ޞޫފީން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ސިލްސިލާ މަޒުމޫނުތަކުގެ ތެރެއިން

އިސްލާމް


ޢަޤީދާ

 • ތައުހީދް
މުޙައްމަދުގެފާނު • ރަސޫލުންނާއި ނަބީން

ރުކުންތައް

ޝަހާދަތް • ނަމާދު
ރޯދަ • ޒަކާތް • ޙައްޖު

އަސްލުތައް އަދި ޝަރީޢާ

ޤުރުއާން • ސުންނަތް • ޙަދީޘް
ފިޤުހު • ޝަރީޢާ • ކަލާމް • ތަޞައްވުފް

ތާރީޚް އަދި ލީޑަރުން

ޘަޤާފަތް އަދިމުޖުތަމަޢު

ކިޔެވުން • ހައިވާނުން • ފަންނުވެރިކަން
ކަލަންޑަރު • ކުޑަކުދިން
ޤައުމުތައް • ޢީދު
މިސްކިތް • ފަލްސަފާ
ޢުލޫމް • އަންހެނުން
ސިޔާސަތު • ދަޢުވާ

އިސްލާމި ނެރު
 v  d  e 

ޞޫފީންނަކީ ދުނިޔަވީ ކަންތައްތައް ދޫކޮށްލާފައި އުޚްރަވީ ޙަޔާތަށް އެކަނި ލެނބިގެންވާ ފިރުޤާއެކެވެ.

ޞޫފީ ޢަޤީދާ[އުނިއިތުރު ގެންނަވާ]

ސޫފީންގެ ޢަޤީދާއާއި އަހުލުއް ސުންނާ ވަލްޖަމާޢާގެ ޢަޤީދާއާއި ވަރަށް ގިނަ ގޮތްގޮތުން ތަފާތުވެއެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކަމަކީ ދީން ދެނެގަންނަ މަޞްދަރެވެ. އިސްލާމްދީނުގައި ޢަޤީދާގެ އެއްވެސް ކަމެއް ކީރިތި ޤުރުއާނާއި ސުންނަތުން މެނުވީ ދެނެއެއް ނުގަނެވޭނެއެވެ. ނަމަވެސް ޞޫފީން ޤަބޫލުކުރާ ގޮތުގައި ޢަޤީދާ ސާބިތުކުރަނީ ރޫޙާނިއްޔަތުންނެވެ. އެއީ އެމީހުންގެ ވަލީވެރިންނަށް ލިބޭ ކަމަށްބުނާ ވަޙީއާއި އިލްހާމުންނާއި އެމީހުންނާއި ގުޅިފައިވާ ޖިންނީން ގެނެސްދޭ ވާހަކައިންނެވެ. އަދި އެމީހުން ބުނާ ގޮތުގައި، ރޫޙާއިގެން އެމީހުން އުޑަށް އަރައެވެ. އަދި ﷲއަށްޓަކައި އެބައިމީހުން ފަނާވެދެއެވެ. މިގޮތުގައި ޞޫފީ ވަލީވެރިންގެ ހިތްތަކަށް ޣައިބު ކަޝްފު ވަންދެން އެމީހުން "މަސްތުވެ"އެވެ. އަދި އެމީހުންގެ ހިތް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ގުޅި، އެކަލޭގެފާނުގެ އަރިހުން ޢިލްމުތައް ލިބިގަނެއެވެ. ޞޫފީން ޤަބޫލުކުރާ ގޮތުގައި ކީރިތި ޤުރުއާނާއި ސުންނަތަކީ އޭގައި ފޮރުވިފައިވާ މާނަތައް ތަފުސީރު ކުރަން ޖެހޭ އެއްޗެކެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި ޤުރުއާނުގެ ކޮންމެ އަކުރެއްގައި ވެސް، ޞޫފީ ވަލީވެރިން، ތަރުޖަމާ ކޮށްދިނުމުން މެނުވީ ނޭނގޭ މާނައެއް ފޮރުވިފައި ވެއެވެ. އެ މާނަ ކަޝްފު ވަނީ އެ މީހުންގެ ހިތަށެވެ.

ޞޫފީންގެ ޢަޤީދާގެ މަޞްދަރުތައް[އުނިއިތުރު ގެންނަވާ]

އަލްކަޝްފު[އުނިއިތުރު ގެންނަވާ]

ޞޫފީން ދެކޭ ގޮތުގައި ކަޝްފަކީ ދީން ދެނެގަތުމަށާއި ޢިލްމު ލިބިގަތުމަށް އޮތް، އެންމެ އިތުބާރުހުރި މަޞްދަރެވެ. އަދި އެމީހުންގެ އަޅުކަންތަކުގެ މައިގަނޑު މަޤުޞަދަކީވެސް އެއީއެވެ. އަދި ޞޫފީންގެ ނަޒަރުގައި ޝަރުޢީ ހުރިހާކަމަކާއި، ކާއިނާތުގައި ހިނގާ ހުރިހާ ކަމެއްވެސް ޖުމްލަ ގޮތެއްގައި ދެނެގަނެވޭނީ ކަޝްފުގެ ދަށުންނެވެ. އޭގެ ތެރޭގައި ހިމެނޭ ކަންތައްތަކަކީ:

