ޗިސްމޭ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ޗިސްމޭ
1: Head of pancreas
2: Uncinate process of pancreas
3: Pancreatic notch
4: Body of pancreas
5: Anterior surface of pancreas
6: Inferior surface of pancreas
7: Superior margin of pancreas
8: Anterior margin of pancreas
9: Inferior margin of pancreas
10: Omental tuber
11: Tail of pancreas
12: Duodenum
Gray's subject #251 1199
Artery Inferior pancreaticoduodenal artery, Superior pancreaticoduodenal artery
Vein Pancreaticoduodenal veins
Nerve Pancreatic plexus, celiac ganglia, vagus[1]
Precursor pancreatic buds
MeSH Pancreas
Dorlands/Elsevier p_02/


ފަންވަތް:Good article ޗިސްމޭ ނުވަތަ (އިނގިރޭސި ބަހުން: Pancreas) އަކީ ހަޖަމުކުރާ ނިޒާމް ގައި ހިމެނޭ ގުނަވަނެކެވެ. އަދި އެންޑަކްރިން ނިޒާމް ގައި ހިމެނޭ ގޮށެއް ވެސް މެއެވެ. ޗިސްމޭ އަކީ އެންޑަކްރިން އަދި އެކްސަކްރިން ގްލޭންޑެއްގެ ގޮތުގައި ބެލެވޭ ގުނަވަނެކެވެ. އެންޑަކްރިން ގްލޭންޑް ނުވަތަ (އިނގިރޭސި ބަހުން: Endocrine gland) އެއްގެ ގޮތުގައި ބެލެވެނީ ތަފާތު ހޯރމޯންތައް ޗިސްމޭގައި އުފައްދައި ދޫކުރާތީއެވެ. އެކްސަކްރިން ގްލޭންޑް ނުވަތަ (އިނގިރޭސި ބަހުން: Exocrine gland) އެއްގެ ގޮތުގައި ބެލެވެނީ ހަޖަމުކުރާ އެންޒައިމް ތައް ހިމެނޭ ޗިސްމޭ ޖޫސް އުފައްދައި ދޫކުރާތީ އެވެ.

ޗިސްމޭ ގެ އެންޑަކްރިން ވަޒީފާ އަދާކުރަނީ އޭގައި ހިމެނޭ އައިލެޓް އޮފް ލެންޖަހެންސް ނުވަތަ (އިނގިރޭސި ބަހުން: Islets of langerhans ) ކިޔާ ސެލްތަކުންނެވެ. މިސެލްތަކުން އިންސޫލިން އަދި ގްލޫކަގޮން އުފައްދައެވެ. ޗިސްމޭގެ އެކްސަކްރިން ވަޒީފާ އަދާކުރަނީ އޭގައި ހިމެނޭ ކަމްޕައުންޑް އަސިނަރ ގްލޭންޑް ނުވަތަ (އިނގިރޭސި ބަހުން: Compound acinar gland)ތަކުންނެވެ. މިގްލޭންޑް ތަކުން ޗިސްމޭ ޖޫސް އުފައްދައެވެ. ޗިސްމޭ ހަރަކާތް ކޮންޓްރޯލް ކުރަނީ ވޭގަސް ނާރު ނުވަތަ (އިނގިރޭސި ބަހުން: Vagus nerve)އަދި މައި ސްޕްލަންކްނިކް ނާރު ނުވަތަ (އިނގިރޭސި ބަހުން: Splanchnic nerve)ތަކުންނެވެ.

އެނަޓަމީ[އުނިއިތުރު ގެންނަވާ]

އިންސާނާގެ ޗިސްމޭގެ ދިގުމިނަކީ 10-6 އިންޗި އެވެ. ޗިސްމޭ އޮންނަނީ މައިދާ ގެ ތިރިން ކުޑަ ގޮހޮރުގެ ފުރަތަމަ ބައި ޑުއަޑީނަމްގެ ފެށޭތަނުގައި ސީ އަކުރުގެ ބައްޓަމަށް އިންނަ ބަޔަށް ޗިސްމޭ ގެ ބޯކޮޅު ވަދެފައި އިންނަ ކަހަލަ ގޮތަކަށެވެ. ޗިސްމޭ ގައި މައިގަނޑު 3 ބައެއް ވެއެވެ. އެއީ

  • ޗިސްމޭގެ ބޯ: މިބައި އިންނަނީ ކުރިން ބުނިހެން ޑުއަޑީނަމް ގެ ތެރެއަށް ވަދެ ފައްތަރުވެފައެވެ.
  • ޗިސްމޭގެ ޖިސްމު: މައިބަދައިގެ އުނަގަނޑަށްވުރެ މަތިން ހިމެނޭ ކަށިތަކުގެ ދެވަނަ ކަށިކޮޅާއި އެއް ހަމައެއްހަމައެއްގައި މިބައި އޮވެއެވެ.
  • ޗިސްމޭގެ ނިގޫ: ނިގޫ އިންނަނީ ހަށިގަނޑޫ ހުރަސްކޮށް ކަނާތުން ވާތަށް ހުންކޮށިއާއި ދިމާލަށް ގޮސްފައެވެ.

ޗިސްމޭގެ ތެރޭގައިވާ ޕެންކްރިއެޓިކް ޑަކްޓް ހުޅުވިފައިވަނީ ޑުއަޑީނަމްގެ ތެރެއަށެވެ. ކޮމަން ބައިލް ޑަކްޓް ޕެންކްރިއެޓިކް ޑަކްޓް އާއި ގުޅިފައިވަނީ ޕެންކްރިއެޓިކް ޑަކްޓް ޑުއަޑީނަމް އާއި ގުޅުމުގެ ކުރިންނެވެ. ނުވަތަ މިދެޑަކްޓް ގުޅިގެން އުފެދިފައިވާ ޑަކްޓަކުންނެވެ. އެތަނަށް ކިޔަނީ އެމްޕިއުލާ އޮފް ވަޓަރ އެވެ.

ޗިސްމޭ އަކީ ދިގުކޮށް އޮންނަ ގްލޭންޑް އެކެވެ. ޗިސްމޭ އޮންނަނީ މައިދާ ގެ ފުރަގަހުން ހަށިގަނޑުގެ ތެރޭގައި ހުރަހަށް ޑުއަޑީނަމް އިން ފެށިގެން ހުންކޮށި އާއި ދެމެދުގައެވެ. ޗިސްމޭ އެކުލެވިގެންވަނީ ޗިސްމޭގެ ބޯ، ޗިސްމޭގެ ކަރު، ޗިސްމޭގެ ޖިސްމު، އަދި ޗިސްމޭގެ ނިގޫ މި 4 ބައިގެ މައްޗަށެވެ.


