ހަކުރު ބަލި

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ހަކުރު ބަލި (އިނގިރޭސި ބަހުން: Diabetes Mellitus) އަކީ ލޭގައި ހަކުރު އެކުލެވޭ މިންވަރު މަތިވުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިއީ ލޭގައި ހަކުރުގެ މިންވަރު އިންތިޒާމްކޮށްދޭ އިންސޫލިން އުފެއްދުމަށް ހަށިގަނޑު ނުކުޅެދުމުން، ނުވަތަ އިންސޫލިން އަށް ހަށިގަނޑު އިޖާބަ ނުދިނުމުން ކާބޯހައިޑްރޭޓް މެޓަބޮލިޒަމްގައި އުފެދޭ އުނިކަމެކެވެ. މާނަ އަކީ މިދެންނެވި ގޮތަށް އިންސޫލިން އުފައްދައި ނުދިނުމުން، ލޭގައި ހަކުރުގެ މިންވަރު ނުވަތަ ގުލުކޯޒްގެ މިންވަރު މަތިވެގެން ގޮސް ހަކުރު ބަލި ކުރިމަތި ކުރުވަނީ އެވެ. ސަބަބަކީ އިންސޫލިން އަކީ ލޭގައި ހަކުރުގެ މިންވަރު ކޮންޓްރޯލްކޮށް އެއްހަމައެއްގައި ބަހައްޓައިދޭ ހޯރމޯން އެވެ.

ހަކުރު ބަލި ހުރިކަމަށް ބެލެވެނީ މީހެއްގެ ލޭގައި ހަކުރު ހުންނަންވީ ވަރަށްވުރެ މައްޗަށް ގޮސްފައި ހުރުމެވެ. މިބަލި ޖެހެނީ ހަކުރު ކޮންޓްރޯލްކުރުމަށް ހަށިގަނޑުގައި އުފައްދާ މާއްދާއެއް ކަމަށްވާ އިންސޫލިން މަދުވުން، ނުވަތަ އޭގެ މަސައްކަތް ނުކުރާގޮތް ވުމުންނެވެ. ހަކުރު ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެއް ނޫނެވެ. މިއީ މުޅިން ރަގަޅު ކުރެވިދާނެ ބައްޔެއް ނޫން ނަމަވެސް ކޮންޓްރޯލް ކުރެވިދާނެ ބައްޔެކެވެ.


ހަކުރު ބަލީގެ ދެވައްތަރެއް ހުރެއެވެ. ފުރަތަމަ ވައްތަރަކީ އިންސޫލިން އަށް ބަރޯސާވާ ވައްތަރު ނުވަތަ ޓައިޕް 1 އެވެ. މިވައްތަރު އާންމުކޮށް ޖެހެނީ ކުޑަކުދިންނަށެވެ. ނުވަތަ އުމުރުގެ ކުރީކޮޅު އެވެ. ދެވަނަ ވައްތަރަކީ އިންސޫލިން އަށް ބަރޯސާނުވާ ވައްތަރު ނުވަތަ ޓައިޕް 2 އެވެ. މިއީ އުމުރުން 40 އަހަރު ވުމަށްފަހުން ކުރިމަތިވާ ވައްތަރެކެވެ.

ހަކުރުބައްޔަކީ ހަށިގަނޑުގައި ހަކަތަ އުފެއްދުމަށް ޓަކައި ހަކުރު ބޭނުން ކުރުމުގައި ދިމާވާ މައްސަލަތަކަކާއި ގުޅިގެން ޖެހޭ ބައްޔެކެވެ. މިގޮތުން ހަކުރު އުފެއްދުމުގައި ނުވަތަ ހަށިގަނޑުގެ ހަކަތަ ބޭނުންވާ ގުނަވަންތަކަށް އެފޯރުކޮށްދިނުމުގައި ނުވަތަ އެގުނަން ތަކުގައި ހަކުރު ހަކަތައަށް ބަދަލު ކުރުމުގައި ނޫންނަމަ މިފަދަ އެހެންވެސް މަރުޙަލާ އެއް ފުރިހަމަ ނުކުރެވުމަކީ ހަކުރުބަލީގައި ފެންނަ ކަންކަމެވެ. ނަތީޖާ އަކަށްވަނީ ލޭގައި ދަރުރު ކުރަމުންދާ ހަކުރުގެ މިންވަރު މައްޗަށް ދިއުމެވެ. އަދި ލޭގައި ހަކުރު ގިނައިން ހުރުމާއި އެކުވެސް ހަށިގަނޑުގައި ހަކަތަ ނެތްކަން އިހުސާސް ކުރެވެއެވެ. އަދި ހަށިގަނޑަށް އެތަކެއްބަދަލު ތަކެއް އާދެއެވެ. މީގެތެރޭގައި މުހިންމު އެއް ކަމަކީ ލޭގައި މިދައުރުވާ ހަކުރާއި އަދި އޭގެން އުފެދޭ ބައެއް މާއްދާތަކުން ހަށިގަނޑުގެ މުހިންމު އެތައްގުނަވަނަކަށް ބޮޑެތި ގެއްލުން ދެމުން ދިއުމެވެ. ހަކުރުބައްޔަށް ފަރުވާތެރިވެ ފަރުވާހޯދުމަށް އަވަސްވެ ގަންނަންވީ މި ސަބަބާއި ހުރެއެވެ

ފިހުރިސްތު

ހަށިގަނޑުން ހަކަތަ ލިބިގަތުން[އުނިއިތުރު ގެންނަވާ]

އަހަރުމެން ކާއެއްޗެތީގައި ހިމެނެނީ މައިގަނޑު ތިން ބައެކެވެ. އެއީ:

1. ކާރބޯހައިޑްރޭޓްސް (ސްޓާރޗް އަދި ހަކުރު)

2. ޕްރޮޓީންސް (މަހާއި އެކި ޓިޝިއޫ އަދި މާއްދާތައް އުފައްދާ)

3. ފެޓްސް (ސަރުބީ ގެ ބާވަތްތައް)


