ހަކުރު ބަލީގައި ގުރުދާ ފޭލްވުން

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ހަކުރު ބަލީގައި ގުރުދާ ފޭލްވުން (އިނގިރޭސި ބަހުން: Diabetic nephropathy) އަކީ ހަކުރު ބަލީގެ ސަބަބުން ގުރުދާ ހަލާކުވެ ދިއުމެވެ. މިބައްޔަށް ކިމެލްސްޓީލް-ވިލްސަން ސިންޑްރޯމް، އަދި އިންޓަކެޕިލަރީ ގްލޯމެރިޔުލޯ ނެފްރައިޓިސް އޭ ވެސް ކިޔައެވެ. މިބަލީގެ ސަބަބުން ގުރުދާގެ ގްލޯމެރިޔޫލަސް ތަކުގައި ހުންނަ ކުދިކުދި ލޭހޮޅި ނުވަތަ ކެޕިލަރީ ތައް ހަލާކު ކޮށްލައެވެ. ވަރަށް ގިނަ މީހުންނަށް މިބަލީގެ ސަބަބުން ޑައަލަސިސް ހަދަން ޖެހެއެވެ.ހަކުރު ބަލިޖެހޭ ކޮންމެ މީހަކަށް ގުރުދާ ފޭލްވުން ކުރިމައްޗެއް ނުވެއެވެ. ގުރުދާ ގެ ބަލިތައް ވެސް އެންމެންނަކަށް ކުރިމައްޗެއް ނުވެއެވެ.


ލަފްޒީމާނަ[އުނިއިތުރު ގެންނަވާ]

ލަފްޒީ ގޮތުން ބަލާއިރު ޑައެބިޓިކް ނެފްރޯޕަތީ ގެ މާނައަށް ބަލާލަމާ ހިގާށެވެ.

  • ޑައެބިޓިކް:- ހަކުރު ބަލި
  • ނެފްރޯ:- ނިސްބަތްކުރެވެނީ ގުރުދާ އަށެވެ.
  • ޕަތީ:- މިބަހުގެ މާނަ އަކީ ބަލި އެވެ.

އެހެންކަމުން ޖުމުލަ މާނަ އަކީ ހަކުރު ބައްޔާއި ގުޅިގެން ދިމާވާ ގުރުދާގެ ބަލިތައް މިއެވެ.

ގުރުދާގައި ލޭގައި އެކުލެވޭ ބޭކާރުބައިތައް ފުރާނާދީ ސާފުކޮށްދިނުމުގެ މަސައްކަތްކުރާ ވަރަށް ކުދި ލޭހޮޅިތައް ހުރެއެވެ. ލޭގައި ހަކުރު މައްޗަށް ގޮސް ހަކުރު ބަލި ޖެހުމަކީ މިލޭހޮޅިތައް ހަލާކުވާނެ ކަމެކެވެ. ނަތީޖާއެއްގެ ގޮތުން ގުރުދާގެ މަސައްކަތަށް ބުރޫއަރައި ގުރުދާ ފޭލްވުން ކުރިމަތި ކުރުވައެވެ. ހަކުރު ބަލި ޖެހޭ މީހުންގެ ތެރެއިން ގުރުދާ ފޭލްވުން ކުރިމަތިވަނީ އެންމެ 40 އިންސައްތަ މީހުންނަށް ކަމަށް ދިރާސާ ތަކުން ދައްކައެވެ.

ހަކުރު ބަލި ޖެހިފައިވާ މީހަކުގެ ކިބައިގައި ލޭމައްޗަށްދިއުން، ލޭގައި ކޮލެސްޓްރޯލް މަތިވުން، ހުރެފައި، ދުންފަތުގެ އިސްތިއުމާލު ކުރާނަމަ ގުރުދާ ފޭލްވުމުގެ ފުރުޞަތު ބޮޑެވެ. އަދި ބައެއް ނަސްލު ތަކުގެ މީހުންނަށް ހަކުރު ބައްޔާއި ގުޅިގެން ގުރުދާ ފޭލްވުމުގެ ފުރުޞަތު ބޮޑުކަމަށް ވެއެވެ.

ހަކުރު ބައްޔަކީ ގުރުދާ ފޭލްވުމަށް ދިމާވާ އެންމެ މައިގަނޑު ސަބަބެވެ. މިގޮތުން ހަކުރުބަލި ޖެހިފައިވާ މީހުންގެ ތެރެއިން 3 ބައިކުޅަ އެއްބައި މީހުންނަށް ގުރުދާ ފޭލްވުމުގެ މައްސަލަ ކުރިމަތިވެއެވެ. ހަމައެކަނި ގުރުދާ ފޭލްވެފައިވާ މީހުންނާއި އަޅާބަލާއިރު ހަކުރުބަލީގެ މީހަކު ގުރުދާ ފޭލްވުމުން އިތުރު އުދަގޫ މައްސަލަތަކެއް ތަޖުރިބާކުރެވެއެވެ. ސަބަބަކީ ހަކުރުބަލި ޖެހިފައިވާ މީހުން ދިގު މުއްދަތަކަށް ބައެއް ބާވަތުގެ ސިއްހީ މައްސަލަތައް ތަޖުރިބާކުރަމުން އައިސްފައިވުމެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި ލޭގެ Pްރެޝަރ މަތިވުން، ކޮލެސްޓްރޯލް މަތިވުން، ލޭގެ ހޮޅިތަކަށް ބަލިޖެހުން ހިމެނެއެވެ.