ޗިސްމޭގެ ބޯ[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޗިސްމޭގެ ބޯ

ޗިސްމޭގެ ބޯ ނުވަތަ (އިނގިރޭސި ބަހުން: Head of pancreas) އޮންނަނީ ކުޑަގޮހޮރުގެ ފުރަތަމަ ބައި ނުވަތަ ޑުއަޑީނަމް ސީ އަކުރެއްގެ ބައްޓަމަށް އޮންނައިރު ތަބީޢީ ގޮތުން އުފެދިފައި އިންނަ ޖާގައިގެ ތެރޭގައެވެ. ނުވަތަ އެޖާގައިގެ ތެރެއަށް ރީތިކޮށް ޗިސްމޭގެ ބޯ އިންނަނީ ފެތިފައެވެ. ޗިސްމޭގެ ބޯ ގެ ކުރިމަތީ ފަރާތް އިންނަނީ ސީދާ ހުރަސް ފަލަ ގޮހޮރު ގައި ޖެހިފައެވެ. ޗިސްމޭގެ ބޮލުގެ ތިރީބައި އިންނަނީ ޕެރިޓޯނިއަމް ނުވަތަ (އިނގިރޭސި ބަހުން: Peritoneum) އިން ނިވާކުރެވިފައެވެ. އަދި މިތަން ޖެހިފައި އިންނަނީ ޖެޖޫނަމް ގެ ކޮއިލް ތަކުގައެވެ. ޗިސްމޭގެ ބޮލުގެ ފަހަތް ޖެހިފައި އިންނަނީ އިންފީރިއާ ވީނާ ކޭވާ ނުވަތަ (އިނގިރޭސި ބަހުން: Inferior vena cava) އަދި ރީނަލް ވެއިން ނުވަތަ (އިނގިރޭސި ބަހުން: Renal vein) ނިމޭ ހިސާބުގައެވެ. ޗިސްމޭ ބޮލުގެ ފަހަތުން މަތީ އަރިމަތީ ފަރާތުގައި ބައިލް ޑަކްޓް ނުވަތަ (އިނގިރޭސި ބަހުން: Bile duct) އަށް ޚާއްޞަ ވަޅުކޮޅެއް ނުވަތަ އަޑިކޮޅެއް ހެދިފައި އިދެއެވެ.

ޗިސްމޭގެ ކަރު[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޗިސްމޭގެ ކަރު

ޗިސްމޭގެ ކަރު ނުވަތަ (އިނގިރޭސި ބަހުން: Neck of pancreas) އަކީ ޗިސްމޭގެ ބޯ،ޗިސްމޭގެ ޖިސްމު އާއި ގުޅުވައިދޭ ހިމަ ބައެކެވެ. ކުރިމަތިން ޗިސްމޭގެ ކަރު އިންނަނީ ޕެރިޓޯނިއަމް ނުވަތަ (އިނގިރޭސި ބަހުން: Peritoneum) އިން ނިވާކުރެވިފައެވެ. އަދި މިބައި ޖެހިފައި އިންނަނީ މައިދާ އާއި ޑުއަޑީނަމް އާއި ދެމެދުގައިވާ ޕައިލޯރަސް ނުވަތަ (އިނގިރޭސި ބަހުން: Pylorus) އޭ ކިޔޭ ބައިގައެވެ. ޗިސްމޭގެ ކަރު ފަހަތުން ޖެހިފައި އިންނަނީ ސްޕީރިއާ މެސެންޓިރިކް ވެއިން ނުވަތަ (އިނގިރޭސި ބަހުން: Superior mesenteric vein) އަދި ސްޕްލެނިކް ވެއިން ނުވަތަ (އިނގިރޭސި ބަހުން: Splenic vein) ގުޅިގެން ޕޯޓަލް ވެއިން ނުވަތަ (އިނގިރޭސި ބަހުން: Portal vein) އުފެދިފައިވާ ހިސާބުގައެވެ.

ޗިސްމޭގެ ޖިސްމު[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޗިސްމޭގެ ޖިސްމު

ޗިސްމޭގެ ޖިސްމު ނުވަތަ (އިނގިރޭސި ބަހުން: Body of pancreas) އަކީ ކްރޮސް ސެކްޝަން ހެދުމުން ތިނެސްކަން ބައްޓަމަން ފެންނަ އެއްޗެކެވެ. މާނަައަކީ ޗިސްމޭގެ ޖިސްމުގައި 3 ބޯޑަރު އަދި 3 ސަތަޙަ އެކުލެވިގެން ވެއެވެ.

ސަތަޙަތައް[އުނިއިތުރު ގެންނަވާ]

  • ކުރިމަތި ފަރާތް

ޗިސްމޭގެ ޖިސްމު ގެ ކުރިމަތި ފަރާތް ހުންނަނީ ޕެރިޓޯނިއަމް ނުވަތަ (އިނގިރޭސި ބަހުން: Peritoneum) އިން ނިވާކުރެވިފައެވެ. އަދި މިއީ މައިދާގެ ތަންމަތި ނުވަތަ (އިނގިރޭސި ބަހުން: Stomach bed) ގެ ބައެކެވެ. މާނައަކީ މައިދާ ހަށިގަނޑުގެ ތެރޭގައި އޮންނައިރު އޭގެ ދަށްފުށް ޖެހިފައި އޮންނަ އެނދެއް ނުވަތަ ތަންމައްޗެއް ފަދަ ތަނެކެވެ.

  • ތިރީ ފަރާތް

ޗިސްމޭގެ ޖިސްމު ގެ ތިރީ ފަރާތް ވެސް ވަނީ ޕެރިޓޯނިއަމް ނުވަތަ (އިނގިރޭސި ބަހުން: Peritoneum)އިން ނިވާކުރެވިފައެވެ. އަދި މިބައި ޖެހިފައި ހުންނަނީ އަންނަނިވި ބައިތަކުގައި ކަނާތުން ފެށިގެން ވާތަށް ވާގޮތަށެވެ. އެންމެ ފުރަތަމަ ޖެހިފައި އިންނަނީ ޑުއަޑީނަމް އާއި ޖެޖޫނަމް ގުޅޭކަން ނުވަތަ (އިނގިރޭސި ބަހުން: Duodeno-jejunal flexure) ގައެވެ. ދެން ޖެހިފައި އިންނަނީ ޖެޖޫނަމް ގެ ކޮއިލް ތަކުގައެވެ. އެންމެ ފަހުން ޖެހިފައި އިންނަނީ ހުރަސް ފަލަ ގޮހޮރު އާއި ތިރިއަށްފައިބާ ފަލަ ގޮހޮރު ގުޅޭކަން ނުވަތަ (އިނގިރޭސި ބަހުން: Colic flexure) ގައެވެ.