  1. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ: އެމީހުން ޤަބޫލުކުރާ ގޮތުގައި ނިދީގައި އަދި ހޭލާ ހުރެ އެކަލޭގެފާނުގެ އަރިހުން ޢިލްމު ޙާޞިލް ކުރެއެވެ.
  2. ޚިޟްރު (ޢަލައިހިއް ސަލާމް): އެމީހުންގެ ތެރޭގައި ޙިޟްރުގެ ޙިކާޔަތްތައް ވަރަށް ގިނަވެފައި މަޝްހޫރެވެ. އަދި ޝަރުޢީ ޙުކުމްތަކާއި ދީނީ ޢިލްމުތައް އެކަލޭގެފާނުގެ އަރިހުން ލިބިގަނެއެވެ. ހަމަ އެފަދައިން ވިރުދުތަކާއި ޛިކުރުތަކާއި ރިވެތި އަޚުލާޤު ވެސް އެކަލޭގެފާނުގެ އަރިހުން ލިބިގަނެއެވެ.
  3. އިލްހާމު: އެމީހުންނަށް (އެމީހުން ޤަބޫލުކުރާ ގޮތުގައި) ސީދާ، މާތްﷲގެ ހަޟްރަތުން އިލްހާމު ލިބެއެވެ. އަދި އެކަމުގެ ސަބަބުން ޞޫފީންގެ މަޤާމު ނަބިއްޔާއަށްވުރެ މަތިވެރި ކަމުގައި ދެކެއެވެ. އެހެނީ އެމީހުން ދެކޭ ގޮތުގައި ވަލީވެރިން ޢިލްމު ޙާޞިލްކުރަނީ ސީދާ، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟްރަތުންނެވެ. ނަމަވެސް ނަބީންނާއި ރަސޫލުން ޢިލްމު ލިބިގަންނަނީ އެބޭކަލުންގެ އަރިހަށް ވަޑައިގަންނަވާ މަލާއިކަތުންގެ އަރިހުންނެވެ.
  4. އަލްފަރާސާ: މިއީ ނަފުސުގެ ސިއްރުތަކާއި ޢިލްމުތައް ދެނެގަތުމެވެ. އެއީ މީހުންގެ ބޭރުފުށުން ބަލާފައި އޭނާގެ ޙަޤީޤަތްތައް ދެނެގަނެވޭފަދަ ބާރުތަކެކެވެ.
  5. އަލްހަވާތިފް؛ މިއީ ﷲ ސުވްޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން، ނުވަތަ މަލާއިކަތުންގެ އަރިހުން، ނުވަތަ ޞާލިޙު ޖިންނީންގެ ފަރާތުން، ނުވަތަ ވަލީވެރީންގެ ފަރާތުން ނުވަތަ ޙިޟްރުގެ ފަރާތުން އަންނަ ޚިޠާބުތައް އަޑުއިވުމެވެ. މިގޮތަށް ހޭލާހުންނައިރުގައާއި ނިދީގައާއި ދެބަދޭތެރޭގައިވެސް އަޑުއަހައެވެ.
  6. އިސްރާއާއި މިޢުރާޖު؛ މިއީ ވަލީވެރިންގެ ރޫޙުތައް މަތިވެރިވެގެންވާ އުޑުތަކަށް އަރާ، އެތަނުގައި ބުރުޖަހާ އެތަނުގެ ބައެއް ސިއްރުތަކާއި ޢިލްމުތައް ލިބިގަތުމެވެ.
  7. ޙިއްސީ ކަޝްފު: މިއީ ހިތުގެ "ލޮލަށާއި"، ޙަޤީޤީ ލޮލަށް، ފަރުދާ ކެހި ކަންކަމުގެ ޙަޤީޤަތް ކަޝްފުވުމެވެ.
  8. ހޭލާހުންނައިރުއާއި ނިދީގައިފެންނަ ހުވަފެން: މިއީ ޞޫފީން، އޭގެ މައްޗަށް އެއްމެ ބޮޑަށް އިޢުތިމާދުކޮށް ޤަބޫލުކުރާ މަޞްދަރެވެ. އެހެނީ އެމީހުން ޤަބޫލުކުރަނީ އެގޮތުން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްތުން ނުވަތަ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުން، ނުވަތަ އެމީހުންގެ ޝައިޚެއްގެ އަރިހުން، ޝަރުޢީ ޙުކުމްތައް ދެނެގަނެވޭ ކަމުގައެވެ.

އިލާހިއްޔަތާއިމެދު ނުވަތަ ﷲ ސުބުޙާނަހޫ ވަތަޢާލާއި މެދު ޞޫފީންގެ ޢަޤީދާ:[އުނިއިތުރު ގެންނަވާ]

ﷲ ސުބުޙާނަހޫ ވަތަޢާލާއީ އެއްކައުވަންތަ ރަސްކަލާނގެއެވެ. އެކަލާނގެއާއި އެއްފަދަ އެހެން އެއްވެސް އެއްޗެއް ނުވެއެވެ. އެކަލާނގެ ހުރިހާ މަޚުލޫޤެއް ހެއްދެވިއެވެ. އަދި އިންސީންނާއި ޖިންނީންނައް ތަކުލީފުޖެއްސެވިއެވެ. އަމުރުތަކާއި ނަހީތަކުންނެވެ. އަދި އެދެފަރާތް ޢަމަލުކުރާ ގޮތެއްގެ މަތީން ޢަދުލުވެރިގޮތުގައި ޖަޒާދެއްވާވާނެއެވެ. އެއީ ސަވާބެވެ. ނުވަތަ އަޒާބެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާއެކަލާވަނީ އެކަލާނގެފޮތުގައި އެކަލާނގެ ސިފަފުޅުތައް ބަޔާންކޮށްދެއްވާފައެވެ. އަދި އެކަލާނގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްވެސް ވަނީ ކީރިތި މާތްﷲގެ ސިފަފުޅުތައް ބަޔާންކޮށްދެއްވާފައެވެ. އެކަލާނގެއީ ހުރިހާހެއްޗެއް ހައްދަވާ ބަލަހައްޓަވާ އެތަކެތީގެ ވެރިފަރާތެވެ. ﴿إن كل من في السموات والأرض...﴾ ﷲ ސުބުޙާނަހޫ ވަތަޢާލާއަކީ ކޮބައިކަމާއި، އަދި އެކަލާނގެ މަޚުލޫޤުންނަކީ ކޮބައިކަމާއި، އެދެމެދުގައިވާ ގުޅުމަކީ ކޮބައިކަން ވަނީ ޢިލްމުވެރިންގެ ވަނީ ބަޔާންކޮށްދެއްވާ ސާބިތުކޮއްދެއްވާފައެވެ. ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެކަލާގެ އިސްމުފުޅުތަކުގައްޔާއި މަތިވެރި ސިފަފުޅުތަކުގައި އެހެނިހެން މަޚުލޫޤުންނާއި އެކަހެރިވެ ވޮޑިގެންނެވެ. އެކަލާނގެއާއި އެއްފަދަ އެހެން އެއްވެސް އެއްޗެއް ނުވެއެވެ. އަދި އެކަލާނގެއީ އައްސަވާ ވޮޑިގަންނަވާ އަދި ބައްލަވާ ވޮޑިގަންނަވާ ރަސްކަލާނގެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރެމެނަށް އަމުރު ކުރައްވާފައި ވަނީ އެކަލާނގެ ފޮތުގައި ބަޔާންކޮށްދެއްވާފައިވާ ގޮތަށް، އަދި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ސިފަކޮށްދެއްވަވާފައިވާ ގޮތަށް އެކަލާނގެ ދެނެގަތުމަށެވެ. އެއީ އެއަށް އިތުރުކުރުމެއް އަދި އުނިކުރުމެއްވެސް ނެތިއެވެ. އަދިއެއީ ކޮންގޮތެއްކަން ބަޔާންކޮށްދިނުމެއްވެސް ނެތިއެވެ. އެހެނީ އެކަލާނގެ ޒާތުފުޅު އެހެން އެއްވެސް މަޚުލޫޤެކާއި އެއްފަދަވެގެން ނުވެއެވެ. އަދި އެކަލާނގެ ސިފަފުޅު އެހެން އެއްވެސް މަޚުލޫޤެއްގެ ސިފައަކާއި އެއްވައްތަރުވެގެން ނުވެއެވެ. ނަމުގައި އެއްވައްތަރުވިޔަސް އެއީ ޙަޤީޤީއެއްވައްތަރުވުމެއްނޫނެވެ. އެއީ ހަމައެކަނި މީސްތަކުންނަށް ބަޔާންކޮށްދެއްވވުމަށްޓަކައި ސިފަކޮށްދެއްވާފައިވާ ސިފަކޮށްދިނުމެކެވެ.