އަހަރުމެން ކާއެއްޗެތީގެ ތެރެއިން ކާރބޯހައިޑްރޭޓްސް އެކުގައިހެން އަދި ޕްރޮޓީންސް އާއި ފެޓްސްގެ ބައެއް ހަށިގަނޑުން ބަދަލުކުރަނީ "ގްލޫކޯސް" ނަމަކަށް ކިޔޭ ހަކުރަކަށެވެ. "ގްލޫކޯސް" އަކީ ހަށިގަނޑުން ހަކަތަ އުފެއްދުމަށް ބޭނުން ކުރާ މާއްދާއެވެ. އެހެން ގޮތަކަށް ދަންނަވަނީނަމަ ހަށިގަނޑުގެ މެޝިނަރީ ހިންގާ 'ތެލެވެ'. މި ހަކުރު ("ގްލޫކޯސް") ހަށިގަނޑުގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމަށްޓަކައި ލޭގައި ދައުރު ކުރަމުންދެއެވެ. އަދި ހަކަތަ ބޭނުންވާމިންވަރަކުން އެކި ގުނަވަންތަކުން (މިސާލަކަށް ސިކުނޑި، ކިޑްނީ ...) ގްލޫކޯސް އެތެރެކޮށް އެހަކަތަ އަށް ބަދަލުކޮށް ބޭނުން ކުރަމުންދެއެވެ. މިގޮތުން ހަށިގަނޑުގެ ގުނަވަންތަކަށް ގްލޫކޯސް އެތެރެކޮށް ހެދުމުގައި އެހީވަނީ 'އިންސިއުލިން' އޭ ކިޔޭ މާއްދާއެކެވެ. 'އިންސިއުލިން' އަކީ ހަށިގަނޑުގެ 'ޕެންކްރިއާސް' ގެ ބައެއް 'ސެލް' ތަކުން އުފައްދާ ވަރަށް މުހިންމު މާއްދާއެކެވެ. މި މާއްދާ އިން ހަށިގަނޑު އުފެދުމުގައާއި، ހެދި ބޮޑުވުމުގައާއި، ހަށިގަނޑުގައި ހިނގާ 'މެޓާބޮލިސްމް' ނުވަތަ އުފެއްދުމާއި އާކުރުމުގެ މަސައްކަތްތައް ފުރިހަމައަށް ހިންގުމުގައާއި އަދި ކުރީވެސް އިޝާރާތް ކުރިފަދައިން ހަކަތަ ބޭނުންކުރުމުގައި ވަރަށް އިސް ދައުރެއް އަދާކުރެއެވެ.



ހަކުރު ބަލީގެ ވައްތަރުތައް[އުނިއިތުރު ގެންނަވާ]

ހަކުރުބަލީގެ ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ. މީގެ ތެރެއިން އެންމެ ގިނައިން ފެންނަ ދެ ވައްތަރަކީ "ޓައިޕް ވަން" އަދި "ޓައިޕް ޓޫ" އޭކިޔޭ ދެ ބާވަތެވެ. އެހެން ގޮތަކަށް ދަންނަވަނީނަމަ 'ފުރަތަމަ ވައްތަރާއި' (ޓައިޕް ވަން) ދެވަނަ ވައްތަރެވެ. (ޓައިޕް ޓޫ) . މީގެ އިތުރުން 3 ވަނަ ވައްތަރެއްގެ ގޮތުގައި ބެލެވެނީ ބަލިވެ އިނުމާއި ގުޅިގެން ކުރިމަތިވާ ހަކުރު ބަލި އެވެ.

ހަކުރު ބަލީގެ ފުރަތަމަ ވައްތަރު (ޓައިޕް 1 ޑައިބިޓީސް)[އުނިއިތުރު ގެންނަވާ]

މި ވައްތަރުގައި ހަށިގަނޑުން އިންސިއުލިން އުފެއްދުން ދަށްވެގެންދަނީއެވެ. ނުވަތަ ނު އުފައްދަނީއެވެ..ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ ގުނަވަންތަކުގެ ތެރެއަށް ގްލޫކޯސް އަކަށް ނުވަދެވެއެވެ. އަދި ލޭގައި މީގެ މިންވަރު ވަރަށް މައްޗަށް ދެއެވެ. މިއީ ހަށިގަނޑުގެ ދިފާއީ ނިޒާމުން ކޮންމެސް ސަބަބަކާއި ހުރެ ޕެންކްރިއާސް އަށް ކުރާ ގޯނާއެއްގެ ސަބަބުން ފެށިގެން އަންން ކަމެކެވެ. ގިނައިން މި ވައްތަރު ފެށިގެން އަންނަނީ ޅަ އުމުރުގައެވެ. މާނައަކީ ކުޑަކުދިންނާއި ޒުވާނުންގެ ތެރެއިންނެވެ.

ހަކުރު ބަލީގެ ފުރަތަމަ ވައްތަރު ޖެހިފައިވާ މީހުންގެ ހަށިގަނޑުގައި އިންސުލިން އުފައްދައިދެނީ ވަރަށް މަދުންނެވެ. ނުވަތަ އެއްގޮތަކަށް ވެސް އުފައްދައެއް ނުދެއެވެ.އެހެން ކަމުން ހަކުރު ކޮންޓްރޯލް ކުރަން ޖެހެނީ އިންސުލިން އިންޖެކްޝަން ޖަހައިގެންނެވެ.މިވައްތަރު އާންމުކޮށް ފެންނަނީ ޒުވާނުންނާއި ކުޑަކުދިންގެކިބައިންނެވެ.

ހަކުރު ބަލީގެ ދެވަނަ ވައްތަރު(ޓައިޕް 2 ޑައިބިޓީސް)[އުނިއިތުރު ގެންނަވާ]

ޓައިޕް ޓޫ ޑައިބިޓީސް ޗިސްމޭ އިން އިންސިއުލިން ކޮންމެވެސް ވަރަކަށް އުފައްދަމުން ދެއެވެ. ނަމަވެސް އިންސިއުލިން ގެ އަސަރު ފުރިހަމަ ގޮތުގައި ގުނަވަން ތަކަކަށް ނުކުރެއެވެ. ނަތީޖާއެއްގެ ގޮތުން ގުނަވަންތަކުގެ 'ސެލް' ތަކުގެތެރެއަށް ގްލޫކޯސް އަކަށް ނުވަދެވެއެވެ. އަދި ލޭގައި ހަކުރު ހުންނަ މިންވަރު މައްޗަށްދެއެވެ.


ހަކުރު ބަލީގެ ދެވަނަ ވައްތަރުގައި އިންސުލިން ޗިސްމޭ އިން އުފެއްދި ނަމަވެސް ކޮންމެވެސް ސަބަބުތަކާއި ހުރެ އިންސުލިންގެ މަސައްކަތް ނުކުރަނީއެވެ. އެހެން ކަމުން ކަސްރަތުކޮށްގެންނާއި ކެއުމަށް ބަދަލުގެނެސްގެން ނުވަތަ ބޭހުން ހަކުރު ކޮންޓްރޯލް ކުރެވިދާނެއެވެ. މިވައްތަރު އާންމުކޮށް ފެންނަނީ އުމުރުން ދުވަސްވީ މީހުންނެގެ ތެރެއިންނެވެ. ޓައިޕް ޓޫ ޑައިބިޓީސް ޖެހުން ގާތީ:

  • ހަށިގަނޑުގެ ބަރުދަން އިތުރު މީހުން
  • އާއިލާގައި ހަކުރުބަލި ހުންނަ މީހުން
  • ބަނޑުބޮޑު އިރު ހަކުރުމައްޗަށް ދިޔަ / 9 ޕައުންޑަށްވުރެ ބަރު ކުދީން ވިހާފައިވާ މީހުން

ބަލިވެ އިނުމާއި ގުޅިގެން ކުރިމަތިވާ ހަކުރު ބަލި[އުނިއިތުރު ގެންނަވާ]

