ކާބޯހައިޑްރޭޓް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ކާބޯހައިޑްރޭޓް(އިނގިރޭސި ބަހުން: Carbohydrate) އަށް ކުރުކޮށް ކިޔަނީ ކާބްސް ނުވަތަ ކާބޯސް(އިނގިރޭސި ބަހުން: carbose) އިންނެވެ. މިބައި މައިގަނޑު ދެބަޔަކަށް ބަހާލައެވެ. އެއީ ސާދާ ކާބޯސް އާއި، ސާސްތާ ކާބޯސް އެވެ. ސާދާ ކާބޯސް އަކީ އެކެއް، ދޭއް، ނުވަތަ ގިނަވެގެން 3 ޔުނިޓް ފޮނި އެކުވެގެން ހެދޭ ކާބޯސްގެ އެންމެ މޮލާރި އެކެވެ. ސާސްތާ ކާބޯސް އަކީ އެތައް ސަތޭކަ ނޫނީ އެތައް ހާސް ފޮނި ޔުނިޓް ގުޅިގެންހެދޭ ކާބޯސް ގެ އެންމެ މޮލާރި އެކެވެ. ސާދާ ކާބޯސް ވަކިކުރަން ވަރަށް ފަސޭހަވާނެއެވެ. އެއީ ދުލުގައި ޖެހުމާއެކު އޭގެ ފޮނި ރަހަ އިހްސާސް ކުރެވޭތީ އެވެ. އެކަމަކު އަލުވި ނުވަތަ އަލަ ކަހަލަ ސާސްތާ ކާބޯސް ލިބޭތަކެތީގެ ރަހަ، މީރު ކަމުގައިވިޔަސް، މިއީ ފޮނި ޔުނިޓް ތަކެއް އެކުލެވޭ އެއްޗެހި ކަމެއް އެހާ ފަސޭހައެއްކޮށް ނޭގޭނެއެވެ. އެކަމަކު ހަށިގަނޑަށް މިދެބާވަތަކީ ވެސް ހަމަ ކާބޯސް އެވެ.

ސާސްތާ ކާބޯސް ދެބަޔަކަށް ބަހާލެވެއެވެ. އެއީ ނަރު ނުވަތަ ފައިބަރު ގިނައިން ހުންނަ ވައްތަރާއި، މަދުން ހުންނަ ވައްތަރެވެ. އެހެން ކަމުން ކެއުމަށް ބޭނުންވާ ކާބޯސް 3 ބަޔަކަށް ބަހާލެވިދާނެއެވެ. އެއީ ފޮނި ކާބޯތަކެއްޗާއި، އޮލަފައިބާ ކާބޯތަކެއްޗާއި، އަދި ޑައިޓަރީ ފައިބަރު ނުވަތަ ނަރު ހުންނަ ކާބޯތަކެއްޗެވެ. ހަކުރު އަކީ އެންމެ ސާދާ، އަދި އެންމެ ފަސޭހައިން ހަށިގަނޑަށް ބޭނުންކުރެވޭ ކާބޯސް އެވެ. ސާދާ ކާބޯސް އެންމެ ގިނައިން ލިބެނީ ހަކުރުންނާއި، އުއްދަނޑި އިންނާއި، ދޮންވެފައި ހުންނަ މޭވާ އިންނެވެ.

ސާސްތާ ކާބޯސް ހުންނަނީ ހަނޑޫ، ގޮދަން، ދޮނަޅަ، ފަދަ ގޮވާމުގެ ބާވަތްތަކުގަޔާއި، އަލަ، އަލުވި، ދަނޑިއަލުވި ފަދަ ފަލަމަޑީގެ ބާވަތްތަކުގައެވެ. އަދި ހަމަ މިފަދައިން ދޮންކެޔޮ ފަދަ ބައެއް މޭވާ އަކީ ވެސް ވަރަށް ގިނައިން މިބައި އެކުލެވިގެންވާ ތަކެއްޗެވެ.

ހަށިގަނޑަށް ކާބޯސް ބޭނުންވަނީ އާންމު ގޮތެއްގައި ހަކަތަ އުފެއްދުމަށެވެ. އަދި ފަހުން ހަކަތަ ބޭނުންވެދާނޭ ކަމަށް ފެޓްގެ ގޮތުގައި ކޮށާރުކޮށްފައި ބެހެއްޓުމަށާއި، އަދި ދިރު ތައް އުފެއްދުމަށެވެ.

ކާބޯސް ހުންނަނީ ގުލްކޯޒް މޮލާރިތައް އެކުލެވިގެންވާ ޗޭނެއްގައެވެ. އެހެންކަމުން މިޗޭނުގެ ބޮޅުތައް ވަކިވަކިކޮށްލާ ހަށިގަނޑަށް ބޭނުންކުރެވޭގޮތް ހެދުމަށްޓަކައި، އެހެން މާއްދާތައް ބޭނުންވެއެވެ. އެހެން ކަމުން ބަނޑުފުރެންދެން ހުސް މިބާވަތް ނުވަތަ މިބާވަތް ގިނައިން ހިމެނޭ ތަކެތި ކެއުމަކުން ފުރިހަމަ ކާނާ އަކަށް ނުފުދެއެވެ. އަދި މިއީ އެންމެ ފަސޭހައިން ލިބޭ، އެންމެ ގިނައިން ބޭނުންކުރެވޭ ބައިކަމަށްވާތީ ކާބޯސް ކެއުމާ ދޭތެރޭ ސަމާލުކަން ނުދޭނަމަ، މާގިނައިން ކެވި، ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ އިތުރުވެދާނެއެވެ. އަދި އިތުރުވާ ކާބޯސް މޮލާރި ތަކަކީ ވަރަށް ފަސޭހައިން ފެޓް އަށް ބަދަލުވާ އެއްޗެކެވެ. އެހެން ކަމުން މީހާގެ ބައްޓަން ގެއްލި އިސްކޮޅާއި ރޫފަޔާއި ނުގުޅި ، މީހާ މޮޓާ ވެދާނެއެވެ.