ހަކުރު ބަލީގެ ދެވައްތަރު ކަމަށްވާ ޓައިޕް 1 އަދި ޓައިޕް2 އަށް ގުރުދާ ބަލި ޖެހުމުގައި ތަފާތު ތަކެއް ވެއެވެ. ޓައިޕް 1 ހަކުރު ބަލީގައި ގުރުދާ ބަލި ހަކުރު ބަލި ތަޖުރިބާ ކުރެވުމަށްފަހު އުމުރުގެ ކުރީކޮޅުގައި ނުވަތަ ޒުވާން އުމުރުގައިވެސް ތަޖުރިބާ ކުރެވިދާނެއެވެ. ޓައިޕް 2 ހަކުރު ބަލީގައި ބަލިޖެހުމުގެ ކުރީގައިވެސް ގިނަމީހުންނަށް ގުރުދާގެ ބަލި ޖެހިފައިވުން އެކަށީގެންވެއެވެ. އެއީ ހަކުރު ބަލީގެ މިވައްތަރު ތަޖުރިބާކުރެވެނީ އާއްމުކޮށް މެދުއުމުރާއި މުސްކުޅި އުމުރުގެ މީހުންކަމަށްވުމުންނެވެ. އަދި މިބައިމީހުންނަކީ އިތުރު ސިއްހީ މައްސަލަތަކެއްވެސް ތަޖުރިބާކުރެވިދާނެ ބަޔަކަށްވެފައި މިފަދަ ސަބަބަކާއި ގުޅިގެން ގުރުދާ ބައްޔަށް މަގުފަހިވުން އެކަށީގެންވާތީއެވެ.

ގުރުދާ ބަލީގެ އަލާމާތްތައް[އުނިއިތުރު ގެންނަވާ]

ބަލީގެ ކުރީކޮޅުގައި އަލާމާތްތަކެއް ފާހަގަނުކުރެވުނުނަމަވެސް ތިރީގައިވާ އަލާމާތްތަކަށް ސަމާލުވާށެވެ.

  • އަތާއި ފައި އަދި މޫނު ދުޅަވުން
  • ބަރުދަން އިތުރުވުން
  • ކެހުން (ބަލީގެ ފަހުމަރުހަލާގައި) އަދި މާބޮޑަށް ހަންގަނޑު ހިކިވުން
  • ބޯއެނބުރުން (ބަލީގެފަހު މަރުހަލާގައި)
  • ކުޑަކަމުދާތަކެތީގައި ލޭ ހުރުން(ވަރަށް މަދު ޙާލަތެއްގައި)
  • ލޭގައިޕޮޓޭސިއަމް ގިނަވުމާއި ގުޅިގެން ހިތުގެ ވިންދު އެއްހަމައެއްގައި ނުހުރެ ބަދަލުތައް އައުން
  • މަސްތައް ތެޅުން

ގުރުދާ ބަލި ބޮޑުވަމުންދާވަރަކަށް ލޭގައި ޖަމާވަމުންދާ ބޭކާރު މާއްދާތައް ހަށިގަނޑުން ބޭރުކުރުމަށް ހަށިގަނޑު ނުކުޅެދެއެވެ. ނަތީޖާއެއްގެ ގޮތުގައި މިމާއްދާތައް ގިނަވެ ވިހަވާ މިންވަރަށް އިތުރުވެއެވެ. ލޭގެ Pްރެޝަރ އިތުރުވެފައިވާނަމަ މިމައްސަލަ އިތުރަށް ގޯސްވެއެވެ. ގުރުދާ ބަލިން ރައްކާތެރިވެ ވީހާވެސް ކުރިން ސިއްހީ ފަރުވާ ފެށުމަށްޓަކައި ބަލީގެ ކުރީކޮޅުގައި ބަލި ފާހަގަކުރުމަށް މަސައްކަތް ކުރުމަކީ މުހިއްމު ކަމެކެވެ.