އެހެން ނަމަވެސް، ﷲއާއިމެދު ޞޫފީންގެ ތަފާތު ޢަޤީދާތައް ވެއެވެ. އޭގެ ތެރޭގައި އަލްޙުލޫލުގެ ޢަޤީދާއާއި ވަޙުދަތުލް ވުޖޫދުގެ ޢަޤީދާ ހިމެނެއެވެ. މީގެއިތުރުން ﷲގެ ޛާތުފުޅާއި އިސްމުފުޅުތަކާއި ސިފަފުޅުތަކާއިމެދު އަޝާޢިރާއިންގެ ޢަޤީދާއާއި، މާތުރީދީންގެ ޢަޤީދާ ޤަބޫލުކުރާ މީހުންވެސް ޞޫފީންގެ ތެރޭގައި ވެއެވެ.

ވަޙުދަތުލް ވުޖޫދުގެ ޢަޤީދާއަކީ ﷲ ފިޔަވައި އެހެން އެއްވެސް އެއްޗެއް ނުވުމުގެ ޢަޤީދާއެވެ. މާނައަކީ ދުނިޔޭގައިވާ ކޮންމެއެއްޗަކީވެސް ﷲ ތަމްޘީލުކުރާ އެއްޗެކެވެ. އެއްވެސް އެއްޗަކާ (އެއްވެސް މަޚުލޫޤަކާއި) ﷲއާއި ވަތްކެއް ނުކުރެވޭނެއެވެ.

ޙުލޫލަކީ ދެޖިސްމު އެކުވުމެވެ. މިއިސްތިލާޙު ޞޫފީން ބޭނުންކުރަނީ އަޅާއާއި އޭނާ ހެއްދެވި ފަރާތާއި ދެމެދުގައިވާ ގުޅުމަށެވެ. އެހެނީ އެމީހުން ޤަބޫލުކުރާ ގޮތުގައި މާތްﷲ ވަނީ ބައެއްޚާއްޞަ ހަށިގަނޑުތަކާއި އެކުވެފައެވެ. އަދި ﷲއަށް އެނގޭފަދައިން އެފަދަ މީހުނަށް ޣައިބުގައިވާ ހުރިހާކަމެއް އެނގޭނެއެވެ. ޞޫފީން ފުރަތަމަ ނަބީންގެ މަޤާމަށް ވާޞިލުވުމަށްފަހު، އެކަން ތަރައްޤީވެ އިލާހިއްޔަތުގެ ދަރަޖައަށް އަދި ރުބޫބިއްޔަތުގެ ދަރަޖައަށް އެމީހުން ފޯރައެވެ.

ވަޙުދަތުލް ވުޖޫދުގެ ޢަޤީދާ

ވަޙުދަތުލް ވުޖޫދަކީ ޞޫފީންގެ ޤަބޫލުކުރުންތަކުގެ އެންމެ ބޮޑު އެއް ޢަޤީދާއެވެ. އެހެނީ އެމީހުން ޤަބޫލުކުރާ ގޮތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާއާއި މުޅިމިޢާލަމަކީ އެކައްޗެކެވެ. އެއީ ވޮޑިގެންވާ ހަމައެކަނި ފަރާތެވެ. ޞޫފީން ދަޢުވާކުރާ ގޮތުގައި ކާއިނާތާއި، މަޚުލޫޤުންނަކީ އެއްގޮތަކަށްވެސްނުވާ ތަކެއްޗެވެ. އަދި ޞޫފީން ދެކޭގޮތުގައި މަޚުލޫޤުންނަކީ ވާބައެއްކަމުގެ ޚިޔާލަކީ ޞޫފީންނޫން އެހެނިހެން މީސްތަކުގެ ހިއްތަކުގައިވާ ވަހުމީ ޚިޔާލެކެވެ. ޞޫފީ ޝައިޚެއްކަމުގައިވާ އިބްނު ޢަރަބީ ވިދާޅުވެފައިވެއެވެ. "ކައުނަކީ ޚިޔާލެކެވެ."