މާބަނޑުވުމާއި ގުޅިގެން ކުރިމަތިވާ ހަކުރުބައްޔަށް ބަލިވެ އިންނަ ކޮންމެ އަންހެނަކުމެ ޓެސްޓްކުރުމަކީ ބޭނުންތެރި ކަމެކެވެ. އެެހެނީ ހަކުރުބަލީގެ ސަބަބުން ކުރިމަތިވާ އުދަގޫތައް ފެނުމަކާއި ނުލައި، ނުވަތަ ހަކުރުބަލި މެދުވެރިވުމަށް މަގުފަހިކޮށްދޭ ކަމެއް ކުރިމަތި ނުވާ ހާލުގައިވެސް މާބަނޑުވުމުން ހަކުރުބަލީގެ މައްސަަަލަ ކުރިމަތިވެއެވެ. މާބަނޑުވުމާއި ގުޅިގެން ކުރިމަތިވާ ހަކުރު ބަލީގެ އުދަގޫ ވިހެއުމަށްފަހު ފިލައިދެއެވެ. މާބަނޑު ދުވަސްވަރު މިކަމުގެ އުދަގޫ ކުރިމަތިވާ ގިނައަންހެނުންނަށް އަހަރުތަކެއް ފަހުން ހަކުރު ބަލީގެ އުދަގޫތަކާއި ކުރިމަތިލާންޖެހެއެވެ. ކުރިން ބަލިވެއިދެ ހަކުރު ބަލީގެ އުދަގުލާއި ކުރިމަތިލާފައިވާނަމަ އެކަން ޑޮކްޓަރަށް ނުވަތަ ސިއްހީ މައުލޫމާތު ފޯރުކޮށްދޭ މީހަކަށް ބަޔާންކޮށްދެން ވާނެއެވެ.

ހަކުރު ބަލިޖެހެން ދިމާވާ ސަބަބު[އުނިއިތުރު ގެންނަވާ]

ހަކުރު ބަލި ޖެހެން ދިމާވާ ސަބަބެއް ގިނަ ފަހަރަށް ނޯވެއެވެ. ނަމަވެސް ހަކުރު ބަލި ޖެހުމާއި ބައެއް ކަންތައްތަކާއި ގުޅިފައި ހުންނަކަން ފާހަގަކޮށްލަން ޖެހެއެވެ. އެއީ:-

  • އާއިލާގައި ހަކުރު ބަލީގެ މީހަކު ހުރުން
  • ފަލަމީހުން
  • ލޭމައްޗަށދާ މީހުންނާއި ކޮލެސްޓްރޯލް މައްޗަށްދާ މީހުން
  • ދިރިއުޅުމުގައި ފިކުރު ބޮޑުވުމާއި ހާސްކަން ދިމާވާ މީހުން

ހަކުރުބަލީގެ އަލާމާތް[އުނިއިތުރު ގެންނަވާ]

ހަކުރުބަލީގެ އަލާމާތް ތަކަކީ:

  • ވަރުބަލިވުން
  • ކަރުހިއްކުން / އަދި ފެންބޮވުން
  • އާދަޔާޚިލާފަށް ބަނޑުހައިވުން
  • ބަރުދަން ލުއިވަމުން ދިއުން / ބަރުދަނަށް ބަދަލުއައުން
  • ގިނަ ގިނައިން ކުޑަކަމުދާން ޖެހުން / އަވަސް އަވަހަށް ކުޑަކަމުދާން ޖެހުން

ފަރުވާ ނުލިބި ގިނަ ދުވަސްވުމުން އިތުރަށް ދިމާވެދާނެ ކަންތައްތައް

  • ނާރުތަކަށް ގެއްލުން ލިބުމުގެ ސަބަބުން އަތްފައި އައްސިވުން
  • ފާރުކޮޅެއް ޖަހައިފިނަމަ ފަސޭހަވުން ލަސްވުން
  • ލޮލުގެ ފެނުމަށް ދަތިވުން އަދި ލޯފުސްވުން
  • ހަމުގެ ބަލިތައް ޖެހުން
  • ފައިގައި ރަގަޅަށް ލޭދައުރުނުކުރުމުގެ ސަބަބުން ފައި ހަލާކުވުން


ހަކުރުބަލި ޖެހިފައިވާކަން ދެނެގަންނެގޮތް[އުނިއިތުރު ގެންނަވާ]

ހަކުރުބަލި ޖެހިފައިވާކަން ޔަޤީން ކުރެވޭނެ ގޮތަކީ ލޭގައި ހަކުރު ހުރިމިންވަރު ބެލުމެވެ. އާއްމު ގޮތެއްގައި ހައިބަނޑާއި ހުންނަމީހެއްގެ ލޭގައި ހަކުރު ހުންނާނީ 70 އާއި 99 މިލިގްރާމް ޕަރ ޑެސިލީޓަރ އާއި ދެމެދުގެ މިންވަރަކަށެވެ. ކެއުމަށްފަހު މީހާގެ ހަކުރުމައްޗަށް ދެއެވެ. ނަމަވެސް 200 މިލިގްރާމް ޕަރ ޑެސިލީޓަރ އަށްވުރެ މައްޗަށް ދިއުމަކީ ވަރަށް ނާދިރު ކަމެކެވެ. ހަކުރުބަލި ކަމުގައި ނިންމުމަށްޓަކައި (ޑަޔަގްނޯސް ކުރުމަށް) އެމެރިކަން ޑައަބިޓީސް އެސޯސިއޭޝަން (އޭ.ޑީ.އޭ) އިން ކަނޑައަޅާފައިވާ ދެ މިންގަނޑަކީ:

1. ހަކުރުބަލީގެ އަލާމާތްތަށް (ކުރިންދެންނެވުނު) ހުރުމާއި އެކު ލޭގެ ހަކުރު ބަލާއިރު 200 މިލިގްރާމް ޕަރ ޑެސިލީޓަރ އަށްވުރު މަތީގައި ހުރުން

2. ހައިބަނޑާއި ހުރެ ހަދާ ޓެސްޓުގައި (ފާސްޓިންގް ބްލަޑް ގްލޫކޯސް) ލޭގައި ހަކުރުގެ މިންވަރު 126 މިލިގްރާމް ޕަރ ޑެސިލީޓަރ އަށްވުރެ މަތީގައި ދެ ދުވަހެއްގެ މަތީން ހުރުން

ހަކުރުބަލި ޖެހިއްޖެނަމަ[އުނިއިތުރު ގެންނަވާ]

