ހަކުރު ބަލީގައި ލޯހަލާކުވުން

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ހަކުރު ބަލީގައި ލޯހަލާކުވުން(އިނގިރޭސި ބަހުން: Diabetic retinopathy) މާނަ ކުރެވެނީ ހަކުރު ބަލި ޖެހުމާއި ވިދިގެން ގިނަ ދުވަސްވެ ލޮލުގެ މައްސަލަތައް ފެންމަތިވުމަށެވެ. ޢާންމު ގޮތެއްގައި ހަކުރު ބައްޔާއި ގުޅިގެން ލޮލުގެ މައްސަލަ ކުރިމަތިވާ ލޮލުގެ އަސާސީ ގުނަން އަކީ ލޮލުގެ ފަހަތުގައިވާ އައްޔަށް ނާޒުކު ބައެއް ކަމުގައިވާ ރެޓިނާ އޭ ކިޔޭ ނާރު ފަށަލަ އެކެވެ. މާނަ އަކީ ހަކުރު ބައްޔާއި ގުޅިގެން ރެޓިނާ ހަލާކުވެ މައްސަލަތައް ކުރިމަތިވުމެވެ.

ލަފްޒީ ގޮތުން ބަލާއިރު ޑައެބިޓިކް ރެޓިނޮޕަތީ ގެ މާނަ ބަލާލަމާ ހިނގާށެވެ.

  • ޑައެބިޓިކް:- ހަކުރު ބަލި
  • ރެޓިނޯ:- ނިސްބަތްކުރެވެނީ ލޮލުގެ ފަހަތުގައިވާ ޓިޝޫއެއް ކަމުގައިވާ ރެޓިނާ އަށް
  • ޕަތީ:- މިބަހުގެ މާނަ އަކީ ބަލި އެވެ.

އެހެންކަމުން ޖުމުލަ މާނަ އަކީ ހަކުރު ބައްޔާއި ގުޅިގެން ދިމާވާ ރެޓިނާގެ ބަލިތައް މިއެވެ.

ރެޓިނާ އަކީ ތަނެއް ނުވަތަ އެއްޗެއް ފެންނަހިނދު އެއެއްޗެއްގެ ސޫރަ ނަގައިގަނެ، އެ މަންޒަރެއް ނުވަތަ އެސޫރައެއް ސިކުނޑިއަށް ފޮނުވައިދޭ ފަރާތެވެ.

ހަކުރު ބައްޔާއި ގުޅިގެން ލޮލަށް ކުރިމަތިވާ މައްސަލަ ތަކުގެ ތެރޭގައި ލޮލުގެ ފެނުން ދަށްވުން، އަދި ލޯއަދިރިވުން ފަދަ ކަންތައްތައް ހިމެނެއެވެ. ހަކުރު ބަލީގައި ގިނަ ދުވަސްވާވަރަކަށް ލޮލަށް ދިމާވާ މިފަދަ އުދަގޫތައް އިތުރަށް ގޯސްވެގެން ދެއެވެ. އެންމެ ފުރަތަމަ ވާގޮތަކީ ލޭހޮޅިތައް ނިކަމެތިވަނީ އެވެ. އަދި އޭގެ ސަބަބުން ލޭހޮޅިތަކުން ލެޔާއި، ދިޔަ ރެޓިނާގެ ތެރެއަށް ފޭދޭގޮތް ވަނީއެވެ. އެހެންކަމުން ހަކުރު ބައްޔާއި ގުޅިގެން ރެޓިނާ އަށް ކުރިމަތިވާ އެންމެ އާންމު މައްސަލަ އަކީ މިއީއެވެ.