އެހެންކަމަށްވާނަމަ ކައުނަކީ ކޮންއެއްޗެއް؟

އިސްވެ ދިޔަވާހަކަތަކުގެ މުރާދަކީ ފެންނަންހުންނަ އަދި އިޙުސާސްވާ، މިކާއިނާތުގެ ތަކެތިކަމުގައިވާ، ކަނޑާއި އެއްގަމާއި ފަރުބަދަތަކާއި ގަސްގަހާގެއްސާއި މިފަދަތަކެއްޖަކީ ވާއެއްޗެހިކަމުގައި ޞޫފީން އިންކާރުކުރާވާހަކައެއް ނޫނެވެ. ނަމަވެސް އޭގެ މުރާދަކީ، އެމީހުން އެއީ އުފައްދަވާފައިވާ ތަކެތިކަމުގައި އިންކާރުކުރުމެވެ. އެހެނީ އެމީހުން ޤަބޫލުކުރަނީ ކާއިނާތުގައިވާ ހުރިހާއެއްޗެއްސަކީވެސް ﷲ ސުބުޙާނަހޫ ވަތަޢާލާކަމުގައެވެ.

ކައުނުގައި ފެންނަންމިވާ ޢަދަދުވެސް ނުކުރެވޭހާ ގިނަތަކެއްޗަކީ އެކެއްޗެއްކަމުގައި ވަނީ ކިހިނެއް؟

ޞޫފީން ޤަބޫލުކުރާގޮތުގައި ގިނައެއްޗެހިތަކެއް ކާއިނާތުގައި ވުމަކީ އެއްކައުވަންތަކަމާއި ފުށުއަރާކަމެއްނޫނެވެ. އެހެނީ އެމީހުން އެޢަދަދުކުރަނީ ނިސްބީގޮތެއްގައެވެ. ޙަޤީޤީ ޢަދަދެއްނޫނެވެ.

އަލްޙޫލޫލު ގެ ޢަޤީދާ އަލްޙޫލޫލަކީ ޞޫފީންގެ ހައްދުފަހަނަޅާފައިވާ އަޤީދާގެ އެއްބައެވެ. އަދި އެމީހުންގެ އަސާސީ މަބްދައުތަކުގެ ތެރެއިން ހިމެނޭކަމެކެވެ. މީގެ ތަޢުރީފާމެދު ޢިލްމުވެރިންގެ މެދުގައި އިޚްތިލާފް އުފެދިފައިވެއެވެ. އެއްބަޔަކު ބުނާގޮތުގައި ޙުލޫލަކީ ދެޖިސްމެއް އެކުވުމެވެ. އެގޮތުން އެއިން އެކަށްޗަކަށް އިޝާރާތް ކުރުމުން އަނެކަށްޗަށްވެސް އިޝާރާތް ކުރެވުނީއެވެ. އެއީ ފިނިފެންމާފެނުގައި ފިނިފެންމަލުގެ ވަސް އެކުލެވިގެންވާ ފަދައިންނެވެ.

އަނެއްބަޔަކު ބުނާގޮތުގައި އެއީ އެކަތީގެ ސަބަބުން އަނެކަތި ޚާއްޞަވުމެވެ. އެގޮތުން އެކައްޗަކަށް އިޝާރާތް ކުރުމުން އަނެކައްޗަކަށް އިޝާރާތް ކުރެވުނީއެވެ. އަނެއްބައި ޞޫފީން އަލްޙުލޫލު ބޭނުންކުރަނީ އަޅާޔާއި ރައްބާއި ދެމެދުގައިވާ ގުޅުމަށް އިޝާރާތް ކުރުމަށެވެ. އޭގެ މުރާދަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ބައެއް ޚާއްޞަ ޖިސްމުތަކަށް ޙުލޫލުވުމެވެ. މިއީ ނަޞާރާއިންގެ މަބުދައެކެވެ. މިކަންތައް ޞޫފީންގެ ތެރެއަށް ފުރަތަމަ ގެނައި މީހަކީ އަލްޙުސައިން ބުން މަންޞޫރު އަލް ޙައްލާޖެވެ.

އޭގެތެރެއިން ބައެއްމީހުން ބުނާގޮތުގައި ޙުލޫލުވުން ވަނީ ބައެއް މީސްމީހުންނަށް ޚާއްޞަވެފައެވެ. އެގޮތުން ނަޞާރާއިން ޢީސާގެފާނުގެ ހަށިކޮޅުގައި ﷲ ޙުލޫލުވެފައިވާކަމަށް ބުނެއެވެ. އަދި ހައްދުފަހަނައަޅާފައިވާ ޝީޢީން ޤަބޫލުކުރާގޮތުގައި ޖަޢުފަރުއްޞާދިޤުގެ ހަށިކޮޅުގައި ﷲ ޙުލޫލުވެފައިވާކަމަށް ބުނެއެވެ.

މީގެއިތުރުން ޙުލޫލަކީ ﷲ ހުރިހާ އެއްޗެއްގައާއި ހުރިހައި ތަނެއްގައި ވޮޑިގެންވުން ކަމުގައި ބުނާބަޔަކުވެސް ސއޭގެތެރޭގައި ވެއެވެ.

ވަޙުދަތުލް ވުޖޫދު ގަބޫލުކުރާ މީހުންނަކީ، މުރުތައްދުވެ، ކާފިރު ވެފައިވާ މީހުން ކަމާމެދު، އެއްވެސް މުސްލިމަކު ޝައްކެއް ނުކުރާނެއެވެ. ހައްދުފަހަނައަޅާފައިވާ ޞޫފީންގެތެރެއިން ވަޙުދަތުލްވުޖޫދާއި އަލްޙުލޫލާއި އަދި އަލްއިއްތިޙާދު ޤަބޫލުކުރާ މީހުންނަކީ ކުފުރުވާނޭ ބައެއް ކަމަށް އިސްލާމީ ޢިލްމުވެރިން ޙުކުމް ކުރައްވާފައިވާހިނދު، މިދެންނެވިފަދަ ޞޫފީން ކާފިރުވާނޭ ކަމަށް ނުދެކޭމީހުންވެސް، ކާފިރުވާނޭކަމަށް އިސްލާމީ ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.


