium vivax 01.png
ޓާރޝިއަން އާއެކެވެ.
ޕްލަސްމޯޑިއަމް އޯވޭލް
Plasmodium ovale 01.png
ޓާރޝިއަން އާއެކެވެ.
ޕްލަސްމޯޑިއަމް ފެލްސިޕޭރަމް
Plasmodium falciparum 01.png
ޓާރޝިއަން ނޫނެކެވެ.
ޕްލަސްމޯޑިއަމް މެލޭރިއާ
Mature Plasmodium malariae schizont PHIL 2715 lores.jpg
ކްއާރޓަން ނޫނެކެވެ.


ޖިއޮގްރަފިކަލް ގޮތުން[އުނިއިތުރު ގެންނަވާ]

ބަޔާންކުރެވުނު ވައްތަރުގެ ތަކުގެ ތެރެއިން ފެލްސިޕޭރަމް މެލޭރިޔާ (މެލިގްނަންޓް މެލޭރިޔާ) އަދި އޯވޭލް މެލޭރިޔާ (އޯވޭލް ޓާރޝިއަން މެލޭރިޔާ) އެންމެ އާންމުކޮށް ކުރިމަތިވަނީ އާދަޔާ ޚިލާފަށް ހޫނު ގައުމުތަކުގައި އުޅޭ މީހުންނަށެވެ. ކްއާރޓަން މެލޭރިޔާ ޖެހެނީ ހަމަހަމަ ފިނިހޫމިނެއް އަބަދުވެސް ހުންނަ ގައުމުތަކުގައި އުޅޭ މީހުންނަށެވެ. ވިވެކްސް މެލޭރިޔާ ޖުމުލަ ގޮތެއްގައި ދުނިޔޭގެ ހުރިހާ ހިސާބެއްގައި އުޅޭ މީހުންނަށް ވެސް ޖެހޭކަން ފާހަގަ ކުރެވެއެވެ.


އަލާމާތްތައް[އުނިއިތުރު ގެންނަވާ]

މެލޭރިޔާ ޖެހުމަށްފަހު އޭގެ އަލާމާތްތައް ފެނުމަށް ހޭދަވާ މުއްދަތު ( އިންކިޔުބޭޝަން ޕީރިއަޑް ) އެކި ޕަރަސައިޓްގެ ސަބަބުން ޖެހޭ މެލޭރިޔާގައި ތަފާތެވެ. އެގޮތުން އިންކިޔުބޭޝަން ޕީރިއަޑް ހުންނަގޮތް ތިރީގައި މިވަނީ އެވެ.

  • ޕްލަސްމޯޑިއަމް ފެލްސިޕޭރަމް : 14-9 ދުވަހާއި ދެމެދުގެ މުއްދަތެއް
  • ޕްލަސްމޯޑިއަމް ވިވެކްސް އަދި ޕްލަސްމޯޑިއަމް އޯވޭލް : 18-12 ދުވަހާއި ދެމެދުގެ މުއްދަތެއް
  • ޕްލަސްމޯޑިއަމް މެލޭރިއާ : 40-18 ދުވަހާއި ދެމެދުގެ މުއްދަތެއް

މެލޭރިޔާ ޖައްސާ ޕަރަސައިޓް މަދިރީގެ ޒަރީޢާއިން އިންސާނާގެ ހަށިގަނޑަށް ވާޞިލްވުމަށްފަހު، ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ބޮލުގައި ރިހުން، ހީކެރުވުން، ހުޅުތަކުގައި ރިހުން، ހޮނޑުލުން، ފިޓްޖެހުން އަދި ހިތް ނުތަނަވަސްވުން، ފަދަ ކަންތައްތައް ކުރިމަތިކުރުވައެވެ. މީގެ އިތުރުން ލޭގެ ޓެސްޓަކުން ލޭމަދުވުން ފާހަގަކުރެވިގެންދާނެ އެވެ. އަދި ކުޑަކަމުދާތަކެތީގައި ހިމޮގްލޯބިން ހުރުން ކުޑަކަމުދާ ތަކެތީގެ ޓެސްޓުން ފާހަގަ ކުރެވިދާނެއެވެ. މީގެ އިތުރުން ބައެއް ފަހަރު ލޮލުގެ ރެޓިނާ އަށް ގެއްލުން ލިބޭގޮތް ވެއެވެ. މެލޭރިޔާގެ އާންމު އަލާމާތްތައް ދައުރުވެ ހުންނަގޮތް ބެހިފައިވާ މަރުހަލާތައް ތިރީގައި މިވަނީ އެވެ.

