ޢަބްދުއްސައްތާރު މޫސާދީދީ
ޢަބްދުއްސައްތާރު މޫސާދީދީ | |
|---|---|
ޢަބްދުއްސައްތާރު މޫސާދީދީ | |
| ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު | |
މަޤާމުގައި 1975–1977 | |
| ރައީސް | އިބްރާހީމް ނާޞިރު |
| ކުރިން ހުންނެވީ | އިބްރާހީމް މުޙައްމަދުދީދީ (ވެލާނާގެ) (1953ވަނަ އަހަރު) |
| ފަހުން ވަޑައިގަތީ | ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު (2008ވަނަ އަހަރު) |
| މިނިސްޓަރ އޮފް އެޑިޔުކޭޝަން | |
މަޤާމުގައި 6 ޖަނަވަރީ 1977 – 11 ނޮވެންބަރު 1978 | |
| ކުރިން ހުންނެވީ | އަދުނާން ޙުސައިން |
| ފަހުން ވަޑައިގަތީ | |
| މިނިސްޓަރ އޮފް ފިނޭންސް | |
މަޤާމުގައި 29 އޮކްޓޫބަރު 1970 – 10 މާރިޗު 1975 | |
| ކުރިން ހުންނެވީ | އިބްރާހީމް ނާޞިރު |
| ފަހުން ވަޑައިގަތީ | އަލްއަމީރު މުޙައްމަދު ނޫރައްދީން |
| އުފަންވީ | 18 ޖޫން 1936 މާލެ، ދިވެހިރާއްޖެ |
| އަވަހާރަވީ | 27 ނޮވެންބަރު 2015 ބެންގކޮކް، ތައިލެންޑް |
| އިނާމުތައް | މިނިވަން 25 ގެ ޢާންމު ޚިދުމަތުގެ އިނާމު - 1990 ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނޢޢވ) - 2011 |

ޢަބްދުއްސައްތާރު މޫސާދީދީއަކީ، 51 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. މާލޭ މަދުރަސަތުއްސަނިއްޔާ (މަޖީދިއްޔާ) އިން ތަޢްލީމު ހާސިލުކުރައްވައި، ސްރީލަންކާއިން މަތީ ތަޢްލީމު ހާސިލުކުރެއްވުމަށްފަހު، ރާއްޖެއަށް ވަޑައިގެން ޤައުމީ ޚިދުމަތް ފެށްޓެވީ 5 ފެބްރުއަރީ 1957 ގައެވެ. ފުރަތަމަ އަދާކުރެއްވީ ކޮލަމްބޯގައި ހުންނަ ދިވެހި ދައުލަތުގެ ރެޕްރެޒެންޓޭޓިވް އޮފީހުގެ ސެކްރެޓަރީ ކަމުގެ މަގާމެވެ.
އެމަނިކުފާނަކީ، ސަރުކާރުގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވައި ވަރަށްގިނަ ވުޒާރާތަކެއްގެ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މި މަގާމުތަކުގައި އެމަނިކުފާނުވަނީ، ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވާފައެވެ. އެމަނިކުފާނު ފުރުއްވި އިސް މަގާމުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަގާމާއި، ކޮޅުނބުގައި ހުންނަވާ ދިވެހި ދައުލަތުގެ ރެޕްރެޒެންޓޭޓިވް ކަމުގެ މަގާމާއި، އެމްބެސެޑަރ ކަމުގެ މަގާމާއި، އދ. ގައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ ވަކީލު ކަމުގެ މަގާމާއި، އެމެރިކާގައި ހުންނަވާ ދިވެހި ދައުލަތުގެ އެމްބެސެޑަރ ކަމުގެ މަގާމު ހިމެނެއެވެ. އެމަނިކުފާނު ފުރުއްވި ވަޒީރު ކަމުގެ މަގާމުތަކުގެ ތެރޭގައި، މިނިސްޓަރ އޮފް ފިނޭންސް ކަމުގެ މަގާމާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަން ކަމުގެ މަގާމާއި، މިނިސްޓަރ އޮފް ފިޝަރީޒް ކަމުގެ މަގާމާއި، މިނިސްޓަރ އޮފް ހެލްތު އެންޑް ވެލްފެއަރ ކަމުގެ މަގާމު ހިމެނެއެވެ.