ﷲސުބުޙާނަހޫ ވަތަޢާލާ މަޚުލޫޤުންގެ ސިފައިގައި ތަޖައްލީވެ ވޮޑިގަންނަވާކަމުގައި ޤަބޫލުކުރުން

ސޫފީން ޤަބޫލުކުރާ ގޮތުގައި (މީސްތަކުންނަށް) ފެންނާނޭފަދައިން ތަފާތު މަޚުލޫޤުންގެ ސިފައިގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ތަޖައްލީ ވެ ވޮޑިގަންނަވައެވެ. ނަމަވެސް އޭގެމާނައަކީ ހުރިހާއެއްޗަކީ އެކެއްޗެއްކަމުގައި ވުމެއްނޫނެވެ. އަދި މަޚޫލޫޤުތަކާއި ﷲ ސުބުޙާނަހޫ ވަތަޢާލާ ޙުލޫލުވާ ވާހަކައެއްވެސް ނޫނެވެ. އެކަމަކު އެއީ އެކަލާނގެ ނަފުސުފުޅުން ތަޖައްލީވެ ވޮޑިތަތުމެކެވެ. އެކަމަކު މިއިލާހީ ސިފަފުޅައް އަޅުންނޭ(ނުވަތަ މަޚުލޫޤުންނޭ) ކިޔައެވެ. އޭގެ މުރާދަކީ މަޚުލޫޤުންނަކީ ހަޤީޤީ މަޚުލޫޤުންނެއް ނޫނެވެ. ވީމާ އެއީ ހަމައެކަނި މަޚޫލޫޤުންނެއްވެސް ނޫނެވެ. އަދި ހަމައެކަނި ރައްބެއްވެސް ނޫނެވެ.

މިމީހުން ޤަބޫލުކުރާގޮތުގައި ﷲސުބުޙާނަހޫ ވަތަޢާލާ ކާއިނާތުންގެ ސިފައިގައި ފާޅުވާ ސަބަބަކީ، ވުޖޫދުގައިވާ ހަމައެކަނި ފަރާތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާކަމުގައިވާތީއެވެ. އެކަލާނގެއަށް އިސްމުފުޅެއް އަދި ޞިފަފުޅެއްވެސް ނުވެއެވެ. ދެން މިވުޖޫދުގެ ލޯގަނޑުން އެކަލާނގެ ނަފުސުފުޅު ދުށުމަށް އެދިވޮޑިގަތެވެ. އަދި އެކަލާނގެ އިސްމުފުޅުތަކާއި ޞިފަފުޅުތައް ފާޅުކުރެއްވުމަށް އެދިވޮޑިގަތެވެ. ދެން ކުރިން ފެންނަންނެތް ކާއިނާތުތަކެއްގެ ސިފައިގައި ފާޅުވެވޮޑިގަތެވެ. (نعوذ بالله من ذلك)

ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައާއިމެދު ޞޫފީންގެ ޢަޤީދާ ޞޫފީންގެތެރެއިން ބައެއްމީހުން ދެކޭގޮތުގައި ރަސޫލާޞައްލަﷲ ޢަލައިހިވަސައްލަމްއަށް އެމީހުންނާއި އެއްދަރަޖައަކަށް، ވާޞިލެއްނުވެވޭނެއެވެ. އެމީހުންގެ ޢިލްމުގައި އެކަލޭގެފާނަކީ ޖާހިލެކެވެ. ބަޞްޠާބީ ވިދާޅުވެފައިވެއެވެ. "ތިމަންމެން ފެތިކަނޑުތަކަކީ އެތަނުގެ އައްސޭރީގައި ނަބީންނާއި ރަސޫލުން މަޑުކޮށްލެއްވި ކަނޑުތަކެވެ." އަދި އޭގެތެރެއިން ބައެއްމީހުން ދެކޭގޮތުގައި، ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްއަކީ ކައުނުގެ ޤުއްބެވެ. އަދި ޢަރުޝީގައި އިސްތަވާވެވޮޑިގެންވާ ﷲއަކީ އެކަލޭގެފާނެވެ. އަދި އުޑުތަކާއި ބިމާއި ޢަރުޝިއާއި ކުރުސީގެ އިތުރުން، މުޅިކާއިނާތުވެސް އުފެދުނީ އެކަލޭގެފާނުގެ ނޫރުފުޅުންނެވެ. އަދި އެކަލޭގެފާނަކީ އެންމެފުރަތަމަ ވޮޑިގެންވާ ފަރާތެވެ. މިއީ އިބުނުޢަރަބީއާއި އޭނާއަށް ތަބާވީ މީހުންގެ ޢަޤީދާއެވެ. ނަމަވެސް ޞޫފީންގެ ތެރޭގައި މިޢަޤީދާ ޤަބޫލުނުރާ އަދި އެއާއި އިދިކޮޅުހަދާމީހުންވެސް ވިއެވެ. އެމީހުން އެކަލޭގެފާނަކީ އިންސާނެއްކަމާއި ރަސޫލެއްކަމަށް އިޢުތިމާދުކުރުމާއިއެކުވެސް، އެކަލޭގެފާނު މާތްކޮށް މަތިވެރިކުރުމުގައި، އަހުލުއްސުންނާ ވަލްޖަމާޢާގެ ޢަޤީދާއާއި ޚިލާފުވެ ހައްދުފަހަނައަޅައިފައިވެއެވެ.

އެމީހުންގެ ވަލީވެރިން ޞޫފީންގެ ވަލީވެރިންނަކީ ވަރަށް މަތީ މަޤާމެއް ލިބިގެންވާ ބައެކެވެ. ވަލީވެރިންނާއި މެދުވެސް ޞޫފީންގެ ތަރޭގައި ތަފާތު ޢަޤީދާތައް ވެއެވެ. ބައެއްމީހުން ވަލީވެރިން މާތްކޮށް ނަބީންނާއި އެއްފަދަކުރެއެވެ. އަދި އަނެއްބަޔަކު ވަލީވެރިން، އުފެއްދެވުމާއި، ރިޒުޤުދެއްވުމާއި ދިރުއްވުމާއި މަރުގެންނެވުންމާއި، ކައުނުގައި އާދަޔާޚިލާފުކަންތައް ކުރެއްވުމުގެ ބާރުފަދަ، ހުރިހާ ސިފަތަކެއްގައި ﷲ ސުބުޙާނަހޫ ވަތަޢާލާއި އެއްވަރުކުރެއެވެ. އަދި ވަލީވެރިކަން ތަފާތު ބައިތަކަށް އެމީހުން ބަހާފައިވެއެވެ. އޭގަތެރޭގައި ނުރައްކަލުން ސަލާމަތްކޮށްދިނުމާއި، ޚާއްޞަކުރެވި މާތްކުރެވިފައިވާ މީހުންފަދަ ތަފާތުވައްތަރުތައް ހިމެނެއެވެ.