ހަކުރުބަލި ހުރިކަން އިނގުމުން ލޭގައި ހަކުރުގެ މިންވަރު އަބަދުމެ ރަނގަޅު ހިސާބުގައި ބެހެއްޓުމަށް ވަރަށް ސަމާލު ކަން ދޭންވާނެއެވެ. ރަނގަޅީ ކެއުމުގެ ކުރީންވެސް އަދި ފަހުންވެސް ހަކުރު މައްޗަށް ދިޔަނުދީ ފަރުވާތެރިކަމާއި އެކު ބަލަހައްޓަމުން ގެންދިއުމެވެ. ގަވާއިދުން ކަސްރަތު ކުރުމާއި، ކެއުމުގެ މިންގަނޑުތައް ރަނގަޅަށް ބެހެއްޓުމާއި، ބޭސްކެއުމުގައި ފަރުވާތެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ. މިއިން ކޮންމެވެސް އެއްކަމެއް ނޫނީ ދެކަމެއް ކޮށްލުމުން ފުދިދާނެކަމަށް ހީކޮށް އަމަލުކޮށްފިނަމަ ނުއެނގި ހުއްޓާ ލިބިދާނެ ގެއްލުން ވަރަށްވެސް ބޮޑެވެ. އަދި ޑޮކްޓަރަށް ގަވާއިދުން ދެއްކުމަކީ އަދި ލަފާހޯދާ ލޭގައި ހަކުރު ބެހެއްޓުމަށް ބޭނުންވާ މިންވަރަކީ ކޮބައިތޯ މަޝްވަރާކޮށް އެއިރުޝާދުގެ ދަށުން ކަންތައް ކުރަމުންގެންދިއުމަކީ ބުއްދިވެރި ގޮތެވެ.


ހަކުރުބަލި ޖެހުމު ކުރީން[އުނިއިތުރު ގެންނަވާ]

ބައެއްމީހުނަކީ ހަކުރުބަލި ޖެހުމުގެ ފުރުސަތު ބޮޑުމީހުނެވެ. އެންމެގިނައީ ޓައިޕް 2 ޑަައަބިޓީސް އާއިލާގެތެރޭގައި ހުޅޭތީ މިބަލި ޖެހުމަށް ހުރަހޮޅިފައިތިބޭ މީހުނެވެ. މިބައިމީހުންނަށް ރައްކާތެރިކަން ލިބޭނީ ކިހިނެއް ހެދީމާބާއެވެ؟ ނޫނީ ދުވަސް ދުވަސް ކޮޅުން ހަކުރު ބަލައިލަ ބަލައިލަ ތިބެންވީ ބާއެވެ؟ ނޫނެކެވެ. ކުރެވިދާނެ ކަންތައް އެބަހުއްޓެވެ. އެންމެ މުހިންމު ކަމަކީ ބަރުދަން ލުއިކުރުމެވެ. ހިކުމެވެ. ދެން ކެއުމުގައި މެދުމިންވަރެއް ގެންގުޅެ ގަވާއިދުން ކަސްރަތުކޮށް ހަށިގަނޑު ފަލަވެގެން ދިޔަނުދީ ހިފެހެއްޓުމެވެ. މީގެއިތުރުން ހަކުރު ހުރިމިންވަރު ބަލާ ޓެސްޓު ކުރުމާއި ދުޅަހެޔޮ ސިއްޙަތަކަށްޓަކައި ކުރަންޖެހޭ އެހެނިހެން ކަންކަމަށް ބަލައިގެން އުޅުން ބުއްދިވެރިއެވެ. މީގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި، މޭވާއާއި ތަރުކާރީ ގިނައިން ކެއުމާއި ހަރަކާތްތެރި ދިރިއުޅުމެއް ބައްޓަންކުރުމެވެ. ބަލިން ރައްކާތެރިވުން ހަމަ ޔަގީނުންވެސް ފަރުވާލިބުމަށްވުރެ ރަނގަޅެވެ. ނޫންތޯއެވެ؟


ހަކުރު ބައްޔާއި ރޯދަހިފުން[އުނިއިތުރު ގެންނަވާ]

ރޯދައިގެ ސަބަބުން ހަކުރު ބަލީގެ މީހުންނަށް ކުރިމަތިވާ އަސަރުތައް ދެނެގަތުމަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ދިރާސާ ކޮށްފައި ވެއެވެ. މިގޮތުން ރޯދައިގެ ސަބަބުން ހަކުރު ބަލީގެ މީހުންނަށް ދިމާވެދާނެ ކަމަށް ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި:-

ލޭގެ ތެރޭގައި ހިމެނޭ ހަކުރުގެ މިންވަރު އެކަށީގެންނުވާ މިންވަރަށް ދަށަށްދިއުން[އުނިއިތުރު ގެންނަވާ]

ރޯދައަށް ހުންނަ ވަގުތު ކެއިން ބުއިމުން ދުރުހެލިވެ ހުރުމުގެ ސަބަބުން ލޭގައި ހިމެނޭ ހަކުރުގެ ބައި މަދުވެ ސިކުނޑިއަށް ބޭނުންވާ ގުލްކޯޒް ލޭގައި ނެތިއްޖެ ނަމަ އެއީ ބަލިމީހާ އަށް ވަރަށް ނުރައްކާތެރި ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ރޯދައަށް ހުންނަ ބަލި މީޙާ އަށް މިމައްސަލަ ދިމާވުމުގެ ފުރުޞަތު އެހެން މީހުންނާއި އަޅާ ބަލާއިރު 3 ގުނަ އިތުރެވެ. މީގެ ސަބަބަކަށް ވަނީ ހަކުރު ދަށްކުރުމަށް ބޭނުންވާ ބޭހާއި، އިންސުލިން ޑޯޒްތަކަށް ބަދަލު ނުގެނެސް ކެއުމާއި، ބުއިމަށް ބަދަލުތަކެއް ގެންނާތީ އެވެ.


ލޭގެ ތެރޭގައި ހިމެނޭ ހަކުރުގެ މިންވަރު އެކަށީގެންނުވާ މިންވަރަށް މައްޗަށްދިއުން[އުނިއިތުރު ގެންނަވާ]

ރޯދައަށް ހުންނަ ހަކުރު ބަލީގެ މީހުންގެ ލޭގައި ހަކުރުގެ ބައި މަތިވުމުގެ ސަބަބުން ކޮންމެ 100 މީހުން ކުރެ 3 މީހަކު ހޮސްޕިޓަލްގައި އެދުމަތި ކުރަން ޖެހޭކަމަށް ދިރާސާތަކުން ދައްކައެވެ. މީގެ ސަބަބެއް ކަމުގައިވަނީ ރޯދައަށް ހުންނާތީވެ، ހަކުރު ދަށްކުރުމަށްޓަކައި ބޭނުންކުރާ ބޭސް، ނުވަތަ އިންޖެކްޝަން މިންވަރު ދަށްކޮށްލުމެވެ.