  • ފުރަގަހު ފަރާތް

ޗިސްމޭގެ ޖިސްމު ގެ ފުރަގަހު ފަރާތް ނުވަތަ ފަހަތް ވެސް ވަނީ ޕެރިޓޯނިއަމް ނުވަތަ (އިނގިރޭސި ބަހުން: Peritoneum) އިން ނިވާކުރެވިފައެވެ. އަދި ފަހަތް ޖެހިފައި އޮންނަނީ ކަނާތުން ވާތަށް ވާގޮތަށް އަންނަނިވި ބައިތަކުގައެވެ. މާނައަކީ ޗިސްމޭ އޮންނާނީ މިދަންނަވާ ބައިތަކުގެ މަތީގައި ޖައްސާލައިގެން އޮންނަ ކަހަލަ ގޮތަކަށެވެ. އެންމެ ފުރަތަމަ ޖެހިފައި އިންނާނީ އެބްޑަމިނަލް އެއޯޓާ ގައެވެ. އެއަށްފަހު ޖެހިފައި އިންނާނީ ސްޕީރިއާ މެސެންޓިރިކް އާޓަރީ ނުވަތަ (އިނގިރޭސި ބަހުން: Superior mesenteric artery) ފެށޭ ތާގައެވެ. ދެން ޖެހިފައި އިންނާނީ ވާތު ސޯސް މޭޖަރ މަސްގަނޑުނުވަތަ (އިނގިރޭސި ބަހުން: Psoas major muscle) ގައެވެ. އަދި އެއަށްފަހު ޖެހިފައި އިންނަނީ ވާތު ސްޕްރަރީނަލް ގްލޭންޑް އަދި ވާތު ގުރުދާ ގައެވެ. މިދެންނެވި ބައިތަކާއި ޗިސްމޭގެ ޖިސްމުގެ ފަހަތާއި ދެމެދުގައި ހުރަހެއްގެ ގޮތުގައި މަތިން ސްޕްލެނިކް ވެއިން ނުވަތަ (އިނގިރޭސި ބަހުން: Splenic vein) އަދި ތިރިން ރީނަލް ވެއިން ނުވަތަ (އިނގިރޭސި ބަހުން: Renal vein)ހުރަސްކޮށްފައި ވެއެވެ.

ބޯޑަރުތައް[އުނިއިތުރު ގެންނަވާ]

  • މަތީ ބޯޑަރު: ޖެހިފައި އިންނަނީ ހުންކޮށި އާޓަރީ ގައެވެ.
  • ކުރިމަތީ ބޯޑަރު: ކުރިމަތީ ބޯޑަރުގައި ހުރަސް މީސަ ކޯލޯން ތަތްވެފައި އިނދެއެވެ.
  • ތިރީ ބޯޑަރު: ތިރީ ފަރާތް ފުރަގަހު ފަރާތާއި ވަކިކޮށްދެނީ މިބޯޑަރެވެ.

ޗިސްމޭގެ ނިގޫ[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޗިސްމޭގެ ނިގޫ

ޗިސްމޭގެ ނިގޫ ނުވަތަ (އިނގިރޭސި ބަހުން: Tail of pancreas) އަކީ ޗިސްމޭ ގެ ނިމޭ ހިސާބުގައިވާ ހިމަ ބައެވެ. ޗިސްމޭގެ ނިގުލުގެ ކޮޅު ގޮސް ޖެހިފައި އިންނަނީ ހުންކޮށި ގައެވެ. އަދި އޭގެ ކުރިން ނިގޫ ގޮސްފައި އިންނަނީ ލިއެނޯ-ރީނަލް ލިގަމެންޓް ނުވަތަ (އިނގިރޭސި ބަހުން: Lieno-renal ligament) ގެ ދެފަށަލަ ދޭތެރެއިންނެވެ.

ޕެންކްރިއެޓިކް ޑަކްޓް[އުނިއިތުރު ގެންނަވާ]

ޕެންކްރިއެޓިކް ޑަކްޓް ނުވަތަ (އިނގިރޭސި ބަހުން: Pencreatic duct) އަކީ ޗިސްމޭގެ އެތެރެއިން ވާތުން ކަނާތަށް ވާގޮތަށް ހުރަސްކޮށް ލެވިފައިވާ ކުޑަ ހޮޅިއެކެވެ. މިހޮޅި ޗިސްމޭގެ ބޯ ގެ ތެރޭގައި ތިރިއަށް، ފަހަތަށް އަދި ކަނާތަށް ގޮސް ޑުއަޑީނަމް ގެ ދެވަނަ ބައިގެ ފާރުގެ ތެރޭގައި ބައިލް ޑަކްޓް އާއި ގުޅެއެވެ. އަދި އެހިސާބުގައި މިހޮޅި ތަންކޮޅެއް ބޮޑަށް ފުޅާވެގެން ގޮސް އެމްޕުލާ އޮފް ބައިލް ޑަކްޓް ނުވަތަ (އިނގިރޭސި ބަހުން: Ampulla of bile duct) އޭ ކިޔާ ބައެއް އުފެދެއެވެ.

ކުޑަ ޕެންކްރިއެޓިކް ޑަކްޓް[އުނިއިތުރު ގެންނަވާ]

ކުޑަ ޕެންކްރިއެޓިކް ޑަކްޓްނުވަތަ (އިނގިރޭސި ބަހުން: Accessory pancreatic duct) އަކީ ޗިސްމޭގެ ބޯ ގެ ތިރީބައިގެ ތެރޭގައި އުފެދިގެން މައްޗަށް ގޮސްފައި އިންނަ ކުޑަ ހޮޅިއެކެވެ. ޕެންކްރިއެޓިކް ޑަކްޓް އާއި މިހޮޅި ގުޅިފައި އިންނަނީ ވެސް ޗިސްމޭގެ ބޯ ގެ ތެރޭގައެވެ. އަދި ކުޑަ ޕެންކްރިއެޓިކް ޑަކްޓް އާއި ޕެންކްރިއެޓިކް ޑަކްޓް ގުޅިފައިވަނީ ކޮމިއުނިކޭޓިންގ ޑަކްޓްނުވަތަ (އިނގިރޭސި ބަހުން: Communicating duct) އޭ ކިޔާ ހޮޅިއަކުންނެވެ.

ޗިސްމޭ އަށް ލޭފޯރުކޮށްދިނުން[އުނިއިތުރު ގެންނަވާ]

ޗިސްމޭއަށް ލޭފޯރުކޮށްދެނީ ތިރީގައި މިވާ 3 ލޭހޮޅިންނެވެ.