ސުވަރުގެއާއި ނަރަކައާއި މެދު ޞޫފީންގެ ޢަޤީދާ:

އެމީހުން ދެކޭ ގޮތުގައި ސުވަރުގެ ދެއްވުމަށް އެދުމަކީ އެމީހުނަށް ލިބޭ ނިކަމެތިކަމެއް ނުވަތަ އުނިކަމެކެވެ. އެބަހީ ވަލީވެރިއަކު ސުވަރުގެއަށް އެދުން އެއީ އެކަށީގެންވާ ކަމެއް ނޫނެވެ. އެމީހުން އެދެންވާނީ ފަނާވުމަށާއި، ޣައިބުގެ ކަންތައްތައް އަންގަވައިދެއްވުމަށެވެ. އެމީހުގެ ގާތުގައި ﷲއަށްޓަކައި ފަނާވެދިއުމަކީ އެންމެ މަތިވެރި ދަރަޖައެވެ. އެމީހުންގެ ގާތުގައި ސުވަރުގަކީ އެއީއެވެ. އެއީ އޭނާގެ ޖިސްމާއި އޭނާގެ އަސަރާއި ހުރިހާއެއްޗެސް އެކަލާނގެއަށް ޓަކައި ފަނާވުމެވެ. އަދި ނަރަކައިން ސަލާމަތްވުމަށްޓަކައި އެދުން މިއީ ފުރިހަމަ ޞޫފީއަކަށް އެކަށީގެންވާ ކަމެއްނޫނެވެ. މިއަދު ބައެއް މުސްލިމުންވެސް ސުވަރުގެއާއި ނަރަކައާއި މެދު މިފަދައިން ހީކުރެތެވެ. ނަމަވެސް މިޢަޤީދާއަކީ ޤުރުއާނާއި ސުންނަތާއި ޚިލާފު ޢަޤީދާއެކެވެ. މާތްﷲ ކީރިތި ޤުރުއާނުގައި ދަސްކޮށްދެއްވާފައިވާ ދުޢާތަކުން ޞޫފީންގެ މިޢަޤީދާގެ ބާޠިލުކަން ހާމަވެއެވެ. މާތްﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވަނީ؛"(އާލުޢިމްރާން191) މާނައީ؛ "އޭ އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެ މިތަކެތި ހައްދަވާފައިވަނީ ބާޠިލް ގޮތެއްގައެއް ނޫނެވެ. އިބަރަސްކަލާނގެ ހުސްޠާހިރުވަންތަ ކަމާއެވެ. ފަހެ، އަޅަމެން ނަރަކައިގެ ޢަޛާބުން ސަލާމަތް ކޮށްދެއްވާނދޭވެ!" އަނަސްގެފާނު ވިދާޅުވިއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެންމެގިނައިން ކުރައްވަނީ އަންނަނިވި ދުޢާއެވެ. "ربنا ءاتنا في الدنيا حسنة وفي الآخرة حسنة وقنا عذاب النار" މާނައީ "ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ދުނިޔޭގައިވެސް ހެޔޮކަން އަދި އާޚިރަތުގައިވެސް ހެޔޮކަން ދެއްވައި ނަރަކައިގެ ޢަޛާބުން އަޅަމެން ދިންނަވައިފާނދޭވެ!" އަދި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމް ނަރަކައިން ސަލާމަތްކޮށްދެއްވުމަށް އެދުމަށާއި ސުވަރުގެއަށްއެދި ދުޢާކުރެއްވުމަށް ތަރުޣީބު (ހިއްވަރު) ދެއްވައެވެ. އަނަސް ބުނުމާލިކު ވިދާޅުވިއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘުކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "މީހަކު ތިންފަހަރު ސުވަރުގެއަށް އެދެފިނަމަ، ސުވަރުގެ(ﷲއަށް) ދަންނަވާހުއްޓެވެ. އޭﷲ! އެމީހަކު ސުވަރުގެއަށް ވައްދަވާނދޭވެ! އެމީހަކު ތިންފަހަރު ނަރަކައިން ސަލާމަތް ކޮށްދެއްވުމަށް އެދެފިނަމަ، ނަރަކަ (ﷲއަށް) ދަންނަވާނެތެވެ. "އޭﷲ! އެމީހަކު ނަރަކައިން ސަލާމަތްކޮށްދެއްވާނދޭވެ!" (ރަވާހު އިބުނު މާޖާ-4340)

އިބްލީހާއި ފިރުޢައުނާމެދު ޞޫފީންގެ އަޤީދާ

އިބްލީސް

ޢަބްދުއްރަޙުމާން ޢަބްދުލް ޚާލިޤް "ފަޞާލިޙުއް ޞޫފިއްޔާ" އެވެ، ކިޔުނުފޮތުގަައި ވިދާޅުވެފައިވެއެވެ. " ޢާއްމު ޞޫފީންގެ އަޤީދާއަކީ މާތްﷲގެ އެއްކައުވަންތަކަން ޤަބޫލުކުރުމާއި، އިބިލީހަކީ އެންމެ މާތް މަޚްލޫޤުކަމުގައި ދެކުމެވެ. އެއީ އެމީހުން ބުނާގޮތުގައި އިބްލީސް، މާތް ﷲ ފިޔަވައި އެހެންއެއްވެސް ފަރާތަކަށް ސަޖިދެއެއް ނުކުރިއެވެ. މާތްﷲ އޭނާގެ ފާފަތައް ފުއްސަވައި ސުވަރުގެއަށް ވައްދަވާހުއްޓެވެ. މާތްﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އިބިލީސް ސަޖިދަނުކުރާކަމަށް އެމީހުންއެބުނަނީ އަންނަނިވި އާޔަތައް އިޝާރާތް ކޮށްފައެވެ. "(ބަޤަރާ 34) މާނައީ: ތިމަން ﷲ މަލާއިކަތުންނަށް އާދަމުގެފާނަށް ސަޖިދަކުރެއްވުމަށް އެންގެވި ހިނދު އެބޭކަލުން ސަޖިދަކުރެއްވިއެވެ. ނަމަވެސް އިބްލީސް ސަޖިދައެއް ނުކުރައްވައެވެ."