ހަށިގަނޑުގައި ފެންމަދުވުން ލޭއޮލަވުން[އުނިއިތުރު ގެންނަވާ]

ރޯދައަށް ހުންނަ ވަގުތު ފެން ބުއިމާއި، ދިޔާތަކެތި ހަށިގަނޑުގައި އެކުލެވުން މަދުވުމާއި، ޖައްވު ހޫނުވުމުގެ ސަބަބުން ދާހިއްލައި ހަށިގަނޑުން ފެނާއި އެކު ލޮނުގެ ބައިވެސް މަދުވުމުގެ ސަބަބުން ހަކުރުބަލީގެ މީހުންގެ މޫނު މައްޗަށް އަދިރިވެ، ވެއްޓުމުގެ އިތުރުން ލޭގެ ޕްރެޝަރު ދަށްވެ ތެދުވަން ނުކެރޭ ހިސާބަށް ވެސް ދެއެވެ. ބައެއް ފަހަރު މިގޮތަށް ލިބޭ އަނިޔާގައި ވެއްޓި ކަށިގަނޑެއް ބިއްދައިގެން ދިއުން ވެސް އެކަށީގެންވެއެވެ. ލޭގައި ހިމެނޭ ފެނުގެ ބައި މަދުވެ ލޭގެ އޮލަމިން މައްޗަށް ދިއުމުގެ ސަބަބުން ލޭހޮޅި ތެރޭގައި ގަނޑުކޮޅެއް ނުވަތަ ގަނޑުލޭކޮޅެއް އުފެދި ލޭހޮޅި ބެދުމަކީ ވެސް ވެދާނެ ގޮތެކެވެ.


ބަޔާންކުރެވުން މައްސަލަތައް ދިމާވުމާއެކު ހަކުރުބަލީގެ މީހުން ރޯދައަށް ތިބުމުގައި ޚާއްޞަ އިރުޝާދު ތަކެއް ވެއެވެ. މީގެ ތެރޭގައި ރޯދައަށް ނުހުރެވޭނެ މީހުންނާއި، ޚާއްޞަ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު ރޯދަ ހިފިދާނެ މީހުން ހިމެނެއެވެ.

  • ހަކުރު ރަގަޅަށް ކޮންޓްރޯލްވެފައި ނުވާ ޓައިޕް 1 އަދި ޓައިޕް 2 ގެ ބަލިމީހުން
  • ހަކުރު ބަލި ކޮންޓްރޯލްކުރުމަށް ދީފައިވާ އިރުޝާދުތަކަށް ރަގަޅަށް އަމަލުނުކުރާ ބަލިމީޙުން
  • ހަކުރު ބައްޔާއި އެކު ހިތުގެ ބަލި އަދި ލޭމައްޗަށްދިއުން ފަދަ ބަލިތަކަށް ބޭސްކުރާމީހުން
  • ހަކުރު ބަލި ހުރުމާއެކު މާބަނޑުވެފައިވާ އަންހެނުން
  • އުމުރުން ދުވަސްވެފައި ވުމާއެކު އެއްވެސް އިރެއްގައި ހެޔަށް ގޮތްވާ މީހުންނާއި، ރޯދައަށް ހުރުމުގެ ސަބަބުން ހަކުރު ދަށްވެ ނުވަތަ ހަކުރު މަތިވުމުގެ ސަބަބުން ހޮސްޕިޓަލްގައި ބާއްވަން ޖެހޭ މީހުން ރޯދަ ހިފުން ރަގަޅެއް ނުވާނެއެވެ.

މަތީގައި އިޝާރާތްކުރި މައްސަލަ ނުހުންނަ ހަކުރު ބަލި ހުންނަ މީހުން ރޯދަހިފުމަކީ ނުރައްކާ އެކުލެވޭ ކަމަކަށް ނުވެއެވެ. ނަމަވެސް ރޯދަ މަސް އައުމުގެ ކުރިން ޑޮކްޓަރާއި މަޝްވަރާކޮށް ނަޞޭހަތް ލިބިގަތުން މުހިއްމެވެ. މިގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި :-

  • ރޯދައިގެ ކުރިން މެޑިކަލް ޗެކްއަޕެއް ހެދުން
  • ހަށިގަނޑުގައި ހަކުރު އެކުލެވޭ މިންވަރު ބެލުމާއެކު ބޭނުންކުރާ ބޭހަށް ރޯދަމަހާއި އެއްގޮތަށް އުނިއިތުރުގެނެސް ބަދަލުކުރުން
  • ރޯދައަށް ޚާއްޞަ ކާނާގެ ތާވަލެއް ހެދުމާއެކު އެކަމާއި ޑޮކްޓަރާއި މަޝްވަރާކުރުން
  • ރޯދަމަހުވެސް ކޮންމެވެސް ކަހަލަ ކަސްރަތެއް ކުރުން
  • ރޯދައަށް ހުންނައިރު ދިމާވެދާނެ ނުރައްކާތައް އުގެނިގަތުމާއެކު އެފަދަ ކަމެއް ދިމާވެއްޖެނަމަ ހަދާނެ ގޮތް ކަނޑައަޅާފައި ބޭއްވުން

ބަލީގައި ދިގުލައި ދިއުމުން ކުރިމަތިވެދާނެ އުދަގޫތައް[އުނިއިތުރު ގެންނަވާ]

  • ނާރުތަކަށް ގެއްލުންވުމުގެ ސަބަބުން އަތްފައި އައްސިވުން
  • ފާރުކޮޅެއް ޖަހައިފިނަމަ ފަސޭހަވުން ލަސްވުން
  • ލޮލުގެ ފެނުމަށް ދަތިވުން އަދި ލޯފުސްވުން
  • ހަމުގެ ބަލިތައް ޖެހުން
  • ފައިގައި ރަގަޅަށް ލޭދައުރުނުކުރުމުގެ ސަބަބުން ފައިހަލާކުވުން

ހަކުރު ބަލީގައި ލޯހަލާކުވުން[އުނިއިތުރު ގެންނަވާ]

ހަކުރު ބަލީގައި ލޯހަލާކުވުން މާނަ ކުރެވެނީ ހަކުރު ބަލި ޖެހުމާއި ވިދިގެން ގިނަ ދުވަސްވެ ލޮލުގެ މައްސަލަތައް ފެންމަތިވުމަށެވެ. ޢާންމު ގޮތެއްގައި ހަކުރު ބައްޔާއި ގުޅިގެން ލޮލުގެ މައްސަލަ ކުރިމަތިވާ ލޮލުގެ އަސާސީ ގުނަން އަކީ ލޮލުގެ ފަހަތުގައިވާ އައްޔަށް ނާޒުކު ބައެއް ކަމުގައިވާ ރެޓިނާ އޭ ކިޔޭ ނާރު ފަށަލަ އެކެވެ. މާނަ އަކީ ހަކުރު ބައްޔާއި ގުޅިގެން ރެޓިނާ ހަލާކުވެ މައްސަލަތައް ކުރިމަތިވުމެވެ.

ލަފްޒީ ގޮތުން ބަލާއިރު ޑައެބިޓިކް ރެޓިނޮޕަތީ ގެ މާނަ ބަލާލަމާ ހިނގާށެވެ.