  • ސްޕީރިއާ ޕެންކްރިއެޓިކޯ-ޑުއަޑީނަލް އާޓަރީ:(އިނގިރޭސި ބަހުން: Superior pencreatico-duodenal artery) މިއީ ފުރަމޭ އާޓަރީ އިން އުފެދިގެން އައިސްފައިވާ ލޭހޮޅިއެކެވެ.
  • އިންފީރިއާ ޕެންކްރިއެޓިކޯ-ޑުއަޑީނަލް އާޓަރީ:(އިނގިރޭސި ބަހުން: Inferior pencreatico-duodenal artery ) މިއީ ސްޕީރިއާ މެސެންޓިރިކް އާޓަރީ އިން އުފެދިގެން އައިސްފައިވާ ލޭހޮޅި އެކެވެ.
  • ހުންކޮށި އާޓަރީ (އިނގިރޭސި ބަހުން: Splenic artery) އިން ނިކުމެފައިވާ ޗިސްމޭ އަށް ލޭފޯރުކޮށްދޭ ގޮތްޕެއް ވެއެވެ.


  • ސްޕްލެނިކް އާޓަރީ: ޗިސްމޭގެ ކަރު، ޖިސްމު އަދި ނިގުލަށް ލޭ ފޯރުކޮށްދެއެވެ.
  • ސްޕީރިއޯ މިސެންޓިރިކް އާޓަރީ: މި ލޭ ހޮޅިން އިންފީރިއޯ ޕެންކްރިއެޓިކޯޑުއަޑީނަލް އާޓަރީ އުފެދިގެން ދެއެވެ.
  • ގެސްޓްރޯޑުއަޑީނަލް އާޓަރީ: މި ލޭ ހޮޅިން ސްޕީރިއޯ ޕެންކްރިއެޓިކޯޑުއަޑީނަލް އާޓަރީ އުފެދިގެން ދެއެވެ.

ހިތާއި ދިމާލަށް ޗިސްމޭ އިން ލޭ ގެންދަނީ ޕެންކްރިއެޓިކޯޑުއަޑީނަލް ވެއިން ތަކުގެ އެހީގައެވެ. މިބުނި ވެއިންތައް ހުސްވަނީ ޕޯޓަލް ވެއިން އަށެވެ. ޕޯޓަލް ވެއިން އޭ ކިޔާ ލޭހޮޅި އުފެދިގެން އަންނަނީ ސްޕީރިއޯ މިސެންޓިރިކް ވެއިން އަދި ސްޕްލެނިކް ވެއިން ގުޅިގެންނެވެ. މަދުބައެއްގެ ގާތްގަނޑަކަށް 40 އިންސައްތަ މިޙުންގެ ޕޯޓަލް ވެއިން އުފެދުމަށް އިންފީރިއޯ މިސެންޓިރިކް ވެއިން ވެސް ގުޅިފައި އިދެއެވެ.

ނާރުތައް[އުނިއިތުރު ގެންނަވާ]

ޗިސްމޭގެ ހަރަކާތްތައް ކޮންޓްރޯލް ކުރަނީ ސިލިއެކް ނާރު ފުނިއިން އުފެދިފައިވާ ޕެންކްރިއެޓިކް ނާރު ފުނި ގެ އެހީގައެވެ.

ވަޒީފާ[އުނިއިތުރު ގެންނަވާ]

ފުރިހަމަ ސްޓެއިން އެއް ކޮށްގެން މައިކްރޮސްކޯޕުން ބެލުމުން ދެވައްތަރެއްގެ ޓިޝޫ ޗިސްމޭ އިން ފެންނާނެއެވެ. އެއީ

  • އެންޑަކްރިން ޗިސްމޭ: ލޭގެ ހަކުރުގެ މިންވަރު ކޮންޓްރޯލްކުރާ ހޯރމޯން ދޫކުރެއެވެ.
  • އެކްސަކްރިން ޗިސްމޭ: ހަޖަމު ކުރުމަށް އެހީވެދޭ އެންޒައިމް ތައް ދޫކުރެއެވެ.

އެންޑަކްރިން ވަޒީފާ[އުނިއިތުރު ގެންނަވާ]

ޗިސްމޭގައި ހިމެނޭ އައިލެޓް އޮފް ލެންގަހެންސް ގައި ތަފާތު 4 ވައްތަރެއްގެ ސެލްތައް ހުރެއެވެ. ކޮންމެ ސެލް އަކަށް ޚާއްޞަ ސްޓެއިން އެއްގެ އެހީގައި ނޫނީ އެއް ސެލް އަނެއް ސެލް އާއި ވަކިކުރަން އުދަގޫ ވެއެވެ. މިގޮތުން ހިމެނޭ 4 ވައްތަރުގެ ސެލް ތިރީގައި މިވަނީ އެވެ.

  • ބީޓާ ސެލްތައް: 80-50 އިންސައްތަ، އިންސޫލިން ދޫކުރެއެވެ. އަދި އަމައިލިން ބޭރު ކުރެއެވެ. ނަތީޖާއެއްގެ ގޮތުން ލޭގެ ހަކުރުގެ މިންވަރު ދަށްކުރުވައެވެ.
  • އަލްފާ ސެލްތައް: 20-15 އިންސައްތަ، ގްލޫކަގޮން ދޫކުރެއެވެ. ލޭގެ ހަކުރުގެ މިންވަރު މަތިކުރުވައެވެ.
  • ޑެލްޓާ ސެލްތައް: 10-3 އިންސައްތަ، ސޯމަޓަސްޓެޓިން ދޫކުރެއެވެ. ޗިސްމޭގެ އެންޑަކްރިން ވަޒީފާ އަށް ހުރަސް އަޅައެވެ.
  • ޕީޕީ ސެލްތައް: 1 އިންސައްތަ، ޕެންކްރިއެޓިކް ޕޮލިޕެޕްޓައިޑް ދޫކުރެއެވެ. ޗިސްމޭގެ އެކްސަކްރިން ވަޒީފާ އަށް ހުރަސް އަޅައެވެ.

އެކްސަކްރިން ވަޒީފާ[އުނިއިތުރު ގެންނަވާ]

ޗިސްމޭ ގައި އެކްސަކްރިން ވަޒީފާ އަދާކުރާ ދެވައްތަރެއްގެ ސެލް ހުރެއެވެ.

  • ސެންޓްރޯއެސިނަރ ސެލް: ބައިކާބޮނޭޓް ދޫކުރެއެވެ.
  • ބޭސަފިލިކް ސެލް: ހަޖަމު ކުރުމަށް އެހީވެދޭ އެންޒައިމްތައް ބޭރު ކުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ ޕެންކްރިއެޓިކް އަމައިލޭސް، ޕެންކްރިއެޓިކް ލިޕޭސް، ޓްރައިޕްސިނަޖަން، ކީމޯޓްރައިޕްސިނަޖަން، ފަދަ އެންޒައިމްތައް ހިމެނެއެވެ.