  • މެލޭރިޔާ ޖެހުމުން ތަފާތު 3 މަރުހަލާއެއް ކަނޑަތުކުރެއެވެ.
    • ފިނިކަން އިހްސާސްވުން : މިމަރުހަލާގައި އާދަޔާ ޚިލާފަށް ފިނިކަން އިހްސާސްކުރެވި ހީކަރުވާ ގޮތްވެއެވެ. ހަށިގަނޑުގެ ފިނިހޫނުމިން މައްޗަށް ދެއެވެ. އާންމު ގޮތެއްގައި މިމަރުހަލާގައި ހޭދަވާނީ 15-10 މިނިޓްވަރެެވެ.
    • ހޫނުކަން އިހްސާސްވުން : 6-2 ގަޑިއިރަށް ދެމިގެންދާ މިމަރުހަލާގައި ގަދަޔަށް ހުންއައުން، ހޮނޑުލުން، ބޮލުގައި ރިހުން، ހަންގަނޑު ރަތްވުން، އަދި ހަންގަނޑު ހިކިފައި ހުރުން ފަަދަ ގޮތްތައް މެދުވެރިވެއެވެ.
    • ދާހިއްލުން: އެތައް ގަޑިއިރަކަށް ދެމިގެންދާ މިމަރުހަލާގައި ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެ، އާދަޔާ ޚިލާފަށް ގިނައިން ދާހިއްލުމާއެކު، ވަރުބަލިވާގޮތްވެއެވެ.
  • ބަޔާންކުރެވުނު މަރުހަލާތައް މެލޭރިޔާގެ ތަފާތު ވައްތަރުތަކުގައި އަންނަނިވިގޮތަށް ތަކުރާރުވެއެވެ.
    • ޓާރޝިއަން މެލޭރިޔާ : ކޮންމެ 48 ގަޑިއިރަކުން ތަކުރާރު ވެއެވެ.
    • ކްއާރޓަން މެލޭރިޔާ : ކޮންމެ 72 ގަޑިއިރަކުން ތަކުރާރު ވެއެވެ.
    • މެލިގްނަންޓް މެލޭރިޔާ : ކޮންމެ 48-36 ގަޑިއިރެއްގެ ތެރޭގައި ތަކުރާރު ވެއެވެ.

ބަޔާންކުރެވުނު 3 މަރުހަލާ ގާތްގަނޑަކަށް 2 ހަފްތާގެ މުއްދަތަށް ތަކުރާރު ވެއެވެ. އަދި އެއަށްފަހު ހުއްޓިދެއެވެ. މިގޮތަށް ހުއްޓުމަކީ ބަލިން ސަލާމަތްވުން ކަމަށްވެސް ވެދާނެއެވެ. ނަމަވެސް ކްއާރޓަން މެލޭރިޔާ ، އަދި މެލިގްނަންޓް މެލޭރިޔާ ގައި މިބުނި އަލާމާތްތައް ނުވަތަ މަރުހަލާތައް ހުއްޓުމަށްފަހު ވެސް ލޭގެ ރަތް ސެލްތަކުގެ ތެރޭގައި މެލޭރިޔާ ޖައްސާ ޕަރަސައިޓް މަދު މިންވަރަކަށް ނަމަވެސް ހުންނަގޮތް ވެއެވެ. މިގޮތަށް ހުންނަ ޕަރަސައިޓް ތަކުގެ ސަބަބުން ހަށިގަނޑުގެ ދިފާޢީ ބާރު ދަށްވާ ޙާލަތްތަކުގައި ދެވަނަ ފަހަރަށް ކުރިން ބުނި އަލާމާތްތައް ފެންނަށް ފަށައެވެ. މިގޮތަށް ދެވަނަ ފަހަރަށް އަލާމާތްތައް ފެންނަށް ފެށުމަށް ރީކުރޫޑިސެންސް އޭ ކިޔައެވެ. ބިނައިން ޓާރޝިއަން މެލޭރިޔާ އަދި އޯވޭލް ޓާރޝިއަން މެލޭރިޔާ ގައި ފުރަމޭގެ ތެރޭގައި ހަމަހިމޭން ނުވަތަ މައިތިރިވެފައިވާ ހިޕްނޮޒޮއިޓް ތައް ދުވަސްތަކެއް ފަހުން ހަރަކާތްތެރިވާން ފަށައެވެ. އެއާއި ގުޅިގެން މެލޭރިޔާގެ އަލާމާތްތައް ފެންނަށް ފަށައެވެ. މިބުނި ގޮތަށް ހިޕްނޮޒޮއިޓް ތައް ހަރަކާތްތެރިވާން ފެށުމުން މެލޭރިޔާގެ އަލާމާތްތައް ފެންނަން ފެށުމަށް ރިލެޕްސް އޭ ކިޔައެވެ.