ޢަބްދުއްސައްތާރު މޫސާދީދީއަކީ، ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރެއްވި މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އެންމެފަހުން އެމަނިކުފާނު ހުންނެވީ، ދިވެހި ދައުލަތަށް ގިނަ ދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިއެއްގެ މަގާމުގައެވެ.
ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ ދަށުން ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދެއްވި ޝަރަފުގެ ހަނދާނީ ފިލާވެސް ޢަބްދުއްސައްތާރު މޫސާދީދީއަށްވަނީ ލިބިވަޑައިގެންފައެވެ.
ޢަބްދުއްސައްތާރު މޫސާދީދީގެ ޤައުމީ ޚިދްމަތްތަކުގެ ތެރެއިން އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެނީ، ދިވެހި ދައުލަތުގެ ރެޕްރެޒެންޓޭޓިވްގެ މަގާމުގައި ކޮޅުނބުގައި ހުންނަވައިގެން، އިނގިރޭސީންގެ ޙިމާޔަތުގެ ދަށުން، ދިވެހިރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ހޯއްދަވައިދެއްވުމަށް ކުރެއްވި މުހިންމު މަސައްކަތްޕުޅުތަކެވެ. އެ ޤައުމީ ޖިހާދުގައި ސުމުއްވުލްއަމީރު އަލްމަރްޙޫމް އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން އެންމެބޮޑު ޙިއްޞާއެއް އަދާކުރެއްވި އެއްބޭފުޅަކީ، ޢަބްދުއްސައްތާރު މޫސާދީދީއެވެ. 1963 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު، މިނިވަންކަމުގެ އެގްރީމަންޓްގައި ސޮއިކުރެއްވުމާ ހަމައަށް، މެދުނުކެނޑި ހަމަ ކޮންމެ ދުވަހަކުހެން ސިލޯނުގައި ޢަބްދުއްސައްތާރު މޫސާދީދީ ގެންދެވީ، ބޮޑުވަޒީރު އިބްރާހީމް ނާޞިރުގެ މަޝްވަރާއާއި ލަފާފުޅާއެކު، ރާއްޖޭގެ މިނިވަންކަމާ ބެހޭގޮތުން އިނގިރޭސި ހައިކޮމިޝަނާ ޑިޕްލޮމެޓިކް މުޢާމަލާތްތައް ކުރައްވަމުންނެވެ. މިކަމުގައި ޢަބްދުއްސައްތާރު މޫސާދީދީ އަދާކުރެއްވި ދައުރަކީ، ދިވެހި ތާރީޚުގައި ރަންއަކުރުން ފަވާލަންޖެހޭ ދައުރެކެވެ. މިކަމުގެ ހެއްކަކަށް 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހު މިނިވަންކަމުގެ އެގްރީމަންޓްގައި ބޮޑުވަޒީރު ޞާޙިބުއްދައުލާ އިބްރާހީމް ނާޞިރު ސޮއިކުރެއްވުމަށްފަހު، އެމަނިކުފާނު ސޮއިކުރެއްވި ގަލަންކޮޅު، [މި ގަލަން ޢަބްދުއްސައްތާރަށޭ ވިދާޅުވެ] ދެއްވި ދެއްވުން ފުދެއެވެ.
ޢަބްދުއްސައްތާރު މޫސާދީދީއަށް ވަނީ މިނިވަން 25ގެ ޢާންމު ޚިދްމަތުގެ އިނާމުވެސް ލިބިވަޑައިގެންފައެވެ.