ރައްކާތެރިވުން[އުނިއިތުރު ގެންނަވާ]

ހަކުރު ބައްޔަށް ބޭސްކުރަމުން ގެންދާ މީހުން ގުރުދާއަށް އެބަލީގެ ސަބަބުން ލިބިދާނެ ގެއްލުމުން ސަލާމަތްވެ ތިބުމަށްޓަކައި ކުރެވިދާނެ ކަންތައްތަކެއް ވެއެވެ. އޭގެ ތެރޭގައި:-

  • ހަކުރު ބަލި ކޮންޓްރޯލް ކުރުމަށް ދީފައިވާ ބޭސް ޑޮކްޓަރަކާ މަޝްވަރާނުކޮށް ހުއްޓާނުލުން
  • ލޭގައި ހަކުރު ހިމެނޭ މިންވަރު ބެލުމަށް ހަދާ ލޭގެ ޓެސްޓް ހެދުމާއި މިޓެސްޓްގެ ނަތީޖާ ފޮތެއްގައި ލިޔެފައި ބެހެއްޓުން، އަދި ހަކުރު ހުންނަންޖެހޭ މިންވަރާއި ބެހޭގޮތުން ޑޮކްޓަރަކާއި މަޝްވަރާކޮށް އެމިންގަނޑުގެ ތެރޭގައި އަބަދުވެސް ހަކުުރުގެ މިންވަރު ބެހެއްޓޯތޭ ބެލުން
  • ކެއުމުގައި ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމަށް ސަމާލުވުމާއި، ގުރުދާ މައްސަލަތައް ދިމާވެފައިވާ މީހެއްނަމަ ވަކިގޮތަކަށް ކެއުން ބައްޓަން ކުރުމަށް ޑޮކްޓަރު ލަފާދީފައިވާނަމަ އެނަޞޭހަތްތަކަށް ޢަމަލުކުރުން. މިސާލަކަށް ޕްރޮޓީން އެކުލެވޭ ކާނާގެ ބާވަތްތައް ކެއުމަށް މަދުކުރުމަށް ޑޮކްޓަރު ލަފާދީފައިވާނަމަ އެއާއި އެއްގޮތަށް އަމަލުކުރުން މުހިއްމެވެ.
  • މަދުވެގެން އަހަރަކު އެއްފަހަރު ގުރުދާގެ މަސައްކަތް ރަގަޅުތޯ ބެލުމަށް ހަދާ ލޭގެ ޓެސްޓާއި ކުޑަކަމުދާ ތަކެތީގެ ޓެސްޓްހެދުން. އަދި އެހެން ޓެސްޓްތައް ހެދުމަށް ޑޮކްޓަރު ލަފާދޭނަމަ އެފަދަ ޓެސްޓްތައް ހެދުމަކީ އެންމެ ރަގަޅު ގޮތެވެ.
  • ތަދު ކެނޑުވުމަށް ބޭނުންކުރާ އެކި ވައްތަރުގެ ބޭސް ގިނައިން ބޭނުންކުރުމަކީ އޭގެ ސަބަބުން ގުރުދާ އަށް ގެއްލުން ވާކަމެކެވެ. އަދި އެނޫން ވެސް ރިއްސުންތަކަށް ޑޮކްޓަރަކާ މަޝްވަރާނުކޮށް އަމިއްލައަށް ބޭސް ނަގައިގެން ކެއުމަކީ ނުރައްކާތެރި ކަމެއްކަން ދަންނަން ވާނެއެވެ.
  • ހަކުރު ބަލި ހުރެފައި ކުޑަކަމުދާ ނިޒާމްގައި ޖަރާސީމް އަށަގަތުން އަކީ ގުރުދާ އަށް ނުރައްކާތެރި ކަމެކެވެ. ވުމާއެކު ތިރިގައި މިވާ ކަންތައްތައް ފާހަގަ ކުރެވޭނަމަ އަވަހަށް ޑޮކްޓަރަށް ދައްކަން ވާނެއެވެ.
    • ކުޑަކަމުދާއިރު ތަދުވެ ދިލަނެގުން
    • އަވަސްއަވަހަށް ކުޑަކަމުދާންޖެހިއްޖެހެން ހީވުން
    • ކުޑަކަމުދާ ތަކެތި ކިލަބުވެ ރަތްވުން
    • ހުންއައުމާއެކު ހީކަރުވައި ތުރުތުރުއެޅުން

އުނަގަނޑާ ދިމާލުން މައްޗަށް ތަދުވުން ނުވަތަ އަރިކަށީގެ ކަށިތަކާ ދިމާލުން ދެފަރާތަށް ތަދުވުން

  • ކޮންމެ ދުވަހަކު ވެސް ކަސްރަތު ކުރަން އާދަކުރުން
  • ފަޔާއި އަތަކީ ވަރަށް ގިނަފަހަރު އަނިޔާވާ ތަންތަނަށްވާތީ އެތަންތާގައި އުފެދޭ ފާރުކޮޅާއި މެދު ސަމާލުވެ އެކަމަށްކުރަންޖެހޭ ފަރުވާކުރުން
  • ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުރުހެލިވުން
  • އަނގަޔާއި ދަތްތައް ސާފުކޮށް ބެހެއްޓުމަށް ސަމާލުވުން