  • ލޭމަދުވުން : މެލޭރިޔާގެ ސަބަބުން ލޭމަދުވުން ކުރިމަތިވަނީ ޕަރަސައިޓް ތަކާއި ތަޣައްޔަރުވެފައިވާ ލޭގެ ރަތް ސެލް ތައް ފަޅައިގެން ދިއުމުންނެވެ. ޕްލަސްމޯޑިއަމް ވިވެކްސް އާއި، ޕްލަސްމޯޑިއަމް އޯވޭލް ޕަރަސައިޓްގެ މީރޮޒޮއިޓް ތައް ވަންނަނީ ހަމައެކަނި ރެޓިކިޔުލޯސައިޓް ތަކަށެވެ. ރެޓިކިޔުލޯސައިޓް ތަކަކީ ރަގަޅަށް ފުރިހަމަ ނުވާ ރަތް ސެލްތަކެވެ. ޕްލަސްމޯޑިއަމް މެލޭރިޔާ ޕަރަސައިޓްގެ މީރޮޒޮއިޓްތައް ވަންނަނީ ގިނަ ދުވަސްވެ ނުވަތަ ހަލާކުވާން ކައިރިވެފައިވާ ރަތް ސެލް ތަކަށެވެ. ނަމަވެސް ޕްލަސްމޯޑިއަމް ފެލްސިޕޭރަމް ޕަރަސައިޓްގެ މީރޮޒޮއިޓް ތައް ކޮންމެ ވައްތަރެއްގެ ރަތް ސެލް އަކަށްވެސް ވަދެދާނެއެވެ.
  • ފުރަމޭ އަދި ހުންކޮށި ދުޅަވެ ބޮޑުވުން

ކުރިމަތިވާ އެހެނިހެން އުދަގޫތައް[އުނިއިތުރު ގެންނަވާ]

ބިނައިން ޓާރޝިއަން މެލޭރިޔާ، އޯވޭލް ޓާރޝިއަން މެލޭރިޔާ، އަދި ކްއާރޓަން މެލޭރިޔާ މި 3 ވައްތަރަކީ ނިސްބަތުން އޭގެ ނުރައްކާތެރިކަން ކުޑަ 3 ވައްތަރެވެ. ކްއާރޓަން މެލޭރިޔާ ދިގުމުއްދަތަކަށް ޖެހިފައިވާނަމަ ގުރުދާ ގެ ގްލޯމެރިޔޫލް ތައް ހަލާކުކޮށްލައެވެ. މިއާއި ގުޅިގެން ނެފްރޮޓިކް ސިންޑްރޯމް އޭކިޔާ ގުރުދާ ގެ ބައްޔެއް ފެންމަތި ކުރުވައެވެ. މެލޭރިޔާގެ އެންމެ ނުރައްކާތެރި ވައްތަރަކީ ޕްލަސްމޯޑިއަމް ފެލްސިޕޭރަމްގެ ސަބަބުން ޖެހޭ މެލިގްނަންޓް މެލޭރިޔާ އެވެ. މިވައްތަރުގެ މެލޭރިޔާ ޖެހުމުން ޕަރަސައިޓް އާއި ތަޣައްޔަރުވެފައިވާ ލޭގެ ރަތް ސެލް ގެ ވަށައިގެން ގޮބު ތަކެއް އުފެދެއެވެ. މިކަމުގެ ސަބަބުން އެތެރެހަށީގެ ގުނަވަންތަކުގެ ތެރޭގައިވާ ކުދިކުދި ލޭހޮޅި ތަކުގެ އެތެރޭ ކައިރިފަށުގައިވާ ޚާއްޞަ ރިސެޕްޓަރ ތަކުގައި ތަތްވުމަށް މަގުފަހިކޮށްދެއެވެ. އެއާއި ވިދިގެން ކުދިކުދި ލޭހޮޅިތައް ބެނދި އެހިސާބަށް އޮކްސިޖަން ފޯރުކޮށްދިނުމަށް ހުރަސްއަޅައެވެ. ނަތީޖާއެއްގެ ގޮތުން އެހިސާބުގެ ޓިޝޫތައް މަރުވުން ފަދަ ކަންތައްތައް ކުރިމަތިވެގެން ދެއެވެ. ބަޔާންކުރެވުނު ގޮތަށް ލޭހޮޅިތައް ބެދިފައިވާ ތަނަށް ރިޢާޔަތްކޮށް މެލިގްނަންޓް މެލޭރިޔާ ގެ ތަފާތު ވައްތަރުތައް ކަނޑައެޅިފައި ވެއެވެ.