ޗިސްމޭ ޖޫސް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޗިސްމޭ ޖޫސް

ޗިސްމޭ ޖޫސް އަކީ ކުޑަ ގޮހޮރު ގައި ކާތަކެތި ހަޖަމުކުރުމުގެ މަސައްކަތް ފުރިހަމަ ކުރުމަށް ބައިލް އަދި ކުޑަ ގޮހޮރު ޖޫސް އެކޭ އެއްފަދައިން ބޭނުންވާ ދިޔައެކެވެ. ކާތަކެތި ހަޖަމުކުރުމަށް ބޭނުންވާ އެންމެ މުހިއްމު އަދި ބޭނުންތެރި ދިޔައަކީ ވެސް ޗިސްމޭ ޖޫސް އެވެ. ދުވާލަކު 1500 މިލިލީޓަރުގެ ޗިސްމޭ ޖޫސް ޗިސްމޭ އިން އުފައްދައެވެ. ޗިސްމޭ ޖޫހުގެ ތަބީޢަތަކީ އަލްކަލީން އެވެ. އޭގެ ޕީއެޗް ހުންނަނީ ގާތްގަނޑަކަށް 8 ގައެވެ. ޗިސްމޭ ޖޫހުގެ ތަބީޢަތް އަލްކަލީން ގެ ގޮތުގައި ހުންނަނީ އޭގައި މަތީ އަދަދަކަށް ބައިކާބޮނޭޓް ހިމެނޭތީ އެވެ.

ޗިސްމޭ ޖޫސް އެކުލެވިގެންވަނީ މައިގަނޑު ދެބައެއްގެ މައްޗަށެވެ. އެއީ ދިޔާ ޖޫހުގެ ބަޔާއި، އެންޒައިމްތަކުގެ ބައެވެ.

  • ދިޔާ ޖޫހުގެ ބައި: މިއީ ބައިކާބޮނޭޓް އިން މުއްސަދިވެފައިވާ ދިޔާ ޖޫހެކެވެ. މިޖޫސް ނުވަތަ ދިޔަ ދޫކުރަނީ ކުދިކުދި ޑަކްޓްތަކުގެ ސެލްތަކުންނެވެ. މިދިޔައިގައި ހިމެނޭ އެހެން މާއްދާތަކުގެ ތެރޭގައި ކްލޮރައިޑް، ސަލްފަރ، ފަދަ މާއްދާތައް ހިމެނެއެވެ. މީގެ އިތުރުން ސޯޑިއަމް، ޕޮޓޭސިއަމް، ކެލްސިއަމް އަދި މެގްނީޒިއަމް ވެސް ހުރެއެވެ.

ކުޑަ ގޮހޮރު ޖޫސް އަދި ބައިލް އާއި ގުޅިގެން ބައިކާބޮނޭޓް މައިދާ އިން ކުޑަ ގޮހޮރު އަށް އަންނަ އެސިޑިކް ކައިމް ނިއުޓްރަލައިޒް ކުރެއެވެ. ނުވަތަ އޭގެ ތަބީޢަތު އަލްކަލީން އަދި އެސިޑް އަށްވެސް ނުވާ ހަމަހަމަ ތަބީޢަތަކަށް ބަދަލުކުރުވައެވެ. މިއީ ވަރަށް މުހިއްމު ކަމެކެވެ. އެއީ އެކަމުގެ ސަބަބުން ކުޑަ ގޮހޮރު ގެ ޕީއެޗް ހަމަހަމަ ވުމުން ޗިސްމޭ ގެ އެންޒައިމް ތަކާއި ކުޑަ ގޮހޮރު އެންޒައިމް ތައް މުރާލިކަމާއެކު ހަރަކާތްތެރިވުމަށް އެކަށޭނަ ވެއްޓަކަށް ކުޑަ ގޮހޮރު ތެރެ ވެގެންދެއެވެ. ހަމަމިހެން އެކަމުގެ ސަބަބުން އެސިޑް ގިނަވުމުން ލިބޭގެއްލުމުން ކުޑަ ގޮހޮރުގެ ފުރަތަމަ ބައި ނުވަތަ ޑުއަޑީނަމް ގެ އެތެރޭގެ ދުލިފަށް ހިމާޔަތް ކޮށްދެއެވެ.

  • އެންޒައިމް އެކުލެވޭ ބައި: މިއީ ޗިސްމޭގެ އެސިނަރ ގްލޭންޑް ތަކުން ބޭރުކުރާ އޮލަ ޖޫހެކެވެ. އަދި މިޖޫހަކީ ހަޖަމު ކުރުމަށް ބޭނުންވާ އެންޒައިމް ތަކުން މުއްސަދިވެފައިވާ ދިޔައެކެވެ.

ޗިސްމޭގެ އެންޒައިމްތައް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޗިސްމޭގެ އެންޒައިމްތައް

ޕްރޮޓީން ބައިކުރާ އެންޒައިމްތައް[އުނިއިތުރު ގެންނަވާ]

ޕްރޮޓީން ބައިކުރާ އެންޒައިމްތައް (އިނގިރޭސި ބަހުން: Proteolytic enzymes) އާންމު ގޮތެއްގައި ދޫކުރަނީ ހީވާގިކަމެއްނެތް ޕްރޯއެންޒައިމް ތަކެއްގެ ގޮތުގައެވެ. އަދި މިއެންޒައިމްތައް މުރާލިވެ، ހަރަކާތްތެރިވަނީ ހަމައެކަނި ކުޑަ ގޮހޮރު ގެ ތެރޭގައެވެ. މިގޮތުން ޕްރޮޓީން ބައިކުރާ ނުވަތަ ވަކިކުރާ އެންޒައިމް ތަކުގެ ތެރޭގައި ހިމެނެނީ އަންނަނިވި އެންޒައިމް ތަކެވެ.

ޓްރީޕްސިނަޖަން[އުނިއިތުރު ގެންނަވާ]

ޓްރީޕްސިނަޖަން (އިނގިރޭސި ބަހުން: Trypsinogen)ކުޑަ ގޮހޮރުގެ ތެރޭގައި ހީވާގިވެ، ޓްރީޕްސިން (އިނގިރޭސި ބަހުން: Trypsin)އަށް ބަދަލުވެއެވެ. ޓްރީޕްސިނަޖަން ހީވާގިވަނީ ޑުއަޑީނަމް ގެ އެތެރޭގެ ދުލިފަށް އިން ދޫކުރާ އެންޓިރަކައިނޭސް(އިނގިރޭސި ބަހުން: Enterokinase) ކިޔާ އެންޒައިމެއްގެ އެހީގައެވެ. ޓްރިޕްސިން އަކީ ޓްރީޕްސިނަޖަން އާއި، އެހެނިހެން އެންޒައިމްތައް ވެސް ހީވާގީކޮށް މުރާލިކުރުވާ އެންޒައިމް އެކެވެ.