ޙަޤީޤަތުގައި މިއާޔަތުން އިބްލީހުގެ ބޮޑާކަމާއި، ކިބުރުވެރިކަން އަދި ﷲ އަށް ނުކިޔަމަންތެރިވުން ދޭހަވެއެވެ. މާތްﷲ އޭނާއާއި މުޚާތަބުކޮށް އަންގަވާފައިވެއެވެ. "" (ޞާދު 85) މާނައީ: ހަމަކަށަވަރުން ކަލެއާއި ކަލެއަށް ތަބަޢަވީ ހުރިހާ އެންމެން ނަރަކައަށް ވައްދާ އެތަންފުރާހުށީމެވެ." މިއީ މާތްﷲގެ ބަސްފުޅެވެ. މާތްﷲ އަށްވުރެ ތެދުބަސް ވަޙީކުރައްވާނޭ އެހެންއެއްވެސް ފަރާތެއްނުވެއެވެ.

ފިރުޢައުނާއިމެދު ޞޫފީންގެ އަޤީދާ

ޞޫފީން ޤަބޫލުކުރާގޮތުގައި ފިރުއައުނަކީ ހަމަ ރަނގަޅު އަދި މާތްﷲގެ އެއްކައުވަންތަކަން ޤަބޫލުކުރާ މީހެކެވެ. އޭނާ ބުނެފައިވާބަސް ކީރިތި ޤުރުއާނުގައި އައިސްފައިވަނީ މިފަދައިންނެވެ. (ނާޒިޔާތު 24) މާނައީ: "ތިޔަބައިމީހުން ހެއްދެވި އެންމެ މަތިވެރިކަލާނގެއަކީ ތިމަންނައެވެ."

މިގޮތައް އޭނާ ބުނުމުން އޭނާޔަށް ޙަޤީޤަތާއި ހަމައަށް ވާޞިލު ވެވިއްޖެއެވެ. އެހެނީ ހުރިހާ އެއްޗަކީވެސް މާތްﷲކަން އެގިއްޖެއެވެ. މިއީ އެމީހުންގެ ވަޙުދަތުލް ވުޖޫދުގެ އަޤީދާއެވެ. މިއަޤީދާގެ އެއްމެ އިސްމީހަކީ އިބުނު އަރަބިއްޔުއް ޞޫފިއްޔުއެވެ. މިގޮތައް އޭނާ (ފިރުއައުނު) ބުނުމުން އީމާންވެވުނީއެވެ. އަދި އޭނާ ސުވަރުގެއަށްވެސް ދާނެއެވެ.

އެމީހުންގެ މިއަޤީދާއަކީ ކީރިތި ޤުރުއާނުގައި ޞަރީޙް ނަސްޚުތަކާއި މުޅީން ޚިލާފް އަޤީދާއެކެވެ. މާތްﷲ މޫސާގެފާނަށް ވަޙީކުރެއްވިއެވެ." " (ޠާހާ 24) މާނައީ: ކަލޭގެފާނު ފިރުއައުނުގެ ގާތައްވަޑައިގަންނަވާށެވެ. ހަމަކަށަވަރުން އޭނާވަނީ ނުބައިކަމުގައި ހައްދުފަހަނައަޅާ ގޮސްފައެވެ.

ޞޫފީންނާއި ފަގީރުކަން

ޞޫފީންގެ ނަޡަރިއްޔާތުގައި ފަޤީރުކަމަކީ ތަޞައްވުފުގެ އަސާސެކެވެ.

ރައްދު: އެމީހުންގެ ނަޡަރިރްޔާއަކީ ބާޠިލް ނަޡަރިއްޔާއެކެވެ. ޞަޙީހު ޙަދީޘުން ޘާބިތުވާގޮތުގައި ސަލާމާއި ޞަލަވާތްލެއްވި އިތުރުއެކަލޭގެފާނު ކޮންމެ ނަމާދެއްގެ ފަހުގައި ފަޤީރުކަމުން ރައްކާތެރި ކޮށްދިނުމައްއެދި ދުޢާ ކުރެއްވެވިއެވެ. އެކަލޭގެފާނު ޙަދީޘުކުރައްވައެވެ."اللهم إني أعوذ بك من الكفر والفقر وعذاب القبر" މާނައީ، "ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ކާފިރުކަމުންނާއި ފަޤީރުކަމުންނާއި، އަދި ޤަބުރުގެ ޢަޛާބުން ރައްކާތެރިކަން އެދެމެވެ. އަދި ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު އަނަސްގެފާނަށް މުދާ ގިނަކޮށްދެއްވުމަށާއި ދަރިން އިތުރު ކޮށްދެއްވުމަށާއި، އެދެބާގައި ބަރަކާތް ލެއްވުމަށް ދުޢާކޮށްދެއްވެވިއެވެ.