ދިވެހިރާއްޖެ މިނިވަންވުމަށްފަހު، އދ. ގައި ރާއްޖެ ބައިވެރިވެ، ބައިނަލްއަޤްވާމީ މައިދާނަށް ރާއްޖެ ތަޢާރުފުވެގެން ދިޔުމުގައިވެސް، ޢަބްދުއްސައްތާރު މޫސާދީދީ އަދާކުރެއްވި ދައުރު، ތާރީޚުގައި ފާހަގަކުރަންޖެހެއެވެ. އަދި ރާއްޖޭގެ ސިޔާސީ، އިޖްތިމާޢީ، އިޤްތިޞާދީ ތަރައްޤީގައި 1960ގެ އަހަރުތަކުން ފެށިގެން މަތިވެރި ޙިއްޞާއެއް އަދާކުރައްވާފައިވެއެވެ.
ރާއްޖޭގެ ބޮޑުވަޒީރުކަމަށް ނުވަތަ ސަރުކާރުގެ ވެރިކަމަށް ޢަބްދުއްސައްތާރު މޫސާދީދީ، 1972 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ހޮއްވެވިއެވެ. އެހެންނަމަވެސް، އެމަނިކުފާނު އެ މަގާމު ގަބޫލުފުޅެއް ނުކުރެއްވިއެވެ. މިކަމުން ދޭހަވަނީ، އެމަނިކުފާނަކީ، އެންމެ މަތީ މަގާމު ހޯއްދަވަން އުޅުއްވާ ބޭފުޅެއް ނޫންކަމާއި، އެންމެ މަތީ މަގާމުގައި ނޫންނަމަވެސް، ދައުލަތަށާއި ރައްޔިތުންނަށް ޚިދްމަތް ކުރެއްވުމުގައި ދެމިހުންނެވި، މަޑުމައިތިރި ހަރުދަނާ އަޚްލާޤެއް ލިބިވަޑައިގެންވާ ޝަޚްޞިއްޔަތެއް ކަމެވެ.
ރާއްޖޭގައި އެންމެފަހުން 1975 ގައި ކޮލިލެވުނު ތިން ބޭފުޅުންގެ ތެރޭގައިވެސް ޢަބްދުއްސައްތާރު މޫސާދީދީ ހިމެނިވަޑައިގެންނެވިއެވެ. އެމަނިކުފާނަށް ލެވުނު ކޮއްޔަކީ، ފާމުލަދޭރިކިލެގެ ކަމުގެ ކޮއްޔެވެ. އެހެންނަމަވެސް، ކިލެގެކަމުގެ ޢިއްޒަތް ދެވިފައިވާ މީހުންގެ ތެރެއިން، ދުނިޔޭގައި ތިބި މީހުންގެ ކިބައިން، ކިލެގެކަމުގެ ޢިއްޒަތް ވަކިކުރުމުގެ ޤާނޫނުން މި ޢިއްޒަތް ވަކިކުރެވުނީއެވެ.
ޢަބްދުއްސައްތާރު މޫސާދީދީއަށް 2011 ވަނަ އަހަރު ވަނީ ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް (ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަން) އަރުވައިފައެވެ. ޢަބްދުއްސައްތާރަށް މި ޢިއްޒަތް އެރުއްވީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދެވެ.
ޢަބްދުއްސައްތާރު މޫސާ ދީދީ އަވަހާރަވީ 27 ނޮވެންބަރު 2015 ވީ ހުކުރު ދުވަހުގެ ވަގުތެއްގައެވެ. އަވަހާރަވީ އިރު ޢުމުރުފުޅަކީ 78 އަހަރެވެ. އަވަހާރަވީ ތައިލެންޑްގެ ބެންގކޮކްގައެވެ. ޢަބްދުއްސައްތާރު މޫސާދީދީ އަވަހާރަވުމުގެ ހިތާމައިގައި 28 ނޮވެންބަރު 2015 ވީ ހޮނިހިރު ދުވަހުން ފެށިގެން 30 ނޮވެންބަރު 2015 ވީ ހޯމަ ދުވަހުގެ ނިޔަލަށް، ތިން ދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނިންމެވިއެވެ.
މަރުޖިޢުތައް
[އުނިއިތުރު ގެންނަވާ]- ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006