ކީމަޓްރީޕްސިނަޖަން[އުނިއިތުރު ގެންނަވާ]

ކީމަޓްރީޕްސިނަޖަން (އިނގިރޭސި ބަހުން: Chymotrypsinogen) ޓްރީޕްސިން ގެ އެހީގައި ހީވާގިވެ، ކީމަޓްރީޕްސިން(އިނގިރޭސި ބަހުން: Chymotrypsin) އަށް ބަދަލުވެއެވެ.

ޕްރޯއިލަސްޓޭސް[އުނިއިތުރު ގެންނަވާ]

ޕްރޯއިލަސްޓޭސް(އިނގިރޭސި ބަހުން: Proelastase) ޓްރީޕްސިންގެ އެހީގައި ހީވާގިވެ، އިލަސްޓޭސް(އިނގިރޭސި ބަހުން: Elastase) އަށް ބަދަލުވެއެވެ.

ޕްރޯކާބޮކްސީޕެޕްޓައިޑޭސް[އުނިއިތުރު ގެންނަވާ]

ޕްރޯކާބޮކްސީޕެޕްޓައިޑޭސް (އިނގިރޭސި ބަހުން: Procarboxypeptidase)ޓްރީޕްސިން ގެ އެހީގައި ހީވާގިވެ، ކާބޮކްސީޕެޕްޓައިޑޭސް(އިނގިރޭސި ބަހުން: Carboxypeptidase) އަށް ބަދަލުވެއެވެ. ކާބޮކްސީޕެޕްޓައިޑޭސް އަކީ ޕޮލިޕެޕްޓައިޑް މޮލިކިޔޫލް ތަކުން އަމީނޯ އެސިޑް ވަކިކުރުމަށް އެހީވެދޭ އެންޒައިމް އެކެވެ.

ފެޓް ބައިކުރާ އެންޒައިމްތައް[އުނިއިތުރު ގެންނަވާ]

ޕެންކްރީއެޓިކް ލައިޕޭސް[އުނިއިތުރު ގެންނަވާ]

ޕެންކްރީއެޓިކް ލައިޕޭސް(އިނގިރޭސި ބަހުން: Pancreatic lipase) އަކީ ޓްރައިގްލައިސަރައިޑް މޮނަގްލައިސަރައިޑް އަދި ފެޓީ އެސިޑް އަށް ބަދަލުކުރުވާ މުރާލި ހީވާގި އެންޒައިމް އެކެވެ. ބައިލް ސޯލްޓް ހުރުމަކީ މިއެންޒައިމްގެ މަސައްކަތް ހަލުވިކުރުވާ ކަމެކެވެ.

ޕްރޯފޮސްފަލައިޕޭސް އޭ-2[އުނިއިތުރު ގެންނަވާ]

ޕްރޯފޮސްފަލައިޕޭސް އޭ-2 (އިނގިރޭސި ބަހުން: Prophospholipase-A2)ޓްރީޕްސިން ގެ އެހީގައި ހީވާގިވެ، ފޮސްފަލައިޕޭސް އޭ-2 (އިނގިރޭސި ބަހުން: Phospholipase -A2)އަށް ބަދަލުވެއެވެ. ފޮސްފަލައިޕޭސް އޭ-2 ފޮސްފަލިލިޕިޑް ތައް ފެޓީ އެސިޑް އަދި ލައިސޯފޮސްފަލިޕިޑް ތަކަށް ބަދަލު ކުރުވުމަށް އެހީތެރިވެދެއެވެ.

ކޮލެސްޓަރައިލް އެސްޓަރ ހައިޑްރަލޭސް[އުނިއިތުރު ގެންނަވާ]

ކޮލެސްޓަރައިލް އެސްޓަރ ހައިޑްރަލޭސް(އިނގިރޭސި ބަހުން: Cholesteryl ester hydrolase) އަކީ ކުޑަ ގޮހޮރުގައި ކޮލެސްޓީރޯލް އިން އެސްޓަރ (އިނގިރޭސި ބަހުން: Ester) ތައް ވަކިކޮށް ކޮލެސްޓިރޯލް(އިނގިރޭސި ބަހުން: Cholesterol) މިނިވަންކޮށްދޭ އެންޒައިމް އެކެވެ.

ޕެންކްރީއެޓިކް އަލްފާ އަމިލޭސް[އުނިއިތުރު ގެންނަވާ]

ޕެންކްރީއެޓިކް އަލްފާ އަމިލޭސް (އިނގިރޭސި ބަހުން: Pancreatic alpha amylase)އަކީ ހީވާގި، އަދި ހަރަކާތްތެރި އެންޒައިމް އެކެވެ. މިއެންޒައިމްގެ މަސައްކަތަށް ކްލޮރައިޑްގެ އެހީ ބޭނުންވެއެވެ. އެގޮތުން ކްލޮރައިޑްގެ އެހީގައި ސްޓާރޗް މޮލްޓޯސް(އިނގިރޭސި ބަހުން: Maltose)، މޮލްޓޯޓްރިއޯސް(އިނގިރޭސި ބަހުން: Maltriose) އަދި އަލްފާ-ލިމިޓް ޑެކްސްޓްރިން އަށް ބަދަލުކުރުވައެވެ.

ޕެންކްރީއެޓިކް ނޫކްލީއޭސް ތައް[އުނިއިތުރު ގެންނަވާ]

ޕެންކްރީއެޓިކް ނޫކްލީއޭސް(އިނގިރޭސި ބަހުން: Pancreatic nuclease) ތަކުގެ ތެރޭގައި ހިމެނެނީ ރައިބަނޫކްލީއޭސް، ޑިއޮކްސީ ރައިބަނޫކްލީއޭސް އެންޒައިމް އެވެ. މިއެންޒައިމް ތަކަކީ ނޫކްލީއަޓައިޑް ތައް އުފެއްދުމަށް މުހިއްމު އެންޒައިމް ތަކެކެވެ.

ދޫކުރާ ހޯރމޯންތައް[އުނިއިތުރު ގެންނަވާ]

އިންސޫލިން[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އިންސޫލިން

އިންސޫލިން ނުވަތަ (އިނގިރޭސި ބަހުން: Insulin) އަކީ ޗިސްމޭ ގައި ހުންނަ ބީޓާ އައިލެޓް ސެލް(β islet cell) ތަކުން އުފައްދައި ދޫކުރާ، ކާބޯހައިޑްރޭޓް މެޓަބޮލިޒަމް ކޮންޓްރޯލްކުރާ އެނަބޮލިކް ޕޮލިޕެޕްޓައިޑް ހޯރމޯން އެކެވެ. މީގެ އިތުރުން ފެޓް މެޓަބޮލިޒަމް ކޮންޓްރޯލް ކުރުމުގައިވެސް އިންސޫލިން ބައިވެރި ވެއެވެ. ފުރަމޭގައި ގުލްކޯޒް ރައްކާކޮށް ބޭރުކުރުމުގެ މަސައްކަތަށް ބަދަލު ގެނުވުމުގައި ވެސް މިހޯރމޯން ބައިވެރި ވެއެވެ. އޮނިގަނޑުގައި 51 އަމިނޯ އެސިޑް އެކުލެވޭ އިންސޫލިންގެ މޮލިކިއުލަރ ބަރުދަން ގައި 5808 ޑެލްޓޯން ހުރެއެވެ.