ޑައިޓަރީ ފައިބަރު(އިނގިރޭސި ބަހުން: Dietary fiber) އަކީ ކާބޯސް އާއި އެކު ހަށިގަނޑަށް އެތެރެކުރެވޭ، އެހެން ނަމަވެސް އެހާ ފަސޭހައިން ހަށިގަނޑަށް ބޭނުން ނުކުރެވޭ ބައެކެވެ. އެތެރެކުރެވޭ ކާތަކެތީގެ ސައިޒު، ފައިބަރު ގިނަވުމުގެ ސަބަބުން ބޮޑުކޮށްލެވެއެވެ. އެހެން ކަމުން މިއީ ބަނޑުހިކުނަ ނުދިނުމަށް ވެސް ބޭނުންވާ ބައެކެވެ. ޚާއްޞަކޮށް ފައިބަރު އިން ލިބޭ ފައިދާގެ ތެރޭގައި ލޭގައި ކޮލެސްޓްރޯލްގެ މިންވަރު ދަށްކުރުމާއި، ކާބޯތަކެތި ލަސްލަހުން ހަޖަމުވުން ހިމެނެއެވެ. އެހެން ކަމުން ބަނޑުހައިވުން ލަސްވެ، ހަށިގަނޑަށް ބޭނުންވާ އެހެން އޮށްޓަރުތައް ލަސްލަހުން ހަށިގަނޑަށް ބޭނުންކުރެވޭގޮތް ފައިބަރު އިން ހަދައިދެއެވެ. މިބައި ހަށިގަނޑަށް ބޭނުންވާނީ ކޮންމިންވަރަކަށް ކަން ކަނޑައެޅިގެން އަދި ހޯދިފައެއް ނުވެއެވެ. އެހެން ނަމަވެސް ބޮޑުމީހަކަށް މަދުވެގެން ދުވާލަކު 30 ގްރާމްގެ ފައިބަރު ބޭނުންވާނޭ ކަމަށް ބެލެވެއެވެ.

ބޭނުންކުރާ ކާނާގައި ހުންނަ މަދު ނަރު(އިނގިރޭސި ބަހުން: Dietary fiber) (ފައިބަރު) ކޮޅު ގެއްލިދާނެތީ ވެސް ވަރަށް ބޮޑަށް ސަމާލުކަންދޭން ޖެހެއެވެ. މިސާލަކަށް އޮރެންޖް އަކުން ދިޔަ ފެލުމަށްފަހު އޭގެ ތޮށިގަނޑު އެއްލާލުމުން އޭގައި ހުރި މަދު ނަރުކޮޅު ވެސް އެއްލާލެވުނީ އެވެ. އެއާއި ޚިލާފަށް ތޮށި މަށާފައި ނަމަވެސް އޮރެންޖް ފޮތިކޮށްގެން ކާނަމަ، ފޮނިކޮޅު ބަންދުކުރެވިފައިވާ ދުއްޔާއެކު ހަށިގަނޑުގެ ތެރެއަށް ނަރުކޮޅެއް ވެސް ދާނެއެވެ. އަނބެއް ފޮތިކޮށްގެންކާއިރު ނަރުކެވޭގޮތް މިއަށްވުރެ ބޮޑަށް އިހްސާސް ކުރެވޭނެ އެވެ.

ގޮވާން ކެނޑުމުން ގޮވާމުގެ ބޭރު ތޮށިފަށުގައި ހުންނަ ފައިބަރުކޮޅު ވަނީ ބީވެގެން ގޮސްފައެވެ. އަވަހަށް ކެވޭގޮތަށް ކެނޑިގޮވާމުން އުފައްދާފައިވާ އަވަސްކާނާ ފަސޭހައިން ލިބެން ހުރުމުން ކާބޯސް ކެވޭވަރު ގިނަ ފަހަރު އޮންނަނީ ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ އިތުރުވެފައެވެ. އިންސާނުންގެ ހަށިގަނޑު އުފެދިފައިވަނީ މިހާ ގިނަ ކާބޯސް ހަޖަމުކުރުމާ ކުރިމަތިލާގޮތަކަށް ނޫނެވެ. އެހެންކަމުން ބަލިތައް ޖެހުން މެދުވެރިވާގޮތް އޮންނަނީ ވަރަށް ކައިރީގައެވެ.

ރިފަރެންސް[އުނިއިތުރު ގެންނަވާ]

  • ކާނާގެ ފައިދާ - މިނިސްޓްރީ އޮފް ހެލްތު - ދިވެހިރާއްޖެ - 2003