  • ސެރެބްރަލް މެލޭރިޔާ : މިއީ މެލޭރިޔާގެ ސަބަބުން ސިކުނޑީގެ ލޭހޮޅިތައް ބެނދުމުން މެދުވެރި ޙާލަތެކެވެ. ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި، އާދަޔާ ޚިލާފަށް ބޮލުގައި ރިހުން، ތާއްޔަށްޖެހުން، ކަންކަމުގައި ވާނުވާ ނޭގިފައިހުރުން، ފަދަ ކަންތައް ހިމެނެއެވެ. ބައެއް ފަހަރު ހޭނެތުން ވެސް ކުރިމަތިކުރުވައެވެ.
  • ޑިސެންޓްރިކް މެލޭރިޔާ : މިއީ މެލޭރިޔާގެ ސަބަބުން ގޮހޮރުގެ ލޭހޮޅިތައް ބެނދުމުން މެދުވެރިވާ ޙާލަތެކެވެ. ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ބަނޑުގައި ރިހުން، ހޮނޑުލުން، އަދި ހަޖަމުކުރާ ނިޒާމްގެ ބައިތަކުގައި ލޭހިލުން ފަދަ ކަންތައްތައް މެދުވެރި ކުރުވައެވެ.
  • ފުއްޕާމޭ އަދި އެއާއި ގުޅިފައިވާ ޓިޝޫތަކުގައި ދިޔާތަކެތި ނުވަތަ ފެން ޖަމާވުން
  • އަލްގިޑް މެލޭރިޔާ : މިއީ ފުއްޕާމެޔާއި އޭގެ ވަށައިގެންވާ ޓިޝޫތަކުގައި ދިޔާތަކެތި ޖަމާވުމާއި، އަދި ހަޖަމުކުރާ ނިޒާމްގެ ބައިތަކުގައި ލޭހިލުން މެދުވެރިވުމުން ކުރިމަތިވާ މެލޭރިޔާ ގެ ބާވަތެކެވެ. މިކަމުގެ ސަބަބުން ލޭދަށަށްދިއުން ކުރިމަތިކުރުވައި، ޝޮކްޖެހުން ކުރިމަތި ކުރުވައެވެ.
  • ހުންކޮށި ބޮޑުވާ ބަލި : މިކަމުގެ ސަބަބުން ދިގުމުއްދަތަކަށް ހުންކޮށި ބޮޑުވެފައި ހުރުމުގެ އިތުރުން ލޭގައި ހުންނަ ގާމާ ގްލޯބިއުލިންގެ މިންވަރު މަތިކުރުވައެވެ.
  • ކަޅުފެން ހުން : ކަޅުފެން ހުން(އިނގިރޭސި ބަހުން: Black water fever) އަކީ މެލޭރިޔާ ޖެހި ގިނަ ދުވަސްވުމުން ކުރިމަތިވާ ހުމެކެވެ. މިވައްތަރުގެ ހުން ޖެހެނީ މެލިގްނަންޓް މެލޭރިޔާ ތަކުރާރުކޮށް ޖެހުމުން ނުވަތަ މެލޭރިޔާ ޖެހުމުން ދެވޭ ކިނިން ތެރަޕީ ނުވަތަ ކިނިން ބޭނުންކޮށްގެން ދެވޭ ފަރުވާ ފުރިހަމަ ނުކުރެވުމުންނެވެ.

މިވައްތަރުގެ ހުން ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ލޭމަދުވުން އަދި ރީނދޫވުން ފަދަ މައްސަލަތައް ހިމެނެއެވެ. އަދި ކުޑަކަމުދާ ތަކެތި ކުލަ ގަދަ ރަތް ނުވަތަ ކަޅު ކުލައަކަށް ބަދަލުވެއެވެ.

  • ލޭގައި ހަކުރުގެ މިންވަރު ދަށްވުން : މިއީ ފުރަމޭގައި ހިންގާ ގުލުކޯޒް މެޓަބޮލިޒަމްގެ މަސައްކަތަށް އަންނަ ބުރޫއެރުމަކާއި ގުޅިގެން ކުރިމަތިކުރުވާ ކަމެކެވެ.