ހަކުރު ބަލީގެ ބައެއް ވައްތަރުތަކަށް ފަރުވާކުރުމަށް އިންސޫލިން ބޭނުންކުރެއެވެ. މިފަދަ މީހުންނަށް އިންސޫލިން އެމީހުންގެ ހަށިގަނޑުގައި ނުހުންނާތީ އަބަދުވެސް ފަރުބާގެ ގޮތުގައި އިންޖެކްޝަންގެ ސިފައިގައި އިންސޫލިން ނަގަން ޖެހެއެވެ.

ގްލޫކަގޮން[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ގްލޫކަގޮން

ގްލޫކަގޮން ނުވަތަ (އިނގިރޭސި ބަހުން: Glucagon) އަކީ ޗިސްމޭ ގެ އަލްފާ އައިލެޓް ސެލް(α islet cell) ތަކުން އުފައްދައި ދޫކޮށް ކާބޯހައިޑްރޭޓް މެޓަބޮލިޒަމް ގައި ޝާމިލްވާ ވަރަށް މުހިއްމު ހޯރމޯން އެކެވެ. ޗިސްމޭ އިން ގްލޫކަގޮން ދޫކުރަން ފަށަނީ ލޭގައި ގުލްކޯޒްގެ މިންވަރު ދަށްވުމުންނެވެ. އަދި ގްލޫކަގޮން ދޫކުރަން ފެށުމުން ފުރަމޭ ގައި ހުންނަ ގްލައިކަޖަން(Glycogen) ގުލްކޯޒް އަށް ބަދަލުވުން މެދުވެރި ކުރުވައެވެ. އަދި މިގޮތުން ބަދަލުކުރެވުނު ގުލްކޯޒް ލޭގެ ތެރެއަށް ފޮނުވާލައެވެ.

ސޯމަޓަސްޓެޓިން[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ސޯމަޓަސްޓެޓިން

ސޯމަޓަސްޓެޓިން ނުވަތަ (އިނގިރޭސި ބަހުން: Somatostatin) އަކީ ސިކުނޑިގެ ތެރޭގައިވާ ހައިޕޯތަލަމަސް ގައި އިންނަ ޕެރިވެންޓްރިކިއުލާ ނިއުކްލިއަސް(Periventricular nucleus) ، މައިދާ، ޗިސްމޭ، ފަދަ ގުނަވަންތަކުން އުފައްދައި ދޫކުރާ ޕެޕްޓައިޑް ހޯރމޯން އެކެވެ.މައިދާގައި މިހޯރމޯން ދޫކުރަނީ ޑެލްޓާ ސެލް(D Cell) ތަކުންނެވެ. ޗިސްމޭ ގައި މިހޯރމޯން ދޫކުރަނީ ޑެލްޓާ އައިލެޓް ސެލް(δ islet cell) ތަކުންނެވެ.

މިހޯރމޯންގެ ހަރަކާތްތެރި ދެވައްތަރެއް ވެއެވެ. އެއީ 14 އަމިނޯ އެސިޑް އެކުލެވޭ ވައްތަރަކާއި، އަދި 28 އަމިނޯ އެސިޑް އެކުލެވޭ ވައްތަރެކެވެ. މިހޯރމޯން އަށް ކިޔައުޅޭ އެހެން ނަންތަކުގެ ތެރޭގައި ގްރޯޘް ހޯރމޯން އިންހިބިޓިންގ ހޯރމޯން(GHIH) ،ސޯމަޓަޓްރޮޕިން ރިލީސް އިންހިބިޓިންގ ހޯރމޯން(SRIF) ފަދަ ނަންތައް ހިމެނެއެވެ.


ޕެންކްރިއެޓިކް ޕޮލިޕެޕްޓައިޑް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޕެންކްރިއެޓިކް ޕޮލިޕެޕްޓައިޑް

ޕެންކްރިއެޓިކް ޕޮލިޕެޕްޓައިޑް ނުވަތަ (އިނގިރޭސި ބަހުން: Pancreatic polypeptide) އަކީ ޗިސްމޭ ގައި ހުންނަ ޕެންކްރިއެކްޓިކް ޕޮލިޕެޕްޓައިޑް ސެލް(Pancreatic polypeptide) ތަކުން އުފައްދައި ދޫކުރާ، ޕޮލިޕެޕްޓައިޑް އެކެވެ. އާއްމު ގޮތެއްގައި ޕެންކްރިއެޓިކް ޕޮލިޕެޕްޓައިޑް ދޫކުރަނީ ޗިސްމޭ ބޮލުންނެވެ. އޮނިގަނޑުގައި 36 އަމިނޯ އެސިޑް އެކުލެވޭ ޕެންކްރިއެޓިކް ޕޮލިޕެޕްޓައިޑް ގެ މޮލިކިއުލަރ ބަރުދަނުގައި 4200 ޑެލްޓޯން ހުރެއެވެ.


ޗިސްމޭގެ މަސައްކަތް ބެލުމަށް ކުރެވޭ ޓެސްޓްތައް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޗިސްމޭގެ މަސައްކަތް ބެލުމަށްކުރެވޭ ޓެސްޓްތައް

ބޮޑުކަމުދާ ތަކެތި ތަޙްލީލުކުރުން[އުނިއިތުރު ގެންނަވާ]

ޗިސްމޭ ރަގަޅަށް މަސައްކަތް ނުކުރާނަމަ ބޮޑުކަމުދާ ތަކެތީގައި ގިނަ އަދަދަކަށް ޕްރޮޓީން އަދި ފެޓް ހުންނާނެއެވެ. އަދި ބޮޑުކަމުދާ ތަކެތީގެ މިންވަރު ގިނަވެ، ކުލަ މަޑުވެ، ދިޔާކަމާއި ތެޔޮކަން އިތުރުކަން ފާހަގަ ވާނެއެވެ. އަދި ބޮޑުކަމުދާ ތަކެތިން އާދަޔާ ޚިލާފަށް ނުބައި ވަސް ދުވާނެއެވެ.