  • ޑައެބިޓިކް:- ހަކުރު ބަލި
  • ރެޓިނޯ:- ނިސްބަތްކުރެވެނީ ލޮލުގެ ފަހަތުގައިވާ ޓިޝޫއެއް ކަމުގައިވާ ރެޓިނާ އަށް
  • ޕަތީ:- މިބަހުގެ މާނަ އަކީ ބަލި އެވެ.

އެހެންކަމުން ޖުމުލަ މާނަ އަކީ ހަކުރު ބައްޔާއި ގުޅިގެން ދިމާވާ ރެޓިނާގެ ބަލިތައް މިއެވެ.

ރެޓިނާ އަކީ ތަނެއް ނުވަތަ އެއްޗެއް ފެންނަހިނދު އެއެއްޗެއްގެ ސޫރަ ނަގައިގަނެ، އެ މަންޒަރެއް ނުވަތަ އެސޫރައެއް ސިކުނޑިއަށް ފޮނުވައިދޭ ފަރާތެވެ.

ހަކުރު ބައްޔާއި ގުޅިގެން ލޮލަށް ކުރިމަތިވާ މައްސަލަ ތަކުގެ ތެރޭގައި ލޮލުގެ ފެނުން ދަށްވުން، އަދި ލޯއަދިރިވުން ފަދަ ކަންތައްތައް ހިމެނެއެވެ. ހަކުރު ބަލީގައި ގިނަ ދުވަސްވާވަރަކަށް ލޮލަށް ދިމާވާ މިފަދަ އުދަގޫތައް އިތުރަށް ގޯސްވެގެން ދެއެވެ. އެންމެ ފުރަތަމަ ވާގޮތަކީ ލޭހޮޅިތައް ނިކަމެތިވަނީ އެވެ. އަދި އޭގެ ސަބަބުން ލޭހޮޅިތަކުން ލެޔާއި، ދިޔަ ރެޓިނާގެ ތެރެއަށް ފޭދޭގޮތް ވަނީއެވެ. އެހެންކަމުން ހަކުރު ބައްޔާއި ގުޅިގެން ރެޓިނާ އަށް ކުރިމަތިވާ އެންމެ އާންމު މައްސަލަ އަކީ މިއީއެވެ.

ހަކުރު ބަލީގައި ނާރުތައް ހަލާކުވުން[އުނިއިތުރު ގެންނަވާ]

ހަކުރު ބަލީގައި ނާރުތައް ހަލާކުވުން އަކީ ހަކުރު ބައްޔާއި ވިދިގެން ހަށިގަނޑުގެ ތަފާތު ނާރުތަކަށް ގެއްލުން ލިބުމެވެ. މިއީ ލޭގައި ހަކުރުގެ މިންވަރު މަތިވުމުގެ ސަބަބުން ފެންމަތިވެގެން އަންނަ މައްސަލަ އެކެވެ. ހަކުރު ބައްޔާއި ގުޅިގެން ކުރިމަތިވާ ނާރުތަކުގެ މައްސަލަ ތަފާތު 3 ބަޔަކަށް ބަހާލެވިދާނެއެވެ.

  • ޕެރިފެރަލް ނިއުރޯޕަތީ:- މިއީ ހަކުރު ބައްޔާއި ގުޅިގެން ޕެރިފެރަލް ނާރު ތަކަށް ގެއްލުން ލިބުމެވެ. މިދެންނެވި ނާރު ތަކަކީ، ތަދު، ބީހުން، ހޫނު، ފިނި ކަން ފަދަ ކަންތައްތަކުގެ އިހްސާސްތައް ފޯރުކޮށްދިނުމުގައި ބައިވެރިވާ ނާރުތަކެވެ. މީގެ އިތުރުން މަސްތަކުގެ ބާރު، އަދި ހަރަކާތްތަކުގައި ވެސް މިނާރުތައް އޭގެ ދައުރު އަދާކުރެއެވެ. އެންމެ އާންމުކޮށް ބަލީގެ އަސަރު ފޯރަނީ ފައިގެ ތިރީގައި ހުންނަ ނާރުތަކަށެވެ. ފައިގައި އެކުލެވޭ ނާރުތަކަށް ގެއްލުންވުމުން ހީވެސް ނުކުރާފަދަ މައްސަލަތައް ފަޔަށް މެދުވެރި ވެއެވެ.
  • އޮޓޮނޮމިކް ނިއުރޯޕަތީ:- މިއީ ހަކުރު ބައްޔާއި ގުޅިގެން އޮޓޮނޮމިކް ނާރު ތަކަށް ގެއްލުން ލިބުމެވެ. މިދެންނެވި ނާރުތަކަކީ، ހިތުގެވިންދު ޖެހުން، ލޭގެ ޕްރެޝަރު، ހަޖަމުކުރުން، ކުޑަކަމުދިއުން، ދާހިއްލުން، އަދި ޖިންސީ ގުޅުމާއި ބެހޭކަންކަން ކޮންޓްރޯލްކޮށްދޭ ނާރުތަކެވެ.
  • ފޯކަލް ނިއުރޯޕަތީ:- މިއީ ހަކުރު ބައްޔާއި ގުޅިގެން ވަކި އެންމެ ނާރަކަށް އޭގެ އަސަރު ކުރުމެވެ. އާންމު ގޮތެއްގައި އަސަރު ކުރަނީ މާކަޅުވާމަސް، ފައިތިލަ އަދި އަތުކުރި ހިމެނޭ ހިސާބުގައިވާ ނާރުތަކުން ނާރަކަށެވެ. މިވައްތަރުގެ ނާރުތަކަށް ގެއްލުން ލިބުން އާންމު ގޮތެއްގައި ކުރިމަތިވަނީ ނޭނގި ހުއްޓައި ކުއްލިއަކަށް ދިމާވާ ކަމެއްގެ ގޮތުގައެވެ.

ހަކުރު ބަލީގައި ގުރުދާ ފޭލްވުން[އުނިއިތުރު ގެންނަވާ]

ހަކުރު ބަލީގައި ގުރުދާ ފޭލްވުން (އިނގިރޭސި ބަހުން: Diabetic nephropathy) އަކީ ހަކުރު ބަލީގެ ސަބަބުން ގުރުދާ ހަލާކުވެ ދިއުމެވެ. މިބައްޔަށް ކިމެލްސްޓީލް-ވިލްސަން ސިންޑްރޯމް، އަދި އިންޓަކެޕިލަރީ ގްލޯމެރިޔުލޯ ނެފްރައިޓިސް އޭ ވެސް ކިޔައެވެ. މިބަލީގެ ސަބަބުން ގުރުދާގެ ގްލޯމެރިޔޫލަސް ތަކުގައި ހުންނަ ކުދިކުދި ލޭހޮޅި ނުވަތަ ކެޕިލަރީ ތައް ހަލާކު ކޮށްލައެވެ. ވަރަށް ގިނަ މީހުންނަށް މިބަލީގެ ސަބަބުން ޑައަލަސިސް ހަދަން ޖެހެއެވެ.ހަކުރު ބަލިޖެހޭ ކޮންމެ މީހަކަށް ގުރުދާ ފޭލްވުން ކުރިމައްޗެއް ނުވެއެވެ. ގުރުދާ ގެ ބަލިތައް ވެސް އެންމެންނަކަށް ކުރިމައްޗެއް ނުވެއެވެ.