ފަރުވާ[އުނިއިތުރު ގެންނަވާ]

ޕްލަސްމޯޑިއަމް ފެލްސިޕޭރަމްގެ ސަބަބުން ޖެހޭ މެލޭރިޔާގެ ވައްތަރު ކަމުގައިވާ މެލިގްނަންޓް މެލޭރިޔާ އަކީ މެޑިކަލް އަވަސް ފަރުވާ ބޭނުންވުމާއެކު ، ހޮސްޕިޓަލްގައި އެދުމަތިކޮށްގެން ފަރުވާ ކުރަން ޖެހޭ ބައްޔެކެވެ. އަނެއް 3 ވައްތަރުގެ މެލޭރިޔާ އަށް ގޭގައި ހުރެގެން ވެސް ފަރުވާ ލިބިގަނެވިދާނެއެވެ. މެލޭރިޔާއަށް ފަރުވާކުރުމަށް ބޭނުންކުރެވޭ ބޭސް މެލޭރިޔާ އަށް ފަރުވާ ކުރުމަށް ބޭހުގެ ތަފާތު ވައްތަރުތައް ބޭނުންކުރެވެއެވެ. ދާދި ފަހަކާއި ޖެހެންދެން މެލޭރިޔާ ފަރުވާކުރުމަށް ބޭނުންކުރެވުނު އެންމެ އާންމު އެންމެ ރަގަޅު ބޭސް ކަމުގައި ވެފައިވަނީ ކްލޯރޮކީން އެވެ. ނަމަވެސް މެލޭރިޔާގެ ނުރައްކާވައްތަރު ޖައްސާ ޕަރަސައިޓް ޕްލަސްމޯޑިއަމް ފެލްސިޕޭރަމް އަކީ ކްލޯރޮކީން އަށް ނުގުޑާ އެއްޗެއްކަން އޭޝިޔާ، އަދި އެފްރިކާގެ ގައުމުތަކުން މެލޭރިޔާ އަށް ފަރުވާ ލިބިގަތް ފަރާތްތަކުގެ ފަރުވާއިން ވަނީ ހޯދިފައެވެ. މީގެ އިތުރުން ކްލޯރޮކީން އަށް ނުގުޑުން ގިނަ ފަހަރު އޮންނަނީ ކިނީން އަދި އެމިއޮޑިކީން ގެ އަސަރު ކުޑަކުރުވާ ކަމެއްކަމަށް ވެފައެވެ. މެލޭރިޔާ އިން ރައްކާތެރިވުމަށާއި، ފަރުވާގެ ގޮތުގައި އެހެން ވަރަށް ގިނަ ބޭސްތައްވެސް ދަނީ ބޭނުންކުރެވެމުންނެވެ. އާންމު ގޮތެއްގައި މެލޭރިޔާ އަށް ފަރުވާ ކުރުމަށް މަތީ ޑޯޒޭޖެއް ދޭންޖެހޭކަން ފާހަގަ ކުރެވެއެވެ. ބީޓާ ބްލޮކާރ އެއް ކަމުގައިވާ ޕްރޮޕްރޮނަލޯލް މެލޭރިޔާ އަށް ފަރުވާކުރެވިދާނެތޯ ވަރަށް ފަހުން ވަނީ ބެލިފައެވެ. އެގޮތުން އެގުނު ގޮތުގައި ޕްރޮޕްރޮނަލޯލް އަކީ ޕްލަސްމޯޑިއަމް ޕަރަސައިޓްގެ ލޭގެ ރަތް ސެލް ގެ ތެރެއަށް ވަނުން މަނާކޮށް، ލޭގެ ތެރޭގައި އެޕަރަސައިޓްތައް އިތުރުވުން ކުޑަކޮށްދޭ ބޭހެކެވެ.

މިހާރު ބޭނުންކުރެވޭ ބައެއް ބޭސްތައް[އުނިއިތުރު ގެންނަވާ]

މެލޭރިޔާ އަށް ފަރުވާ ކުރުމަށާއި، މެލޭރިޔާއިން ރައްކާތެރިވުމަށް މިހާރު ބޭނުންކުރެވޭ ބައެއް ބޭސްތައް

  • އާޓިމީތަރ - ލޫމަފެންޓްރީން
  • އާޓިސުނޭޓް – އެމިޑަޔަކީން
  • އާޓިސުނޭޓް – މިފްލޯކީން
  • އާޓިސުނޭޓް – ސަލްފަރޑޮކްސިން / ޕައިރިމިތަމިން
  • އެޓޯވޮކްއޯން – ޕްރޮގުއަނިލް
  • ކިނީން
  • ކްލޯރޮކީން
  • މެފްލޯކީން
  • ކޮޓްރިފިޑިޑް
  • ޑޮކްސީސައިކްލިން
  • ޕްރައިމަކީން
  • ޕްރޮގްއަނިލް
  • ސަލްފަރޑޮކްސީން-ޕައިރިމިތަމިން
  • ހައިޑްރޮކްސީ ކްލޯރޮކީން