ސޫފީންގެ ގާތުގައި ޖިހާދު

ސޫފީންގެ ގާތުގައި ޞައްހަ ޖިހަދު ވަރައް މަދެވެ. އެމީހުން މަޝްޢޫލު ވެފައިވަނީ ނަފްސުގެ ޖިހާދުގައެވެ. ޝެއިޚުލް އިސްލާމް އިބްނު ތައިމިޔާ ވިދާޅުވެފައިވާ ފަދައިން، އެމީހުން ރިވާ ކުރާ ޙަދީޡއެއްގައި ވެއެވެ. އިތުރު އެކަލޭގެފާނު ޙަދީޡް ކުރެއްވިއެވެ. " ތިމަންމެން އެބުރި މިއައީ ކުޑަ ޖިހާދުން ބޮޑު ޖިހާދަށެވެ. އެއީ ނަފްސުގެ ޖިހާދެވެ." މި ޙަދީޡަކީ ޙަދީޡް ޢިލްމުގެ އެއްވެސް ބޭކަލަކު ކީރރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީޡެއް ނޫނެވެ. އަދި ކީއް ހެއްޔެވެ. ކީރިތި ޤުރުއާނާއި ސުންނަތުން ބަޔާންވެ އެނގޭ ގޮތުގައި ކާފިރުންނާއި ދެކޮޅަށް ކުރެވޭ ޖިހާދަކީ ﷲ އާއި އެންމެ ކުއްތަންވެވޭ އަޅުކަމެވެ.

ޖިހާދާއި މެދު ސޫފީންގެ ބައެއް ބުނުންތަކުގެ ތެރޭގައި

ޝަޢްރާނީ ވިދާޅުވެފައިވެއެވެ. ހަމަކަށަވަރުން ތިމަންމެންގެ މައްޗަށް ޢަހުދެއް ހިފިއްޖެއެވެ. ޒަމާނާއި އެޒަމާނުގެ އަހުލުވެރިން ބަދަލުވަމުންދާ ގޮތަކަށް އެބަޔަކާއި އެކުބަދަލުވުމަށް އަހަރެމެންގެ އަޚުންނަށް އަމުރުކުރުމަށެވެ. އަދި ﷲ އެބައެއްގެ މައްޗަށް މާތްކަންދެއްވާފައިވާ ބަޔަކަށް ރުޅިނައުމަށެވެ. އެއީ ދުނިޔެވީކަމެއްކަމުގައިވިޔަސް އަދި އުޚްރަވީ ކަމެއްކަމުގައިވިޔަސްމެއެވެ.

އިބުނު ޢަރަބީ ވިދާޅުވެފައިވެއެވެ. " ﷲ ސުބުޙާނަހޫ ވަތަޢާލާ ޤައުމެއްގެ މައްޗަށް އަނިޔާވެރިއަކު ވެރިކުރައްވައިފިނަަމަވެސް، އެމީހަކާއި ދެކޮޅަށް ނިކުތުން ވާޖިބުވެގެން ނުވެއެވެ. އެހެނީ އެއީ ﷲގެ ހަޟުރަތުން އައި ޢިޤާބެކެވެ. " ޞަލީބީހަގުރާމައިގެ ދުވަސްވަރު ދިރިއުޅުއްވި ޞޫފީ ބޮޑުދެޒަޢީމުންކަމުގައިވާ، އިބުނުޢަރަބީއާއި އިބުނލްފާރިޟް އެހަނގުރާމައިގައި ބައިވިރިކަމެއް އެނގޭކަށް ނެތެވެ. ނުވަތަ ހަނގުރާމައަށް ނުކުތުމަށް ގޮވާލިކަމުގައިވެސް އެނގޭކަށްނެތެވެ.

ޣަޒާލީ ޞޫފީންގެ ޠަރީޤަތްތަކާއި ބެހޭގޮތުން ވާހަކަދައްކަވަމުން، އޭނާގެ "އަލްމުންޤިޛު މިނައްޡަލާލް" މިފޮތުގައި ޛިކުރުކޮށްފައިވެއެވެ. ޞަލީބީހަގުރާމައިގެ ދުވަސްވަރުގައި ގަޒާލީ މަޝްޣޫލުވެގެން އުޅުއްވީ ބައެއްފަހަރަށް ދިމިޝްޤުގެ މުންނާރުގައި ޚިލްވަތުގައެވެ. އަދި އަނެއްބައިފަހަރަށް ޤުދުސްގެ ޞަޚުރަތުގައި، އުޅުއްވައެވެ. އެދެތަނުގައި ދޮރުބަންދުކޮށްގެން ދެއަހަރަށްވުރެގިނދުވަސް ވަންދެން އުޅުއްވިއެވެ. އަދި ޞަލީބީން 492ހގައި ޤުދުސް ހިފިއިރުވެސް އޭނަ ހަމަ އެއްވެސް ތަނަކަށް ނުގޮސް އެތަނުން ހުރީއެވެ. ޖިހާދަށް ނުކުތުމަށް ގޮވާލައްވާފައެެއްނުވެއެވެ. އެގޮތުގައި 12 އަހަރު ހުންނެވިއެވެ.

އަދި އެނަގެ إحياء علوم الدين ގައި ޖިހާދުގެ ވާހަކަ އެއްވެސް ވަރަކަށް ގެނެސްފައެއްނުވެއެވެ. އެހެނެއްކަމަކު އޭގައި ހުރާފާތްތަކާއި ކުފުރުގެ ކަރާމާތް ތަކުގެވާހަކަ ގެނެސްފައިވެއެވެ. އަދި تاريخ العرب الحديث والمعاصر އޭ ކިޔުނުފޮތުގައި އޭގެ މުއައްލިފު ބަޔާންކޮށްފައިވެއެވެ. ސޫފީންގެ އަހުލުވެރިން ބިދުއަތަކާއި ޚުރާފާތްތައް ފެތުރިއެވެ.


މި މަޒުމޫނަކީ މުޅިން ފުރިހަމަ ވެފައިވާ މަޒުމޫނެއް ނޫނެވެ. މި މަޒުމޫނު ފުރިހަމަ ކޮށްދެއްވަން ބޭނުންފުޅު ނަމަ އިނގިރޭސި ވިކިޕީޑިއާ ގައި މި ޢުންވާނުގެ ދަށުން ލިޔެވިފައިވާ މަޒުމޫނު ބައްލަވައިގެން ތަރުޖަމާގެ ނުނިމި އޮތް ބައި ފުރިހަމަކޮށް ދެއްވާށެވެ. ކަނާތްފަރާތުގެ އަރިމަތީގައިވާ ފާލަންތަކުން އިނގިރޭސި ބަހުން އޮތް މަޒުމޫނަށް ވަޑައިގެންނެވޭނެއެވެ.