ހަކުރު ބަލީގައި ފައި ހަލާކުވުން[އުނިއިތުރު ގެންނަވާ]

ހަކުރު ބަލީގައި ފައި ހަލާކުވުން(އިނގިރޭސި ބަހުން: Diabetic foot) ނިސްބަތް ކުރެވެނީ ހަކުރު ބަލި އާއި ގުޅިގެން ފަޔަށް ކުރިމަތިވާ މައްސަލަތަކަށް ނިސްބަތްކޮށެވެ. މިމައްސަލަތައް ދިމާވާ މައިގަނޑު ސަބަބަކީ ހަކުރު ބަލީގައި ނާރުތައް ހަލާކުވުން އަދި ފައިގެ އެކި ހިސާބުތަކަށް ރަގަޅަށް ލޭފޯރުކޮށް ނުދިނުމުގެ ސަބަބުންނެވެ. ހަކުރު ބަލި ޖެހުމުން ފަޔަށް ކުރިމަތިވާ މައްސަލަތަކުގެ ތެރެއިން އެންމެ އާންމު ކަމަކީ ފައިގައި އިންފެކްޝަން އަށަގަނެ، ހަލާކުވެ މަރުވުން، އަދި ފައިގައި ޖަހާ ފާރުކޮޅު ފަދަ ތަކެތި ފަސޭހަވުން ލަސްވުން ފަދަ ކަންތައްތަކެވެ. ހަކުރު ބައްޔާއި ގުޅިގެން ފަޔަށް ދިމާވާ މައްސަލަތަކުން ރައްކާތެރިވުމަށް އެންމެ ރަގަޅު އެއްގޮތަކީ ދުރާލާ އެކަމަށް ވިސްނައި ތައްޔާރުވެ ހުރެ އެކަމުން ރައްކާތެރިވުމަށް މަސައްކަތް ކުރުމެވެ. އެގޮތުން ދެފައި ދޮވެ ރަގަޅަށް ސާފުކޮށް ފައިގެ ޞިއްޙަތަށް ރަގަޅަށް އަޅާލުން މުހިއްމެވެ. ފައިގައި އުފެދޭ ފާރުގަނޑަށް ރަގަޅަށް އަޅާލައި އެޔަށް ފުރިހަމަ އަށް ފަރުވާ ކުރުމަކީ ވެސް އެދެވިގެންވާ ކަމެކެވެ.

ހަކުރު ބަލި ކޮންޓްރޯލް ކުރުން[އުނިއިތުރު ގެންނަވާ]

ހަކުރު ބައްޔަކީ އެއްކޮށް ފަސޭހަކުރެވޭ ބައްޔެއް ނޫންކަމުން ބަލަން ޖެހެނީ ބަލި ކޮންޓްރޯލްކުރެވޭތޯ އެވެ. ހަކުރު ބަލީގެ ކޮންމެ ވައްތަރެއް ވިޔަސް ކޮންޓްރޯލް ކުރުމަށްޓަކައި ދިރިއުޅުމުގެ ބައެއް އާދަތަކަށް ބަދަލު ގެންނަނށްޖެހެއެވެ. ހަކުރު ބައްޔަކީ އެއްކޮށް ފަސޭހަ ކުރެވޭ ބައްޔަކަށް ނުވާތީ ވިސްނަންޖެހެނީ ހަކުރު ބަލި ކޮންޓްރޯލް ކުރެވޭތޯ އެވެ. ހަކުރު ބަލީގެ ކޮންމެ ބާވަތެއް ވިޔަސް، ކޮންޓްރޯލްކުރުމަށްޓަކައި ދިރިއުޅުމުގެ ބައެއް އާދަތަކަށް ބަދަލު ގެންނަން ޖެހެއެވެ. އޭގެ ތެރޭގައި:-

  • ފުދޭ މިންވަރަށް ކަސްރަތުކުރުން
  • ކެއުމަށް އެދެވޭ ބަދަލު ގެނައުން
  • ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުން
  • ފިކުރު ބޮޑުކުރުމާއި، ހާސްކަމުން ދުރުހެލިވުން


ކަސްރަތު ކުރުން[އުނިއިތުރު ގެންނަވާ]

ކަސްރަތު ކުރުމުން ލޭގައި ހުންނަ ހަކުރު ދަށަށް ދެއެވެ. އަދި ހަށިގަނޑަށް ލުއިކަން ލިބިދެއެވެ. ބަރުދަން ލުއިކޮށްދެއެވެ. މިގޮތުން ދާހިއްލާ ވަރަށް އަވަސް އަވަހަށް ހިނގުން، ދުވުން، އަދި ފެތުން ފަދަ ކަސްރަތުތައް ފާހަގަކޮށްލެވެއެވެ. ކަސްރަތު ކުރުމުން ލޭގައި ހުންނަ ހަކުރު ދަށަށް ދެއެވެ. އަދި މީހާގެ ބަރުދަން ލުއިކޮށްދީ ހަށިގަނޑުގައި ލޭ ރަގަޅަށް ދައުރުކޮށްދެއެވެ. މިގޮތުން ކުރަން އެންމެ ރަގަޅު ކަސްރަތެއްކަމަށް ބެލެވެނީ ދާހިއްލާ ވަރަށް އަވަސް އަވަހަށް ބާރަށް ހިނގުން، ދުވުން، އަދި ފެތުން މި 3 ކަންތަކެވެ. އޮފީހަށާއި އެހެން ތަންތަނަށް ދާއިރު ފައިމަގުގައި އުޅުން ބުއްދިވެރިއެވެ.

ފިކުރުބޮޑުވުމާއި ހާސްކަމުން ދުރުހެލިވުން[އުނިއިތުރު ގެންނަވާ]

ފިކުރުބޮޑުވުމާއި ހާސްކަމުން ދުރުހެލިވެ ހުރުމަކީ ހަކުރު ބަލި ކޮންޓްރޯލް ކުރުމަށް އެޅިދާނެ ފިޔަވަޅެކެވެ. ހަކުރު ބަލި ޖެހުމުން އެބައްޔާއި މެދު ފިކުރު ބޮޑޫކުރުން ރަގަޅެއް ނޫނެވެ. ދިރިއުޅުމުގައި ދިމާވާ ކަންތައްތަކުގައި ފިކުރު ބޮޑުނުކުރުމަކީ ހަކުރު ބަލި އަވަހަށް ކޮންޓްރޯލްކުރުމަށް އެޅިދާނެ ފިޔަވަޅެކެވެ. މަސައްކަތާއި ކުޑަކޮށް ދުރަށް ދިއުމަށް އަހަރީ ޗުއްޓީއެއް ނެގުމާއި، އާއިލާއާއި ރަހުމަތްތެރިންނާއި އެކު ވަގުތުހޭދަކުރުން މިއީ މިކަމަށް ކުރެވިދާނެ ކަންކަމެވެ. ހަކުރު ބަލިޖެހުމުން އެބައްޔާއި މެދު ފިކުރުބޮޑުކުރުން ރަގަޅެއް ނޫނެވެ. މިއީ ބައްޔެއް ނޫންކަމަށް ހިތުލައިގެން އުފާވެރި ދިރިއުޅުމެއް އުޅެން ދަސްކުރުން ބުއްދިވެރިއެވެ.