ޑުއަޑީނަމްގައި ހުރި ތަކެތި ތަޙްލީލުކުރުން[އުނިއިތުރު ގެންނަވާ]

ޑުއަޑީނަމް ގައި ހުރިތަކެތި ތަޙްލީލު ކުރުމަށް އެންމެ ފުރަތަމަ ސިކްރީޓިން ގެ ޑޯޒެއް ލޭގެ ތެރެއަށް ފޮނުވާލާނީއެވެ. އެއަށްފަހު މިލަރ އެބަޓް ޓިއުބް ކިޔާ ހޮޅިއެއް ބޭނުންކޮށްގެން ޑުއަޑީނަމް ގައި ހުރި ތަކެތި ނަގާނީ އެވެ. އަދި ނެގުނު ތަކެތީގެ އެހީގައި ޗިސްމޭ ޖޫސް ގައި ހިމެނޭ މާއްދާތަކުގެ މިންވަރު ބަލައިގެން ޗިސްމޭގެ މަސައްކަތް ހުރިނެތްގޮތް ދެނެގަނެވިދާނެއެވެ.

ލޭގައި ލައިޕޭސް،އަދި އަމިލޭސް ހުރި މިންވަރު ބެލުން[އުނިއިތުރު ގެންނަވާ]

އާންމު ގޮތެއްގައި މިއެންޒައިމްތައް ލޭގައި ހުންނަނީ ވަރަށް ކުޑަ މިންވަރަކަށެވެ. ނަމަވެސް ޗިސްމޭގެ ބައެއް ބަލިތަކުގައި މިސާލަކަށް ޕެންކްރީއެޓިކް ޑަކްޓް ބެދުން، އަދި ޗިސްމޭ ދުޅަވުން ފަދަ ޙާލަތްތަކުގައި މިއެންޒައިމްތައް ލޭގެ ތެރޭގައި އާދަޔާ ޚިލާފަށް އިތުރުވެގެން ދެއެވެ.

ސިކްރީޓިން ޓެސްޓް[އުނިއިތުރު ގެންނަވާ]

ސިކްރީޓިން ޓެސްޓް ހެދުމަށް އެންމެ ފުރަތަމަ ސިކްރީޓިން އާއި މޯރފިން ލޭގެ ތެރެއަށް އިންޖެކްޝަނުން ފޮނުވާލާނީ އެވެ. މޯރފިން ކުދި ޕެންކްރީއެޓިކް ޑަކްޓް ތައް ހަނިކޮށްލާއިރު، ސިކްރީޓިން އެޑަކްޓްތަކުން ޖޫސް ނުވަތަ ދިޔަ ބޭރުކުރުމަށް ބާރުއަޅައެވެ. އެހެން ކަމުން މިބުނި މާއްދާތައް ލޭގެ ތެރެއަށް ފޮނުވާލުމުން ލޭގެ ތެރޭގައި ޗިސްމޭގެ އެންޒައިމްތަކުގެ މިންވަރު މަތިވާން ޖެހޭނެއެވެ. ނަމަވެސް އެގޮތަށް ލޭގެ ތެރޭގައި ޗިސްމޭ ގެ އެންޒައިމްތަކުގެ މިންވަރު އިންޖެކްޝަން ޖެހުމަށް ފަހު މަތި ނުވެއްޖެނަމަ ޗިސްމޭ މަސައްކަތް ރަގަޅު ނޫންކަމުގައި ތުހުމަތު ކުރެވިދާނެއެވެ.

ބަލިތައް[އުނިއިތުރު ގެންނަވާ]

ހަކުރު ބަލި[އުނިއިތުރު ގެންނަވާ]

ހަކުރު ބައްޔަކީ ޗިސްމޭގެ ބީޓާ ސެލްތަކުން އެކަށޭނަ ވަރަށް އިންސޫލިން އުފައްދައި ނުދިނުމުން މެދުވެރިވާ ބައްޔެކެވެ. މިބަލި ޖެހުމުން ލޭގައި ހަކުރުގެ މިންވަރު މަތިވެގެން ދެއެވެ.

އާދައިގެ ޗިސްމޭ ޓިއުމަރު[އުނިއިތުރު ގެންނަވާ]

އެހެން ގުނަވަންތަކޭ އެއްފަދައިން އާދައިގެ ޓިއުމަރު ޗިސްމޭ ގައި ވެސް އުފެދި ބޮޑުވެއެވެ. އާދައިގެ ޓިއުމަރު ނެގުމަށްފަހު އަލުން ނުއުފެދޭނެއެވެ. އަދި މިވައްތަރުގެ ޓިއުމަރު އެހެން ޓިޝޫތަކަށް ނުފެތުރޭނެއެވެ.

ޗިސްމޭގެ ކެންސަރު[އުނިއިތުރު ގެންނަވާ]

ޗިސްމޭގެ ކެންސަރު މާނައަކީ ޗިސްމޭގައި މެލިގްނަންޓް ޓިއުމަރެއް އަށަގަތުމެވެ. ތަފާތު ވައްތަރު ތަކުގެ ޗިސްމޭގެ ކެންސަރު ހުރެއެވެ.

  • ސެންޓްރޯ އެސިނަރ ސެލްތަކުގެ ޓިއުމަރުތައް
  • ޗިސްމޭގެ އެޑިނޯކާސިނޯމާ

ޕެންކްރިއެޓިކް އެންޑަކްރިން ޓިއުމަރުތައް: މީގެ ވައްތަރުތައް ތިރީގައި މިވަނީ އެވެ.

  • ގެސްޓްރިނޯމާ: ގެސްޓްރިން އުފެއްދުން އިތުރުކޮށްދީ، ޒޮލިންގާރ އެލިސަން ސިންޑްރޯމް ކިޔާ ބައްޔެއް ޖައްސައެވެ.
  • އިންސޫލިނޯމާ: އާދަޔާ ޚިލާފަށް އިންސޫލިން އުފެއްދުން އިތުރު ކުރުވައެވެ.
  • ގްލޫކޮގަނޯމާ: އާދަޔާ ޚިލާފަށް ގްލޫކަގޮން އުފެއްދުން އިތުރު ކުރުވައެވެ.

ޗިސްމޭ ދުޅަވުން[އުނިއިތުރު ގެންނަވާ]

ސިސްޓިކް ފައިބްރޯސިސް[އުނިއިތުރު ގެންނަވާ]

ތާރީޚް[އުނިއިތުރު ގެންނަވާ]

ޗިސްމޭ ފުރަތަމަ ހޯދާފައިވަނީ ގްރީކްގެ ޖައްރާހެއް ކަމަށްވާ ހީރޮފިލަސް އީސާގެ ފާނުގެ 280 އަހަރު ކުރިންނެވެ. އިގިރޭސި ބަހުން ކިޔާ ޕެންކްރިއާސް މިނަން ދެއްވީ ވެސް ގްރީކްގެ އެނަޓަމިސްޓް އެވެ. އެއީ ރުފޯސް އެވެ.

އިތުރު ފޮޓޯތައް[އުނިއިތުރު ގެންނަވާ]

ރިފަރެންސް[އުނިއިތުރު ގެންނަވާ]