ކެއުމަށް އެދެވޭ ބަދަލެއް ގެނައުން[އުނިއިތުރު ގެންނަވާ]

ހަކުރު ބައްޔަށް ބޭސް ކުރުމުގެ އިތުރުން ކެއުމަށް ބަދަލުތަކެއް ގެންނަން ޖެހެއެވެ. މިކަމުގައި ބަލަން ޖެހެނީ ހަކުރުގެ ބައި އެކުލެވޭ ބާވަތެއް ކަމަށްވާ ކާބޯ ހައިޑްރޭޓްސް މަދުކޮށް، ޕްރޮޓީން އަދި ވިޓަމިންގެ ބައިތައް ގިނަކުރެވޭތޯ އެވެ. ކެއުން ރަގަޅު ނޫން ބައެއް ތަކެތީގެ ތެރޭގައި ތެލާއި، ސަރުބީ އެކުލެވޭ ބާވަތްތައް، އައިސްކްރީމް، ކޭކް، ޕުޑީން، ޗޮކްލެޓް، ބޮނޑިބަތް ފަދަ ފޮނިކާތަކެތި ހިމެނެއެވެ. ޑޮކްޓަރުގެ އިރުޝާދުގެ ދަށުން ކޮންމެހެން ކާންޖެހިގެން ނޫނީ ހަކުރު އެކުލެވޭ ތަކެތި ބޭނުން ނުކުރާށެވެ.

ހަކުރު ބައްޔަށް ބޭސް ކެއުމުގެ އިތުރުން ކެއުމަށް އެދެވޭ ބަދަލުތަކެއް ކޮންމެހެން ގެންނަން ޖެހޭނެއެވެ. މިކަމުގައި ވިސްނަންޖެހޭނީ ހަކުރުގެ ބައި އެކުލެވޭ ބާވަތެއްކަމަށްވާ ކާބޯހައިޑްރޭޓް މަދުކޮށް، ޕްރޮޓީން އާއި ވިޓަމިންގެ ބައިތައް ގިނަކުރެވޭތޯ އެވެ. އަދި ތެޔޮ އާއި ސަރުބީ އެކުލެވޭ ބާވަތްތަކަކީ ވެސް ކެއުން ރަގަޅު ބާވަތްތަކެއް ނޫނެވެ. ކެއުން ރަގަޅު ނޫން ބައެއް ބާވަތްތަކުގެ ތެރޭގައި އައިސްކްރީމް، ކޭކު، ޕުޑިންގ، ޗޮކްލެޓް، ބޮނޑިބަތް ފަދަ ފޮނިކެއުންތައް ހިމެނެއެވެ. ތެލާއި ސަރުބީގެ ބާވަތްތަކަކީ ވެސް މަދުކުރަންޖެހޭ ބާވަތްތަކެވެ. ޑޮކްޓަރެއްގެ މަޝްވަރާގެ ދަށުން ކޮންމެހެން ބޭނުންކުރަންޖެހިގެން ނޫނީ ހަކުރު އެކުލެވޭ ކެއުން ބޭނުންކުރާކަން ނުވާނެއެވެ. ޑޮކްޓަރަކާއި މަޝްވަރާކޮށްގެން އެމީހެއްގެ ބަރުދަނާއި، ކުރާ މަސައްކަތާއި، އެކަށީގެންވާ ގޮތަށް ކެއުން ގެންދަންވީ ގޮތުގެ ޗާޓެއް ހަދާފައި ބޭއްވުން ރަގަޅުވާނެއެވެ.


ސާފުތާހިރު ކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުން[އުނިއިތުރު ގެންނަވާ]

ހަކުރު ބަލި ޖެހޭމީހުންނަށް ވަރަށް ފަސޭހައި ޖަރާސީމުން ޖެހޭ ބަލިތައް ޖެހެއެވެ. އެހެން ކަމުން ސާފުތާހިރުކަމަށް ލޯބިކޮށް އެކަން ދަމަހައްޓަން ޖެހެއެވެ. ސަމާލުކަން ދެވިދާނެ ކަންތައްތަކުގެ ތެރޭގައި :-

  • އާންމު ސާފުތާހިރު ކަމަށް ސަމާލުކަންދިނުން
  • ފައިތިލަ ސާފުކޮށް ބެލެހެއްޓުން
  • ހަށިގަނޑުގެ ތަނެއް ހަލާކުވެފައިވާނަމަ އަވަހަށް ޞިއްޙީ ފަރުވާ ހޯދުން
  • ދަތްތައް ރަގަޅަށް އުނގުޅާ ސާފުކޮށް ބެލެހެއްޓުން

ފަރުވާ[އުނިއިތުރު ގެންނަވާ]

ހަކުރުބަލީގެ ފުރަތަމަ ވައްތަރުގެ ފަރުވާ[އުނިއިތުރު ގެންނަވާ]

ހަކުރު ބަލީގެ ފުރަތަމަ ވައްތަރުގެ ފަރުވާގައި ހަކުރު ބަލި ކޮންޓްރޯލްކުރުމަށް ކުރެވޭ ކަންތައްތަކުގެ އިތުރުން އިންސިއުލިން އިންޖެކްޝަން ގަވާޢިދުން ޖަހަން ޖެހޭނެއެވެ.

ހަކުރުބަލީގެ ދެވަނަ ވައްތަރުގެ ފަރުވާ[އުނިއިތުރު ގެންނަވާ]

މިވައްތަރުގައި ހަކުރު ބަލި ކޮންޓްރޯލްކުރުމަށް ކުރެވޭ އަމަލުތަކަށް ރަގަޅަށް ސަމާލުކަންދީ އެކަންތައްތައް ކުރުމުން ހަކުރު ބަލި ކޮންޓްރޯލް ކުރެވެއެވެ. އެގޮތުން ކޮންޓްރޯލް ނުކުރެވިއްޖެނަމަ ގުޅަ ބޭސް ބޭނުން ކުރަންޖެހޭނެއެވެ. އަދި ބައެއް ހާލަތްތަކުގައި އިންސިއުލިން ވެސް ޖަހަން ޖެހިދާނެއެވެ. އެއީ ބޭހުން ހަކުރު ބަލި ކޮންޓްރޯލް ނުކުރެވުން، ނުވަތަ ނުރައްކާތެރި ޖަރާސީމެއް ހަށިގަނޑުގައި އަށަގަތުން ފަދަކަމެއް ދިމާވުމުންނެވެ.